ހެއްކާބެހޭ ބިލާ ގުޅިގެން ނޫސްވެރިން މަޖިލިސް ކުރިމަތީގައި އަޑުއުފުލަނީ: އެ ބިލު ތަސްދީގުނުކުރަން ނޫސްވެރިން އަންނަނީ ގޮވާލަމުން -- ފޮޓޯ: ނިޝާން އަލީ | މިހާރު
03 ޖުލައި 2022 - 18:14
މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮންނަ މާއްދާ އިސްލާހުކޮށް، މަސްދަރު ހާމަކުރެވޭނެ ހާލަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުކަށިކޮށްފައި ނޫނީ އެ ބިލު ތަސްދީގުނުކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އިން މިއަދު ގޮވާލައިފި އެވެ.
އެމްޖޭއޭ އާއި އެޑިޓާސް ގިލްޑް އިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނީ، އެ ބިލުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާ އޮތީ ބާރުގަދަ ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ހުޅުވާލެވޭ ފަދަ ގޮތަކަށް ކަމަށެވެ. އެގޮތަށް ގާނޫނު ބައްޓަންކުރުމަކީ ރައްޔިތުންގެ އިތުބާރު އޮތް ދައުލަތުގެ ނިޒާމެއް ގާއިމުވެފައި ނެތް ގައުމެއްގައި، ބާރާއި ނުފޫޒުގައި ތިބޭ ފަރާތްތަކަށް ނޫސްވެރިކަމުގެ ހައްގަށް ހުރަސް އަޅަން ފުރުސަތު ލިބޭ ކަމެއްކަން މާޒީން ވެސް އެނގިފައިވާ ކަމެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އެއީ ނޫސްވެރިޔާ އާއި ނޫސްވެރިޔާގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ހާލަތެކެވެ. އަދި މިކަމުގެ ސަބަބުން ނޫސްވެރިން ޖަލަށް ލެވުމުގެ ފުރުސަތު ވެސް އޮތްކަން ފާހަގަ ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
މަސްދަރު ހިމާޔަތްކުރުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި ތަހުޒީބުވެފައިވާ ގައުމުތަކުގައި ފެންވަރު ރަނގަޅު ނޫސްވެރިކަން ކުރެވެނީ މަސްދަރު ހިމާޔަތް ކުރެވޭނެ ފަދަ ނިޒާމުތައް ހަރުދަނާކޮށް ބައްޓަންވެފައި އޮތުމުން ކަމަށްވާއިރު، ރާއްޖޭގައި އެފަދަ ހަރުދަނާ އުސޫލުތަކެއް ނެތި، އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ، އެއީ ރާއްޖޭގެ ނޫސްވެރިކަމުގައި ފަހަތަށް އެޅޭނެ ފިޔަވަޅެއް ކަމަށް ބުންޏެވެ.
އެ ޖަމިއްޔާތަކުން އެގޮތަށް ބުނިއިރު، ހެއްކާބެހޭ ބިލާ ހެދި މި އަހަރު ރާއްޖެ ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި 15 ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ އެ އިންޑެކްސްގެ 72 ވަނައިގައި އޮތުމަށް ފަހު ރާއްޖެ ވަނީ 87 ވަނަ އަށް ވެއްޓިފަ އެވެ.
- ފޮރުވިގެން ތިބެ ނޫސްވެރިންނަށް މައުލޫމާތު ދޭން ތިބި، ވިސްލް ބްލޯވަރުންނަށް ވެސް މައުލޫމާތު ދިނުމަށް ފަސްޖެހުން.
- ނަތީޖާއެއްގެ ގޮތުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅި، ގައުމުގެ މަސްލަހަތާ ގުޅުންހުރި މައްސަލަތަކާއި ކޮރަޕްޝަންގެ އަމަލުތަކާއި އެހެނިހެން ނޭއްގާނީ ކަންކަން ރައްޔިތުންނަށް ތިލަކުރުމަށް ހުރަސްއެޅުން.
- މަސްދަރު ހާމަކުރުމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު، އެކަމުގެ ބަހުސްގެ މަރުހަލާގައި މަސްދަރުގެ ހަގީގަތް އެނގޭ ނޫސްވެރިޔާ ނުވަތަ މީޑިއާގެ މަސައްކަތްކުރާ ފަރާތަށް ކޯޓުގައި ވާހަކަދައްކާ، ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލެއް އެ މާއްދާގެ ތަފްސީލުގައި ބަޔާންކޮށްފައި ނެތުން.
- އންސާނީ ހައްގުތައް ހަނިކުރެވޭނެ ހާލަތްތަކުގައި ގޮތް ނިންމުމަށް މަދަނީ މިންގަނޑު ބޭނުންކުރުން.
- ތުހުމަތުކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތުން.
- އެ ބިލް މަޖިލީހުން ފާސްކުރީ އެމްޖޭއޭއިންނާއި އެމްއެމްސީން ނޫސްވެރިންގެ ހައްގުގައި ބިލަށް ހުށަހެޅި އިސްލާހުތަކަށް އެކަށީގެންވާ ގޮތެއްގައި ބެލުމެއް ނެތި.
ބަޔާނުގައި ބުނީ، އެ ޖަމިއްޔާތަކުން ގޮވާލަނީ އެމްޖޭއޭ އިން ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތަށް، ބިލުގައި މަސްދަރު ހާމަކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ "ގައުމީ ސަލާމަތް" އެ ބިލުން އުނިކުރުމަށް ކަމަށެވެ. އަދި މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާންކޮށްދިނުމަށެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ "އިމިނެންޓް ތްރެޓް" (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށް ވާތީ، އެގޮތަށް ވެސް ބިލު އިސްލާހުކުރަން ގޮވާލި އެވެ.
އެ ބިލު ރައީސް ތަސްދީގުކުރައްވައިފި ނަމަ، އެ ބިލުގައިވާ މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާ ބާތިލްކުރަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ވެސް މިއަދު ވަނީ ނިންމައިފަ އެވެ.
އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމްއެމްސީން ރައީސް މިދިޔަ ބުރާސްފަތި ދުވަހު ރައީސް އަށް ސިޓީ ވެސް ފޮނުވި އެވެ. އެ ސިޓީގައި އެދިފައި ވަނީ އެ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވެގެންދާ ގޮތަށް އޮތް ބިލަކަށް ވާތީ އެ ބިލް ތަސްދީގު ނުކުރައްވައި، މަޖިލީހަށް އަނބުރާ ފޮނުވާލެއްވުމަށެވެ.
މަޖިލީހުން ފާސްކުރާ ބިލްތައް ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލެއްވުމުގެ އިހްތިޔާރު ރައީސަށް އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
04 July 2022
ރާއްޖޭގެ ކޮންމެ ނޫހަކީވެސް ކޮންމެވެސް ސިޔާސީ ފަރާތެއް! މިނިވަން މީޑިއާ އެއް ޒިއްމާދާރުވެސް ވާނެ!
ނިކަމެތިރައްޔިތުމީހާ
04 July 2022
ތި ގާނޫނު އެންމެ ފަހުން ވެގެން ދާނީ މޑޕ ގެ ކަރަށް މަހާލެވޭ އެއްޗަކަށް! ޔާމީނުގެ ވެރިކަމުގަ ހެދި ގާނޫނުތައް ގޮތަށް
އައި އޭމް ފުކުރީ
04 July 2022
ދެން ތީގެ މާނައަކީ 1. ނޫސްވެރީން ދޮގު ޚަބަރު ނުލިޔާނެ އޭ ތަ؟ އެ ފެންވަރަށް ނޫސްވެރިޔާ އަށް ބަރޯސާ ވާން ޖެހޭނެ އޭ ތޯ؟ 2.ނޫނީ ތަނެއް ދޮރެއް ނުބަލާ ލިޔުނަސް އަދަބު ނުދެވޭ ގޮތަށް ބާއްވާށޭތަ؟ 3.ނޫނީ ތީގެ ސިއްރަކީ ފަތުރާނެ ޚަބަރެއްނެތި ޚަބަރު ފީތާ ހުސްވެ ވަޒީފާ ގެއްލިދާނެކަމުގެ ބިރުއޮތީ ތަ؟ *ނޯޓު ނޫސްވރީން ނަކީ މުޖުތަމައު ފިތުނަ ފަސާދަ އުފެއްދޭ ފަދަ ބައެއް އަދި ހަމަޖެހުން ގެނެސްދިނުމުގައި ވެސް އެއްމެ މުހިންމު ދައުރު އަދާކުރާ ފަރާތް.
ރަދީފްއޮފިޝަލް
04 July 2022
ކިތަންމެ ވަރަކަށް މި ސަރުކާރުން އޮބި އަޅަން އުޅުނަސް ''އެޑްވަޑް ސްނޯޑަން'' ނުވަތަ ''ޖޫލިއަން އަސާންޖު'' ފަދަ މީހުން މިގައުމުން ހުސްވެގެން ނުދާނެ.އެއީ ކުރެވޭނެ ކަމެއް ނޫން.ވ.ވެދުން
އެމްސް
04 July 2022
މިއީ އަނެއްކާ ޔާމީން އެއް ނޫންބާ؟
މުހައްމަދު.
03 July 2022
ރައްޔިތުން މުސާރަދީގެން ގާނޫނުހަދާ މުވައްޒަފުން ރައްޔިތުން ބޭނުންވާގޮތާއި ޚިލާފަށް ހަދާ ގާނޫނަކަށް ރައްޔިތުން އަމަލު ކުރާކަށް ނުޖެހޭނެ. އެފަދަ ގާނޫނެއް ގަދަކަމުން ތަންފީޒުކުރަން އުޅެގެން ސަރުކާރަށް ކާމިޔާބެއް ނުވާނެ. ބޮޑަށް ވައްތަރީ މިހާރު އޮތް ސަރުކާރާއި ނޫސްވެރިންނާއި ޖެއްސުމަށް ފާސްކުރި އެއްޗެއްކަމަށް.
އެމްސް
04 July 2022
ރަޢިއްޔަތުންނޭ ތިކިޔަނީ ދައުލަތުގެ ބައިތުލްމާލުގެ ދަހިވެތިކަމުގަ އުޅޭ މަދު ބަޔަކަށްތޯ؟