ކުޅިވަރު / ދިވެހި ސިފައިންގެ ކްލަބު

ސިޓީ އަށް ޗެމްޕިއަންކަން، ވެމްކޯ މޮޅަކާ އެކު ކުރިއަށް

އެސޯސިއޭޝަން ކަޕުގައި ވެމްކޯ އާއި ޕޮލިސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާޏް އަލީ/ މިހާރު

30 ޖޫން 2022 - 01:18

ގައުމީ ވޮލީބޯޅާ ލީގުގައި މިރޭ ކްލަބް ވެމްކޯ އަށް ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބު ނުކުރެވުމުން، މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބް ބަލިކުރި ސްޕޯޓްސް ކްލަބް ސިޓީ އަށް މުބާރާތުގެ ޗެމްޕިއަންކަން ލިބިއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ވެމްކޯ އާއި ޕޮލިސް ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ ފަސްވަނަ ސެޓާ ހަމައިންނެވެ. ވެމްކޯއިން 25-19 އަދި 25-17 އިން ފުރަތަމަ ދެ ސެޓް ގެންދިޔަ ނަމަވެސް ޒުވާޏްން ސްކޮޑަކާ އެކު ކުޅެމުންދިޔަ ޕޮލިހުން ވަނީ ތިންވަނަ ސެޓު 25-23 އިން ކާމިޔާބުކޮށް ވެމްކޯ ހާސް ކޮށްލައިފަ އެވެ. އަދި ޕޮލިހުން ހަތަރުވަނަ ސެޓް ގެންދިޔައީ 25-20 އިންނެވެ.

ވާދަވެރި ކުޅުމަކަށް ފަހު، 15-12 އިން ފަހު ސެޓު ކާމިޔާބުކޮށް، މެޗުން މޮޅުވީ ވެމްކޯ އެވެ.

ވެމްކޯ ވަނީ މިހާތަނަށް ލީގުގައި ތިން މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އޮފު އެފްސީ ކައިރިން ފަހަތުން އަރައި 3-1 ސެޓުން ކާމިޔާބު ކުރިއިރު، ދެވަނަ މެޗުގައި ސިފައިން ކައިރީގައި ފުރަތަމަ ސެޓު ގެންދިޔައީ ވެމްކޯ އެވެ. ނަމަވެސް ފަހު ތިން ސެޓުން ވެމްކޯ ބަލިވީ އެވެ.

ވެމްކޯ އަށް ލީގުގައި ދެން ބާކީ އޮތީ ދެ މެޗެވެ. އެއީ ސްޕޯޓްސް ކްލަބް ގުޑީސް އާއި ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ލީގު ޗެމްޕިއަންކަމަށް ވާދަކުރުމުގެ ފުރުސަތު އެޓީމަށް މިހާރު ގެއްލިފައި ވުމާ އެކު، އެޓީމު ދެން މަސައްކަތް ކުރާނީ، ލީގުގެ ގަދަ ހަތަރެއްގައި ހިމެނި، ގައުމީ މުބާރާތުގެ ޖާގައެއް ހޯދާށެވެ.

އަންނަ ހޯމަ ދުވަހު ފަށަން ހަމަޖެހިފައިވާ ގައުމީ މުބާރާތަށް ހޮވޭނީ ލީގުގެ ގަދަ ހަތަރު ޓީމެވެ.

ގައުމީ ލީގުގައި ސިޓީ އަތުން އަދި ސެޓެއް ނުގެއްލޭ

މިރޭގެ މެޗުގެ ކުރިން، ސްޕޯޓްސް ކްލަބް ސިޓީ ވަނީ މިއަދު ހަވީރު، އެންމެ ފަހުން 2020 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ސިފައިންނާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްފަ އެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް އެޓީމު ގެންދިޔައީ އެންމެ ސެޓެއް ވެސް ގެއްލުވާ ނުލައެވެ.

އެސޯސިއޭޝަން ކަޕުގައި ސްޕޯޓްސް ކްލަބް ސިޓީގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހަވީރު ކުޅުނު މެޗުގެ ސެޓްތައް ސްޕޯޓްސް ކްލަބް ސިޓީ ގެންދިޔައީ 25-21، 25-18 އަދި 25-20 އިންނެވެ. ފުރަތަމަ ސެޓުގައި ދެޓީމު ވެސް ދާދި ހަމަހަމަކޮށް ކުޅެމުން ދިޔައިރު ސިޓީން ލީޑު ނެގީ ފަހު ވަގުތު އެވެ. ނަމަވެސް ދެވަނަ ސެޓުގައި އެޓީމުން ވަނީ ވަރަށް ކުރީކޮޅު ބޮޑު ލީޑެއް ނަގައި، އެ ލީޑުގައި އޮވެ ސެޓު ކާމިޔާބު ކޮށްފަ އެވެ. ތިންވަނަ ސެޓުގެ ކުރީކޮޅު ސިފައިން ބޮޑު ލީޑެއް ނެގި އެވެ. ނަމަވެސް ސިޓީން ވަނީ އެޓޭކުތައް ވަރުގަދަކޮށް، ލީޑު އަތުލައި، ސެޓު ކާމިޔާބު ކޮށްފަ އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަރްދީޕް ސިންގް އެވެ.

މިއާ އެކު ސިޓީ ވަނީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިފަ އެވެ. ސިޓީ އަށް ލީގު ހޯދަން ބޭނުންވީ، ފަހު މެޗުގައި ވެމްކޯއާ ވާދަކޮށް އެންމެ ސެޓެއް ހޯދާށެވެ. ނަމަވެސް ވެމްކޯ އަށް މިރޭ ޕޮލިސް ކުލަބު އަތުން ދެ ސެޓް ގެއްލުމާ އެކު އެޓީމަށް ވަނީ ލީގު ޗެމްޕިއަންކަމަށް ވާދަކުރުމުގެ ފުރުސަތު ގެއްލިފަ އެވެ.

މިއީ ސިފައިން ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. ސިފައިން ލީގުގެ ދެވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. އެޓީމަށް ބާކީ އޮތް ދެ މެޗު ކާމިޔާބު ކޮށްގެން، ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރި ނަމަވެސް، ދެޓީމު ބައްދަލުކުރި މެޗުން ސިޓީ މޮޅުވެފައި ވުމުން ކުރިލިބޭނީ ސިޓީ އަށެވެ.

ތިންވަނައިގައި އޮތް ވެމްކޯ އަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައި ވާއިރު، ހަތަރު ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ޕޮލިސް ކުލަބެވެ. ގުޑީސް އާއި އޮފު އެފްސީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގުޑީސް އިން ދެ މެޗު ކުޅެފައި ވާއިރު، އޮފު އެފްސީ ވަނީ ތިން މެޗު ކުޅެފަ އެވެ.

މިއަހަރުގެ ވޮލީބޯޅަ ސީޒަނުގައި ސިޓީ ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ އެސޯސިއޭޝަން ކަޕުގެ ލީގު ބުރުގައި ކްލަބް ވެމްކޯ އަތުންނެވެ. ނަމަވެސް ޕްލޭއޮފުގައި ސިފައިން ބަލިކޮށް ފައިނަލުގައި ކުޅުނު ވެމްކޯ ބަލިކޮށް މުބާރާތް ކާމިޔާބުކުރީ ސިޓީ އެވެ.

މިއީ 2009 ވަނަ އަހަރު ވުޖޫދަށް އައި ސްޕޯޓްސް ކްލަބް ސިޓީ، އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގެ ވެސް ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މާދަމާ ވެސް މުބާރާތުގައި ދެ މެޗު ކުޅޭނެ އެވެ. ހަވީރު 4:15 ގައި ކުޅޭ މެޗުގައި ސިފައިން ނުކުންނާނީ ގުޑީސްއާ ދެކޮޅަށެވެ. އަދި މާދަމާރޭ 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލިހާއި އޮފު އެފްސީ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454