ހެއްކާބެހޭ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެމްއެމްސީންގެ މެމްބަރުން ވާހަކަ ދައްކަވަނީ. -- ފައިލް ފޮޓޯ | ރައްޔިތުންގެ މަޖިލިސް
03 ޖުލައި 2022 - 17:37
ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި ހެއްކާބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި ނަމަ، އެ ބިލުގައިވާ މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާ ބާތިލްކުރަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަދު ނިންމައިފި އެވެ.
އެމްއެމްސީން މިއަދު ބޭއްވި ޖަލްސާއެއްގައި މުހިންމު ދެ ނިންމުމެއް ނިންމާފައިވެ އެވެ. އެއީ؛
- މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ މާއްދާއެއް މިހާރު އޮތްގޮތުން ކައުންސިލްގެ ކަންބޮޑުވުންތަކެއް އޮތުމުން އެ މާއްދާ އިތުރަށް ދިރާސާކޮށް ގޮތްތަކެއް ހުށަހެޅުމަށް އެ ކައުންސިލްގެ އެތިކްސް އެންޑް ލީގަލް ކޮމިޓީ އަށް ފޮނުވުން.
- ހެއްކާބެހޭ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި ނަމަ، އެ ބިލުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާ ބާތިލްކުރަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުން.
ނޫސްވެރިންގެ މަސްދަރު ހާމަކުރުން މަޖުބޫރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ހެއްކާބެހޭ ބިލު ފާސްކުރީ، މިހާރު އޮތް ގޮތަށް ފާސްނުކުރަން ރާއްޖޭގެ މީޑިއާތަކާއި އެމްއެމްސީ އާއި ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މަޖިލީހުގައި އެދިފައި ވަނިކޮށެވެ.
އެ މައްސަލައިގައި ނޫސްވެރިން މަޖިލިސް ދޮށަށް އެއްވެ، އަޑު ވެސް އުފުލި އެވެ. އެކަމަކު އެ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅީ އެ ބިލަށް ވޯޓު އެހުން ނޫން ގޮތެއް މިވަގުތު ނެތް ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލުގައިވާ ގޮތުން ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަށް އެންގިދާނެ އެވެ. އެކަމަކު މަސްދަރު ހާމަ ނުކުރުމުގެ ހައްގު ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދެ އެވެ.
އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމްއެމްސީން ރައީސް މިދިޔަ ބުރާސްފަތި ދުވަހު ރައީސް އަށް ސިޓީ ވެސް ފޮނުވި އެވެ. އެ ސިޓީގައި އެދިފައި ވަނީ އެ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވެގެންދާ ގޮތަށް އޮތް ބިލަކަށް ވާތީ އެ ބިލް ތަސްދީގު ނުކުރައްވައި، މަޖިލީހަށް އަނބުރާ ފޮނުވާލެއްވުމަށެވެ.
މަޖިލީހުން ފާސްކުރާ ބިލްތައް ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލެއްވުމުގެ އިހްތިޔާރު ރައީސަށް އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
04 July 2022
3 ބާރު ވަކިވެފަ އޮންނަ އިރު، 1 ބާރު އަނެއް ބާރަށް ފޯރުވޭނެ ނުފޫޒެއް ނޯންނާނެ! ކޯޓްތަކުން ޕްރެކްޓިސް ކުރާނީ ހެދިފަ ހުންނަ ޤާނޫނުތައް! ޤާނޫނެއް މުގުރާލަން ކޯޓަށް ދިއުމީ މިދިޔަ ސަރުކާރުގެ އާދައެއް!
ސަކީނާއްތަ
04 July 2022
ބިރު ދައްކާނެކަމެއް ނެތް. ސްޕްރީމް ކޯޓުން ވެސް ނިއްމާނީ ގާނޫނު އަސާސީގެ ތެރެއިންވެސް މަސްދަރު ހާމަކުރާގޮތަށް. މަގުމަތިން މަޖްލިހުގެ ރައީސްއާ ތިގޮތަށް ވާހަކަ ދެއްކުމުން ކަންކަން ހަމަނުޖެހޭނެ.
ވިކިލީކްސް
04 July 2022
ނޫސްވެރިންނަށް ބޭނުން ކޮންމެ ލިޔުމެއް/ ފޮޓޯއެއް ޕަބްލިޝް ކުރެވެން ޖެހޭނެ. ނަމަވެސް އެއީ އަނެކާގެ އަބުރަށް އަރައިގަންނަ އަދި މީހުންގެ ތެރޭގައި ކިޔަން ނުވާކަހަލަ ވާހަކައެއް ނުވަތަ ފެންނަން ލަދުގަންނަ ފޮޓޯއަކަށް/ މަންޒަރަކަށް ވެގެން ނުވާނެ! ނޫސްވެރިކަމުގެ ކޯޑް އޮފް އެތިކްސް އާ ޚިލާފުވެގެން ނުވާނެ! މަސްދަރު ހާމަކުރަން ކޯޓުން އެދިއްޖެނަމަ އެ ހާމަކުރަންޖެހޭނެ! އެހެންވެ އަސްލު ނޫސްވެރިޔާގެ ސަލާމަތަށް މަސްދަރު ރައްކާކޮށްފަ ބާއްވަން މިޖެހެނީވެސް!
ސީޓުރެކް
04 July 2022
ތިއޭ މައްސަލައަކީ! ތިޔަބުނަނީ ނޫސްވެރިން ބޭނުން އެއްޗެއް ޖެހެންވާނޭ އެކަމަކު ކޯޑްއޮފް އެތިކްސްއާއި ޚިލާފުވެގެން ނުވާނޭ.. ބައެއް ސިޔާސީ ނޫސްތަކުން ހަގީގަތެއް ނުބަލާ ކޯޑްއޮފްއެތިކްސް އެއީ ކޯއްޗެއްކަން ނޭނގޭއިރުވެސް ހިތުހުރިއެއްޗެއް ޖަހާތީއޭ މައްސަލަޖެހެނީ.
ދިއްދޫމީހާ
04 July 2022
މަސްދަރު ހާމަކުރަން ޖެހޭނީ އާއްމު ރައްޔިތު މީހެއްގެ އަބުރާ ބެހިގެން، ސަރުކާރުގެ ވަޒީފާގައި ތިބޭ ބަޔަކުގެ ވާހަކަ ދައްކާގެން މަސްދަރު ހާމަ ކުރާކަށް ނުޖެހޭނެ އެމީހުން އެތިބެނީ ރައްޔިތުންގެ ހާދިމުން ގޮތުގާ ރައްޔިތުން މުސާރައާ ދުއްވާނެ ކާރާ ޖަމަލާ މަހަށް ދާނެ ގިރިޔަ ދާންދެން ދީފާ ދެން ގޮސް އަލަމްގިރިއަ އަރާގެން ފުންނުވެގެން އުޅުނީމާ އެވާހަކަ ދައްކާގެން މަސްދަރު ހާމަ ކުރާކަށް ނުޖެހޭނެ..
ދެނޯ
03 July 2022
ދިޔައިމަ ކިހިނެއް ވާނެކަމަށް؟
ބޮޑުމަސްގިރި
03 July 2022
ބޮޑެތި މަސްދަރުތަކުގެ ވީޑިޔޯ މިހާރުވެސް އެއޮއްގެން ލީކުވަނީ. ދެން އެފޮރުވަން ތިހާވަރަކުން އުޅެނީ ކީއްކުތަން؟
ކޮބާ ހީވޭ
03 July 2022
މީޑިއާ ކައުންސިލުން މިގޮތައް އިންޒާރު ދެވޭބާ ޕާލިމެންޓު އަށާ ރައީސް އައް. މި ހާރު ތިތިބީ ސައިޒު އޮޅިފަ.
އަލޫ
03 July 2022
އަވަހަށް އުވާލަ
ހައްޕުނޑު
03 July 2022
ވަކިވަރަކަށް ކަންކަން ދިޔައިމާ، އަތުން ފައިން ދެންހެދޭނީ ހައްތަހާވެސް ގޯސް
ހަސަންދީ
03 July 2022
މަސްދަރު ހާމަ ކުރަންޖެހޭ ކަންކަމުގައި ހާމަ ކުރަންވާނެ މީހެއްގެ އަބުރު ވެއްޔާ މޮޑޮލުމަކީ ނޫސްތަކުން އުފަލަކަށް ހަދައިފި
ކިރު ސައި
03 July 2022
ނޫސްވެރި ކަމޭ ކިޔާއިރު އެެއްވެސް ގޮތެއް ފޮތެއްނެތް މީހުން ގިނައީ. ކޮންމެވެސް ސިޔާސީ މީހެއްގެ ޖީބުތެރޭ އޮންނަނީ. ދެން ކަމެއްގެ މަސްދަރު ހާމަކުރަން ޖެހިއްޖެ ހާލަތުގައި އެކަން ކުރަން ޖެހޭނީ. ރައްޔިތުންގެ އިތުބާރު ހޯދަން ބޭނުންނަމަ ފޮނުއެރުވުން ހުއްޓާލާ.