މަޖިލީހުގެ އާންމު ކޮމިޓީގެ މެމްބަރުން މިރޭ ބޭއްވި ބައްދަލުވުމުގައި. --ފޮޓޯ: މަޖިލީހުގެ އިދާރާ
13 މެއި 2025 - 22:14
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާ މެދު މާދަމާގެ ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ޖުމްލަ ދެ ގަޑިއިރު ބަހުސްކުރަން ކަނޑައަޅައިފި އެވެ.
މާދަމާގެ ޖަލްސާއަށް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު އެ މައްސަލައަށް ބަހުސަށް ހޭދަކުރާނެ ވަގުތު ކަނޑައަޅަން މިރޭ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީގެ ނައިބު މުގައްރިރު އަދި ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ ކޮންމެ ފަނޑިޔާރަކާ ގުޅޭގޮތުން ނިންމާފައިވާ ރިޕޯޓުގެ ބަހުސްގެ ވަގުތު އެއް ގަޑިއިރަށް ކަނޑައެޅުމަށެވެ.
މިގޮތުން، ކޮންމެ ފަނޑިޔާރެއްގެ މައްސަލައިގައި ވަކިވަކިން ބަހުސް ކުރާ ގޮތަށް ޖުމްލަ ދެ ގަޑިއިރު ކަނޑައަޅަން އޭނާ ހުށަހެޅުއްވި އެވެ.
ނަމަވެސް، އެކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަމީން ފައިސަލް އިއުތިރާޒުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ގަވާއިދުގައި ބަޔާންކޮށްފައިވަނީ ދެ ގަޑިއިރަށް ވުރެ ދިގުނުވާނެ ގޮތަކަށް ބަހުސްގެ ވަގުތު ކަނޑައެޅުން ކަމަށްވާއިރު، ކޮންމެ ފަނޑިޔާރެއްގެ ރިޕޯޓަށް ދެ ގަޑިއިރު ކަނޑައެޅުމަށެވެ.
އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވި ޕީއެންސީގެ މެމްބަރުން ވިދާޅުވި ގޮތުގައި، ދެ ފަނޑިޔާރުންގެ މައްސަލަ ވަކިވަކިން ކުރިއަށް ގެންދިޔަސް، މިއީ އެއް މައްސަލައެއް ކަމުން، ތަޅުމުގައި ދައްކަން އޮންނާނީ އެއް ވާހަކަތަކެއް ކަމަށެވެ.
އެހެންކަމުން، މިކަމުގައި އެމްޑީޕީގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ދެ ރިޕޯޓަށް އެއްކޮށް، ޖުމްލަ ދެ ގަޑިއިރުގެ ވަގުތު ލިބޭނެ ކަން އެ މެމްބަރުން ފާހަގަކުރެއްވި އެވެ.
އަމީންގެ ހުށަހެޅުމަށް ތާއީދުކުރާނެ މެމްބަރަކު ނެތުމުން، އަބްދުއްސައްތާރު ހުށަހެޅި ހުށަހެޅުން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އަމީން އެކަންޏެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ސިއްރު ބައްދަލުވުމެއްގައި ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ނިންމައި، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ. އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މިއަދު ވަނީ ލަފާ ދެއްވައިފަ އެވެ.
އެ ލަފާ ކޮމިޓީއަށް ލިބުމާ އެކު މިއަދު ވަނީ އެކަމާ ގުޅިގެން ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ފިލްޒާގެ ލަފާ ކޮމިޓީން ދިރާސާކުރުމަށް ހުށަހަޅުއްވައިފަ އެވެ. އަދި، ލަފާގައި ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކާ މެދު ކޮމިޓީން ގޮތެއް ނިންމަން ވެސް ހުށަހެޅުއްވި އެވެ.
ކޮމިޓީގެ ނައިބު މުގައްރިރު ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވީ ކޮމިޓީގެ ނިންމުމަށް ބަދަލު ނުގެނެސް، ފިލްޒާގެ ލަފާއާ އެކު ކޮމިޓީގެ ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ކޮމިޓީގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ ހަ މެންބަރުން ވޯޓު ދެއްވި އެވެ. ވޯޓު ނުދެއްވީ ނާޒިލް އެކަންޏެވެ.
ކޮމިޓީއަށް ހުށަހެޅުއްވި ލަފާގައި ފިލްޒާ ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށެވެ.
ފިލްޒާ ޖުޑިޝަރީ ކޮމިޓީއަށް ލަފާ ދެއްވާފައިވަނީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާން ކުރާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށް ކަމަށެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލްލް
14 May 2025
މިނެޓެއްވެސް ދޭނެކަމެއްނެތް. ކަލޭމެން ވަކިގޮތަކަށް ނިންމައިގެން އައިސް ކޮންމެހެން ތިތާ ޗަރުކޭހެއް ކުޅޭނެކަމެއްނެތް. އެމީހުންގެ މައްސަލަ އެކިލެވެލްތަކުގައި ބަލައި ނިމިގެން ސިއްކަ ތިޖެހީ ދިފާޢުގައި އެއްވެސް މަރުޙަލާއެއްގައި އެއްޗެއްބުނުމުގެ ފުރުސަތުނުދީ. އިރާދަކުރެއްވިއްޔާ ތިކަމުގައި ނުބައެއްހެދި ނަމަ ހެދި ބަޔަކަށް އެތަން ދައްކަވާނެ. ނިކަމެތި ކުރައްވައި ހެދި ގޯސްމަތިން ހިތާމަކުރާދުވަހެއް ދައްކަވާތޯ ދުޢާކުރަން.
އަންދަލޫސިޔާ
14 May 2025
ކޮންމެ ފަނޑިޔާރެއްގެ މައްސަލައަށް 2 ގަޑިއިރު ކަނޑައެޅެން އޮއްވާ މިއީ އެއް މައްސަލައެކޭ ކިޔައި ކޮންމެ ފަނޑިޔާރެއްގެ މައްސަލަ ބަހުސްކުރަން ދެވޭނެ ވަގުތުން %50 ކާލީ. ނުވިތާކަށް، ފަނޑިޔާރުންނަށް އަމިއްލަ ދިފާޢުގައި އެއްޗެއް ބުނާކަށް ނުލިބޭ. މިއީ އިސްލާމީ އުސޫލެއް ނޫން.