30 ޖޫން 2022 - 23:01
ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައި އޮތް، ނިއު ރޭޑިއަންޓް ސްޕޯޓްްސް ކްލަބްގެ ސަސްޕެންޝަން، އެފްއޭމުން މިރޭ އުވާލައިފި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި، ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ނިއުގެ ސަސްޕެންޝަން އުވާލުމަށް އެފްއޭއެމްގެ އެކްސްކޯ އަށް، އެ އެސޯސިއޭޝަންގެ ކޮންގްރެސްއިން މިދިޔަ މަހު ދީފައިވާ ވަގުތީ ބާރުގެ ދަށުން، އެ ކްލަބްގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.
ނިއުގެ ސަސްޕެންޝަން އުވާލުމަށް އެކްސްކޯއިން ނިންމީ، އެ ކްލަބުން މުސާރަ ނުދޭތީ އެފްއޭއެމް އަށް މައްސަލަ ހުށަހެޅި ކުޅުންތެރިން، އެ މައްސަލަ އަނބުރާ ގެންދިއުމަށް އެދި ސޮއި ކޮށްފައިވާ ސެޓިލްމެންޓް އެގްރިމެންޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު އެވެ.
Under the temporary authority bestowed upon the @MaldivesFA Exco by the congress, we have lifted the suspension of Newradiant SC tonight.
— Bassam Adeel Jaleel (@bassam_jaleeI) June 30, 2022
ސެޓިލްމެންޓް އެގްރިމެންޓްގައި އެންމެ ފަހުން ސޮއި ކުރި ކުޅުންތެރިޔަކީ ނިއު އަށް ކުރިން ކުޅުނު، މިހާރު ކްލަބް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ރިލްވާން ވަހީދު (ކަކާ ރިލޭ) އެވެ. ސެޓިލްމެންޓް އެގްރިމެންޓްގައި އޭނާ ސޮއި ކުރީ މިދިޔަ އާދިތައް ދުވަހު އެވެ. ގާތްގަނޑަކަށް 10 ކުޅުންތެރިންނާއެކު ސެޓިލްމެންޓް އެގްރިމެންޓް ހެދުމަށް ފަހު އެ ކުޅުންތެރިންގެ ސިޓީތައް ނިއު އިން އެފްއޭއެމަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.
އަންގާރަ ދުވަހު ބޭއްވި އެކްސްކޯ ބައްދަލުވުމުގައި އެކަމަށް ވަކި ގޮތެއް ނިންމާފައި ނުވަނީ ކުޅުންތެރިންގެ ސެޓިލްމެންޓް އެގްރިމެންޓްތައް ސައްހަކަން ކަށަވަރު ކުރުމަށް ވަގުތުތަކެއް ހޭދަވުމުން ކަމަށް، އެފްއޭއެމްއާ ހަވާލާދީ ނިއު އިން ބުންޏެވެ.
ރާއްޖެގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބް، ނިއު ސަސްޕެންޑް ކުރީ ޖެނުއަރީ 2019 ގަ އެވެ. އެ ކްލަބަށް ކުޅުނު ދިވެހި ކުޅުންތެރިންނަށް މުސާރަ ދީފައި ނުވުމުން އެފްއޭއެމްގެ ޕްލޭއާ ސްޓެޓަސް ކޮމިޓީން، އެފްއޭއެމްގެ އެކްސްކޯ އަށް ލަފާ ދީފައި ވަނީ، ކުޅުންތެރިންގެ މުސާރަ އަދާ ކުރުމަށް ދިން މުހުލަތުގައި ވެސް މުސާރަ އަދާކޮށްފައި ނުވުމުން ނިއު ސަސްޕެންޑް ކުރުމަށެވެ.
އެ ކްލަބަށް ކުޅުނު ބިދޭސީ ކުޅުންތެރިންނާއި އެ ކްލަބަށް ކޯޗު ކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒަށް މުސާރަ ދީފައި ނުވުމުން އޭގެ ފަހުން، ފީފާއިން ވެސް ވަނީ، އެ ކްލަބާ ދެކޮޅަށް ޓްރާންސްފާ ބޭންގެ ފިޔަވަޅު އަޅައިފަ އެެވެ. ފީފާ އަށް މައްސަލަ ހުށަހެޅި ކުޅުތެރިންނާއި ކޯޗަށް ދޭން ޖެހޭ 2،15000 ޑޮލަރު މިދިޔަ ހަފުތާގައި އަދާކޮށްފައިވުމުން ފީފާއިން ވަނީ މިހަފުތާގައި ޓްރާންސްފާ ބޭޏް އުވާލިކަން ވެސް އެ ކްލަބަށް އަންގައިފަ އެވެ.
ސަސްޕެންޝަން އުވާލުމުގެ ކުރިން ވެސް، ނިއުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމްގެ ކޯޗު ކަމުގައި އެ ކްލަބުން އަންނަނީ، އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. ފީފާގެ ޓްރާންސްފާ ބޭން އިން ކްލަބް ސަލާމަތްވުމުން ބިދޭސީ ކުޅުންތެރިން ވެސް ޓީމަށް ގެނައުމަށް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފީފާގެ އަދަބުން ސަލާމަތް ވެވުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ދެއްވި ލަފާފުޅާ އެއްގޮތަށް މަސައްކަތް ކުރެވުމުން ކަމަށް ނިއުގެ ޗެއާމަން އަހްމަދު ވާސިފް ކުރިން ވިދާޅުވި އެވެ. އަދި ފީފާ އަށް ފައިސާ ދެއްކުމުގައި ނިއު އަށް ހެޔޮ އެދޭ ވިޔަފާރިވެރިންނާއި ގިނަ ބަޔަކު އެހީ ދެއްވާފައިވާކަން ވެސް ވާސިފް ފާހަގަކުރެއްވި އެވެ.
ނިއު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ފެށީ، އޭގެ ކުރިން ރޭޑިއަންޓްގެ ނަމުގައި ކްލަބެއް ރަޖިސްޓްރީކޮށް ހަރަކާތްތަށް ފެށި ނަމަވެސް، ނިއުގެ ދަރަނި ހަލާސް ކުރުމުން ނޫނީ އެ ކްލަބަށް ކުރިއަށް ނުދެވޭނެ ކަމަށް އޭއެފްސީން އަންގާފައިވާ ކަމަށް އެފްއޭއެމުން ބުނުމުންނެވެ. އެ ކަލްބްގެ ޗެާމަނަކީ ވެސް ވާސިފް އެވެ. އޭނާ ވިދާޅުވީ ނިއުގެ ބީ ޓީމުގެ ގޮތުގައި ރޭޑިއަންޓް ވެސް ކުރިއަށް ދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
02 July 2022
ވެލްކަމް ބެކުޓު ދަރަނި ކިންގް
ނުލެއްގި
03 July 2022
އަސަރު ކުރިޔަސް ފުޓްބޯޅައިގެ ރަސްގެފާނަކީވެސް ހަމަ ނިއުއޭ ދޮންކަލޯ..
ހާމިދޫނަ
01 July 2022
ނިއުރޭޑިއަންޓް އަދި ވިކްޓަރީ ނެތި ކޮން ފުޓްބޯޅައެއް؟ ޝުކުރިއްޔާ ރައީސް ސޯލިހް. ޝުކުރިއްޔާ ބައްސާމް. ޝުކުރިއްޔާ މިހާރުގެ މެނޭޖްމެންޓް.
ސުނިލް
02 July 2022
ޝުކުރިއްޔާ އަދީބު.
އަހަމަދުބޭ.
01 July 2022
ތިގޮތަށް ދައުލަތުގެ ފައިސާ ހަމަ އެކަނި މާލޭ ގޮލާމެންގެ ކަންމަތީ ޓީމް ތަކަށް ޙަރަދު ނުކޮށް އައްޑޫ ޑީއެންސީ، އޭދަފުށި ޒުވާނުންގެ ޖަމީއްޔާ، ހުއްރީއްޔާ ސްޕޯޓްސް ކްލަބް، އައްޑޫ އެފްސީ ފަދަ ޓީމް ތަކަށްވެސް ޙަރަދު ކުރިނަމަ އަދި އެޓީމް ތަކާއި ދެކޮޅަށް ސަރުކާރުން ދަތިކޮށް އުދަގޫ ނުކުރިނަމަ އެ ޓީމް ތައްވެސް އޮންނާނެ.
ހަޖަމޭ
01 July 2022
ބަލަ އަހަމަދުބޭ ތިގޮތަށް ކޮންމެ ފަހަރަކު ކޮމެންޓް ކުރަމުން ދިޔާމެންނު ނިއު، ވިކްޓަރީ އެއީ މާޒީއޭ ކިޔާފަ އޭރުވެސް މިހާރުވެސް އަދި މާދަންވެސް ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ދެ ޓީމަކީ އެއީއޭ، ކިތަންވެ އަސަރު ކުރިޔަސް މި ހަގީގަތެއް ބަދަލެއް ނުކުރެވޭނެ…
ލޫތު
01 July 2022
ސުކުރިއްޔާ ރައީސް ސޯލިހު. ސުކުރިއްޔާ ބަންސާމް.
މުލޭ
01 July 2022
ބަންސާމަށް ޝުކުރެއް ނެތް. ބަންސާމަކީ ގޭންގްތަކުގެ ބްލެކްމެއިލަށް ހުށަހެޅިފައިވާ މީހެެއް.
ބަލަ
01 July 2022
ﷲ ކިބަފުޅަށް ޝުކުރުކުރަން. އިރާދަކުރެއްވިޔާ ކުރިއަށްއޮތްތަނުގައި ނިއުރޭޑިޔަންޓް ކުރީގައި އޮތްމަގާމަށް އާދެވި، އާކުޅުންތެރިން ނިއުއިން ނެރެ، ނިއުއަށާއި ރާއްޖޭގެ ޤައުމީޓީމަށް ވަރަށް ފުރިހަމަ ކާމިޔާބުތަށް ލިބޭނެ.
ރަގަޅު
01 July 2022
އަދިކިރިޔާ އުފާވެރި ޚަބަރަކާ މިދިމާވީ!
މޯޑް
01 July 2022
ނިއުރޭޑިޔަންޓް ގެ ދިގުމާޒީގަ ނުދެކޭފަދަ ހިތްދަތި ފުން ވަޅުގަޑަކުން އަރައިގަނެވުނީ ނިއުގެ ހިތްވަރުގަދަ ސަފޯޓަރުން ވޭތުވެދިޔަ 3 އަހަރު ކުރި ބުރަމަސައްކަތުން. މުންސަދި މަހުޖަނަކު ޓީމަށް ހަވާލު ނުވިޔަސް ނިއުގެ ސަފޯޓަރުން އެ ދަށްކުވައިދިނީ އެމީހުންނަށް ވެސް އެކަށް ވާނެކަށް. ތީ ފިސާރި ސަފޯޓަރުން ތަކެއް ތިބި ޓީމެއް.
ރަދީފްއޮފިޝަލް
30 June 2022
ވަރަށް އުފާވެރި ހަބަރެއް.
އާރީ
30 June 2022
ނިއުގެ މިހާރުގެ މެނޭޖްމަށްޓަށާއި ދެގޮތެއް ނުވެ ތިބި ސަފޯޓަރުންނަށް ވަރަށް ބޮނޑަށް ސުކުރިއްޔާ!
ސަފޯޓަރ
30 June 2022
ދިގުއިންތާޒެއްގެ ނިމުންއައި ރެޔެެއް. އަލުހަމްދްލިލްލާހި ވަރަށް އުފާވެއްޖެ.