30 ޖޫން 2022 - 06:59
ބްރެޒިލްގައި ވެސް ސްމާޓްފޯނުތަކުގައި ޔޫއެސްބީ-ސީ ޗާޖަރު ބޭނުންކުރުން މަޖުބޫކުރުމަށް އެ ގައުމުގެ ޓެލެކޮމިއުނިކޭޝަންގެ އިދާރާއިން އާންމުންގެ ހިޔާލު ހޯދަން ފަށައިފި އެވެ.
ވިލާތުގައި ވިއްކާ ހުރިހާ ސްމާޓްފޯނާއި ޓެބްލެޓްތަކުގައި ޔޫއެސްބީ-ސީ ޗާޖަރު ބޭނުންކުރަން މަޖުބޫރުވާ ގޮތަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން މިދިޔަ މަހު ވަނީ ނިންމުމެއް ނިންމައިފަ އެވެ. އެ ނިންމުމާ އެކު، އެމެރިކާގައި ވެސް އެފަދަ އުސޫލެއް ހެދުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަޅަން އަންނަނީ ތައްޔާރުވަމުންނެވެ.
ބްރެޒިލްގެ ޓެލެކޮމިއުނިކޭޝަންގެ އިދާރާ، އެނަޓެލްގެ ބްލޮގް ޕޯސްޓެއްގައި ބުނީ ބައިނަލްއަގުވާމީ މާކެޓުގައި ޔޫއެސްބީ-ސީ ޕޯޓު ބޭނުންކުރުން މަޖުބޫރުވާ ގޮތަށް ނިންމުންތައް ނިންމާތީ، އެ ގައުމުގެ މާކެޓުގައި ވެސް އެ ކަހަލަ އުސޫލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އީޔޫގެ ނިންމުމުގައިވާ ގޮތުގައި 2024ގެ ފަހުކޮޅުން ފެށިގެން ވިލާތުގައި ޔޫއެސްބީ-ސީ ޗާޖަރު ބޭނުންކުރަން މަޖުބޫރުވާނެ އެވެ.
އިޔޫއިން ބުނި ގޮތުގައި ހުރިހާ ސްމާޓްފޯނެއްގައި އެއް ވައްތަރެއްގެ ކޭބަލްއެއް ބޭނުންކުރަން ނިންމީ އިލެކްޓްރޯނިކް ވޭސްޓް މަދުކުރުމުގެ އިތުރުން އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެ ނިންމުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ އެޕަލްގެ ފޯނުތަކެވެ. އެޕަލްގެ ފޯނުތަކުގައި އަދިވެސް ބޭނުންކުރަނީ ލައިޓްނިން ކޭބަލް އެވެ. އެޕަލްގެ ބައެއް އުފެއްދުންތައް ކަމަށްވާ މެކްބުކް އާއި އައިޕެޑްގައި ޔޫއެސްބީ-ސީ ބޭނުންކުރެ އެވެ.
އީޔޫގެ އެ ނިންމުމާ ސީދާ ދެކޮޅު ނެހެދި ނަމަވެސް، އެޕަލް އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އެކަމުން އިނޮވޭޝަން އަށް ހުރަސް އެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
03 July 2022
ޢެޕަލްއިން ފައިދާނަގާަ އެކަތި، އިނޮވޭޝަންއޯ