މިއަހަރު ބޭއްވި އެސޯސިއޭޝަން ކަޕުގައި ކްލަބް ސިޓީގެ ކުޅުންތެރިން، ޕޮލިސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅު ކުރަނީ.-- ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
26 ޖޫން 2022 - 23:58
ގައުމީ ވޮލީބޯޅަ ލީގުގައި މިރޭ ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށް ފަހު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ސްޕޯޓްސް ކްލަބް ސިޓީގެ ފުރަތަމަ ދެ މެޗު ވެސް ކާމިޔާބު ކޮށްފި އެވެ.
ނިމިދިޔަ ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ކާމިޔާބުކުރި ސިޓީން ވަނީ އެ މުބާރާތުގައި ވެސް ޕޮލިސް ކްލަބް ބަލި ކޮށްފަ އެވެ. އެ މެޗު ސިޓީ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ކުޅިވަރު އެކުވެނީގެ އެރެތޭ ކޯޓުގައި މިރޭ މިދެޓީމު ކުޅުނު މެޗުގެ ސެޓުތައް ސިޓީ ގެންދިޔައީ 27-25، 25-20 އަދި 25-20 އިންނެވެ.
ފުރަތަމަ ސެޓުގައި ޕޮލިސް ކުލަބުގެ ޒުވާން ކުޅުންތެރިން ވަނީ ފޯމުގައި އޮތް ސިޓީގެ ތަޖުރިބާކާރު ކުޅުންތެރިން ކައިރީގައި ހިތްވަރު ކޮށްފަ އެވެ. ދާދި އެއްވަރުކޮށް ދެޓީމު ވެސް ޕޮއިންޓް ހޯދި މި ސެޓު ގެންދަން ސިޓީ އަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.
ސެޓް ޕޮއިންޓަށް؛ 24-23 އަށް ވެފައި ވަނިކޮށް ޕޮލިހުން އެއްވަރުކުރީ ޓައިމްއައުޓަކަށް ފަހު އެވެ. ޕޮލިހަށް ސެޓު ގެއްލުނީ، ސިޓީގެ އަލީ ހުޒާމް (ހުޒަންޓެ) އާއި ވިނީތު ކުމާރުގެ އެޓޭކު ދިފާއު ނުކުރެވުމުންނެވެ.
ފަހު ދެ ސެޓުގައި ވެސް ސިޓީގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ވިނީތު ކުމާރާއި، ވިނާޔަކް ރޮކާޑޭ އަދި ހަރްދީޕް ސިންގްގެ ކުޅުން ވަރަށް ބޮޑަށް ފާހަގަ ވިއެވެ. މީގެ އިތުރުން ހުޒަންޓެ އާއި ލިބަރޯ، އަހުމަދު ނަބީލް (ނައްބަ) ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީގެ ވިނީތު ކުމާރެވެ.
ސިޓީ ވަނީ ގައުމީ ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ރޭ ގުޑީސް ސްޕޯޓްސް ކްލަބް ވެސް ސީދާ ތިން ސެޓުން ބަލި ކޮށްފަ އެވެ.
މާދަމާ ހަވީރު 16:15 ގައި ފަށާ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ނުކުންނާނީ އޮއްފު އެފްސީއާ ދެކޮޅަށެވެ. އަދި މާދަމާ ރޭ 20:30 ގައި ޕޮލިސް ކްލަބް އެޓީމުގެ ދެވަނަ މެޗުގައި ނުކުންނާނީ ގުޑީސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy