ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ ހުރިހާ ބާރެއް ލިބޭ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ މިނިވަން ގާނޫނީ ޝަހުސެއްގެ ގޮތުގައި ކަނޑައަޅަން ކޯޓުތަކުގެ ގާނޫނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުއްވި މި ބިލުގައި، ޝަރުއީ ދާއިރާގެ އާންމު އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި "ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި ޝަރުއީ ދާއިރާގެ ވަކި އޮފީހެއް ގާއިމުކޮށް ހިންގަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ބިލުގައިވާ ގޮތުން، ޑީޖޭއޭއަކީ އަމިއްލަ ނަމުގައި ނުވަތަ ވަކިވަކި ކޯޓުތަކުގެ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމާއި، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޑިޕާޓްމަންޓް ތަމްސީލުކުރުމުގެ ބާރު ލިބިގެންވާ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.
ބިލުގެ 101 ވަނަ މާއްދާގެ ދަށުން، ޑީޖޭއޭ ހިންގުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކުރާނީ އުއްތަމަފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ ޖުޑީޝަލް ކައުންސިލުންނެވެ. މިއީ މި ބިލުގެ ދަށުން އުފައްދާ ކައުންސިލެކެވެ.
ޑީޖޭއޭގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާން ޖެހޭނީ ޖުޑީޝަލް ކައުންސިލަށާއި އުއްތަމަފަނޑިޔާރަށެވެ.
ކޯޓުތަކުގެ އިދާރީ ކަންކަމާއި، ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި، އުމްރާނީ ތަރައްގީ އާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ނިޒާމު ގާއިމުކުރުމުގެ އިތުރުން، ޝަރުއީ ދާއިރާގެ އަހަރީ ބަޖެޓު އެކުލަވާލައި ފައިސާ ހަރަދުކުރުމުގެ އެންމެހާ ކަންކަން ބަލަހައްޓާނީ ޑީޖޭއޭއިންނެވެ.
ބިލުގައިވާ ގޮތުން، ޝަރުއީ ދާއިރާ ހިންގުމަށް ބޭނުންވާ ފައިސާ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ހިމަނައި، ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން ދެ ޕަސެންޓް ޝަރުއީ ދާއިރާއަށް ކަނޑައަޅައި، އެ ފައިސާ ޑީޖޭއޭއަށް ދޫކުރަން ޖެހޭނެ އެވެ.
މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާއިރު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ބޭފުޅަކު، އާ ގާނޫނުގެ ދަށުން އައްޔަންކުރެވޭ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
ޑީޖޭއޭއަކީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނުއަސާސީއާ އެކު، ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން އުފެއްދި އިދާރާއެކެވެ. ނަމަވެސް، 2019 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނައި އިސްލާހަކާ އެކު، ޑީޖޭއޭ ވަނީ ސުޕްރީމް ކޯޓުގެ ދަށުން ވަކިކޮށް ޖޭއެސްސީގެ ދަށުން ހިނގާ އިދާރާއަކަށް ބަދަލުކޮށްފަ އެވެ.
އެ ބަދަލާއެކު، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާ ކޮމިޝަން (ޖޭއެސްސީ) ގެ ދަށުގައި ކޯޓުތަކުގެ އިދާރީ ހިންގުމާއި މާލީ ކަންކަން އޮތުމަކީ މަސްލަހަތު ފުށުއަރާ ކަމެއްގެ ގޮތުގައި ގާނޫނީ ދާއިރާގެ ގިނަ ބޭފުޅުންނާއި ފަނޑިޔާރުން ދިޔައީ ފާހަގަކުރައްވަމުންނެވެ.
ގާނޫނުއަސާސީން ދައުލަތުގެ ތިން ބާރު ވަކިކޮށްފައިވާއިރު، ޝަރުއީ ދާއިރާއަކީ ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ބާރަކަށް ވާންޖެހޭކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
ޖޭއެސްސީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، ބަންޑާރަ ނައިބާއި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކު ފަދަ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމިޝަނަކަށް ވާއިރު، އެ ކޮމިޝަނުގެ ދަށުގައި ކޯޓުތަކުގެ އިދާރީ ހިންގުމާއި ބަޖެޓު އޮތުމަކީ ޝަރުއީ ދާއިރާގެ އިދާރީ މިނިވަންކަމަށް އޮތް ބޮޑު ހުރަހެއް ކަމަށް ދެކެ އެވެ.
މި އާ ބިލާ އެކު ޑީޖޭއޭ، ސީދާ އުއްތަމަފަނޑިޔާރާއި ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ގޮތަށް ހަމަޖެހުމުން ކޯޓުތަކުގެ އިދާރީ ކަންކަމަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. އަދި ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ކޮންމެ އަހަރަކު ޝަރުއީ ދާއިރާއަށް ކަނޑައެޅުމަކީ، ބަޖެޓު ހޯދުމަށް ސަރުކާރަށް ބަރޯސާވުން ކުޑަވެ ޝަރުއީ ދާއިރާގެ މާލީ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.