ހިޔާ ފްލެޓް ލިބުނު ހައްވައްތަ އާއި އޭނާގެ ދަރިން މާލޭގައި ދިރިއުޅޭ ކޮޓަރި.-- މިހާރު ފައިލް ފޮޓޯ
29 ޖޫން 2022 - 14:24
މި ސަރުކާރުން މާލެއިން ދޫކުރަން ހަމަޖެހިފައިވާ 3000 ގޯތި ދޫކުރާއިރު ހާލަތު ބެލުމަށް ގޭގެއަށް ޒިޔާރާތް ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ގާތްގަނޑަކަށް 40 އަހަރު ފަހުން މާލެއިން ގޯތި ދޫކުރާއިރު މާލޭގައި އަމިއްލަ ބޯހިޔާވަހި ކަމެއް ނެތް އެތައް ބަޔަކު އުޅެމުން އެބަދެ އެވެ. ކުދިކުދި ތަންކޮޅުތަކުގައި ތިން ހަތަރު އާއިލާ ދިރިއުޅެން ޖެހިފައިވަނިކޮށް މި ސަރުކާރުން ގޯތި ދޫކުރަން ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ޝަރުތުތަކާއި މާކްސް ދޭނެ ގޮތުގެ އުސޫލު މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ހާލަތު ބެލުމަށް ގޭގެއަށް ވަކިވަކިން ޒިޔާރާތް ނުކުރާނެ ކަމަށެވެ. އެކަމަކު ހުރިހާ ފޯމުތަކަކާ އެކު ހުށަހަޅާ މައުލޫމާތު އެކަމަށް ހާއްސަ ކޮމިޓީއަކުން ވެރިފައި ކުރާނެ ކަމަށާއި ގޯހެއް ފާހަގަކުރެވިއްޖެ ނަމަ ގޭގެއަށް ވެސް ޒިޔާރާތްކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ހާލަތު ބަލަން ގޭގެއަކަށް ނުދާނެ. އެކަމަކު ކޮމިޓީން ވެރިފައި ކުރަންޖެހޭ ހާލަތްތަކުގައި ކަށަވަރުކުރުމަށް ގޭގެ އަށް ވެސް ދާނެ،" އޭނާ ވިދާޅުވި އެވެ.
ގޭގެ އަށް ޒިޔާރާތްކޮށް އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ނުބަލައި މާލެއިން ބޮޑެތި ގޯތިތަކެއް ހިލޭ ދޫކުރުމަށް ނިންމާފައިވާއިރު ކުރީ ސަރުކާރުގައި ހިޔާ ފްލެޓްތަކަށް އެދި ހުށަހެޅި އެންމެންގެ ގޭގެ އަށް ޒިޔާރާތްކޮށް ހާލަތު ނުބެލި މައްސަލަ އޭރު މި ސަރުކާރު އިދިކޮޅުގައި އޮވެ ބޮޑުކޮށްލި އެވެ.
ހިޔާ ފްލެޓްތައް ހާލަތު ބަލާފައި ދޫކުރަން މިނިސްޓްރީން ނިންމި ނަމަވެސް ހާލަތު ބަލަން ދިޔައީ ބައެއް ގެތަކަށެވެ. އެންމެ ފަހުން މި ސަރުކާރުން ވަނީ ފްލެޓް ދިނީ އެންމެ ހައްގުވެރިންނަށް ނޫން ކަމަށް ބުނެ ފްލެޓް ކޮމިޓީއެއް އެކުލަވާލައި ހުރިހާ ގެއަކަށް ޒިޔާރާތްކޮށް ހާލަތު ބަލައި ފްލެޓް ލިބުނު މީހުންގެ އާ ލިސްޓެއް އެކުލަވާލައިފަ އެވެ.
މިފަހަރު ގޯތި ދޫކުރާއިރު އެންމެ ކުޑަވެގެން 1،225 އަކަފޫޓުގެ ގޯއްޗެއް ދޫކުރާނެ އެވެ. ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ އެޕްލިކޭޝަނުން ހޮވޭ ފަރާތްތަކަށް އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ އެވެ. އެންމެ ބޮޑުކޮށް ދޫކުރަނީ 4،000 އަކަފޫޓެވެ.
• އުމުރުން 18 އަހަރުވެފައިވާ މާލޭ މީހަކަށް ވުން. (އެއްވެސް އިރެއްގައި މާލެ ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ނުވާ މީހުން.
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓުގެ ނުވަތަ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި ނެތް މީހުން.
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައިވާ ނަމަ އެތަން އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ މީހަކަށްވުން.
• ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމަކުން މިހާތަނަށް ބޯހިޔާވަހިކަން ލިބިފައިވާ މީހަކަށް ނުވުން.
• މާލޭ ސަރަހައްދުން ބަންޑާރަ ގޯއްޗެއް ބަހައިގެން ލިބިފައިވާ މީހެއް ނަމަ އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށްދީ ނުވަތަ ދޫކޮށްލާފައިވާ ނުވަތަ ވިއްކާލާފައިވާ މީހަކަށް ނުވުން.
ގޯތި ދޭއިރު އެ މީހުންގެ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމާއި އާމްދަނީއާއި އާއިލާގެ ހާލަތަށް ވެސް ބަލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަލެކްސް
30 June 2022
ހިޔާ ފްލެޓް ދިން އެންމެންގެ ހާލަތު މިސަރުކާރަކުން ނުބަލާ. އަހަރެން ދަންނަ ކިތަންމެ ބަޔަކު އެބަ އުޅޭ ހިޔާ ފްލެޓްގަ. އެކެއްގެ ގެޔަކަށްވެސް ނުދޭ މިސަރުކާރަކުން ހާލަތު ބަލާކަށް. ފްލެޓް ދިނުމުގަ ހަމަ ހަމަ ކަމެއްވެސް ނެތް. ދެން ވެރިކަން ނިމެން ކައިރިވާމަ ފްލެޓް އަށް ހުޅުވާލި އިރުވެސް ހުސް މާލޭ މީހުންނަށް. ރަނގަޅަށް ދެވަނަ ދައުރެއް ލިބިފަ ތިތިބީ.
ޢަހުމަދު9
29 June 2022
އިބޫ އަށް ދެވަނަ ޓާމް ތިއޮތީ ލިބިފަ، އެމްޑީޕީ ކުދިން ދެން އިތުރަށް ވެރިކަމުގެ ދައުރެއްގެ ވާހަކަ ދެއްކުން ނިންމާލާ. ޢަންނިއަށްވެސް ސަލާން، ފައްޔާޒާއި އަކުރަމާއި އަސްލަމަށްވެސް ސަލާން
މާތޮޑާ
29 June 2022
ބަލަ އަސްލަމޫ. އަހަރެމެން ލަދުން ހަލާކުއެބަވޭ. ބޮޑު ޓައި އަޅައިގެން މި ގައުމުގައި ކާސްޓް ސިސްޓަމް ނެހެދިގެން ތިތެޅެނީ، މާތޮޑާއެންމެން ލަދުގަނޭ ތިއުޅޭ ފާޑުން.
އަސްލަންޓޭ
30 June 2022
މާތޮޑަ މީހުންމިހާރު ލަދުގަންނާނެކަމެއްނެތް މަށަކީ މާލޭމީހެއް.
މީމަލޯ
29 June 2022
އެންމެންނަށްވެސް އިނގޭ މީ ޕާޓީ ކުދިންނަށް ބަހަންޖަހާ މަޅިއެއްކަން.
ރަށުމީހާ222
29 June 2022
ހިޔާ ފްލެޓް ދޫކުރީ ހައްްޤުވާ ފަރާތްތަކަކަށް ނޫން. ރަށުގަ ވަޒީފާގަ އުޅޭ އަމިއްލަ ނަމުގަ 5000 އަކަފޫޓް ގޯތި އޮތް ދެދަރިން ތިބި މީހުންނަށްވެސް ފްލެޓް ދިން. މާލޭގަ ވަޒީފާ އަދާކުރާ އަނބިދަރިން ގޮވައިގެން ގަނަތެޅޭތާ 20 އަހަރުވެފަ ވާ މީހުންވެސް ޝަރުތު ހަމަނުވެގެން ނުލިބެ. ކޮބާ އިންސާފު؟؟؟؟؟؟
މީމުޝީން
29 June 2022
"އުމުރުން 18 އަހަރުވެފައިވާ މާލޭ މީހަކަށް ވުން. (އެއްވެސް އިރެއްގައި މާލެ ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ނުވާ މީހުން". ޑިމޮކްރަސީ ގެނައޭ ކިޔައިގެން ރިހަކެއްކި ޕާޓީއަކަށް ނުވިސްނޭތަ، ކުރީގައި މާލޭ އަންހެނަކު މާލޭގަ ވިހާ ކުއްޖާ، މާލޭގަ ރަޖިސްޓްރީ ނުކޮށްދިންކަން. އެއާއިލާތަކަށް މީ ހާދު ބޮޑު ބޭއިންސާފެކޭ. އޭގައި އުޅޭނެ ރަޖިސްޓްރީވެފައިއޮތް ބައްޕަގެ ރަށުގެ ގެ ދުވަހަކު ލޮލުން ނުދެކޭ މީހުންވެސް.
ދޮންމޮހޮނު
29 June 2022
• މާލޭ ސަރަހައްދުން ބަންޑާރަ ގޯއްޗެއް ބަހައިގެން ލިބިފައިވާ މީހެއް ނަމަ އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން. މިނުކުތާއަށް ތަފްސީލު ބޭނުން. މިސާކަލަށް ބައްޕަގެ ގެ 10 ބުރިއަށް ނަގާފަ ހުރިއްޔާ އެއިީ ވާރުތަވިޔަސް، ގޯތި ލިބޭނެ ތަނެއް ނޫން. ފްލޯއެއް ލިބިދާނެ. ގޯތި ލިބޭމީހާ ބުރިބުރިއަށް އިތުރުކުރެވޭ. ފްލޯއެއް ލިބޭ މީހާ އަކަށް އެފުރުސަތެއް ނޯންނާނެ. އެހެން ކަމުން 600 އަކަފޫޓުގެ ގޯތި މާނަކުރާގޮތް ބޭނުން އެނގެން.
ސިމްޕަލް
29 June 2022
މަތީގައިވާ ފޮޓޯއިން ފެންނަން ހުރި މެޑަލްތައް (ފާރުގައި އަޅުވާފައިވާ) ފެނިފައި ރޮލުން ކަރުނަ އައިސްފި. ލަފާކުރެވެނީ އެއީ ހައްވައްތަގެ ދަރިންނަށް ލިބިފައިވާ މެޑަލްތަކެއް ކަމަށް. މާލޭގައި އެހާ ހާލުގައި އުޅެމުން އެ މެޑަލްތައް ރަމްޒުކޮށްދޭ ކާމިޔާބުތައް ހޯދުމަށް އެކުދިން އެކުރި ހިތްވަރަށް އައްސަރިބަހާ ސާބަސް.
ބަލާނެބޭނުމެއްނެތް
29 June 2022
ހާލަތު އެނގޭނެތާ! އަނބިދަރިންނަށް ވިއްޔާ ގޯތިދޭން ތިއުޅެނީ. ދެން އިތުރަށް ކޮންހާލަތެއް ބަލާކަށްތަ!
ހަންޖަރު
29 June 2022
ގާތްގަނޑަކަށް 40 އަހަރު ފަހުން މާލެއިން ގޯތި ދޫކުރާއިރު... ރަނގަޅު ހިސާބެއްނޫން