ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުން އޮތް ކަމަށް ފާސްކޮށްފި އެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ރައީސް މުއިއްޒަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމުން އެ ލަފާއާ އެއްގޮތަށް ސަމީރުގެ ނަން މަޖިލީހަށް ރައީސް ފޮނުއްވި އެވެ. 

އެ ނަން ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ސަމީރު އައްޔަންކުރަން ރުހުން ދިނުމަށެވެ. 

ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވި އެވެ. 

ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށްފަހު، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ސަމީރު އަދާކުރެއްވި އެވެ. އަދި މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަނީ އަމިއްލަ ލޯފާމެއްގަ އެވެ. 

މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ސަމީރު މާސްޓާސް ޑިގްރީ ހެއްދެވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯގެ ދާއިރާއިންނެވެ.