ވެމްކޯގެ ކުޅުންތެރިން އުފާފާލޫ ކުރަނީ: އެ ޓީމުން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ޖޫން 2022 - 00:44
އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން މޮޅުވެ އިތުބާރާއެކު މުބާރާތް ފެށި ނަމަވެސް، މިރޭ ވެމްކޯ އާ ދެކޮޅަށް ކުޅުނު މެޗުން ސްޕޯޓްސް ކްލަބް ސިޓީ ބަލިވެއްޖެ އެވެ.
ވެމްކޯ މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. މިހާތަނަށް ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު މެޗަކުން ބަލި ނުވެ އޮތް ދެޓީމުގެ ތެރެއިން އެއް ޓީމަކީ ވެމްކޯ އެވެ. އަނެއް ޓީމަކީ ޕޮލިސް ކްލަބެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓް ދިޔައީ ވަރަށް ވާންކޮށެވެ. އެކަމަކު ވެމްކޯއިން ވަނީ 27-25 އެ ސެޓް ހޯދައިފަ އެވެ. ދެވަނަ ވެމްކޯ ކާމިޔާބު ކުރީ 25-22 ންނެވެ.
ކްލަބް ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ފޮނުވާލި ހަމަލާއެއް ބްލޮކް ކުރަން ސިޓީގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
މެޗުގެ ފުރަތަމަ ދެ ސެޓްގައި ފެނުނު ކުޅުމަށް ބަލާއިރު ތިން ސެޓުން މެޗު ގެންދިއުމުގެ ހުނަރާއި ފެންވަރު އަދި ތަޖުރިބާ ވެސް ވެމްކޯ ޓީމުގައި ހުއްޓެވެ. ބީޗް ވޮލީ ގައުމީ ޓީމާއި ސީނިއާ ވޮލީ ޓީމުގައި ވެސް ސްޓާ ކުޅުންތެރިޔެއްގެ ދައުރު އަދާ ކުރާ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ލިޑް ކުރާ ވެމްކޯ ޓީމަށް ތިންވަނަ ސެޓްގައި މައްސަލަ ކުރިމަތިވި އެވެ.
އެ ސެޓް ވީ ސިޓީގެ ސެޓަކަށެވެ. އެ ޓީމުން ސެޓް ގެންދިޔައީ 25-18 އިންނެވެ. ހަތަރު ވަނަ ސެޓްގައި ވެސް އެވަރުގެ ތަފާތެއް ފެނުނެވެ. އެކަމަކު މިފަހަރު ނަތީޖާ ބުރަވީ ވެމްކޯގެ ކޮޅަށެވެ އެޓީމުން 25-17 ގެންގޮސް މެޗު ކާމިޔާބު ކުރި އެވެ.
މުބާރާތުގައި މާދަމާ ކުޅޭނީ އެއް މެޗެވެ. މިއަދު ރެސްޓް ކުރަން ފުރުސަތު ލިބުނު އޮފް އެފްސީ ނުކުންނާނީ މާދަމާ ރޭ ޕޮލިސް ކްލަބާ ދެކޮޅަށެވެ. މެޗު ފަށާނީ ރޭގަނޑު 8:15 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy