ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު: މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް ފަނޑިޔާރު ވަނީ އެދިވަޑައިގެންފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
05 މެއި 2025 - 09:32
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބާއްވާ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތުމުގެ ފުރުސަތަކަށް އޭނާ އެދިވަޑައިގެންފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް އިއްޔެ ވަނީ މައްސަލަ ފޮނުވައިފަ އެވެ. އެ މައްސަލަ މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅަން އެޖެންޑާކޮށްފައިވާއިރު މިއަދު 11:00 އަށް ޖުޑިޝަރީ ކޮމިޓީ ބާއްވަން ވަނީ އެޖެންޑާކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ފަނޑިޔާރު އަޒްމިރަލްދާ މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ ޖޭއެސްސީގެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެހެންވެ، އެ ނިންމުމާ ގުޅޭ ގޮތުން ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިއަށް ވަކީލަކާ އެކު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ، ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރަން ފުރުސަތު ދެއްވުމަށް އެދޭ ކަމަށް ފަނޑިޔާރުގެ ސިޓީގައިވެ އެވެ.
"އަދުލުއިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރު ކަމުގައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމެވުމުގެ ކުރިން ފަނޑިޔާރެއްގެ ޝަކުވާތަކެއް ހުރި ކަމަށް ފާހަގަކުރާ ހާލު އެ ޝަކުވާތައް އަޑުއެއްސުވުމަކީ ތިޔަ ކޮމިޓީން ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ދެކެން" ކަމަށް ސިޓީގައިވެ އެވެ.
ސުލޫކީ މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓާ މެދު ޖޭއެސްސީން ގޮތެއް ނިންމުމުގެ ކުރިން އެ ބައްދަލުވުމަށް ހާޒިރުވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރު އެދިވަޑައިގެންނެވި އެވެ. ނަަމަވެސް، އެ ފުރުސަތު ޖޭއެސްސީން ދީފައެއް ނުވެ އެވެ.
ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީޏް މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ބަލަމުންދެ އެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނާ މައްސަލަ އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާއިރު، ޖޭއެސްސީން އެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ މެދު ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަނީ މަޖިލީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޝަކުވާ ހުށަހަޅުއްވައިފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އޭރު ސަސްޕެންޑު ކުރި އެވެ. ނަމަވެސް ފަނޑިޔާރު ސުއޫދު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން އޭރު ސަސްޕެންޑްކުރީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައި އޮއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބް
05 May 2025
ނުދޭނެ. ނުކެރޭނެ ދޭކަށް.
އަސްލު......
05 May 2025
ސުޕްރިމްކޯޓުގެ ފަޑިޔާރަކަށް ކުރެއްވި ތުހުމަތަކުން ބަރީއަ ވުމަށް އެތުހުމަތުގެ މައްސަލަ ބައްލަވާ މަޖިލީހުގެ ކޮމެޓީ އަށް ހާޒިރު ކޮށްދެއްވުމަށް އެދިވަދައިގެން މަޖިލީހަށް ސިޓއަކުން ދެންނެވީމާ އިތުރު ބަހުސަކާއި ނުލައި އެފުރުސަތު ދެއްވަންޖެހޭނެކަމަށް ދެކެކެން......
މުނާލ
05 May 2025
ޔާމީނު މަތިން ތިޔަމީހުން ހާދަ ހަނދާން ވާނެއޭ ދޯ؟
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
05 May 2025
ޖޭއެސްސީ މިނިވަން ނޫންކަން އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް. އެކަމަކު ރައީސްއަށް ކޮންމެ ފަހަރަކު ސުވާލު ކުރުމުން ތިއީ ތިމަންނައާ ބެހޭ ކަމެއް ނޫނޭ ބުނަން ކެރޭ. އެކަމަކު މިކަމުގައި ކުށްވެރިވަނީ ހުދު ރައީސްކަން މިހާރުދެން މިއޮތީ އެންމެންނަށް ހާމަކަން ބޮޑުކޮށް ފެންނަން. ދެންވެސް ޤަބޫލު ކުރަންވީ ރައީސް ބުނާ އެއްޗެއްތަ؟
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
05 May 2025
ޖޭއެސްސީ މިނިވަން ނޫންކަން އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް. އެކަމަކު ރައީސްއަށް ކޮންމެ ފަހަރަކު ސުވާލު ކުރުމުން ތިއީ ތިމަންނައާ ބެހޭ ކަމެއް ނޫނޭ ބުނަން ކެރޭ. އެކަމަކު މިކަމުގައި ކުށްވެރިވަނީ ހުދު ރައީސްކަން މިހާރުދެން މިއޮތީ އެންމެންނަށް ހާމަކަން ބޮޑުކޮށް ފެންނަން. ދެންވެސް ޤަބޫލު ކުރަންވީ ރައީސް ބުނާ އެއްޗެއްތަ؟؟
އަލިހުރަސް ކަނޑު ތެރެއިން
05 May 2025
މިހިސާބަށް ކަންކަން ދިއުމުން ޝަރުއީ ދާއިރާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު އެބަ އެނގޭ. މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ ދިފާއުވާން އެއްވެސް ފުރުސަތެއް ނުދިނުމަކީ މިކަމުގެ ސާފުހެކި. މައްސަލައިގަ ދިފާއުވުމުގެ ފުރުސަތަކަށް އެދި ފުލުހުންނާ އޭސީސީއާ އަދި ރައީސަށް އަޒްމިރަލްދާ ހުށަހެޅި އެއްވެސް ކަމަކަށް އިޖާބަ ނުދިނުން އެއީ ހެއްކަކަށް ފުދޭ. ހަމަގައިމުވެސް މިރާއްޖޭގެ ގިނަބަޔަކު ގަބޫލުނުކުރޭ އަޒްމިލްދާގެ ކުށެއްއޮތް ކަމަކަށް.
ތެފައާސާ..
05 May 2025
ނުކެރޭނެ ޖަވާބުދާރީ ވާން ފުރުސަތެއް ދޭކަށް، ލާހިކެއް ނޫން. ކުރިމިނަލް ކޯޓުގެ އަމުރުގެ ޓައިމް ސްޓޭމްޕުތަކުންނާއި ގާޒީންގެ ފޯންކޯލްތަކުގެ ޓައިމް ސްޓޭމްޕްތަކުން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާން އެބައޮތް ފަނޑިޔާރު އަޒްމިރާލްދާގެ ފިރިމީހާގެ ބަންދު އަމުރަށް އެއްވެސް ބަޔަކު ނުފޫޒު ފޯރުވާފައި ނެތްކަން، އަދި ކޯޓުން ދޫކޮށްލިއިރުވެސް އެއީ ކާކުކަންވެސް ނޭގޭކަން ކުރިމިނަލް ކޯޓިގެ ގާޒީން ހެކިބަހުންވެސް ސާބިތުވާން އެބައޮތް. މިހާ ސާފު މައްސަލައެއް!!
ފިޔަވަޅު
05 May 2025
ކުރީގަ ތިބި ޕާޓީ އެކްޓިވިސްޓުން ހަމަ އޯކޭދޯ
ހޮޓްކިންގ
05 May 2025
ޖޭއެސްސީގައި ނާގާބިލް ބައެއްގެ ނުފޫޒު ގަދަވެ މުޅިއަދުލު އިންސާފުގެ ނިޒާމަށް އަތްގަދަކޮށް ހަލާކު ކޮށްފި. މީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް. އިތުބާރު ގެއްލިއްޖެ މުޅި ނިޒާމަށް.
ބޭންޑްޕާޓީ
05 May 2025
ޖޭއެސްސީއަށް އިބުރާ ، ވެލެޒިނީ އޯކޭވާނެދޯ؟. އިތުބާރު ބޮޑުވާނެ.