ޓޫރިޒަމް މިނިސްޓާ ޑރ. އަބްދުﷲ މައުސޫމު ނޫސްވެރިންނަށް މައުލޫމާތު ދެނީ--ފޮޓޯ: ނިޝާން އަލީ/މިހާރު
16 ޖޫން 2022 - 15:53
އިގްތިސާދީ ކާރިސާއެއްގެ ބޮޑު ބައި ހިނގައްޖެ ކަމަށާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ޔޫއެންޑަބްލިއުޓީއޯގެ މިނިސްޓީރިއަލް ބައްދަލުވުމަށް ފަހު "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް މާ ބޮޑު އަސަރެއް އަދި ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އޮތް ގޮތުން އެއް މަންޒިލުން ޓޫރިސްޓުން ނަޔަސް، އެހެން މަންޒިލްތަކުން ދަތުރުކުރާ ނަމަ، ގޮންޖެހުމެއް ނޯންނާނެ ކަމަށެވެ.
"އެއް ބަޔަކު ދަތުރު ނުކުރިއަސް އަނެއް ބަޔަކު ދަތުރު ކުރާނެ. މާކެޓުތައް އެތުރިފައި އޮތް ގޮތުން މުޅި ދުނިޔެއަށް ގޮންޖެހުމެއް ނާންނަ ނަމަ، ރާއްޖެއަށް ބޮޑު ގޮންޖެހުމެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ، މިވަގުތު ރާއްޖެއަށް އަންނަ ޓޫރިސްޓުން އެއްވަރެއްގައި އެބަ ހިފެހެއްޓޭ ކަމަށެވެ. އަދި މަސްރަހު އޮތް ގޮތުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ދިގުލައިގެން ނުދާ ކަމަށް ބެލެވޭ ކަމަށެވެ.
"މިވަގުތު ޗައިނާ މާކެޓެއް ވެސް ނާދެއެއް ނޫންތޯ. އެހެން ނަމަވެސް އެހެން މާކެޓުތަކުން އަންނާތީ އަޅުގަނޑުމެންނަށް އެބަ ހިފެހެއްޓޭ. ޔޫކްރެއިން މާކެޓް ވަރަށް ބޮޑަށް ދިޔަ. އެހެން މާކެޓުތައް އަންނާތީ ހިފެހެއްޓޭ،" އޭނާ ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ، އަންނަ ޖުލައި މަހަކީ ޓޫރިޒަމްގެ މުޅި ތާރީހުގައި ވެސް އެންމެ ރަނގަޅު އޮކިއުޕެންސީ އަންނާނެ ޖުލައި މަސް ކަމަށެވެ. އޭނާ ވިދާޅުވީ، ޓޫރިސްޓުން ރާއްޖެއަށް އައުމުގެ ޝައުގުވެރިކަން ހުރިކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
މި ދުވަސްވަރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،600 ޓޫރިސްޓުން އާދެ އެވެ. ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 730،000 ޓޫރިސްޓުން އައިސްފައިވާ އިރު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެގައުމުން 104،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައަށް އިނގިރޭސިވިލާތުން 90،000 ޓޫރިސްޓުން އައި އިރު ތިން ވަނައަށް އެންމެ ގިނަ ޓޫރިސްތުން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 70،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 1.6 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މި ޓާގެޓް ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
20 June 2022
ރޯނުއެދުރުން ދައްކާކަހަލަވާހަކަ މުޅިންވެސް މައުސޫމުދައްކަނީ، ރަޝިޔާ-ޔޫކުރޭން ހަނގުރާމަ ނިމެންއުޅޭކަންވެސް މީނައަށް އެނގޭ، ދުނިޔޭގެ އެއްވެސް މީހަކަށް އެނގޭކަމެއްނޫން، އިގްތިސާދީ ކާރިސާއެއްގެ ބޮޑު ބައި ހިނގައްޖެކަމަށް ނުބުނެވޭނެ މިދައްކަނީ ކޮވިޑު19 ގެ ދުވަސްވަރުގެ ވާހަކައެއްނޫން މިދައްކަނީ ހަނގުރާމައާހެދި ދަތިވާވާހަކަ، އެހެންވީމާ ދަތިވުން އަދި އޮތީކުރިޔަށް، މިކަހަލަ ދެއުޅިއެއްނުވާ ވާހަކަދައްކާތީ މީނާ ޕީއެޗްޑީހޯދީ ކިހިނެއްތޯ ސުވާލުއުފެދޭ
Laamuonline.com
20 June 2022
ރަޝިޔާ-ޔޫކުރޭން ހަނގުރާމަ ދިގުލައިގެން ނުދާނެކަމަށް މައުސޫމު ލަފާމިކުރަނީ ކޮންކަމަކަށް ބޭސްކޮށްފަތޯ؟ ހަނގުރާމައިގެ މަސްރަހަށާއި އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ބަސްމަގަށްބަލާއިރު ފެންނަނީ ހަނގުރާމަ އަދި ރަނގަޅަށް ނުފެށިގެންއުޅޭތަން، އަދި ހަނގުރާމަ ނިމުމަކަށް އައުމުގެ އެއްވެސް ނިޝަނެއް ހަބަރުތަކަށްބަލާއިރު ފެންނާކަށްނެތް، އިގްތިސާދީ ކާރިސާއެއްގެ ބޮޑު ބައި ހިނގައްޖެ ކަމަށްބުނާއިރު އަދި މީއީ ފެށުން، ހަމަނުޖެހޭ ވާހަކަނުދައްކާ
ދަރުހޮވާމޫސަ
16 June 2022
ދުނިޔޭގެ އިގްތިސޯދު ހިނގަމުން ދާގޮތް މިބޭފުޅާއަކަށް އެއްގޮތަކަށްވެސް ނޭނގޭކަން ސާފުވެއްޖެ.
ބަބުރުޗީ
16 June 2022
ވެރިންނަށާއި އެމީހުންގެ އާއިލާތަކަށް އެއްވެސް އިރެއްގައި ދައްޗެއްނުވޭނު. ދިވެހި ސަރުކާރުގެ އޮތީ އަރިކޮށއލައިފަ. ނިކަމެތިވަނީ އާއްމު ފަރުދުން.
ދިއްދޫމީހާ
16 June 2022
މަސްރަހު އޮތް ގޮތުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ދިގުލައިގެން ނުދާ ކަމަށް ބެލެވޭ ކަމަށް މައުސޫމް އެބުނާ ކޮންތާކުން ހޯދި މައުލޫމާތަކަށް ބިނާކޮއްފަބާ؟؟ ޟަނާ ކޮއްކޮމެން އަދި ވަރަށް ޒުވާން ބޭބެމެން މިހާރު މިގުނަނީ 60އަހަރު އަދުތޯ މާދަންތޯ ވެފައޭ ބުނާހެން މިތިބީ، ބޭބެމެންއަ ވަރަށް ގިނަ ވަޒީރުން ފެނިގެން ގޮސްފި، މައުސޫމްއާ ހިންގުމުގެ ދޯހަޅި ވަޒީރެއް އަދި ނުދެކެން، ތިޔައީ ހިންގާ މިނިސްޓްރީއެ ނޫން ހިނގާ މިނިސްޓްރީއެ..
އނގަފނދު
16 June 2022
ކިތަންމެ މޮޅުކޮށް ވާހަކަދެއްކިޔަސް ދުނިޔޭގެ ބާޒާރުގައި ތެޔޮ އަދި ތަކެތީގެ އަގު އުފުލެމުން އަދި ހިއްސާގެ ބާޒާރަށް އައިސްފައިވާ ބޮޑު ލޮޅުމާއިއެކު ފަތުރުވެރިކަން ވަރަށް ބޮޑަށް ދައްވާނެ.
ޕީއެޗްޑީ - ޕާމަނަންޓު ހެޑް ޑެމޭޖް
16 June 2022
ހައް. އެއްކަހަލަ ރިލަވަންޓު ވާން އުޅޭ ރިސޯޓު މަހުޖަނުންގެ ތުންފުހި ސޮރު އަނގަހުޅުވައިފި. ކަލޭ ވާހަކަ ނުދައްކާ ދޭބަލަ ކުއްޔާ ޓެކްސް ނުދައްކާ އުޅޭ ރިސޯޓު މަހުޖަނުން އަތުން މީރާއަށް ދައްކަން އޮތް ފައިސާ ހޯދަން. ގާނޫނުގައި އެއޮންނަ ވަރަށް މުހުލަތު ދީފި. ދެން ރިސޯޓު ލައިސަންސް ބާތިލު ނުކުރެވި އޮތުމަކީ ސީދާ މައުސޫމްގެ ނުބައިކަން. މިކިޔަނީ އެތައް އަހަރަކު ނުދައްކާ އޮތް ބިލިއަން ބިލިއަން ޑޮލަރުގެ ވާހަކައޭ ކަލޯ. އެއީ ރައްޔިތުންގެ ފައިސާއޭ! ލަދުގަނޭތަ؟
ފޮނިފޮނިޓައްޕު ކުމާރު
16 June 2022
މީނާމީ ސީދާ ދަޅަދެއއްކުމުގެ އެއްވަނަ.