ކުޅިވަރު / އިގިރޭސިވިލާތުގެ ގައުމީ ޓީމް

ސަޕޯޓަރުން ވެއްދުން މަނާ ކުރުމުން އިންގްލެންޑުން ކުޑަކުދިން ދަނޑަށް ވައްދަނީ

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭޏް: ސަޕޯޓަރުން ނުވައްދައި ކުޅެން ޔޫއެފާއިން އެންގުމުން އިންގްލެންޑުން ނިންމައިފައި ވަނީ 3000 ކުޑަ ކުދިން ދަނޑަށް ވައްދަން --- ފޮޓޯ: ގެޓީ އިމޭޖަސް

ވުލްވަހެމްޓަން (ޖޫން 11) - އިންގްލެންޑްގެ ސަޕޯޓަރުން ކުޅިވަރުގެ ރޫހާ ހިލާފުވުމުން، ސަޕޯޓަރުން ދަނޑަށް ނުވައްދައި މެޗު ކުޅެން ޔޫއެފާއިން އެންގުމުން، ކުޑަ ކުދިން ދަނޑަށް ވައްދައިގެން މެޗު ކުޅެން އިންގްލެންޑުން ނިންމައިފި އެވެ.

މިދިޔަ އަހަރު ބޭއްވި ޔޫރޯގެ ފައިނަލް މެޗަށް ޓިކެޓަކާ ނުލައި އިންގްލެންޑްގެ ސަޕޯޓަރުން ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގުމުން ޔޫއެފާއިން ވަނީ އިންގްލެންޑަށް އަދަބު ދީފަ އެވެ. އެގޮތުން ޔޫއެފާ އިން ވަނީ 100،000 ޔޫރޯ އިން އިންގްލެންޑް ޖޫރިމަނާކޮށްފަ އެވެ. އަދި އެގައުމުގައި ކުޅޭ ދެ މެޗަށް ސަޕޯޓަރުން ނުވައްދައި ކުޅެން ވެސް ޔޫއެފާއިން އެންގި އެވެ.

އެ މެޗު އަމިއްލަ ދަނޑުގައި ކުޅެ، އިޓަލީ އަތުން އިންގްލެންޑް ބަލިވިތާ، އަހަރެއް ނުވަނީސް މި ދެޓީމު މިރޭ ޔޫއެފާ ނޭޝަންސް ލީގު ގުރޫޕް ސްޓޭޖުގައި އަނެއްކާ ވެސް އިންގްލެންޑްގެ އަމިއްލަ ދަނޑުގައި ކުޅޭނެ އެވެ. އެ މެޗަށް 14 އަހަރުން ދަށުގެ 3000 ކުޑަކުދިން ވެއްދުމަށް އިންގްލެންޑްގެ އެފްއޭ އިން ވަނީ ނިންމައިފަ އެވެ.

ޔޫއެފާގެ ގަވާއިދަށް 2019 ގައި ގެނެސްފައިވާ ބަދަލެއްގައި ވާގޮތުން، ދަނޑަށް ސަޕޯޓަރުން ނުވައްދައި ކުޅެން އަންގާ މެޗުތަކަށް، އުމުރުން 14 އަހަރުން ދަށުގެ ކުޑަ ކުދިން ހިލޭ ވެއްދޭނެ އެވެ.

ބެލެވޭ ގޮތުގައި، ކުޑަ ކުދިން ދަނޑަށް ވެއްދުމުގެ ވިސްނުން އިންގްލެންޑުން ގެންގުޅެން ފެށީ، މި މަހުގެ ހަތަރު ވަނަ ދުވަހު އިންގްލެންޑާ ދެކޮޅަށް ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނު މެޗަށް 30،000 ކުޑަ ކުދިން ވައްދައިގެން ހަންގޭރީން މެޗު ކުޅުމުންނެވެ. އެ މެޗުގައި ހަންގޭރީގެ ކޫޑަ ކުދިންގެ ފަރާތުން އިންގްލެންޑަށް މާލާމަތް ރައްދުވި އެވެ. ހަންގޭރީ މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.

އެ މެޗަށް ކުޑަ ކުދިން ވައްދަން ހަންގޭރީން ވެސް ނިންމީ، އެ ޓީމާ ދެކޮޅަށް ވެސް ޔޫއެފާއިން ދިން އަދަބާ ގުޅިގެންނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަންގޭރީގެ ސަޕޯޓަރުން ވެސް ވަނީ ދަނޑިުގައި ހަމަނުޖެހުން ހިންގައިފަ އެވެ. އެހެންވެ އެޓީމު ކުޅޭ މެޗަކަށް ސަޕޯޓަރުން ނުވައްދައި ކުޅެން އެންގި އެވެ.

ޔޫރޯގެ ފައިނަލު އިޓަލީން ކާމިޔާބު ކުރީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އެކަމަކު ޔޫއެފާ ނޭޝަން ލީގުގެ މެޗަށް އިންގްލެންޑުން ވަނީ، އިންގްލެންޑްގެ ގައުމީ ޓީމަށް ހާއްސަ ސްޓޭޑިއަމް، ވެމްބްލީ ދޫކޮށް ވުލްވަހެމްޓަންގައި ހުންނަ ވުލްވްސްގެ ދަނޑަށް މެޗު ބަދަލު ކޮށްފަ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު ބާއްވަން އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާފައި ވަނީ އެއް އަހަރަށް ފަހު، މިދިޔަ އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށެވެ. ޔޫރަޕުގެ 11 ސިޓީއެއްގައި ބޭއްވި އެވެ. ފައިނަލް މެޗު ލަންޑަންގައި 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިކޮށް އިޓަލީ ކާމިޔާބު ހޯދީ 3-2 ންނެވެ.

ޔޫރޯ ފައިނަލުގައި އިންގްލެންޑް ސަޕޯޓަރުން ވަނީ އިޓަލީ ގައުމީ ސަލާން ކީ ވަގުތު ވެސް ފުރައްސާރަކޮށް ހަލޭލަވައިފަ އެވެ. މި ހަމަނުޖެހުންތަކުގައި އިންގްލެންޑުގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާގެ ބައްޕަ އަށް ވެސް އަނިޔާވި އެވެ.

މޮލިނެކްސް ސްޓޭޑިއަމްގައި އިޓަލީގެ ފަރިތަކުރުންތަކުގެ ތެރެއިން އެޓީމުގެ ކޯޗު މަންޗިނީ.-- ފޮޓޯ: އޭއެފްޕީ

ރޮބާޓޯ މަންޗިނީގެ ކޯޗުކަމުގައި ބަލިނުވެ ގިނަ މެޗުތަކެއް ކުޅުމުގެ ރެކޯޑް ހެދި ނަމަވެސް ވޯލްޑް ކަޕް ކޮލިފައިންގައި ނޯތު މެސެޑޯނިއާ އަތުން ބަލިވެ ގަތަރުގައި ބާއްވާ މުބާރާތުން ވެސް ޖާގަ ގެއްލިފަ އެވެ. ނޭޝަންސް ލީގުގައި މިދިޔަ އަހަރު އެޓީމު ބަލިވީ ސެމީ ފައިނަލުންނެވެ. އަދި ނޭޝަންސް ލީގު އާ ސީޒަން ފެށުމުގެ ކުރިން ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު "ފައިނަލިސިމާ" ގައި ވެސް އިޓަލީ އަށް ކުރިމަތިވީ ނާކާމިޔާބެވެ.

ނޭޝަންސް ލީގަށް އިޓަލީ ކުރިމަތިލީ ގައުމީ ޓީމުގެ ތަޖުރިބާ މަދު ކުޅުންތެރިންތަކަކާ އެކު އެވެ. އެކަމަކު ކްލަބް ފުޓުބޯޅައިގައި ނިމުނު ސީޒަނުގައި މޮޅަށް ކުޅުނު ކުޅުންތެރިންނާ އެކު އިޓަލީ ފެށީ ވަރުގަދަކޮށެވެ. ފުރަތަމަ މެޗުގައި ޖަރުމަނާ ދެކޮޅަށް ކުޅެ ލީޑު ނެގި ލަނޑު ޖަހަން 18 އަހަރުގެ ފޯވާޑް ވިލްފްރެއިޑް ގްނޮންޓޯ ފުރުސަތު ތަނަވަސް ކޮށްދިނީ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގަ އެވެ.

އިޓަލީ ވަނީ ދެވަނަ މެޗުގައި، ނިމުނު ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފްރާންސް އާއި ޖަރުމަނާ އެއްވަރުކުރި ހަންގޭރީ ބަލި ކޮށްފަ އެވެ. މިއާ އެކު އިޓަލީ އޮތީ ވެސް ހަތަރު ޕޮއިންޓާ އެކު ގުރޫޕުގެ އެއްވަނައިގަ އެވެ. ހަންގޭރީ ވަނީ ނޭޝަންސް ލީގު އޭ އަށް އަލަށް ޕްރޮމޯޓްވެ ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑް ބަލި ކޮށްފަ އެވެ. އިންގްލެންޑް އަތުން ހޯދި ތިން ޕޮއިންޓާ އެކު ހަންގޭރީ އޮތީ ގުރޫޕުގެ ދެވަނައިގަ އެވެ.

މި މެޗާ ކުރިމަތިލާ އިރު އިންގްލެންޑް އޮތީ ދެވަނަ މެޗުގައި ޖަރުމަނާ އެއްވަރުކޮށްގެން ހޯދި ހަމައެކަނި ޕޮއިންޓާ އެކު އެންމެ ފަހަތުގަ އެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެއްވަރުވި ޖަރުމަން އޮތީ ތިންވަނައިގަ އެވެ.

އިންގްލެންޑުގެ ފަރިތަކުރުންތަކުގައި ކޯޗު ސައުތުގޭޓް.-- ފޮޓޯ: އޭއެފްޕީ

ފައިނަލް މެޗުގައި ޕެނަލްޓީން ބަލިވި ނަމަވެސް އިންގްލެންޑް އޭގެ ފަހުން ވެސް ފެނުނީ ވަރުގަދަ ކޮށެވެ. މެޗަކުން ބަލިނުވެ މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ވެސް ޖާގަ ހޯދި އެވެ. އެކަމަކު ގަރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ޖެހިޖެހިގެން 22 މެޗުން ބަލިނުވެ ދަމަހައްޓާމުން ދިޔަ ރެކޯޑް ނިމުމަކަށް ގެނައީ ނޭޝަންސް ލީގު ފުރަތަމަ މެޗުގައި ހަންގޭރީ އިންނެވެ.

ޖަރުމަނުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި އިންގްލެންޑުން ނަތީޖާ އެއްވަރުކުރީ ފަހު ވަގުތު ހޯދި ޕެނަލްޓީއަކުންނެވެ.

މުބާރާތުގައި ކުރިއަށް ދާން އިންގްލެންޑަށް މި މެޗަކީ މޮޅުވާން މުހިއްމު މެޗެކެވެ. އިންގްލެންޑް އެންމެ ޕޮއިންޓަކާ އެކު އެންމެ ފަހަތުގައި އޮތްއިރު، ގުރޫޕް ލީޑު ކުރަނީ އިދިކޮޅުން ނުކުންނަ އިޓަލީ އެވެ. ރަށުން ބޭރުގައި އިންގްލެންޑަށް ފުރަތަމަ ދެ މެޗުން މޮޅެއް ނުހޯދުނު އިރު މިއީ އަމިއްލަ ގައުމުގައި ކުޅޭ ފުރަތަމަ މެޗެވެ. މި މެޗް ކުޅޭނީ ޕްރިމިއާ ލީގް ކްލަބް ވުލްވްސްގެ މޮލިނެކްސް ސްޓޭޑިއަމްގައި ރާއްޖެ ގަޑިން 11:45 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454