ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ގާނޫނީ ވަކީލް އާދަމް ޝަމީމް މިއަދު އައްޔަންކޮށްފި އެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބުނީ އާދަމް ޝަމީމް، ދ.މާއެނބޫދޫ މަލާޒް އަށް ކަމަށެވެ. 

ޖޭއެސްސީން ކުރިން ބުނެފައިވާ ގޮތުގައި  އެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާތަކާ ގުޅިގެން ހިންގި ޝަރީއަތްތަކުގައި ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި އާދަމް ޝަމީމް މި މަގާމަށް އައްޔަންކުރެއްވި އިރު ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ކަމުގެ މަގާމުގަ އެވެ. 

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން އަމްޖަދު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަންކުރައްވައިފަ އެވެ.