އާރްޔަން (މެދުގައި) ބައްޕަ ޝާހްރުކް އާއި ކަރަން ޖޯހަރް އާއެކު
01 ޖެނުއަރީ 2017 - 06:44
ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން އަކީ ފިލްމީ ތަރިންގެ ދަރިންގެ ތެރެއިން މިހާރު އެންމެ މަޝްހޫރު އެކަކެވެ. ގިނަ ބަޔަކު އާރްޔަން ފިލްމީ ދުނިޔެއަށް ތައާރަފްވާނެ ދުވަހަކަށް އިންތިޒާރުކުރަމުންދާއިރު އިންޑިޔާގެ ބައެއް ނޫސްތަކުން ވެސް ދަނީ މިކަމާ ގުޅޭ ގޮތުން ބައެއް ކަހަލަ އަޑުތައް ފަތުރަމުންނެވެ.
ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާންއާ އެކު އާރްޔަން ތައާރަފްވާ ފިލްމެއް ކަރަން ޖޯހަރް އުފައްދަން އުޅޭ ވާހަކަ ވެސް ވަރަށް ފަހުން ވަނީ ދެކެވިފަ އެވެ. ނަމަވެސް ބޮމްބޭ ޓައިމްސް އަށް ކަރަން ޖޯހަރް ދީފައިވާ އިންޓަވިއުއެއްގައި ބުނީ ކުރިޔަށް އޮތް ހަތަރު އަހަރު ދުވަހު އާރްޔަން ބޮލީވުޑަށް ތައާރަފް ނުވާނެ ކަމަށެވެ.
އާރްޔަން ތައާރަފްކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ އާރްޔަން އަކީ އޭނާގެ އަމިއްލަ ދަރިއެއް ފަދަ ކުއްޖެއް ކަމަށެވެ. އާރްޔަން މިވަގުތު ވީ ލޮސް އެންޖަލިސްގައި ކަމަށާއި އޭނާ ޔުނިވަސިޓީ ތައުލީމު ނިމެން އަދި ހަތަރު އަހަރު އެބައޮތް ކަމަށް ކަރަން ބުންޏެވެ. އާރްޔަން ކިޔަވަނީ ފިލްމު އުފެއްދުމާ ގުޅޭ ރޮނގުން ނަމަވެސް އާރްޔަން ބޭނުންވަނީ އެކްޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަންކަން ނުވަތަ އެހެން ރޮނގަކުން ކުރިޔަށް ދާކަން ނިންމާނީ އޭނާ ކިޔަވާ ނިމިގެން އެނބުރި އައިސް ކަމަށް ވެސް ކަރަން ބުންޏެވެ.
ކަރަން ބުނީ އެހާ ހިސާބަށް ދާއިރު އާރްޔަން ފިލްމު ކުޅެން ބޭނުންވެއްޖެ ނަމަ އޭނާ ތައާރަފްކުރުމުގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ.
"އާރްޔަން ތައާރަފްކުރުމެކޭ އަހަރެންގެ އަމިއްލަ ދަރިއެއް ތައާރަފްކުރުމެކޭ އެއްވެސް ތަފާތެއް ނެތް. ވީ އެންމެ ރަނގަޅު ފުރުސަތެއް އޭނާއަށް ހޯދައިދިނުމަށް އަހަރެންނަށް ވީ އެންމެ ގަދަޔަކަށް މަސައްކަތް ކުރާނަން. އާރްޔަން އަކީ އެންމެ ތުއްތުއިރުއްސުރެ އަހަރެން އުރާ ގެންގުޅުނު ކުއްޖެއް. މިހާރު އޭނާ ބޮޑުވެ ވަރަށް ރީތި ސިކްސް ޕެކް ލީ ޒުވާނަކަށްވެ ދުނިޔެއާ ކުރިމަތިލުމަށް ވަނީ ތައްޔާރުވެފައި. އަހަރެން އޭނާއަށްޓަކައި ފަޚުރުވެރިވަން،" ކަރަން ބުންޏެވެ.
ކަރަންގެ ވާހަކަތަކުން ޔަގީން ވަނީ އާރްޔަން އެހާ އަވަހަށް ފިލްމު ކުޅެން ނުފަށާނެކަމެވެ. ނަމަވެސް ސައިފްގެ ދަރިފުޅު ސާރާ މިހާރު ހުރީ ފިލްމީ ދުނިޔެއަށް ވަންނަން ތައްޔާރުވެފަ އެވެ. އެހެންކަމުން ސާރާ ހަތަރު އަހަރު ވަންދެން ފިލްމީ ދުނިޔެއަށް ނުވަދެ މަޑުކުރާނެކަމަކަށް ނުބެލެވެ އެވެ. ވީމާ ސާރާގެ ފުރަތަމަ ފިލްމުގެ ބަތަލަކަށް ވާނީ އާރްޔަން ނޫން ކޮންމެވެސް އެހެން އެކްޓަރެއްކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy