ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފި އެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން އެ މަގާމަށް ކުރިމަަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ރައީސް މުއިއްޒަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ އިއްޔެގަ އެވެ. އެ ލަފާއާ އެއްގޮތަށް ރައީސް، ސަމީރުގެ ނަން މަޖިލީހަށް ފޮނުވާފައިވާއިރު އެ މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ. 

ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވި އެވެ. 

ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށް ފަހު، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ސަމީރު އަދާކުރެއްވި އެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަނީ އަމިއްލަ ލޯފާމެއްގަ އެވެ. 

މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ސަމީރު މާސްޓާސް ޑިގްރީ ހެއްދެވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯ އިންނެވެ.