މާލެ ސިޓީ ކައުންސިލުން ކުރިން ބޭއްވި އާންމު ޖަލްސާއެއްގައި މޭޔަރު ޑރ. މުއިއްޒު ވާހަކަދައްކަވަނީ: މަގު ހެދުމުގެ މަޝްރޫއު އަތުލީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: ސިޓީ ކައުންސިލް
06 ޖުލައި 2022 - 14:03
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލައި ދެގުނަ ބޮޑުކޮށް އާރުޑީސީއާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކަށް ހުށަހަޅަން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ގާނޫނާއި ގަވައިދާ ހިލާފަށް ސަރުކާރުން "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" އަތުލާފައިވާ ކަމަށް ބުނެ، ސިޓީ ކައުންސިލުން މެންދުރު ބޭއްވި އާންމު ޖަލްސާގައި ނިންމީ، މާލޭގެ މަގުތައް ހަދަން ޕްލޭނިން މިނިސްޓްރީން އާރުޑީސީ އަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އެ މައްސަލަ ބަލައިދޭން އޭސީސީ އަށް ހުށަހެޅުމަށެވެ.
- އެކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ސިޓީއެއް ރައީސް އޮފީހަށް ފޮނުވުން.
- އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ކޯޓަށް ދިއުން.
- އެ މައްސަލައިގައި އެލްޖީއޭއާ ބައްދަލުކުރުން.
- ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅުން.
މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަމީނީމަގާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރަން ސަރުކާރުން އެއް ފަހަރަކު ވެސް އެދިފައި ނުވާ ކަމަށެވެ. އަދި އެ މަގު އާދައިގެ ގޮތަށް ހަދަން ސިޓީ ކައުންސިލުން އުޅޭ ކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން ދެއްކި ވާހަކަތައް ވެސް ދޮގުކުރެއްވި އެވެ.
"އަޅުގަނޑު ހިތާމަކުރާ ކަމެއް އެވަރުގެ ހަގީގަތާ ހިލާފު ވާހަކަތަކެއް ޒިންމާދާރު މަގާމުތަކުގައި ތިބޭ ބޭފުޅުން ރައްޔިތުންނާ ހިސާބަށް ދޫކޮށްލުމަކީ،" މޭޔަރު ވިދާޅުވި އެވެ.
"އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް."
ލާމަރުކަޒީ ގާނޫނުގައި މަގުތައް ހެދުމާއި މަރާމާތުކުރުމާއި ކައުންސިލްގެ ދަށުގައި އޮންނަ ކަމެއް ކަމަށް ބަޔާންކޮށްފައި ވާތީ، އެ މަސައްކަތް އަތުލެވޭނެ އެއްވެސް އުޒުރެއް ސަރުކާރަށް ދެއްކެން ނެތް ކަމަށް މޭޔަރު ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.
މާލޭގެ މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށް އާރުޑީސީއާ ކުރީގެ ސިޓީ ކައުންސިލުން ހަވާލުކޮށްފައި ވަނީ ޖުމްލަ 462 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން ތިން މަގެއް ހެދުމަށް ފަހު، މަސައްކަތް އަދިވެސް އޮތީ ހުއްޓިފަ އެވެ. އޭގެ ފަހުން، އެ މަޝްރޫއުގެ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް، އަލުން ސޮއި ވެސް ކުރި އެވެ.
އެންމެފަހުން މިދިޔަ އާދިއްތަ ދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ އެ މަސައްކަތް ސިޓީ ކައުންސިލަށް ނުކުރެވޭ ކަމަށް ބުނެ، އެ މަސައްކަތް އަތުލައި، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އަމީނީމަގު ހަދަން އާރްޑީސީއާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށެވެ. އެކަމަކު، ސިޓީ ކައުންސިލުން ބުނީ އާރްޑީސީން އެ މަގު ހަދަން ކުރިން ހުށަހެޅި އަގަކީ 39 މިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ، އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތުކޮށްފައިވެ އެވެ.
ޕްލޭނިން މިނިސްޓްރީ އާއި އާރުޑީސީން ބުނީ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރި ޕްރޮޖެކްޓުގައި އަމީނީމަގު ހެދުން ނުވެސް އޮންނާނެ ކަމަށެވެ. އެކަމަކު، ސިޓީ ކައުންސިލުން އެ ވާހަކަ ދޮގުކޮށް ބުނީ އަމީނީމަގުގައި ތާރު އެޅުމަކީ ވެސް މިހާރުގެ ކައުންސިލުން އެ ޕްރޮޖެކްޓަށް ގެނައި ބަދަލެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުގެ ގޮތްތައް
07 July 2022
އޭސީސީން ބަލަން ޖެހޭ ކަމެއް އެއަކު ނެތް ސަރުކާރު މަސައްކަތެއް ސަރުކާރު ކުންފުންޏަކުން ކިރަނީ އޭސީސީން ބަލަން ޖެހޭ މުއިއްދު ހިންގާފަ ހުރި ކަރަޕްޝަން މުއިއްދު މެނަށް އިއްލާނު ނުކޮށް ރިސޯރޓްވެސް ދެވޭ 25 ބުރީގެ އިމާރާތް ވިޔަސް ކުރެވޭ އިއްލާނު ނުކޮށް އެހެންވީމަ އެގަ ހުރި ކަންކަން ބަލަން އިހަށްވީ
ރަދީފްއޮފިޝަލް
07 July 2022
އޭސީސީގަ ތިބީ ސަރުކާރުގެ ޕަޕެޓުން.އެހެންވީމަ ތިޔާ މައްސަލަ ނިންމާނެ ގޮތް އެންމެނަށް އެނގޭ.އޭސީސީގެ ރައީސް އެއީ ރަނގަޅު ވެރިއެއް.ނަމަވެސް .....ވ.ވެދުން
ރައްޔިތއ
07 July 2022
ދައުލަތުގެ ގިނަމުވައްސަސާއެއްގެ އަޣުލަބިއްޔަތު ހުރިހައިއިރެއްގަވެސް ސަރުކާރުގެ ފުއްޕިހަކުރުކައިގެން ނަށާނެ. ވަކިއިރެއް ކިޔާނެކަމެއްނެތް. ރާއްޖޭގެ ރަށްތަކަކާއި ފަޅުތަކެއް ވިއްކަމުންގެންދާކަން އޯޑިޓަރ ޖެނެރަލް ހާމަކުރީމަވީގޮތް ފެނުނެންނު! އެކަން ބަލައި، ތަޙުޤީޤުކޮށް އެކަމާއިގެންއުޅެންވީ އެންމެ އިސްވެރިޔާއަށް އެކަންވީ ޒާތީކަމަކަށްނު. ދެންއެކަމައިގެން އުޅެންވި އެކަކު ލިބުނުލާރިގަނޑު ގޯނިގޯންޏަށް އަޅައިގެން ބެހިކަމަށް އިޢުތިރާފުވެސްވި! އޭސީސީއޮތް! ރައ
ގުދުގުދާބެއްޔާ
07 July 2022
މާލޭ މަގުތައް އޮތީ މުއިޒްވެފަ!
އަޙުމަދު.
07 July 2022
ތި މައްސަލަ އދ.އަށް ހުށަ ހަޅާބަލަ. ލާމަރުކަޒީ ގާނޫ ފެނިގެން ތިއުޅެނީ މިއަދުތޯއެވެ.؟ މުއިއްޒު މާލޭގެ މޭޔަރަކަށް ހުރި އިރަކު ނުފެނެ. ކޮންމެހެން މަގުހެދުމުގެ ޕްރޮޖެކްޓް ތަށް ތިކައުންސިލާ ހަވާލުކުރާކަށް ނުޖެހެ. ލަދެއް ނުގަނޭތަ؟ ހަދާނެއް ނުވޭތަ ؟ ޙައުސިން މިނިސްޓަރ އަކަށް ހުރިއިރު ތިޔަކައުންސިލްގެ ބާރުތަށް ނަގާފަ ހަދާލިގޮތް. ޢޭރު މާލޭ ސިޓި ކައުން ސިލެއް ނޫންތަ ؟ މިހާރު ދެންކޮން އަގައެއް ތަޅަކަށް. މޭޔަރުކަން ލިބުނީމަ ލައްކައެކޭ ހީކޮށްގެންދޯތިހުރީ. ؟
އަލީ ރަމީޒު
06 July 2022
މުއިޒު ލައްވާ މަގު ހެދުމަކީ ބޭކާރު ކަމެއް. މަޖީދީމަގަކީ ތިޔަބުނާ މުއިޒުމެން ހެދިމަގެއް، ފަންވަރު ދައްކަމުން ހީވަނީ އެހެން ފަދަ ކަމެއްހެން، ވާރޭ ކޮޅެއް ވެހިލާއިރަށް ފެން ބޮޑުވޭ. މަގު އެއްވަރެއް ނޫން. މަގުގެ އެތަންމިތަންނުން ވަނީ އަޑިއަށް ގޮސްފަ
ދަންތޫރަ
06 July 2022
މަގު ހެދީމާ ނިމުނީއެއް ނޫން. ހަދާނިމޭއިރަށް ކޮނެފައި ދެން ގާ އަތުރާގޮތް ވެސް ބަލާލާ. މާލޭގައި އުޅޭ މީހަކަށް މިކަން ވެސް އެގޭނެ. މަށަށް މިހާރު އެގޭކަމަކީ އެގޮތަށް ކޮނެފައި އެތަކެއް ދުވަސްވެ ފުންކޮށް ހުރިތަންތަން ކޮންމެވެސް ބަޔަކު ކުޑަކޮށް އެއްވަރުކޮށްލާކަން. ކުރާ ބައެއް ނޭގެ.
އިބުރާ
07 July 2022
@ދަންތޫރަ؛ މަސައްކަތް ކުރި މީހުންގެ ގައިން ދާ ނުހިކެނީސް މަގު ކޮންނަން ޖެހުމޭ މައްސަލައަކީ. މުއިއްޒު ކުރާ ކޮންމެ ކަމެއް ވެސް ރޭވިފައި އޮންނަނީ ހަމަ އެގޮތަށް. ދުވަހަކުވެސް އެއްކަމެއް ދެފަހަރު ނުވަތަ ދިންފަހަރު ނުކޮށެއް ފަރަކު ނުޖެހޭ.
ރަދީފްއޮފިޝަލް
07 July 2022
1960ގެ އަހަރުތަކުގަ އައްޑޫ ގަމުގެ މަގުތައް ހެދީ އިނގިރޭސީން.މިއަދު ވެސް އެމަގުތައް ފެންވަރު ރަނގަޅުވެފަ ރީތި.އައްޑު ގަމުގަ ފެން ބޮޑެއް ނުވޭ.ސަބަބު ވަރަށް ސާފް ދެއްތޯ.ވ.ވެދުން
ރާކަނިމަސް
06 July 2022
ވިއްކި ޕާރކިންގ ސްލޮޓްތަކުގެ މައްސަލަ އާ އެއްކޮށް ވައްދާލާތި
ހާސަރު
06 July 2022
މާލޭ ރައްޔިތުންނަށް ފަސޭހަވާނެ ކަމެއް ކުރިޔަ ނުދޭން އުޅޭ މޭޔަރެއް މީ.
ސޯލިޙް
06 July 2022
ޢާރު.ޑީ.ސީ. އަކީ މޫކޭ ގެ އަމިއްލަ ކޮމްޕެނީއެއް ކަމެއް މުއިޒު އަށް ނޭގެނީތޯ...އޭނާގެ އައުވާނުންނަށާއި،ރައްޓެހިންްނައް ވަޒީފާ އާއި ޕްރޮމޯޝަން ދޭން އޮންނަ ތަނެއް އެއީ!!2024 ހައް މަޖްލިސް ނަގަން މަސްއްކަތް ކުރާތަނެއް އެއީ!!ސޯލިޙައް 2023 ހޯދާކަށް ނޫޅޭ!!އެމް.ޑީ.ޕީ ގެ އެކްޓިވިސްޓުންނައް ބޭނުން އެއްޗެއް ހަދަނީ!! ސޯލިޙައް ވ ގިނަވޯޓް އެތަނުން ގެއްލޭނެ،މޫކޭގެ ބލ އާއި ހެދި..މުއިޒުމެންގެ ޕާޓީ ކުދިންލައިގެން އުޅެނީ،އެހެންވީމާ ރަނގަޅުވާނީ މުއިޒުއަށް!!
ރަގަޅު
06 July 2022
ކަލޭ ހަދާން އެބަހުރިބާ ކަލޭމެންގެ ވެރިކަމުގާ މާލޭސިޓީކައުންސިލަށް ހަދާލިގޮތް، މަ ކާރިއަށް ހަމަ ހިނި އަންނަނީ، އަދިވެސް އެމީހުން ވާ ރަގަޅު، މަނަމަ، ކަލެއަށް މިހާރު ހުންނާނީ ސަހަރާ ބަލަހައްޓަން ހަވާލުކޮށްފަ، އެމްޑީޕީ ވާ ރަގަޅު.
މުލޭ
06 July 2022
ކަމެއް ކުރަންޏާ ތި ކައުންސިލް އުވާލާ.. މުއިއްޒުމެނަށް މަގު ހެދޭނަމަ ޕީޕީއެމް ވެރިކަމުގެ 5 އަހަރާ ކައުންސިލްގަ މިވީ މުއްދަތުގަ ތިކަން ވެފަ އޮންނާނީ. ޢަނގަ މަޑުން ލައިގެން ހުޜީމަ ތަންކޮޅެއް ރަނގަޅުވާނެ ދެންވެސް..