ކޯޓުތައް ހިންގުމުގަ އާއި ޝަރީއަތް ކުރުމުގައި ގެންގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބާރުދީ، ޖުޑީޝަލް ކައުންސިލްގެ ނަމުގައި ވަކި ކައުންސިލެއް ގާއިމުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފި އެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން މި ކައުންސިލް އުފައްދަނީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާއި މާލީ ކަންކަމުގައި އުއްތަމަ ފަނޑިޔާރަށް ލަފާ ދިނުމަށާއި ދާއިރާގެ ކުރިމަގަށް ބޭނުންވާ މުހިންމު ނިންމުންތައް ނިންމުމަށެވެ.
ބިލުގައިވާ ގޮތުން ޖުޑީޝަލް ކައުންސިލް އެކުލެވިގެންވަނީ ޝަރުއީ ދާއިރާގެ ހުރިހާ މަރުހަލާއެއްގެ ކޯޓުތައް ތަމްސީލުވާ ގޮތަށް، ފަނޑިޔާރުންގެ މައްޗަށެވެ. އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ:
- އުއްތަމަ ފަނޑިޔާރު (ކައުންސިލްގެ ރައީސް)
- އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން ކަނޑައަޅާ ދެ ފަނޑިޔާރުން
- ހައި ކޯޓުގެ އިސްފަނޑިޔާރާއި އެ ކޯޓުން ކަނޑައަޅާ އެހެން ފަނޑިޔާރެއް
- މާލޭގައި ގާއިމުކޮށްފައިވާ ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީން
- ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ތިން އިސްމެޖިސްޓްރޭޓުން
މި ކައުންސިލްގައި ހިމެނޭ އިސްމެޖިސްޓްރޭޓުން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ބަދަލުވަމުންދާނެ ކަމަށް ބިލުގައިވެ އެވެ. އަދި ކައުންސިލްގެ ނައިބު ރައީސަކަށް ހުންނަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ކަނޑައަޅުއްވާ ބޭފުޅެކެވެ.
ކައުންސިލްގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ ޑީޖޭއޭއިންނެވެ.
ޝަރުއީ ދާއިރާގެ މަސައްކަތްތައް ހަލުވިކުރުމާއި ޓެކްނޮލޮޖީ އާއި އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން އާންމުންގެ އިތުބާރު އިތުރު ކުރުމާ ގުޅޭ ސިޔާސަތުތައް ހިމެނޭ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައި ތަންފީޒު ކުރުމަކީ މި ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށް ބިލުގައި ބަޔާންކުރެ އެވެ.
ބިލުގައިވާ ގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ އިޖުރާއީ ގަވާއިދުތަކާއި ކޯޓުތައް ހިންގުމާ ގުޅޭ އެންމެހާ ގަވާއިދުތަކާއި މިންގަނޑުތައް އެކުލަވާލައި އިސްލާހުކުރުމަކީ ވެސް ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކުރުމާއި ވަކިކުރުމުގައި ޖޭއެސްސީއަށް ލަފާދިނުމާއި ޝަރުއީ ދާއިރާގެ އަހަރީ ބަޖެޓާއި މާލީ ކަންކަން ހިނގާ ގޮތް ބަލައި ޑީޖޭއޭ ޖަވާބުދާރީކުރުވުމަކީ ވެސް ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.
ކޯސުޕްރީމް ކޯޓާއި ހައި ކޯޓުގައި މައްސަލަތައް ބަލާ ފަނޑިޔާރުންގެ ބެންޗުތައް އެކުލަވާލާނެ ގޮތުގެ އުސޫލުތައް ކަނޑައަޅާނީ ވެސް ޖުޑީޝަލް ކައުންސިލުންނެވެ.
މި ކައުންސިލްގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދު ހަމަވާނީ ކައުންސިލްގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި ކައުންސިލުން ކަންކަން ނިންމާނީ ބައްދަލުވުމުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ކޯޓުތަކާބެހޭ ގާނޫނު 2010 ވަނަ އަހަރު ވުޖޫދަށް އައުމާއެކު، އެ ގާނޫނުގެ ދަށުން ޖުޑިޝަލް ކައުންސިލެއް އުފެއްދި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން 2011 ވަނަ އަހަރު ވަނީ އެ ކައުންސިލާ ބެހޭގޮތުން ގާނޫނުގައި ހުރި މާއްދާތައް އަމިއްލައަށް ބާތިލްކޮށް، އެ ކައުންސިލް ވެސް އުވާލައިފަ އެވެ.
އޭގެ ފަހުން 2019 ވަނަ އަހަރު ޝަރީއަތްތައް ހިންގުމާ ބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމަށް ޖުޑިޝަލް ކައުންސިލެއް ސުޕްރީމް ކޯޓުން އުފެއްދި އެވެ. އެކަމަކު، އެ ކައުންސިލް ވެސް ފަހުން ވަނީ އުވާލައިފަ އެވެ.