ފަނޑިޔާރުން އިއުތިރާޒު ނުކުރައްވާ ނަމަ މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުން ހުޅުވާލައިގެން ބާއްވަން ވެސް ބާ ކައުންސިލުން އެދުނު.
ބާ ކައުންސިލްގެ ރައީސް ހުސެއިން ސިރާޖް: ފަނޑިޔާރުންނަށް މަޖިލީހުގައި ޖަވާބުދާރީވާން ފުރުސަތު ދޭން ބާ ކައުންސިލުން ވަނީ އެދިފައި - ފޮޓޯ: މިހާރު
05 މެއި 2025 - 19:51
ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ބާ ކައުންސިލުން އެދިއްޖެ އެވެ.
އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިންގި ތަހުގީގުގައި އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގައި ބާ ކައުންސިލުން މިއަދު ދަންނަވާފައިވާނެ ކަމަށެވެ.
ފަނޑިޔާރުންނަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދީ، ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ނިންމާފައިވާ މައްސަލައެއްތޯ އާއި އެ ނިންމުމަށް ވާސިލް ވެފައިވަނީ ބުރަދަން ހުރި ހެކީގެ މައްޗަށްތޯ އަދި ޑިއު ޕްރެސެސް ފުރިހަމަ ކޮށްފައިވޭތޯ ކަށަވަރު ކުރުމަށް ވެސް ބާ ކައުންސިލުން މަޖިލިހުގައި އެދުނެވެ.
މި މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގޮތެއް ނިންމާއިރު، އަދުލުވެރި ނިންމުމަކަށް ވާސިލްވުމަށްޓަކައި ފަނޑިޔާރުންނަށް ޖަވާބުދާރީވުމަށާއި ކަންބޮޑުވުންތައް ހިއްސާ ކުރައްވަން ފުރުސަތު ދެއްވުމަށް ބާ ކައުންސިލުން އެދިފައިވެ އެވެ. އަދި ފަނޑިޔާރުން އިއުތިރާޒު ނުކުރައްވާ ނަމަ އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ވެސް އެދިފައިވެ އެވެ.
މީގެއިތުރުން މި މައްސަލައާ ގުޅިގެން ބާ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް ވެސް އެ ކައުންސިލުން މަޖިލީހުގައި އެދިފައިވެ އެވެ.
ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައި ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފަ އެވެ.
އެ ސިޓީގައި އޭނާ ވިދާޅުވީ، ޖޭއެސްސީގެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު، ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި ވާއިރު ކޮމިޓީ މަރުހަލާ ވެސް މިއަދު ވަނީ ފަށައިފަ އެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ހުށަހެޅުއްވީ ކޮމިޓީގެ މެންބަރުން ރިޕޯޓް ދިރާސާކުރުމަށް ފަހު، އެއްވެސް ފަރާތެއް ހާޒިރުކުރަން ޖެހޭ ނަމަ އެކަން ކުރުމަށެވެ. އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު މުހައްމަދު އަލީ
06 May 2025
މީ ކިހިނެއް ވާ ކަމެއް ؟ ވަކި ސަރުކާރެއް އައުމުން ހައްޤު ތައް ހޯދަން ވަކާލާތު ކުރަން ތޯ މަޤާމުތަކަށް އަންނަނީ ؟ މީގެ ކުރިން ވެސް މިކަހަލަ ކަން ކަން ހިނގާ !! ޤާނޫނެއް ޤަވާއިދެއްގެ ރައްކާތެރިކަން ނެތިގެން ނޫޅޭ ބަޔަކު މިއަދު މިފެންނަނީ އެހެން މަންޒަރެއް !!! މަ ނުބުނަން އެއްވެސް އިރެއްގަ ކަން ހިނޤަނީ ޤާުނޫނު އަސާސީ އާ އެއްގޮތަކަށޭ . ބާރު އޮތް މީހާ ބާރުގެ ބޭނުންކޮށް ނިކަމެތި މިހާ ފުނޑާލައިގެންވެސް މަޤްސަދު ހާސިލް ވޭތޯ ބަލާ މަންޒަރު ފެންނަނީ .
ކަރީމު
06 May 2025
މި ބާކައުންސިލާ ނުބެހޭ ކަމެއް ދެން މަގައުމުގަ މިހާރަކު ނުހިގާ ރަށްރަށުގެ ކައުންސިލަށް ވުރެން މިިކައުންސިލްގެ ކަންތައް މާބޮޑު ހީވަނީ ދެން މީހެން ހުރިހާ ކަމަކާއި ބެހެން ޖެހޭ އަދި ޖަވާބު ދާރީވާންޖެހޭ ތަނަކީ
އ.ހ
06 May 2025
އެއްޔެ މިކަން މިއަށްވުރެން ވެސް ގޯސްކޮށް ކޮށްގެންގެން ގޮނޑިހުސްވީމަ ގޮނޑިޔަށް ވަޑާގެންނެވި ފަނޑިޔާރުން މިއަދު އެ ތަޖުރިބާ ކުރައްވަނީ ހަމަ އެސަފްޙާ އެވެ. އ.ހ
ޑީޑީގެ ކޮއްކޮ
06 May 2025
ޢިއްޔެ ތިޔަ ކަންތައް ތަޖުރިބާކުރި ފަނޑިޔާރުން ދޮގު ތުހުމަތުތަކާ ކުރިމަތިލާކަށް ނުޖެހެއެވެ.
އަފުން
06 May 2025
އެބަޔަކު ރުހޭ ސަރުކާރެއް އޮންނަ އިރު އެ ސަރުކާރަކުން ކުރާ ކަންކަން އެ ސަރުކާރަށް ތާއީދު ކުރާ މީހުންނަށް ހަމަ އޯކޭ، އިންސާފުވެރި ލޮލަކުން ހެޔޮ ނުބައި ވަކި ކުރުން ދިވެހިންގެ ދަށީ. ރަނގަޅަސް ނުބަޔަސް ކޮންމެ ސަރުކާރަކުންވެސް ސްޕްރީމް ކޯޓްގެ ބެންޗާ ދިޔައީ ކުޅެމުން. އެއިރަކު އޮންނަ ސަރުކާރަށް ތާއީދު ކުރާ މީހުން އެކަންކަން ދިޔައީ ދިފާއު ކުރަމުން. މިތާ ކޮމެންޓް ކުރައއްވާ ބޭފުޅުން ކުރިން ވިދާޅުވެފަ ހުރި ވާހަކަތައް އަލުން ހަނދާން އައުކޮށްލަބައްލަވާ.
ކޮރަލް
06 May 2025
ފުރަތަމަ ތިޔަ ތާ ނަން ބަދަލު ކުރަން ވީ އެވެ. ބާ ކައުންސިލް އެއް ނޫނެވެ. އާ ކައުންސިލް އެއް ބޭނުން ވެ އެވެ.
ބޮއު ހަލާކު
06 May 2025
އެންޑީޕީ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ވައުދުވިހެން އޮންނާނީ ޖުޑީސަލް ކަމިސަން މިނިވަން ކޮށްފައި ސީ ސާފުކޮށްފައި. މިވާހަކަ ނުލިޔަނީ ޖޭ ވާތީ ދޮތަ؟ ލަދުން ދޮތަ؟
ހާސިމް
06 May 2025
ޢަދި ކިރިޔާ؟ ކޮބާތަ ހިއުމްން ރައިޓްސް ކޮމިސަން؟ ޓްރާންސްފޭރަންސީ މޯލްޑިވްސް؟
ބަބުލް
06 May 2025
ފިރިކަލުން ސްޕާއަކަށް ވަނީމަ މިހުރިހާ ކަމެއް މިހެހުނީ. ކިހާ ދެރަ. ފިރެހެނުން ވިސްނަބަލަ އަޅެ އެތަންތަނަށް ނުވަދެބަލަ
ބުއްދިއަލީ
06 May 2025
ހުސްނީ މުބާރަކު' ކިހިނެތްތޯ ތި ހައްދަވަނީ، ކަމަކުނުދޭނޫންތޯ!
ޢަލިއ
05 May 2025
އިބްރާހީމް އެތާތިބި އެންމެން ވަކިކޮށް ރަށުކޯޓް ތަކުގެ މެޖިސްޓްރޭޓުންގެ ސްލޫކީއޭ ކިޔައިގެން ބިރުވެތިކަމެއްގެ ތެރޭގައި ބައިތިއްބައި އުޅުނުއިރު ތިބޭޅުން ކޮބައިތޯ؟ މީހަމަ ވަކިކުރަންވީބައެއް ނުފޫޒު ހިންގިވަރު އެނގޭ މިމީހުން މިއުޅޭވަރުން.