ވިޔަފާރި / ހޯމްސްޓޭ ޓޫރިޒަމް

ހޯމްސްޓޭ ވަޔަކު ނުހިފި، ނުވެސް ހިފާނެ!

ހޯމްސްޓޭ ފެށުމަށް ދިއްގަރަށް ދިޔަ ބައެއް ޓޫރިސްޓުން: ގޭގޭގައި ތައާރަފުކުރި ހޯމްސްޓޭ އަށް ތަރުހީބެއް ނުލިބޭ -- ފައިލް ފޮޓޯ: މިހާރު

ޓޫރިޒަމް ދާއިރާގެ މަހުޖަނަކު ވިދާޅުވި ގޮތުގައި، ދާދިފަހުން ޓޫރިޒަމް މިނިސްޓަރު އެދިވަޑައިގަތް އެއް ކަމަކީ، އެ އަތޮޅުގައި އޮތް ރަށްރަށަށް ހޯމްސްޓޭ އަށް އަންނަ ޓޫރިސްޓުންނަށް ބޭނުންވާ ހިދުމަތްތައް އެ އަތޮޅުގައި އޮތް ރިސޯޓުތަކުން ދެވޭނެ ގޮތް ފަހިކޮށްދިނުމެވެ.

"އަޅުގަނޑު ދެންނެވިން އެކަން އެހެނެއް ނުވާނެއޭ. އެއީ ވަގުތީ ގޮތުން ފަހިކޮށްދިނަސް ދާއިމީކޮށް ކުރެވޭނެ ކަންކަމެއް ނޫނޭ ވެސް،" އޭނާ ވިދާޅުވި އެވެ.

އެހެން އެކަން ނުވާންވީ ސަބަބުތައް ވެސް ބައިވަރެވެ. ރިސޯޓަކީ ވަކި މާކެޓެކެވެ. ގެސްޓް ހައުސް އަކީ ވަކި މާކެޓެކެވެ. ހޯމްސްޓޭއަކީ ވަކި މާކެޓެކެވެ. މި ތިން ބައި އެއް ކުރެވޭކަށް ނެތެވެ. ވާދަވެރިކަން ބޮޑުވެފައި، އެއްބަޔަކު އަނެއް ބަޔަކަށް ތިބެނީ، އަނެއް ދާއިރާ ކުރިޔަށް ދާތީ ކަން ވެސް ބޮޑުވެފަ އެވެ. އަނެއްކޮޅުން ހޯމްސްޓޭ އަށް ޓަކައި، ރިސޯޓެއްގައި ހުރި ވަރަށް ހިދުމަތްތައް ހުރިހާ ރަށެއްގައި ތަރައްގީ ކުރެވޭކަށް ވެސް ނެތެވެ. ސަރުކާރުން ބުނާ، ހޯމްސްޓޭ ވައިގައި ނުހިފާ މައިގަނޑު އެއް ސަބަބަކީ ވެސް ބޮޑު ހަރަދުކޮށްފައި ރަށްރަށަށް ދާއިރު އެ ރަށްރަށުގައި ސަގާފީ މާބޮޑު ހަރަކާތެއް ނެތްތާނގައި، ކުރާނެ ކަމެއް، ދާނެ އިތުރު ތަނެއް ވެސް ނެތުމެވެ.

ރަށްރަށުގެ ގޭގޭގައި ޓޫރިސްޓުން ބައިތިއްބައިގެން "ޑޮލަރު ހޯދަން" ސަރުކާރުން އިއުލާންކުރި ސިޔާސަތަކީ ހޯމްސްޓޭ އެވެ. ސަރުކާރުން ވަރަށް ކުރުކޮށް ބުނި އެއްޗަކީ، ޓޫރިޒަމަށް އިންވެސްޓް ކުރެވެން ނެތް މީހާ ވެސް، އޭނާގެ އަމިއްލަ ގެދޮރުގައި ބައިތިއްބައިގެން މިހާރު އާމްދަނީ ހޯދިދާނެ ކަމަށެވެ. އެކަމަކު، އެކަން އެހެނެއް ނުވި އެވެ. ހޯމްސްޓޭ ރާއްޖޭގައި ރަސްމީކޮށް ފެށިތާ އަހަރު ދެބައިވީ އިރު، އެންމެ ޓޫރިސްޓަކު ވެސް އެ ހޯމްސްޓޭ އަކަށް ނައެވެ. ބުކިން ހެދިއްޔާ އެ ވެސް ކެންސަލްވީ އެވެ.

ހޯމްސްޓޭ ފެށުމަށް ރަށެއްގެ ބަޔަކަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމަކުން މައުލޫމާތު ދެނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ހޯމްސްޓޭ ފުރަތަމަ ފެށި ރަށުގެ ތަޖުރިބާ ވެސް ހިތި

މ. ދިއްގަރު މޫރިތިގޭގެ ތިން ކޮޓަރިން، މުޅި ރާއްޖެ އަށް ފަތުރާލަން ފެށި ހޯމްސްޓޭގެ ތަޖުރިބާ ޚުދު އެ ގެއަކަށް ވެސް ރަނގަޅެއް ނޫނެވެ. އެ ގޭގައި ޓޫރިސްޓުން ތިބީ އެންމެ ދެ ރެ އެވެ. އެއީ، މިދިޔަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އެ ރަށުގައި ޓޫރިޒަމް ފަށަން ސަރުކާރުން ބޭތިއްބި ޓޫރިސްޓުންނެވެ. އެ މީހުން ކޮޓަރިއަކަށް ދެއްކީ ރެއަކަށް 40 ޑޮލަރެވެ.

"ރިހާކުރު އައިލެެންޑް"ގެ ނަމުން ބްރޭންޑްކުރި އެ ރަށު ކައުންސިލްގެ ރައީސް، އަހުމަދު ނިޝާން އިއްޔެ ވިދާޅުވި ގޮތުގައި އޭގެ ފަހުން އެ ރަށަށް ދާން ބުކިން ހެއްދި ދިހަވަރަކަށް ޓޫރިސްޓުން ވެސް ފަހުން ނާދެ އެވެ.

"ނޭނގެ ވީގޮތެއް. މިހާތަނަށް ހަމައެކަނި މި ރަށަށް އައީ މިކަން ފަށަން ސަރުކާރުން ގެނައި ޓޫރިސްޓުން އެކަނި،" އޭނާ ވިދާޅުވި އެވެ.

ދިއްގަރަކީ ވެސް ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތަށް ވަކި ހާއްސަ ކަމެއް، ހާއްސަ ތާރީހެއް އަދި ހާއްސަ ހަރަކާތްތަކެއް އޮތް ރަށެއް ނޫނެވެ. ޓޫރިސްޓަކު ގޮސް، އެ ރަށުގައި ވަކި އިތުރަށް ކުރާނެ ކަމެއް ނެތެވެ. އެ ރަށް މާކެޓް ކުރެވެން އޮތީ، ޓޫރިޒަމް ދާއިރާގެ އެހެން ބައެއް ބޭފުޅުން ވެސް ވިދާޅުވި ގޮތުގައި އެހެން ރަށްރަށެކޭ އެއްގޮތަށް މޫދާއި ބީޗް އެކަންޏެވެ. އިތުރު ކަމެއް ނެތެވެ.

"ސުވާލަކީ، އެ މަންޒަރު ބަލަން ކީއްކުރަންހޭ ދިއްގަރަށް ދާންވީ،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

"ސަރުކާރުން މި ބުނަނީ ކަލްޗަރަލް ޓޫރިޒަމޭ. ނޫން، ނޫން. އެކަން އެހެނެއް ނޫން އޮތީ. ކަލްޗަރަލް ޓޫރިޒަމް ވިޔަސް އެހެން ޓޫރިޒަމެއް ވިޔަސް ރާއްޖޭގައި ޓޫރިޒަމް ހިނގާނީ ޕެކޭޖެއްގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމަވެގެން. ހަމަ އެނދެއް ހުއްޓަސް ނިދާކަށް ނުދާނެ. ނިދައި ހޭލައިފައި އޭނާ ދެން ޗުއްޓީ ހޭދަކުރާނެ ގޮތެއް އޮންނަން ވާނެ."

ދިއްގަރަށް ދިޔަ ޓޫރިސްޓަކު، އޭނާ ހުރި ގޭގެ މީހުންނާ އެކު ދިވެހި ލިބާހުގައި -- ފޮޓޯ: ސޯޝަލް މީޑިއާ

އެއީ ތެދަކަށް ވެދާނެ އެވެ. ނިޝާން ވެސް ފާހަގަ ކުރެއްވި މައިގަނޑު އެއް ކަމަކީ އެ އެވެ؛ އެ މީހުންނަށް ބޭނުންވާ ހިދުމަތްތައް ނެތުމެވެ. އެކަމަކު އޭނާ ގަބޫލުކުރައްވަނީ، ދަތުރުފަތުރާއި، އިތުރު ހަރަކާތްތަކާ އެކު ހޯމްސްޓޭގެ ކުރިމަގު އެ ރަށުގައި އެބައޮތް ކަމަށެވެ.

"ރަނގަޅަށް މާކެޓް ކުރެވި، ރަނގަޅު ހަރަކާތްތަކަކާ އެކު މިކަން ފުޅާކުރެވިދާނެ. މައްސަލައަކީ މިކަން ފެށިއިރު އަޅުގަނޑުމެންނަކަށް ނޭނގެ މިކަން މާކެޓް ކުރަންވީ ގޮތެއް ވެސް. ބުކިންޑޮޓްކޮމް އަށް ވެސް ލިން. އެކަމަކު ދެން އެކަން ކުރަންވީ ގޮތެއް ޓޫރިސްޓުން ހޯދަން ހަދަންވީ ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ނިޝާން ވިދާޅުވި ގޮތުގައި ހޯމްސްޓޭ ހިންގާ ނަމަ މިކަން ކުރާ ގޮތްތައް ބަދަލުކުރަން އެބަ ޖެހެ އެވެ. އޭނާ ފާހަގަކުރެއްވި މައިގަނޑު އެއް މައްސަލައަކީ، ކައުންސިލުން އެކަން ކުރުމަށް އޮތް ހުރަސްތަކެވެ.

"މިސާލަކަށް ކޮޓަރިއެއްގެ ވެރިއަކު ރަށުގައި ވެސް ނުހުރެދާނެ. އެހެންވެ އަޅުގަނޑުމެންނަށް މިހާރު މި ވިސްނެނީ މިކަން ކުރަންވީ ކައުންސިލް ހިއްސާވާ ގޮތަށް ކުންފުންޏެއް ހަދައިގެންކަން. އޭރުން އެ ވިޔަފާރި ބަލަހައްޓާނެ ބަޔަކު ތިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ހޯމްސްޓޭ ކުރިއަށް ގެންދިއުމުގައި އޮތް ބޮޑު އެއް ހުރަސް އޮތީ ގާނޫނުގަ އެވެ.

"އެއީ މިހާރު އޮތް ގޮތުން އެނދެއް ރަޖިސްޓްރީކޮށްލަން ވެސް އެބަ ޖެހޭ 5،000ރ. ދައްކަން. އެ 5،000ރ. ދައްކައިގެން މިކަން ކުރަން ބޭނުންނުވާ މީހުން އެބަތިބި. އެހެންވެ އަޅުގަނޑުމެން ވާނީ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅައިފައި އެ 5،000ރ. އުވާލަން. އެއީ މިކަން ކުރުމަށް މުހިންމު ބަދަލަކަށް ވާނެ،" ރަށްރަށުގައި ހޯމްސްޓޭ ފެށުމަށް، އެ ރަށްރަށަށް ވަޑައިގެން ހޭލުންތެރިކުރުމުގައި އެންމެ އިސްކޮށް ބުރަ މަސައްކަތްތަކެއް ކުރެއްވި މިނިސްޓަރު ވިދާޅުވި އެވެ.

ހޯމްސްޓޭ ފެށުމަށް ދަނބިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ޓޫރިޒަމް މިނިސްޓްރީގެ ޓީމުން ބައްދަލުކުރަނީ.-- ފައިލް ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ހޯމްސްޓޭ އަކީ މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިނގާނެ ކޮންސެޕްޓެކެވެ. އެކަމަކު މިހާރު އެކަން ކުރަން އޮތް ގޮތުން ހުރަސްތަކެއް އެބައޮތް ކަމަށް މިނިސްޓަރު ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"މާފުށީގައި، ކާށިދޫ، ތުލުސްދޫ ކަހަލަ ރަށްރަށުގައި ވެސް ހަމަ އަމިއްލަ މީސްމީހުންގެ ގެދޮރުގައި އެބަ ބައިތިއްބާ. އެހެންވީމަ މީތި ހިނގާނެ. އެކަމަކު އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ ފަހަރަކު ޓޫރިސްޓަކު ގެނެސްގެން އޭނާ އަށް ވަކި ފެންވަރެއްގައި ކާންދީ ބަލަހައްޓަން ޖެހޭ ނިޒާމަކުން މިކަމެއް ނުވާނެ،" މައުސޫމް ވިދާޅުވި އެވެ.

"މި ކާމިޔާބު ކުރަންޏާ މަދުވެގެން އެއްފަހަރާ އެއް ރަށަކަށް އެބަ އަންނަން ޖެހޭ 50-60 ޓޫރިސްޓުން. އެހެން ނޫނީ ދެކޮޅު ނުޖެހިދާނެ."

ހޯމްސްޓޭގެ އެއް ނާކާމިޔާބު ގުޅިފައި އޮތީ ދަތުރުފަތުރާ

މި ވާހަކަ މި ގޮތަށް ދައްކަވަނީ ހަމައެކަނި، ޓޫރިޒަމްގެ މާކެޓިން ދާއިރާގައި ވަރަށް ގިނަ މަސައްކަތްތައް ކުރައްވާ އަހުމީމް އަބްދުއްރައްޒާގު އެކަންޏެއް ނޫނެވެ.

"މައިގަނޑު އެއް މައްސަލައަކީ ދަތުރުފަތުރު. މިހާރު ދަތުރުތައް ކުރާ ގޮތާއި އަގުތަކަށް ބަލާއިރު ވަކިވަކި ރަށްރަށުގައި ހޯމްސްޓޭ ކާމިޔާބުކުރުމަކީ ނުވުން ގާތްކަމެއް،" އަހުމީމް ވިދާޅުވި އެވެ.

ވަރަށް ގިނަ އެހެން ބޭފުޅުންގެ ވެސް ކަންބޮޑުވުން އޮތް މައްސަލައަކީ އެ އެވެ؛ އަދި ހޯމްސްޓޭ ފަށަން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނާ ވެސް އެ ރަށްރަށުން ކުރިމަތިވި މައި ސުވާލަކީ ވެސް އެ އެވެ؛ މި ރަށަށް މީހުން ގެންނާނީ ކިހިނެއް ހެއްޔޭ އެވެ؟

އަހުމީމް ވިދާޅުވި ގޮތުގައި މާފުށި ކަހަލަ، މާލެ ކައިރި ސަރަހައްދުތަކުގައި ގެސްޓް ހައުސް އާއި ހޯމްސްޓޭ ފައްކާ ވިޔަސް، "ދިއްގަރާއި އުތީމު އަދި ހޯޑެއްދޫ" ކަހަލަ ރަށްރަށުގައި ހޯމްސްޓޭ އަށް އުނދަގޫ "ކަނޑެއް އޮތީ ހުރަސް ކުރަން ޖެހިފަ" އެވެ.

"މިސާލަކަށް މާފުށި. އެއީ އިތުރު މާ ބޮޑު ހަރަދެއް ނުކޮށް ދެވެން ހުރި ރަށްރަށް. އެކަމަކު ދިއްގަރަށް ވިއްޔާ ޓޫރިސްޓް އެބަޖެހޭ އޭނަ މާލެއާ ހަމައަށް ޓިކެޓަށް ކުރި ހޭދަ އިތުރަށް ކުރަން،" އަހުމީމް ވިދާޅުވި އެވެ.

"މީގައި އަޅުގަނޑުމެން ވިސްނަންވީ އެއް ކަމަކީ ހޯމްސްޓޭ އަށް އަންނާނީ ބަޖެޓްކޮށްގެން ދަތުރުކުރާ މީހުންކަން. އެ މީހުން ބޭނުމެއް ނުވާނެ އިތުރު ހަރަދުތަކެއް ކުރާކަށް."

ހޯމްސްޓޭ ފެށުމަށް ޖެނުއަރީ މަހު ދިއްގަރަށް ފޭބި ޓޫރިސްޓަކަށް މަރުހަބާ ކިޔަނީ -- ފައިލް ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ކޮންސެޕްޓަކީ ދުނިޔޭގައި ވެސް ވަރަށް އެހެން ކަހަލަ ޓޫރިޒަމެއް ތަޖުރިބާ ކުރާ ކޮންސެޕްޓެއް ކަމަށެވެ.

"ދުނިޔޭގައި ދަތުރުކުރާ 90 ޕަސެންޓް މީހުންނަކީ ބަޖެޓް ޓްރެވެލާސް. އެކަމަކު ރާއްޖެ އަންނަ ޓޫރިސްޓުންގެ 90 ޕަސެންޓަކީ ލަގްޒަރީ ޓްރެވެލާސް،" އޭނާ ވިދާޅުވި އެވެ.

ދަތުރުފަތުރަށް އޮތް ހުރަސްތަކާއި އަގުތައް ރަނގަޅަށް ރިވައިސް ނުކޮށް ހޯމްސްޓޭ ކާމިޔާބު ކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް އައިލެންޑް އޭވިއޭޝަނާއި އެމްއޭސީއެލް ވެސް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އައިލެންޑް އޭވިއޭޝަނަށް ދަތުރުކުރެވިދާނެ ބައެއް ހާއްސަ ރޭޓްތަކުގައި ވެސް ބައެއް ހާއްސަ ސަރަހައްދުތަކަށް،" އޭނާ ވިދާޅުވި އެވެ.

ހޯމްސްޓޭ ކާމިޔާބު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ހޯމްސްޓޭގެ ބޭނުމަކީ، ކުރިން ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވާ ގޮތަށް، އެންމެ އާދައިގެ މީހާ އަށް ވެސް ފައިސާ ލިބެން އޮތް ވަރަށް ފަސޭހަ މަގެކެވެ. ގޭގައި ބާކީ ހުރި ކޮޓަރި ކުއްޔަށް ދީގެން އޭނާ އަށް އެކަށީގެންވާ ވަރުގެ އާމްދަނީއެއް ލިބިދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

އެކަމަކު ޖެހިފައި އޮތް މައްސަލަ އަކީ، އެ ކޮޓަރިއާ ހަމައަށް ދާން ބަލާއިރު ކުރަން ޖެހޭ ހަރަދުތައް މާ ބޮޑީ އެވެ. ބައެއް ރަށްރަށަށް ގޮސް، ރެއަކަށް 40 ޑޮލަރު ހޭދަކުރުމަށް ވުރެ، 60 ވަރަކަށް ޑޮލަރު ހޭދަކޮށްގެން ރާއްޖޭގެ ރިސޯޓެއްގައި އަރާމުގައި ކައިގެން އަރާމުގައި ނިދައިގެން ޝަކުވާއެއް ނެތި އޭނާ އަށް އުޅެވެން އެބައޮތެވެ.

83 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 26%
icon angry icon angry 0%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިރިއުޅުން

15 June 2022

ހޯމް ސްޓޭ ހިންގަންބަލާއިރު ވިސްނަން ޖެހޭ ޔޫރަޕް، ޔޫކޭ މާކެޓަށް ޓާގެޓް ކުރަންޏާ އެމީހުންގެ ދިރިއުޅުމަކީ ކޮބައިތޯ؟ އެމީހުން އުއްމީދު ކުރަނީ ހޯމްސްޓޭ އިން ކޮންކަމެއްތޯ؟ އެމީހުންނަކީ ދިވެހިންނާ ވަރަށް ތަފާތު ދިރިއުޅުމެއް އުޅޭ ބައެއް. ވަރަށް ތަފާތު ސަގާފަތެއް. ރާއްޖޭގެ ދިރިއުޅުމަކީ އެމީހުންގެ ދިރިއުޅުމާ އުޑާ ބިމާހާ ތަފާތު. ގިނަ ފަތުރުވެރިންނަށް ރާއްޖެ އާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ނޭނގޭ. ރަލަކީ މަނާ އެއްޗެއްކަންވެސް އެނގެނީ ޕައިލަޓް އިއުލާން ކުރީމަ

The name is already taken The name is available. Register?

އުފެދޭސުވާލު

14 June 2022

ގެސްޓްހައުސް އެކްސްޕީރިއަންސުން ނުލިބޭ ކޮން އެކްސްޕީރިއަންސެއް ހޯމްސްޓޭއިން ލިބެން އޮތީ؟ ގެސްޓްހައުސްއެއްގަ ފަތުރުވެރިން ތިއްބަސް އެތަނުގަ މަސައްކަތްކުރާ ދިވެހިންނާ ފަތުރުވެރިން ވާހަކަ ދައްކައި އެމީހުންގެ ގޭގެއަށް އެބަ ޒިޔާރަތްކޮށް ހަދައި އެމީހުން އަތުން ތެލުލި ބަނބުކޭލާ ކާޖާ ޑަބިޔާތައް ހޯދައިގެން ރަހަބަލާ ހަދާ. އީދެއްނަމަ ރަށުތެރޭ ހިނގާ ސަގާފީ ކުޅިވަރު ބަލައިލަން ފަތުރުވެރިންވެސް އެބަ ދޭ. ބޭނުންނަމަ ގެސްޓްހައުސްއިންވެސް ދިވެހި ކެއުން ލިބޭ.

The name is already taken The name is available. Register?

އަލީހަމީދު

14 June 2022

ރިސޯޓް އޯނަރުންނާ، ގެސްޓް ހައުސް ހިންގާމީހުން ކިތަންމެ ނުރުހުނަސް، ހޯމްސްޓޭ ވައިގަ ހިގާނެ. ހިއްޕާނަން. މިހާރުވެސް މިއުޅެނީ އީދުތެރޭގަ ހޯމްސްޓޭ ހަދަން ދަރަވަންދޫ އަށް ދާންވެގެން. އެތައް ބައިވަރު ގެސްޓްހައުސް ހުރިއިރުވެސް ހުރިހާތަނެއް ހުރީ ފުލްވެފަ. ދެން ހޯމްސްޓޭ ހަދާނީ.

The name is already taken The name is available. Register?

ދަބަރޭ

14 June 2022

ތިކަން ހުއްޓަނެ ކަމެއްނެއް ހުރިހާރަށެއްގަ ހޯމުސްޓޭ ނުހިގިޔަސް މާފުށި ފަދަ ރައްތަކުގަ ހިނގާނެ

The name is already taken The name is available. Register?

އާދައިގެ ރައްޔިތުންނަށް ހެޔޮއެދޭ އެކޮނޮމިސްޓް

14 June 2022

ދިވެހި މަހުޖަނުން ވިޔަފާރި ފިލާވަޅު ކިޔާދެނީ އޮޅުވާލުމުގެ ނިޔަތެއް އޮވެގެނޭ ބުނެވިދާނެ. 1972 ގައި އެވެރީން ރިސޯޓް ހެދިއިރު ހުރީ މިހާރުގެ ހޯމް ސްޓޭއަށް ވުރެ ފެންވަރު ދަށްކޮށް. އޭރަކު އެވަރަކަށް އެކަންް ވައިގަ ނުހިފާ. ވީމާ ރަން ބިސް އަޅާ އަސްދޫނީގެ މިސާލުން ތިޔަ ކުދިކުދި ވިޔަފާރިތަކާ މެދު ނުދެކި މަޑުމަޑުން ކެތްތެރިކަމާއެކު ކުތިއަށްދޭ. ހުޅުވިފާވާ ފުރުސަތެއް އަމިއްލަ އަށް ބަންދު ނުކުރާތި ރާއްޖޭގެ ހުރިހާ މަހުޖަނުން ތިކަމާ ދެކޮޅަށް މުޒާހަރާ ކުރިއަސް.

The name is already taken The name is available. Register?

އަރިދޯނި

13 June 2022

ހޯމްސްޓޭ އަށް އަންނަ ޓޫރިސްޓުންގެ ޓިކެޓް ސަބްސިޑައިޒް ކޮށްދީފަ، އެމީހުންނާ ކައުންސިލުން ހަވާލުވާންވީ. އޭރުން ތިކަން ހިނގާނެ،، ދެން ދިވެހިންގެ ޓިކެޓު އަގުބޮޑުކޮށްގެން އެބައި ހަމަޖައްސާލާ

The name is already taken The name is available. Register?

3121

14 June 2022

ހުރިހާ ރައްޔިތުން އާމްދަނީ ހޯދަން ކުރާ މަސައްކަތްވެސް ސަބްސިޑައިޒް ކޮށްދޭންވީ އަންމުކޮށް ވޯޓަށް ކަންކަން ކުރާ އުސޫލުން. ދެން ޖީއެސްޓީ އިތުކޮށްގެން ސަބްސިޑީ ދޭނީ. ފައްކާގޮތެއް.

The name is already taken The name is available. Register?

ފުރޯތިލަތަޅާބޮޑުބެ

13 June 2022

ނިދާއެދުގެ ފައިލާކޮޅުގައި ސްޓޭއި ކުރަން ބޭނުންވާނީ މަދުމީހަކު. އެކަމަކު މޮޑެލް ކުޑަޗޭންޖަކާއިއެކު ކުރަންވާގޮތަށް ކޮށްގެން ހިގާނެ ވައިގަވެސްހިފާނެ.ނުވާނެޔޭ ނާންނާނެޔޭބުނެ ކުރިމަރާލާ ފުލްސްޓޮޕޮ ޖައްސާލަން ބަޔަކު އުޅޭނެ ކަމެއްނެތް. ރާއްޖޭގެ ޓުއަރިޒަމް ފަށަން ބަޔަކު ފޫގަޅާލިވަގުތުވެސް ދުނިޔޭގެ ޓުއަރިޒަމާއި ބެހޭއޮފީހުން ބޮޑު ދިރާސާއެއްކޮށް ބުނި ވާނެކަމެއްނޫނޭ. ލޮޖިސްޓިކެއްނެތޭ. ކޮބާ މިހާރު ދުނިޔޭގެ ނިސްބަތުން މިތަނުގެ ޓުއަރިޒަމް ސްޓޭޓަސްއަކީ ކޮބައިބާ

The name is already taken The name is available. Register?

ދަ ޓުއަރިސްޓް

13 June 2022

ތިބުނާ ސްޓޭ އެއް މިތާ ފެށިކަން އެނގެނީ ދުނިޔޭގެ ކިތައް މީހުންނައް؟ ރިސޯޓުތަކުން އަމިއްލައަށް މާކެޓިންގ އަށް ބޮޑު ޚަރަދުކޮށް ގެސްޓުން ގެނަޔަސް އަހަރެމެންގެ ގޭގަ ހުރި ދެ އެނދު ވިއްކަން ހުރިކަން އިޝްތިހާރު ކުރަން ޚަރަދު ކުރާނެ ލާރި އާއި ވަސީލަތް މަގޭ އަތުގަ ނެތޭ. ސަރުކާރުން ހޯމް ސްޓޭ މާކެޓިންގ އަށް ކަންތައްތަކެއް ކޮށްގެން މިކަން ވާނީ. މިނިސްޓަރަށް މި ހީވަނީ މިކަން ނުވަނީ 5000 ރުފިޔާ ރެޖިސްޓްރޭޝަނަށް ދައްކަން ޖެހޭތީ އެ ބޮޑުވެގެން ކަމަށް . ބޯ ހަލާކު

The name is already taken The name is available. Register?

ލުތުފީ

13 June 2022

ހޯމްސްޓޭ ޓޫރިޒަމް ވެސް ވައިގަހިފާނެ. ކޮންމެ މާކެޓަކަށްވެސް ވަކި ސިފަތަކެއް ހުރެގެންނޫނީ ކާމިޔާބު ކުރެވޭނެ މާކެޓެއް ނޫން. އެގޮތުން ހޯމްސްޓޭ ޓޫރިސްޓުން ވެސް ބޭނުންވާނެ ކަންތައްތަކެއް ހުންނާނެ. އެކަންކަން ފުރުހަމަކޮށްފައި، މާކެޓްކުރީމަ މީހުން އަންނާނެ. 3 އިރަށް ގަރުދިޔަޔާ ބަތާ ކާކަށް ނާންނާނެ. އަދިވެސް މޫދުކުޅިވަރާއި އެކްސްކާޝަން ތަކާއި އެނޫންވެސް ހަރަކާތްތައް އަތްފޯރާފަށުގެ އަގެއްގައި ފޯރުކޮށްދޭންޖެހޭ.

The name is already taken The name is available. Register?

ގޫރާވަޅި

13 June 2022

ޑޮކްޓަރު ތިކަހަލަ އެތައްކަމެއް ފަށައިގެން ފޮޓޯނަގާ ކަންތައްތައް ކޮށްފި، އައްޑޫމީހުން ބޮލުގައި ޕައުންޑު ގޯނި ވެސް އެޅުވި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454