ކުޅިވަރު / ގައުމީ ވޮލީބޯޅަ ލީގު

ވެމްކޯ ބަލިކޮށް ގައުމީ ލީގުގެ އައްޑަނަ ސިޓީ އުފުލާލައިފި، ސިފައިންނަށް ދެވަނަ

ސްޕޯޓްސް ކްލަބް ސިޓީ، ގައުމީ ވޮލީބޯޅަ ލީގުގެ އައްޑަނަ އުފުލާލަނީ.-- ފޮޓޯ: ޔޫތު މިނިސްޓްރީ

03 ޖުލައި 2022 - 09:31

ގައުމީ ވޮލީބޯޅަ ލީގުގައި ކްލަބް ވެމްކޯއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށް، ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ސްޕޯޓްސް ކްލަބް ސިޓީން ލީގުގެ އައްޑަނަ އުފުލާލައިފި އެވެ.

މި އަހަރުގެ ވޮލީ ސީޒަނުގެ ފުރަތަމަ މުބާރާތް، އެސޯސިއޭޝަން ކަޕް ވެސް ސިޓީ ކާމިޔާބުކުރީ ފައިނަލުގައި ވެމްކޯ ބަލިކޮށްފަ އެވެ. އެ މުބާރާތުގެ ކޮލިފައިން ލީގު ބުރުގައި ވެސް ސިޓީ ވަނީ ވެމްކޯ ބަލި ކޮށްފަ އެވެ.

މިއީ 2009 ވަނަ އަހަރު ވުޖޫދަށް އައި ސްޕޯޓްސް ކްލަބް ސިޓީ ގައުލީ މީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އަށް ލީގުގެ އައްޑަނަ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ސިޓީ ވަނީ ހަ ޓީމު ވާދަކުރި ލީގުގެ ފުރަތަމަ ހަތަރު މެޗުގައި ވެސް ސެޓެއް ގެއްލުވާ ނުލައި ކާމިޔާބު ކޮށްގެން ލީގު ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ. ސިޓީ އަތުން ލީގުގައި ހަމައެކަނި ސެޓެއް ގެއްލުނީ، ރޭ ކުޅުނު މެޗުގައި ވެމްކޯ އަތުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓް، ވާދަވެރި ކުޅުމަކަށް ފަހު ވެމްކޯ ގެންދިޔައީ 25-23 އިންނެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި ބިދޭސީ ކުޅުންތެރިޔާ އަޝްވަލް ރާއީ އެ ސެޓުގައި ވެމްކޯ އަށް މޮޅު ކުޅުމެއް ކުޅުނެވެ.

ލީގުގައި ފުރަތަމަ ސެޓު ގެއްލުމާ އެކު، މެޗުގެ ދެވަނަ ސެޓުގައި ސިޓީގެ ހަމަލާތައް ވަރުގަދަކޮށް 25-14 އިން ސެޓް ކާމިޔާބުކުރި އެވެ. ވެމްކޯގެ ބެންޗުގައި ތިބި ގިނަ ކުޅުންތެރިންނަށް ފަހު ސެޓްގައި ކޯޗު ފުރުސަތު ދިނުމުގެ ފައިދާ ނަގައި 25-16 އަދި 25-12 އިން ދެ ސެޓް ކާމިޔާބުކުރި އެވެ.

ސިފައިން ދެވަނަ ހޯދީ ޕޮލިސް ބަލިކޮށްފައި

ދިވެހި ސިފައިންގެ ކުލަބް ވަނީ އެ ޓީމުގެ ފަހު މެޗުގައި އިއްޔެ ހަވީރު ޕޮލިސް ކުލަބާ ވާދަކޮށް 3-1 ސެޓުން ބަލި ކޮށްފަ އެވެ.

ގައުމީ ލީގުގައި ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިފައިން ލީގު ދެވަނަ ހޯދީ، ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކޮށްގެންނެވެ. ސިފައިން ލީގުގައި ބަލިވީ ހަމައެކަނި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ފުރަތަމަ ސެޓު ސިފައިން ގެންދިޔައީ 25-20 އިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ޕޮލިހުން ވަނީ އިތުރު ހިތްވަރަކާ އެކު ކުޅެ 25-23 އިން ސެޓް ކާމިޔާބު ކޮށްފަ އެވެ. އެ ސެޓުގައި ޕޮލިހުގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އަކިން އައްމާލް އާއި މުއްތުސާމީ އަޕަވޫ ވަނީ ސިފައިންގެ އެޓޭކްތައް ހުއްޓުވަން މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ދެވަނަ ސެޓް ކާމިޔާބުކޮށް، ތިންވަނަ ސެޓު ވެސް ޕޮލިހުން ފެށީ މޮޅަށެވެ. އެކަމަކު އެ ޓީމުން ލީޑުގައި ސެޓް ނިންމަން ދަނިކޮށް ސިފައިން 22-22 އިން އެއްވަރުކުރި ފަހުން ގޯސްތަކެއް ހެދިގެން ސެޓް ގެއްލުނީ އެވެ. ސިފައިން އެ ސެޓް ކާމިޔާބުކުރީ 29-27 އިންނެވެ. ފަހު ސެޓް ސިފައިން ކާމިޔާބުކުރީ 25-22 އިންނެވެ.

ސިފައިންގެ ޓީމުގެ އަދާމް ނަސީމް (އެޑަމް) އާއި އަހުމަދު އަބްދުލްކަރީމް (ލޯންގޭ) މުޅި މެޗުގައި ވެސް ޖުމްލަކޮށް މޮޅަށް ކުޅުނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ލޯންގޭ އެވެ.

މިއަދުގެ މެޗުތަކުން ބަލިވި ނަމަވެސް، ތިންވަނައިގައި ނިންމި ވެމްކޯ އާއި ހަތަރުވަނައިގައި ނިންމި ޕޮލިސް ކްލަބަށް ވެސް ވަނީ ހޯމަ ދުވަހު ފަށާ ގައުމީ މުބާރާތުން ޖާގަ ލިބިފަ އެވެ.

ލީގުގެ ފަހު މެޗުގައި މިރޭ ގުޑީސް ސްޕޯޓްސް ކްލަބާއި އޮފު އެފްސީ ބައްދަލުކުރާނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454