ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އޮތް އޮތުން ނިމުމަކަށް ގެނެސް އަދި ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން އަންނަ މަހު ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ. 

ބަންޑާރަ ނައިބު އަހުމަދު އުޝާމް "މިހާރު" އަށް ވިދާޅުވީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުމަށް ބޮޑު ބަދަލެއް ގެންނަ އެ ބިލް އަންނަ މަހު ފަށާ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި ހުށަހަޅާނެ އެވެ.  

ޑީޖޭއޭ ކުރިން ހިންގީ ސުޕްރީމް ކޯޓުގެ ދަށުން ކަމަށްވީ ނަމަވެސް، އެތަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދަށަށް ބަދަލު ކުރީ ކުރީގެ ސަރުކާރުގައި ގާނޫނަށް ގެނައި އިސްލާހަކުންނެވެ. އަދި އެ ބަދަލުގެ ސަބަބުން ޝަރުއީ ދާއިރާގެ ކަންކަަމަށް ނުސީދާކޮށް ވިޔަސް، ނުފޫޒު ފޯރުވުމުގެ ފުރުސަތު ހުޅުވިފައި އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ ވިދާޅުވެފަ އެވެ. 

އުޝާމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ގާނޫނަށް ގެންނަ ބަދަލުގެ ސަބަބުން ފަނޑިޔާރުންގެ އެޑްވައިޒަރީ ބޯޑެއްގެ ގޮތަށް ޖުޑިޝަރީ ކައުންސިލެއް އުފައްދާނެ އެވެ. 

ކޯޓުތަކާބެހޭ ގާނޫނު 2010 ވަނަ އަހަރު ވުޖޫދަށް އައުމާއެކު، އެ ގާނޫނުގެ ދަށުން ޖުޑިޝަލް ކައުންސިލެއް އުފެދުނެވެ. ނަމަވެސް ސުޕްރީމް ކޯޓުން 2011 ވަނަ އަހަރު ވަނީ އެ ކައުންސިލާ ބެހޭގޮތުން ގާނޫނުގައި ހުރި މާއްދާތައް އަމިއްލައަށް ބާތިލްކޮށް، އެ ކައުންސިލް ވެސް އުވާލައިފަ އެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު ޝަރީއަތްތައް ހިންގުމާ ބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމަށް ޖުޑިޝަލް ކައުންސިލެއް ސުޕްރީމް ކޯޓުން އުފެއްދި އެވެ. ނަމަވެސް އެ ކައުންސިލް ވެސް ފަހުން ވަނީ އުވާލައިފަ އެވެ.

ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު ކުރިން ވިދާޅުވެފައިވާ ގޮތުގައި ޖުޑީޝަލް ކައުންސިލުން އެކުލަވާލާ ތަސައްވުރަކާ އެއްގޮތަށް އެކަން ތަންފީޒުކުރާ އިދާރާއެއްގެ ގޮތަށް އެ ކައުންސިލް ވެގެންގޮސްފިނަމަ ޝަރުއީ ދާއިރާ މިނިވަންކަން ކަށަވަރުކުރަން ފަސޭހަވެގެންދާނެ އެވެ. އެ ކައުންސިލް އޮންނާނީ އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރުވޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.