ފަނޑިޔާރު ޑރ. އަޒްމިރަލްދާ: ކޮމިޝަންގެ ބައްދަލުވުމުގައި ބަސް އިއްވަން ފުރުސަތު ދޭން އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
27 އެޕްރީލް 2025 - 11:49
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލައާ މެދު ގޮތެއް ނިންމަން އެ ކޮމިޝަނުން ބާއްވާ ބައްދަލުވުމުގައި ބަސް އިއްވަން ފުރުސަތު ދޭން ފަނޑިޔާރު އަޒްމިރަލްދާ އެދިވަޑައިގެންފި އެވެ.
ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވާ އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ދޫކޮށްލަން ދަށު ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލަ ބަލައި، ކޮމިޓީން ވަނީ ރިޕޯޓް އެކުލަވާލައިފަ އެވެ.
އެ ރިޕޯޓްގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ބައިވެރިވެގެން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކޮމިޓީން ނިންމާފައިވެ އެވެ.
އެ ރިޕޯޓާ ގުޅޭގޮތުން ގޮތެއް ނިންމަން މިރޭ ޖޭއެސްސީގެ ބައްދަލުވުމެއް ވަނީ ތާވަލުކޮށްފަ އެވެ. އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާއަށް ފަނޑިޔާރު އަޒްމިރަލްދާ ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައިވަނީ އެ ބައްދަލުވުމުގައި އޭނާގެ ބަސް އިއްވަން ފުރުސަތު ދިނުމަށެވެ.
"މިއީ އާންމު އުސޫލުން އެ ނިންމުން ކޯޓުގައި ނުވަތަ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ނެތް ނިންމުމަކަށް ވާތީ ކޮމިޝަނުން ނިންމުމެއް ނިންމުމުގެ ކުރިން އަޅުގަނޑުގެ ބަސް އަޑު އިއްވުމުގެ ފުރުސަތު ދިނުމަކީ އިންސާފުގެ ހަމަތަކުން ކޮންމެހެން ވެސް ކުރަންޖެހޭ ކަމުގައިވާތީ، ތަހުގީގު ކޮމިޓީގެ ރިޕޯޓާ ގުޅިގެން އަޅުގަނޑު ކޮމިޝަނަށް ހުށަހަޅަން ބޭނުންވާ ކަންކަން ޝަފަހީ ގޮތުން ހުށަހެޅުމަށްޓަކައި ގާނޫނީ ވަކީލަކާ އެކު ހާޒިރުވުމަށް ފުރުސަތު ދެއްވުން އެދެން،" ސިޓީގައި ފަނޑިޔާރު އެދިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން އެ ބައްދަލުވުން އާންމުކޮށް ހުޅުވާލުމަށް ވެސް ފަނޑިޔާރު ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ކޮމިޝަނުން ނިންމުމެއް ނިންމާއިރު، ތަހުގީގުގެ ކޮމިޓީގެ ތިން މެންބަރުންނާއި ކުރިން ކޮމިޓީގެ ހިމެނިވަޑައިގެންނެވި ބަންޑާރަ ނައިބު އަހުމަދު އުޝާމް ބައިވެރިވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ، އެ ހަތަރު ބޭފުޅުންނަށް ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް ފަނޑިޔާރުގެ ސިޓީގައި އެދިފައިވެ އެވެ.
އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަ ބެއްލެވި ކޮމިޓީގައި ހިމެނޭ ތިން މެންބަރުންނަކީ ވެސް ރައީސް އައްޔަން ކުރައްވާފައިވާ ތިން މެންބަރުން ކަމަށް ވާތީ، އެ މެންބަރުން ތިއްބަވައިގެން ހަގީގަތާ ހިލާފު ރިޕޯޓެއް އެކުލަވާފައިވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ފަނޑިޔާރު އަޒްމިރަލްދާގެ ސިޓީއެއް ވެސް ރައީސަށް ފޮނުއްވާފައިވެ އެވެ.
ކޮމިޓީގެ ނިންމުމަށް ވާސިލްވުމުގައި ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި ހުރިހާ ހެއްކެއް ބަލައިނުގަތުމަށް ވަނީ ނިންމައިފަ އެވެ. އަދި އަދި އެ ހެއްކަށް ރިއާޔަތް ކުރި ނަމަވެސް ތަހުގީގަށް ހޯދިފައިވާ ކަންކަން ނަފީ ނުކުރެވޭނެ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖާއިބުގެ ޖަވާބު
27 April 2025
ބަސްދުއްވަން ފުރުސަތު ދެވިދާނެ
ޥާލުސޮރު
27 April 2025
މީވާ ފަޑިޔާރެއް ހައިކޯޓް ގައި ހުކުމް ކުރަން އިންނެވި އިރު ނިކަމެތި މީހުންނަށް ހުކުމް ކުރީރު އެމީހުންގެ ބަސް އަޑު އިވުނޫތޯ ހަމަ ުަޤީނުންވެސް އަޅުގަނޑަށް ހުކުމް ކުރީރު ބެލީ މޫނާ ކުލަޔާ ޒާތަށް މައްސަލަޔަށް ބަލާފަކާނެތް އެ ކަން ހުކުމުން ޢެނގެން އޮންނާނެ
ޖާސިމް
27 April 2025
ދެންތިމައްސަލަ ހެޕީ އެންޑިންނަކުން ނިއްމާލާ
×ސފދދް
27 April 2025
ތި ޑްރާމާ ނިމިއްޖެ. މިހާރު އޮތީ ޖެންޒީ ޔުމްނު
ތެފައާސާ.
27 April 2025
ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި ބަސް އިއްވުމުގެ ފުރުސަތު ދީފިނަމަ ތިޔަ ތަހުގީގެއް ފެންނުހިފޭ މިންވަރާއި ދޯދިޔާކަން ގިނަބަޔަކަށް އެނގި ޖޭއެސްސީ ފަލީހަތްވެދާނެއެއްނު؟ އޭރުން ކަމަކު ނުދާނެއެއްނު؟
ޑރ ވާންޗޯ
27 April 2025
ފުރުސަތު ދެވިދާނެ ބޭނުމިއްޔާ ކިތަންމެވަރަކަށްވެސް އެކަމަކު ކީއްކުރާނީ ހަމަ ޗޮކުހުންދާނީ.
ދިރާސާތު
27 April 2025
މި ސްލޫކީ މައްސަލަ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވާނަމަ، ކްރިމިނަލް ކޯޓުގެ 2 ގާޒީންގެ މައްޗަށްވެސް ސްލޫކީ މައްސަލަ ސާބިތުވާން ޖެހެއެވެ. އެއީ ގާޒީ ސޮފްއަތު ހަބީބް، ގާޒީ ޒިހުނީއަށް ނުފޫޒު ފޯރުވި ކަމާއި، ގާޒީ އިބްރާހިމް ޒިހުނީ ނުފޫޒުގައި ޖެހުނު ކަމެވެ.