ރިޕޯޓް

ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!

މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލިޔުމާ އެކު: ޖޭއެސްސީން ސުލޫކީ މައްސަލަ ބެލި އިޖުރާއަތާ ގުޅޭ ގޮތުން ސުވާލު ގެންދަނީ އުފައްދަމުން - ފޮޓޯ: ނިޝާން އަލީ / މިހާރު

މީގެ ފަސް އަހަރު ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ނެރުއްވި ހުކުމެއްގައި އޮތެވެ؛ "މިއަދު އަހުރެން ލަދުވެތިކަމާ އެކު ފާހަގަކުރަން ޖެހެނީ، ދިވެހި ކޯޓުތަކުން ހިޔާރުކުރީ ގާނޫނުއަސާސީ އާއި އިސްލާމީ ޝަރީއަތުގައިވާ ޕްރިންސިޕަލްސް އޮފް ނެޗުރަލް ޖަސްޓިސްގެ އަސާސީ އުސޫލުތައް ތަޖާހުލްކޮށް މުގުރާލުމަށެވެ."

"މި މައްސަލައިގައި މިއޮތީ މީހެއްގެ އަސާސީ ހައްގު ކަށަވަރުކޮށްދިނުމުގެ ބަދަލުގައި ޝަރުއީ ކޯޓުތަކުން އަސާސީ ހައްގެއް ނިގުޅައިގަނެފަ އެވެ."

ފަނޑިޔާރު ލިޔުއްވާފައިވާ ގޮތުގައި މީހާއަށް ދިފާއުވުމަށް ފުރުސަތު ނުދީ، ހުކުމަށް އެ މީހާ ތަބާވުން ލާޒިމްކަމަށް ނިންމާފައިވަނީ ބުއްދި ސަލާމަތުން ހުރި އެންމެ އާދައިގެ އިންސާނަކަށް ވެސް އިންސާފު ގާއިމްކުރުމުގައި ގެންގުޅެންޖެހޭ ހަމަތައް ކަމަށް ގަބޫލުކުރެވޭނެ އެންމެ އަސަސީ މިންގަނޑަށް ވުރެ ދަށް މިންގަނޑަކުންނެވެ.

އެއީ ނެޗުރަލް ޖަސްޓިސްގެ މަފުހޫމާ ހިލާފުވުމެވެ!

އަޒްމިރަލްދާ ލިޔުއްވާފައިވާ ގޮތުގައި މި ޒަމާނުގެ ނަމުން ނަމަ، ނެޗުރަލް ޖަސްޓިސް އަކީ މީގެ އެތައް ޒަމާނެއް ކުރިން މުސްލިމުން ޝަރީއަތްކުރުމުގައި ބަލަންޖެހޭ އާންމު އުސޫލު ކަމަށް އުމަރުގެފާނު ބަޔާން ކުރެއްވި އުސޫލުތަކެވެ. އުމަރުގެފާނުގެ ހަލީފާކަމުގެ ދުވަސްވަރު އިރާގުގެ ކޫފާއަށް އައްޔަންކުރެއްވި ގާޒީއަށް ފޮނުއްވި ސިޓީފުޅުގައި އެ އުސޫލުތައް ބަޔާންކޮށް ދެއްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ސުޖޫން ނެރުއްވި ހުކުމެއްގައި ތަފްސީލްކޮށް ދެއްވާފައިވާ ގޮތުގައި ނެޗުރަލް ޖަސްޓިސްގެ މަފްހޫމަކީ، އަދުލުވެރިކަމާއި ހާމަކަމާ އެކު ޝަރީއަތް ކުރުމާ ވަރަށް ގާތް އެހެނަސް ވަކި މަފްހޫމެކެވެ. ނެޗުރަލް ޖަސްޓިސްގެ މަފްހޫމުގެ ތެރޭގައި ވެސް އެކިއެކި ކަންކަން ހިމެނެ އެވެ.

އެގޮތުން، އެ މަފްހޫމުގެ ތެރޭގައި ހިމެނޭ އެންމެ އަސާސީ އުސޫލުތަކުގެ ތެރޭގައި މީހަކާ މެދު ގޮތް ކަނޑައެޅުމުގެ ކުރިން އެކަމުގެ މައުލޫމާތު އެ މީހަކަށް ދިނުމާއި އެ މީހަކަށް އެކަމުގެ މައްޗަށް ބަސް ބުނުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ. އަދި މީހަކާ މެދު ގޮތް ކަނޑައަޅާ މީހެއްގެ މަސްލަހަތެއް އެކަމުގައި އޮވެގެން ނުވުމާއި ވަކި ފަރާތަކަށް ނުޖެހުން ހިމެނެ އެވެ.

މީހަކާ މެދު ގޮތް ކަނޑައަޅަންވާނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށްގެން ކަމާއި ހީވާ އެއްޗެއްގެ މައްޗަށް ނުވަތަ އެނގިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަން އެއީ ނެޗުރަލް ޖަސްޓިސްގެ ވަރަށް އަސާސީ ކަމެކެވެ. އޭގެ އިތުރުން ނިންމާ ނިންމުމަކީ ހާލަތާއި ވަށައިގެންވާ ކަންކަމަށް ބަލާއިރު އެކަށޭނަ ނިންމުމެއް ކަމުގައިވުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ފަނޑިޔާރު ޝުޖޫން ލިޔުއްވާފައިވެ އެވެ.

ނެޗުރަލް ޖަސްޓިސްއާ ގުޅޭ ގޮތުން ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް "މިހާރު" އާ ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް މީހަކާ މެދު، އަދި ވަކިން ހާއްސަކޮށް ދައުލަތުގެ މުވައްޒަފަކާ މެދު ތުހުމަތެއް އޮތް ނަމަ އެ ތުހުމަތު އެމީހަކާ ކުރިމަތިކޮށް، އެކަމާ މެދު އޭނާ ބުނާ އެއްޗެއް ރެކޯޑު ކުރުމަކީ ނެޗުރަލް ޖަސްޓިސްގެ އެންމެ އަސާސީ އެއް ސިފަ އެވެ.

"...އެމީހާ ބުނާ އެއްޗެއް ގަބޫލުކުރުމާއި ނުކުރުމަކީ އަދި އެހެން ކަމެއް. އޭނާ އަށް، އޭނާ ދެކޭ ގޮތް ހާމަކުރަން ފުރުސަތު ދޭންޖެހޭ. އޭނާގެ ދިފާއުގައި ދެއްކި ވާހަކައާ މެދު ތުހުމަތު ކުރިމަތިކުރި އިދާރާއިން ދެކޭގޮތް، އެ އިދާރާގެ ރިޕޯޓުގައި އޮންނަންޖެހޭނެ،" ޝަމީމް ވިދާޅުވި އެވެ.

"އެހެން ނޫނީ، އަނިޔާވެރިކަން ފެތުރިދާނެ. އެއީ، އޭނާގެ ޖަވާބާ މެދު ދެކޭ ގޮތް ހާމަނުކުރާ ނަމަ އޭނާއަށް ވެސް އަދި އެހެން މީހުންނަށް ވެސް މި ޕްރޮސެސް ހިނގީ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭނެތީ."

ކުރީގެ ޕްރޮސިކުއުޓާ ޖެނެރަލް ހުސައިން ޝަމީމް: އެއްވެސް ނިންމުމެއް އިންސާފުވެރިވާނީ، އެ ނިންމުމަށް ވާސިލުވިގޮތް އިންސާފުވެރިވެގެން ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޝަރީއަތް ކުރުމުގައި އެކަންޏެއް ނޫނެވެ. މީހެއްގެ މައްޗަށް ހިންގާ ތަހުގީގުތަކާއި އިދާރީ ފިޔަވަޅު އެޅުމުގައި ވެސް ތަބާވާން ޖެހެނީ މި އަސާސްތަކުގެ މައްޗަށެވެ.

ދެ ފަނޑިޔާރުންގެ މައްސަލައިގައި ނެޗުރަލް ޖަސްޓިސްއާ ހިލާފުވުމުގެ ތުހުމަތު!

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބަލައި، އެ ފަނޑިޔާރުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަގާމުން ވަކިކުރަން ވަނީ ނިންމައިފަ އެވެ. އެއީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލަ އެވެ.

އެ މައްސަލަ ބަލައި ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން އެކުލަވާލި ރިޕޯޓްތައް އާންމުވިއިރު ގާނޫނީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވީ ނެޗުރަލް ޖަސްޓިސް ގާއިމުވެފައި ނެތުމުގެ ޝަކުވާ އެވެ. ބަންދުކުރި މީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ސާބިތުވާ ކަމަށް ކަނޑައެޅި އިރު ހެއްކަށް ރިއާޔަތްނުކޮށް ހީވާ ހީވުންތަކެއްގެ މައްޗަށް ތަހުގީގު ނިންމުމެވެ.

ފަނޑިޔާރު ޝުޖޫން ވިދާޅުވެފައިވާ އަސާސީ ހަމަތައް މި ތަހުގީގުގައި ފަނޑިޔާރުންނާ މެދު ގޮތެއް ކަނޑައެޅިއިރު ދަމަހައްޓާފައި ނެތް ކަމުގެ ތުހުމަތެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް ފާހަގަކުރައްވާ ގޮތުގައި ޖޭއެސްސީގެ ތަހުގީގައި އިޖުރާއީ ގިނަ މައްސަލަތަކެއް އެބަ ހުއްޓެވެ. އަސާސީ ހައްގުތަކެއް ވެސް އޮތީ ކަށަވަރުކޮށް ނުދީ އެވެ. އެގޮތުން ތަހުގީގުގައި ފަނޑިޔާރާ ސުވާލުކުރިއިރު ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް ފުރުސަތު ދީފައިނުވާ ކަން ވަކީލް ފާހަގަކުރެއްވި އެވެ.

ޝަމީލް ވިދާޅުވި ގޮތުގައި މައްސަލައާ ގުޅޭ ލިޔުންތައް ފޯރުކޮށްދިނުމަށް އެދުމުން އެކަން ކޮށްދީފައެއް ނުވެ އެވެ. ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި ހެކިތައް ކޮމިޝަނުން ބަލައެއް ނުގަތެވެ. ކޮމިޓީގެ މެންބަރުންގެ މަސްލަހަތު ފުށުއަރާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ފަނޑިޔާރަށް ކުރާ ތުހުމަތު ބަދަލުވެގެން ދިޔުމަކީ ޖަވާބުދާރީވުމުގެ ފުރުސަތު އެއްކޮށް ގެއްލިގެންދިޔަ ކަމެއްގެ ގޮތުގައި ޝަމީލް ވިދާޅުވެފައިވެ އެވެ.

"ފުރަތަމަ ތުހުމަތު ކުރެވުނީ ފަނޑިޔާރު އަމިއްލަ އިސްނެގުމުގައި ކްރިމިނަލް ކޯޓުގެ ގާޒީންނަށް ސީދާ ގުޅައި ނުފޫޒު ފޯރުވި ކަމަށް. ފައިނަލް ރިޕޯޓުގައި ތުހުމަތު ބަދަލުވެފައިވަނީ ފަނޑިޔާރު މަހާޒު މެދުވެރިކޮށް ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް. މި ތުހުމަތަކަށް ޖަވާބުދާރީވާކަށް ފަނޑިޔާރަކަށް ފުރުސަތެއް ނުދޭ. އަދި ބަދަލުވީ ކޮން ގޮތަކަށް ކަމެއް ނޭނގޭ،" ވަކީލް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ: ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ސުލޫކީ މައްސަލަ ބެލި އިޖުރާއަތާ ގުޅޭ ގޮތުން ސުވާލު ގެންދަނީ އުފައްދަމުން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ފައިނަލް ރިޕޯޓާ މެދު ކޮމިޝަނުން ގޮތެއް ނިންމި ބައްދަލުވުމަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް އަޒްމިރަލްދާ އެދިވަޑައިގެންނެވި ނަމަވެސް، އެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ. ފަނޑިޔާރު މަހާޒު ވެސް ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީން ގޮތް ނިންމާފައިވަނީ ބޭއިންސާފު އިންތިހާއަށް އެކުލެވޭ ގޮތަށެވެ. އެގޮތުން ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލް ފޯރުކޮށްދީފައިނުވާ ކަމަށް ފަނޑިޔާރު ވެސް ވިދާޅުވި އެވެ.

"...އަދި ހަމައެއާ އެކު ތަހުގީގުގެ މަރުހަލާގައި ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު މައްސަލަ ބެއްލެވި ކޮމިޓީން އަޅުގަނޑަށް ދީފައެއް ނުވެ އެވެ،" ފަނޑިޔާރު މަހާޒުގެ ސިޓީއެއްގައި ވިދާޅުވެފައިވެ އެވެ.

ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލައެއް ބަލައި، ގޮތެއް ކަނޑައަޅަން ޖުޑީޝަލް ކޮމިޝަންގެ ގާނޫނުގައި ކަނޑައަޅާފައިވަނީ ނިސްބަތުން ވަރަށް ދަށް މިންގަނޑެކެވެ. އެ ގާނޫނުގައިވާ ގޮތުން ފަނޑިޔާރަކާ މެދު ހުށަހެޅޭ ޝަކުވާއެއްގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާ ނުވަތަ ކޮމިޝަނުން އެ މައްސަލައާ ގުޅިގެން ހޯދާ ހެއްކާއި ގަރީނާއަށް ބަލާއިރު އެ ކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ބުއްދީގެ ހަމަތަކުން ބުރަވެވޭ ނަމަ، އެ ޝަކުވާއެއް އެ ފަނޑިޔާރަކާ ދެކޮޅަށް ސާބިތުވާ ކަމަށް ކޮމިޝަނުން ނިންމަންވާނެ އެވެ.

ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ތަހުގީގު ކޮމިޓީން ނިންމާފައިވާ ނިންމުމުގައި ވަރަށް ބޮޑަށް މިކަން ފާހަގަކޮށް، ބުއްދިއަށް ގަބޫލު ކުރެވޭ ގޮތުން ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި، ދަށު ކޯޓެއްގެ ގާޒީއަކަށް މައްސަލައަކާ ގުޅޭ ގޮތުން ގުޅިކަން ސާބިތުވާން އޮތުމުން، އެއީ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމް ސިފަތަކެއް ނެތިގެންދާ ކަމެއް ކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެކަން، ގާޒީންގެ ހެކިބަހުން ސާބިތުވާ ކަމަށް ވެސް އޮތެވެ.

"ފަނޑިޔާރެއްގެ ފިރިމީހާގެ ބަންދާ މެދު ގޮތް ކަނޑައެޅުމަށް ހާޒިރު ކުރެވޭ ކޯޓުގެ އެހެން ފަނޑިޔާރަކަށް ވެސް އޭނާގެ ބަންދާ ގުޅޭގޮތުން މުއާސަލާތުކޮށް ގުޅުމަކީ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހާޒިރު ކުރެވޭ ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތާ ސީދާ ގޮތުން ބެހި ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ އަމަލަކަށް ނޫނީ ނުވާނެ،" އެ ރިޕޯޓުގައިވެ އެވެ.

އެކަމަކު، އެކަން ސާބިތުކޮށްފައިވަނީ ހަމަ އެކަނި ބުއްދިއަށް ގަބޫލު ކުރެވޭ ހީކުރުންތަކެއްގެ މައްޗަށް، ހެކިތައް އެއް ފަރާތްކޮށްފައި ކަމަށް ފަނޑިޔާރުންގެ ފަރާތުން ބުނަމުންދާއިރު، ރިޕޯޓާ މެދު ގޮތެއް ނިންމުން ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ އަތްމަތީގަ އެވެ.

"ސާފު ހެކިތަކުން ފެންނަން އޮތް ކަމެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ހަގީގަތް އެއްފަރާތް ކުރައްވާފައި، ކަނޑައެޅިގެން ގާނޫނު އެއް ފަރާތް ކުރައްވާފައި އިންތިހާއަށް ބޭ އިންސާފު ނިންމުމެއް ނިންމީ. އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މި މައްސަލާގައި ފަނޑިޔާރުގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރައްވަންޖެހޭ އަސާސެއް އޮތް ކަމަކަށް. އެހެން ނަމަވެސް ކޮމިޝަނުން ކަންކަން ނިންމުމުގައި ރިއާޔަތް ކޮށްފައި ހުރީ ބުއްދީގެ ހަމައަށް ވުރެ ބޮޑަށް ހިޔާލީ ފޮލާއަކަށް،" ޝަމީލް ވިދާޅުވެފައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކު: ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ސުލޫކީ މައްސަލަ ބެލި އިޖުރާއަތާ ގުޅޭ ގޮތުން ސުވާލު ގެންދަނީ އުފައްދަމުން - ފޮޓޯ: ނިޝާން އަލީ / މިހާރު

ޖުޑިޝަރީ ކޮމިޓީގެ ކުރީގެ ނިންމުމެއް؛ އިޖުރާއީ އަދުލުވެރިކަން އޮންނަން ޖެހޭނެ!

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހައި ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުއްރައޫފް އިބްރާހިމް އަދި އަބްދުﷲ ހަމީދާ މެދު ފިޔަވަޅު އަޅަން ނިންމައި ޖޭއެސްސީން އެ ކޮމިޓީއަށް މައްސަލައެއް ފޮނުވި އެވެ.

އެއީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއަށް އިއްވި ހުކުމެއްގެ މުގާބިލްގައި ހާއްސަ ރޭޓެއްގައި ފްލެޓްތަކެއް ބައްލަވައިގަތުމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާތަކެއް ކުރެއްވި ކަމަށް ބުނެ ބެލި ސުލޫކީ މައްސަލައެކެވެ. އެ މައްސަލާގައި އެންމެ ފުރަތަމަ ޖޭއެސްސީން ނިންމީ މައްސަލަ ސާބިތުނުވާ ކަމަށެވެ.

ނަމަވެސް، ފަހުން އިތުރު ކަންތައްތަކެއް ބެލުމަށް ފަހު، ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން ނިންމި އެވެ. މި ނިންމުން ޖޭއެސްސީން ނިންމީ ކުރިން އެ މައްސަލަ ބެލި ކޮމިޓީގެ މެންބަރުން ބަދަލުކޮށްގެން، އަވަސް އަރުވާލައިގެންނެވެ.

ފަހުން އެކުލަވާލި އެ ރިޕޯޓަށް ޖަވާބުދާރީވާން ފަނޑިޔާރުންނަށް ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ، އެ ފަނޑިޔާރުން މަޖިލީހަށް ސިޓީ ފޮނުއްވި އެވެ.

އެ ސިޓީތަކަށް ރިއާޔަތްކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ މައްސަލަ ބެލުމުގައި ޖޭއެސްސީން ބައެއް އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށެވެ. މައްސަލައިގައި އިޖުރާއީ އަދުލުވެރިކަން ގާއިމްވެފައިނުވާ ކަމަށެވެ. އެހެންވެ، އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމަށްޓަކައި، އިޖުރާއީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން އަލުން ޖޭއެސްސީއަށް މައްސަލަ ފޮނުވާލަން ކޮމިޓީން ނިންމި އެވެ.

އެކަމަކު، ޖުޑިޝަރީ ކޮމިޓީން ނިންމި އެ ނިންމުމަށް މަޖިލީހުގެ ތަޅުމުން ތާއިދެއް ނުކުރި އެވެ. މަޖިލީހުން ފާސްކުރީ ޖޭއެސްސީން ނިންމާފައި އޮތް ގޮތަށް ފަނޑިޔާރުން ވަކިކުރާށެވެ. އޭރު އެ ފަނޑިޔާރުންނަކަށް ނެޗްރަލް ޖަސްޓިސްއެއް ނުލިބުނެވެ.

އިޖުރާއީ ހުރިހާ ކަމެއް ފުރިހަމަކޮށް، ނެޗްރަލް ޖަސްޓިސް ގާއިމްކޮށްގެން ނޫން ގޮތަކަށް އެއްވެސް މީހަކާ މެދު ގޮތެއް ނިންމައި، ފިޔަވަޅު އަޅައިގެން ނުވަނީ މިހެންވެ އެވެ؛ ކުރީގެ ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި ޕްރޮސެސް އިންސާފުވެރި ނުވާ ނަމަ، ޖުޑީޝަލް ރިވިއުއެެއްގެ ތެރެއިން އެ ނިންމުމެއް ބާތިލްކުރުމަކީ ގާނޫނީ ލިބިދޭ ހައްލެކެވެ.

އޭނާ ވިދާޅުވީ، އެއްވެސް ނިންމުމެއް އިންސާފުވެރިވާނީ، އެ ނިންމުމަށް ވާސިލުވިގޮތް އިންސާފުވެރިވެގެން ކަމަށެވެ. ނިންމުމަށް ވާސިލުވި ގޮތް އިންސާފުވެރި ނޫން ނަމަ، އެ ނިންމުން ކިތަންމެ ރަނގަޅަސް، އެ ނިންމުން އިންސާފުވެރިއެއް ނުވާނެ، ކަމަށް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ހުކުމެއްގައި ލިޔުއްވާފައިވާ ގޮތުގައި އިންސާފުން ޝަރީއަތް ހިންގިކަމާ މެދު ސުވާލު އުފެދޭނެ އަދި އެކަމުގައި ހުރަހަކަށްވާނެ އެއްވެސް ކަމެއް ނުވަތަ ޝައްކެއް އޮވެއްޖެ ނަމަ، އެކަމަކުން ދުރުހެލުވުމަކީ އަދާލަތު ގާއިމް ކުރަން ނުހުނު މުހިންމު ކަމެކެވެ.

ކޮންމެ މީހަކާ މެދު ވެސް އަދުލުވެރިވާން ނެޗުރަލް ޖަސްޓިސް ގާއިމް ކުރަން ޖެހެ އެވެ.

26 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރުތަލް

08 May 2025

މަގު މަތިން ނެޗުރަލް ޖަސްޓިސް ގާއިމް ކޮށްފަތޯ އަޅުގަނޑު މެން އަތުން ޓްރެފިކު ފައިސާ އެއޮށް ނަގަނީ؟

The name is already taken The name is available. Register?

1181

08 May 2025

އެމް.ޑީ.ޕީން ބުނާ ކަހަލަ ހަމައެކަނި އެމީހުން ބޭނުން ބަޔެކޭ ސުޕްރީމް ކޯޓު ބެންޗުގައި ތިބެންޖެހޭނީ. އަދި އެމް.ޑީ.ޕީ އަށް އެކަންޏޭ ސުޕްރީން ކޯޓު ބެންޗު ބަދަލުކުރެވޭނީވެސް. ޢެމް.ޑީ.ޕީން 2018 ވަނަ އަހަރު ވެރިކަމަށް އައިއިރު ސުޕްރީމް ކޯޓު ބެންޗުގައި އިން އެކަކުވެސް 2023 ވަނަ އަހަރު ފެށުންއިރު ނެތް. މުޅި ބެންޗު ބަދަލުކޮށްފަ. އަދި އެވެސް ގިނައިން ޕާޓީގެ އެކްޓިވިސްޓުން.

The name is already taken The name is available. Register?

ކުޑަ ވަކީލު

08 May 2025

ހަގީގަތަކީ ހުރިހާ ސަރުކާރުތަކުގެ އަމާޒަކީ ޖުޑިޝަރީއާމެދު އަދި ފަނޑިޔާރުންނާމެދު ރައްޔިތުންގެ ހިތުގަ ނަފްރަތާއި ރުޅިވެރިކަން އުފެއްދުން. އޭރުން ސިޔާސީ މީހުންގެ މަކަރާއި ހީލަތުން ހިންގާ ޖަރީމާތަކާ ގުޅޭގޮތުން ކޯޓުތަކުން ނިންމާ ނިންމުންތައްވެސް ބަލައިނުގަންނާނީ. އެއްވެސް ވެރިކަމެއްގަ ހެޔޮހިތުން ހެޔޮނިޔަތުގަ ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތެއް ނުކުރެ. މުޅިންވެސް އަމިއްލަ އެޖެންޑާ ހާސިލްކުރުމުގެ މަސައްކަތްކުރަނީ

The name is already taken The name is available. Register?

ބޯހަލާކުވޭ

08 May 2025

އަފީފު ދީދީ މާ އޮނަރަބަލް ވެގެން ކަމެއް ނުކޮށް މި ނޫހަށް ކޮމެންޓް ކުރާ މައްސަލަ ބަލާނެ ފަނޑިޔާރެއް ނެތްތަ.

The name is already taken The name is available. Register?

ނެޗުރަލް ޖަސްޓިސް

08 May 2025

އޭރު ކަލޭމެން އައްޔަނުކުރީވެސް އޭރުތިބި އެންމެން އެއްކޮއް ބޭރުކޮއްފަ އޭރު ތިޔަބުނާ ނެޗުރަލް ޖަސްޓިިސްސެއް ނެތް. މިހާރު ކަލޭމެން ވަކިކުރަން އުޅޭތީ ނެޗުރަލް ޖަސްޓިސް އައީ

The name is already taken The name is available. Register?

ކުލްސަން

08 May 2025

މަހާޒު އާއި އަޒްމިރާލްދާތަ ކަލޭމެން ވަޒީފާއިން ވަކިކުރީ؟ ކޮންމެ މީހަކަށްވެސް އެ މީހެއްގެ ދިފާއުގައި ވަކާލާތު ކުރެވޭނެ. އޭރު ޕެކެޖު ނަގައިގެން ފިލި މީހުންނާއި ދެން ތިބި މީހުން އެކަމަށް ފައިޓުު ނުކުރުމަކީ މި ދެ ފަނޑިޔަރުންނާ ބެހޭ ކަމެއް ނޫން. ތިހާ ޒާތީ ވާ އެއްޗެއް ނޫން.

The name is already taken The name is available. Register?

ހަނދާން ބަލި

08 May 2025

ހިތާމައަކީ މިހާރު އެއްވެސް ހަނދާނެއް ނެތް ހަމަ މި ސަރުކާރުން ކުރިން އަޒްމިރަލްދާއަށް ހަދާލި ގޮތެއް. އޭނާއަށްޓަކައި ހައިކޯޓުގެ ގޮތްޕެއް ހަދައި އެތަނަށް ފޮނުވާލި ހަނދާނެއް. އޭރަކުވެސް އޭނާއަކަށް ނެޗުރަލް ޖަސްޓިސްއެއް ނުލިބޭ. ފުލެޓުތަކާ އެއްޗެހި ނަގައިގެން ވަޒީފާއިން ކެނޑި މީހުން ހަމަ އުފަލުގައި އެ އުޅެނީ އެތަންތަން ކުއްޔަށް ދީގެން.

The name is already taken The name is available. Register?

ނެޗުރަލް

08 May 2025

ނެޗުރަލް ޖަސްޓިސްއަށް ވާގޮތް އެބަ ފެނެއެވެ. 2008 ގައި ދެ ޕާޓީއަކުން އޮޅުލައިގަނެގެން ސްޕްރީމް ކޯޓު އުފެއްދީމާ އެއޮތީ ނެޗުރަލް ޖަސްޓިސް ވެފައެވެ. އޭގެ ފަހުން ޢަބްދުﷲ ގާޒީ ވަގަށް ނެގީއެވެ. އެއީ އެ ބުނާ ނެޗުރަލް ޖަސްޓިސް ތޯއްޗެކެވެ. އަދި އަދަށްދާނދެންވެސް ޢަބްދުﷲ ގާޒީއަކަށް ނެޗުރަލް ޖަސްޓިސް ލިބި އިންސާފު ލިބިއެއް ނެތެވެ. ތިޔަ މީހުން ތިކިޔާ ނެޗުރަލް ޖަސްޓިސްއަކީ މިއީ ތޯއްޗެކެވެ.

The name is already taken The name is available. Register?

ބުރަދަން

08 May 2025

މިކަން ހިނގި ގޮތުގަ ނެޗުރަލް ޖަސްޓިސް ގާއިމް ނުކޮށް އޮތް ތަނެއް ނުފެނޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 May 2025

އިސްލާޙް ކުރި ޤާނޫނުއަސާސީ އާއި އެއްގޮތަށް އުފެއްދި ދައުލަތުގެ ސުޕްރިމްކޯޓް ބެންޗްގައި 7 ފަނޑިޔާރުން ތިއްބަވަނިކޮށް "ވެރިކަމުގައި ތިބި ބައެއްގެ މަސްލަހަތަށްޓަކާ" ދެ ފަނޑިޔާރަކު ބޭރު ކުރުމަށްފަހު ރައީސް އިބްރާހިމްގެ ސަރުކާރުން އަނެއްކާވެސް ފަނޑިޔާރުންގެ އަދަދު 7 ކަށް ބަދަލުކޮށް ފަނޑިޔާރުންގެ ބެންޗަށް މަޝްހޫރު ޤާނޫނީ އަދި އަބުރުވެރި އެމީހުންގެ މާޒީގައިވެސް މުޑުދާރު އަމަލު ތަކެއް ކޮށްފައިނުވާ ބަޔަކު ފަނޑިޔާރުންނަށް އައްޔަން ކުރިތަން ފެނިގެން ދިޔަ.

The name is already taken The name is available. Register?

ގަދަބާރު

08 May 2025

އެމީހުން އަސްލުވަނީ ގިނަ މީހުނައް ނޭނގޭ ގޮތައް ވަކިކަންކަމު އަދު ގެއްލުވާލާފައި. އެކަން އިނގޭ އެއް ހެއްކަކީ އެމްޑީޕީ އެހެންބަޔަކު ތިއްބާ ތިޔަ މީހުނެއް ނުލާނެ ގަދަ ބާރު ދައްކާފައި

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 May 2025

ފަނޑިޔާރުންގެ ތެރޭގައި މަޝްހޫރު ޤާނޫނީވަކީލު ހުސްނު އަލް ސުޢޫދު އާއި، އަޙްމަދު މުޢުތަސިމް އަދުނާނު (އުއްތަމަ ފަނޑިޔާރު) ޑރ އަޒުމިރަލްޑާ ޒާހިރު، އައިޝާ ޝުޖޫން މުޙައްމަދު، އަދި މަހާޒު އަލީ ޒާހިރު ހިމެނުމުން ބަޔަކުމީހުނަށް ބިރުހީވިޔަސް މިއީ ރާއްޖޭގެ ދުސްތޫރީ ޙަޔާތުގައިވެސް އުފެދުނު އެންމެ އިލްމީ، ޤާބިލް އަދި އަދުލުވެރި ފަނޑިޔާރުންގެމައްޗަށް އެކުލަވާލެވުނު ފަނޑިޔާރުންގެ ކަމަށް ރާއްޖޭގެ ހުރިހާ ދިވެހިން ކަހަލަގޮތަކަށް އެއްބަސްވެ އެވާހަކަ ދައްކާ އުޅުނު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 May 2025

ރާއްޖެއާއި ރާއްޖެއިންބޭރުގެ ޤަދަރުލިބިގެންވާ މަޝްހޫރު ޤާނޫނީ ޔުނިވަސިޓީތަކާއި ކޮލެޖްތަކުން ޤާނޫނީ އިލްމު ކިޔަވާވިދާޅުވެ އިސްލާމީ ޝަރީޢާވެސް ފިސަހަރި ރަނގަޅަށް އުގެނިވަޑައިގެން ކޯޓްތަކުގައި ވަކާލާތުކޮށް ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޒަމާނަށްފެތޭ ފަނޑިޔާރުންނާއިއެކު މުޅި ސުޕްރީމްކޯޓް ބަދަލުވެ ޝަރީއަތުގެ މަޖިލިސް ކުރިއާއި ޙިލާފަށް ހުޅުވި އަދުލުވެރިކަމާއި ހަމަހަމަކަމާއިއެކު ޝަރީއަތް ކުރިއަށް ދާތަން ފެނިގެން ދިޔަކަން އަހަރުމެން އެންމެނަށް އިގޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454