ފަނޑިޔާރު އަޒްމިރަލްދާ: އޭނާ ކޮމިޓީއަށް ހާޒިރު ނުކުރަން މިއަދު ވަނީ ފާސްކޮށްފައި - ފޮޓޯ: މިހާރު
10 މެއި 2025 - 16:47
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލަ ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީއަށް އެ ފަނޑިޔާރު ހާޒިރުނުކުރަން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ނިންމި މައްސަލަ ދިރާސާ ކުރަން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ފުރަތަމަ ހުށަހެޅުއްވީ ފަނޑިޔާރާ ގުޅޭ ގޮތުން ފޮނުވާފައިވާ މައްސަލައިގައި އިޖުރާއީ ކަމެއް ފާހަގަ ނުކުރެވޭތީ، މައްސަލަ ތަޅުމަށް ފޮނުވާށެވެ.
ކޮމިޓީއަށް ފަނޑިޔާރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކުރަން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމާ މެދު ވޯޓަށް އެހުމުން ފާހެއް ނުވި އެވެ. އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެކަންޏެވެ.
މީގެއިތުރުން ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި ހުރި އިޖުރާއީ މައްސަލަތައް ފާހަގަކުރަން ވެސް މައުރޫފް ހުށަހެޅުއްވި އެވެ. ނަމަވެސް، އެކަމަށް މިއަދު ވޯޓަށް އަހާފައެއް ނުވެ އެވެ.
އޭގެފަހުން ކޮމިޓީ 15 މިނެޓަށް މެދުކަނޑާލުމަށް ފަހު، މެންބަރު ޝާހިދު އަނެއްކާވެސް އިތުރު ހުށަހެޅުއްވުމަކާ އެކު ވަޑައިގެންނެވި އެވެ. އޭނާ ހުށަހެޅުއްވީ މިއަދަށް ކޮމިޓީގެ ބައްދަލުވުން ނިންމާލުމަށެވެ. އެގޮތަށް ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުން ވޯޓު ދެއްވި އެވެ.
އެހެންވެ، މެންބަރު ޝާހިދު ފުރަތަމަ ހުށަހެޅުއްވި ހުށަހެޅުމަށް މިއަދު ވޯޓަށް އަހާފައެއް ނުވެ އެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމާ މެދު ބަހުސެއް ނުކުރެ އެވެ.
ކޮމިޓީގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމުގެ މައުޟޫއާ މެދު ގޮތެއް ނިންމުމުގެ ބާރެއް އެ ކޮމިޓީއަށް ނެތްއިރު، އަދި އިޖުރާއީ މައްސަލައެއް ވެސް ފާހަގަ ނުކުރެވޭ ކަމަށެވެ. ޖޭއެސްސީގެ ތަހުގީގު ކޮމިޓީން އަމަލުކޮށްފައިވާ ގޮތް ވަރަށް ތަފްސީލްކޮށް އެ ކޮމިޓީން ހާމަކޮށްފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އަދި މީގެކުރިން ވެސް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކުގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަމަލުކޮށްފައިވަނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު، ގޮތެއް ކަނޑައަޅަން ތަޅުމަށް ފޮނުވުން ކަމަށާއި މިފަހަރު ވެސް އެގޮތަށް އަމަލު ކުރުމުގައި ގޯހެއް ނެތް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް، އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ވިދާޅުވީ އިޖުރާއީ ގިނަ މައްސަލަތަކެއް ހުރި ކަމަށް ފަނޑިޔާރުން ވިދާޅުވަމުން ގެންދަވާތީ، އެ ބޭފުޅުން ހާޒިރުކޮށް ކަންބޮޑުވުންތައް އަޑުއެހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެ ބޭފުޅުން ހާޒިރުކޮށް ފުރުސަތު ދިނުމަށް ފަހު ވެސް ކޮމިޓީއަށް ބޭނުންވާ ނިންމުމެއް ނިންމިދާނެ ކަން އެ މެންބަރުން ފާހަގަކުރެއްވި އެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުނީސް
12 May 2025
ބަޑިގުދަނު ތަޅުދަނޑި
އަސްލު.......
11 May 2025
ސަރުކާރުން ހުއްދަދީގެން ހިންގާ މަސާޖު ކުރާތަނެއްގައި މީހަކު އައުރަ ނިވާވާގޮތަށް މަސާޖުކުރުމުގައި އޮތްވައި ފުލުހުންވަދެ ހައްޔަރުކުރީ މަސާކުރާތަނުގައި އަދި ރޫމުގައި އެއްވެސް ކުށެއްކުރާތީ ނޫނަކަން ސާފުވެއްޖެ،.....
އަބުދުލް ޤާދިރު
11 May 2025
ހާޒިރު ނުކުރާނެތާ. ހާޒިރުކޮށްފިނަމަ ޖޭ.އެސް.ސީ ފަޟީހަތް ވާނެ ވިއްޔާ. ހުދުމުޚުތާރު ވިޔަސް ފުކެއް ބޮޑުވަރު
ފަރަންޖީ
11 May 2025
ރަބަރު ސްޓޭމްޕް ވިޔަފާރި މިހާރު ވަރަށް ރަނގަޅު.. މިހެން ވާނީ އެއްބަޔަކަށް ހުރިހާ ބާރެއް ދިނީމައި. ކިންގު ބުނީމައި އެނިމުނީ ދެން އެހެން މީހަކަށް ބަސް ބުނުމެ ހައްގެއް ނޯންނާނެ. އެކި ދާއިރާ ތަކުން ދުނިޔެއަށް ދަޅަދައްކަން ރަބަރު ސްޓޭމްޕު ޖަހާފައި ނިންމާލީމަ އެނިމުނީ. ދެން ސުޕްރީމް ގޮނޑިވެސް ވޯޓުލައިގެން ވިއްކަންވީ. ޕާޓީތަކުން އެގޮނޑިއަށް ކުރިމަތަލައި ހޮވުނީމަ ނިމުނީ.. އޭރުން އެބުނާ "އަނިޔާ ނުދީ" އެބޭނުންވާ "އިންސާފު" ލިބޭނީ.
އަދުލު
11 May 2025
ރައީސް މުއިއްޒު އަކީ އަދުލުވެރި ވެރިއަކަށް ވާނެކަމަށް އުންމީދު ކުރިން. މިގައުމުގެ ނޫސް ތަކުގެ ހެޑްލައިންތަކުން ފަނޑިޔާރުން އިންސާފު ލިބޭތޯ ކުރާ މަސައްކަތް އެބަ ހާމަވޭ. އެކަމަކު ދީންވެރި ވެރިޔާއަށް ފެންނަ ކަމަކަށް ނުވޭ. ސަބަބަކަށް ފެންނަނީ ވެރިޔާ ރުހޭ ބަޔަކަށް ނުވުން. އެކަމަކު ކީރިތި ޤުރުއާނާއި އެއްގޮތަށް މިސަރުކާރުހިންގާނީ ބުނާއަޑު ވެސް އިވޭ. ކީރިތި ޤުރުއާނުގައި އަދުލުވެރި ވާން އޮތް ބަސްފުޅު ހަނދާން ނެތުނީތޯ؟
ޕޫރުބެ
11 May 2025
ބޮޑެތި މާސިންގާ ފިރިހެނުންތަކެއް ތިބޭ ކޮމެޓީއަކަށް ކަބަލަކު ޙާޟިރުކޮށް ޖަވާބުދާރީވުމަށް ފުރުޞަތު ދޭން ނުކެރުމަކީ ލަދު ހުތުރުކަމެއް! އަދި ތިމާމެންގެ ޚުދުމުޚުތާރުކަން ދައްކުވައިދޭ ކަމެއް!
އަސަފަފ
11 May 2025
އެންމެ ކުޑަމިނުން މުރާ ތުހުމަުތު ތަކަށް ރައްދު ދީ ކަންކަން އޮޅުން ފިލުވާލަދޭން ފުރުސަތު ނެދޭނީ ދެން ވަރަށް ފިނޑިވީމަތާ.
ދިވެހިރައްޔިތެއް
11 May 2025
މުގައްރިރުވެސް އަދި ނާއިބު މުގައްރިރުވެސް ތިއި ޤާނޫނު ދަންނަ މީހުން. ބާރަކީ އަބަދު އެކަަން ދެމި އޮންނާނެ ކަންކަމެއް ނޫން. މިއަދު ތިޔަ ކަން ކުރާ އުސޫލުގެ ސަބަބަުން ތިމާމެންގެ ބޮލުގައި ލަދުވެތި ބަދުނާމެއް މުޅި އުމުރަށް އެޅޭނެ. ފަންޑިޔާރުން އެމީހުންގެ ތުހުމަތުން ދިފައުވުމަށް އެދިއެދި ތިއްބާ އަދި ޤާނޫނި ވަކީލުންގެ ބެލެނިވެރި ފަރާތުން އެ ފަންޑިޔާރުންނަށް ޖަވާބު ދާރީވުމުގެ ފުރުސަތެއް ދެއްވުމަށް ގޮވާލާފައިޮ އޮށްވާ އެކަމަށް ރިޔާއަތް ކުރުމެއް ނުކުރާތީ
ގަޒީ
11 May 2025
ތުމަރު ކުރެވޭ ފަރާތުން އެބާ ބުނޭ ދިފާއުވުމުގެ ފުރުސަތު ނުލިބޭކމަށް، އަދި މައްސަލާގެ ރިޕޯޓް ބެލުމުންވެސް މައްސަލަ ތަހުޤީޤް ކުރުމުގައި އިޖުރާޔަތް ފުރިހަމަކޮށްފައި ނުވާކަން ފެނޭ. ވަރަށް ހިތާމަވެރި، ކޮމިޓީގެ މުޤައްރިރަކަށް އިނާ ޤާނޫނީ ވަކީލެއް، އަދި ޚާއްސަކޮށް ޖިނާއީ ގިނަ މައްސަލަތަށް ތަމްސީލްކޮށްފަ ހުރި މީހެއް. މެމްބަރުން ތެރޭ ހިމެނޭ ޝާމިން ހަބީބްއަކީބެސް ކިޔަވާގެން ހުރި މީހެއް. ސަރުކާރަށް އެއްބާރުލުން ދިނަސް ހަމަޔާ އުސޫލު ދަމަހަށްޓަންވާނެ.
ވޯލް
11 May 2025
އިޖުރާއީ މައްސަލައެއް ނެތޭ، ބުނާއިރު، ފަންޑިޔާރާށް ދިފާއުވުމަށް ފުރުސަތު ނުދިނުމަކީ އިޖުރާއި މައްސަލައެއް، އެހެނީ ކޮންމެ ފަދަ ތުހުމަތެއްގައިވެސް ތުހުމަތު ކުރެވޭ މީހާއަށް ދިފާއުވުމުގެ ފުރިހަމަ ފުރުސަތު ދޭންޖެހޭނެކަމަށް ޤާނޫނު އަސާސީގައި އޮވޭ. ދުނިޔޭގައި މީހުންހުން ކުރާ އެންމެ ބޮޑު ކޫށް މީހަކު މެރުން، އެފަދަ ތުހުމަތުގައިވެސް ތުހުމަތުކުރެވޭ މީހާއަށް ދިފާއުގައި ވާހަކަދައްކާ ހެކި ހުށަހެޅުމުގެ ފުރުސަތު ދެވޭ.