ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: މިއަދުގެ ބައްދަލުވުން ވަނީ ކެންސަލްކޮށްފައި - ފޮޓޯ: މިހާރު
06 މެއި 2025 - 13:21
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވަކިކުރުމާ ގުޅޭ މައްސަލަ ދިރާސާ ކުރަން މިއަދަށް ތަވާލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން އެންމެ ފަހުން ކެންސަލްކޮށްފި އެވެ.
ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ޖޭއެސްސީން ފޮނުވި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އިއްޔެ ވަނީ ކޮމިޓީ މަރުހަލާ ފަށައިފަ އެވެ. ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ ޖޭއެސްސީން ފޮނުވި ރިޕޯޓް ދިރާސާކުރުމަށް ފަހު، އެއްވެސް ފަރާތެއް މަޖިލީހަށް ހާޒިރުކުރަން ފެންނަ ނަމަ އެކަން ކުރުމަށެވެ.
ޖޭއެސްސީގެ ރިޕޯޓް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ފުރަތަމަ ތާވަލުކުރީ މިއަދުގެ ހެނދުނު 11:00 އަށެވެ. އެކަމަކު، އެ ބައްދަލުވުން ފަހުން މެންދުރު 1:00 އަށް ބަދަލުކުރި އެވެ. ނަމަވެސް އެ ބައްދަލުވުން މިހާރު ކެންސަލްކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އެކަމަކު، ބައްދަލުވުން ކެންސަލްކުރި ސަބަބެއް ނުބުނެ އެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދާ އޮޅުވެލިފުށި
07 May 2025
އަޅުގަނޑުމެން ރަށުމީހަކު މިހޮވީ ވަރަށް އުންމީދުގައި. ނަމަވެސް ރަށަށް ވަޑައިނުގަންނަވާތާ ފޯނު ނުނަންގަވާތާ ކުރެންދޫއަށް ވެސް ވަޑައި ނުގަންނަވާ. ކުރެންދޫ ދާއިރާގެ މެންބަރު ދާއިރާއަށް ވަޑައިނުގަންނަވާތީ އާއި ރައްޔިތުންގެ ކަންކަމާ އަޅާނުލައްވާތީ ރައްޔިތުން މިތިބެނީ ވަރަށް ދެރަވެފައި. މެންބަރަކު ވާންވާނީ ދާއިރާއަށް އޯގާތެރި ބޭފުޅަކަށް.
ޝާން ކުރެންދޫ
07 May 2025
ވާތްފަރާތުގައި ތިއިނީ ގެއްލިގެން ހޯދަމުންދާ މީހެއް..
ކޯރަމް އިއްބެ
07 May 2025
ތިއިނީ ކުރެންދޫ ދާއިރާގެ މެންބަރު.... އަދި މަޖިލީހުގައި އަނގައިން ނުބުނޭ... ހޮވުމަށްފަހު ދާއިރާއިން ފެނުނީ އެންމެ ފަހަރަކު... ފޯނަކަށް ޖަވާބެއް ނުދޭ...
ޓިނު
06 May 2025
ތީމިހާރު ކުޅޭތަންތަން ތިކަލަ ކިތެއްމެކަމެއްވެސްވާނެ
މަ ބުނީ
06 May 2025
މިކަމުންވެސް އެނގި ހާމަވަނީ އެގޭގެ މެޖޯރިޓީން ފަނޑިޔާރުންނަށް އިހުތިރާމެއްގަދަރެއްނުކުރާކަމެވެ ! ޖާހިލުން ގިނަކޮއްމެ ގެއަކުންވެސް މެހްމާނުންނަށް ގަދަރެއްނުކުރާނެއެވެ ! އެގެއިންވެސް އެފެނުނީ އެމަންޒަރެވެ 28 އަދި 29 އެބައޮތެވެ އިއްޔެ އެއީ މިއަދެންނޫނެވެ އަދި މިއަދަކީ މާދަމާއެއްނޫނެވެ ! ޢިއްޔެއާއި މިއަދުން މިލިބޭފިލާވަޅުން މާދަމާ ގޮތްނިންމަށް ވަރަށްފަސޭހައެވެ !
ކުޑަ ވަކީލު
06 May 2025
ހުސްނީއެވެ. އުންމީދުކުރީ މަނިކުފާނަކީ މަޖިލީހުގައި ގާނޫނީ ބަހުސްކުރައްވާނެ ގާނޫނީ ދާއިރާއަށް ހައްލު ހޯއްދަވައިދެއްވާނެ ތަފާތު ދައްކަވާނެ ލީޑަރެއްކަމަށެވެ. ޖޭއެސްސީން ރަނގަޅު ތަހުގީގަކުން ފަނޑިޔާރަކު ވަކި ކުރާނަމަ މައްސަލައެއް ނެތެވެ. ވަކިކުރަންޖެހޭ ފަނޑިޔާރުންވެސް އެބަތިއްބެވެ. މައްސަލަތައް ބައްކޮށްގެން މަސްއޫލިއްޔަތަށް އިހުމާލުވާ ފަނޑިޔާރުން އެބައުޅެއެވެ. ވީމާ ވަކިކުރަންޖެހޭ މީހުން ވަކިނުކޮށް ޖޯކެއްކަހަލަ ކަންކަން ނުކުރައްވާށެވެ.
ޗޫޤީ
06 May 2025
ދެން މިހާހިސާބަށް ކަންކަން ދިޔައިމަ އެބައެނގޭ ސަރުކާރުން ޝަރުޢީދާއިރާއަށް އެއްވެސް ބާވަތެއްގެ ނުފޫޒެއް ނުފޯރުވާކަން. ހުރިހާވެސް މައްސަލައަކީ ގާނޫނުއަސާސީއަށް ލާގާނޫނީ މާއްދާއެއް އިތުރުކޮށް މެމްބަރުންގެ ގޮނޑި، އެމެމްބަރުން ނިސްބަތްވާ ދާއިރާއަށް ދޮންކަޅުވެސް އަންގާނުލާ ގެއްލުވާލުމާ ދެކޮޅަށް ބަޔަކު ހުށަހެޅި މައްސަލައެއް ބަލާ އެމާއްދާ ވުޖޫދުން ފޮހެލެފާނެކަމުގެ ބިރާއި މެމްބަރުން ސަރުކާރާ ދެކޮޅަށް ތެދުވެދާނެކަމުގެ ބިރު ވެރިންގެ ހިތުގަައި އޮތުމެވެ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
06 May 2025
މިކަމުގައި މަޖިލިހުން ނިންމާނެ ގޮތަކާއި މެދު މަތިން އޯޑަރު އަންނަންދެން މަޑުކޮށްލަނީ. ވިސްނާލަން ވަގުތު ބޭނުންވެގެން އުޅެނީ. އެހެންވެ ހުރިހާ ކަމެއް އަދި ކެންސަލް
ދެބަންދިހާރު
06 May 2025
"...ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ..." ދެން ކޮބާ އެބުނާ ސޮފްއަތު ހަބީބުގެ މައްސަލަ؟ މި މައްސަލައާ ގުޅިގެން، އަސްލު ތިކަން ހިންގި ކަމަށް ތިބުނާ ބޭފުޅާގެ ނަން ވެސް މީޑިއާއަކުން އަޑެއް ނީވޭ، އެ ބޭފުޅާގެ ސުލޫކީ މައްސަލަ ޖޭ.އެސް.ސީ އިން ބަލައޭ ކިޔާފަ. ރާޑަރަށް އަރާފަ ތިބި މީހުން އެކަނި ދޯ ސުލޫކު ވަނީ. ކަމުގަ އަމަލީ ގޮތުން އުޅުނޭ ތިޔަ ބުނާ ބޭފުޅާގެ މައްސަލައެއް ނޫންބާ ފުރަތަމަ ސާބިތު ވާންޖެހޭނީ؟!
ކކ ކކބނ
06 May 2025
ދެންވާނީ ސިއްރު.... ވާނުވާއެއް ނޭނގެ...