ދެވަނަ ޑިވިޝަންގައި ވިކްޓަރީ ކުޅުނު މެޗަކަށް ނުކުތުމުގެ ކުރިން ގައުމީ ސަލާމަށް ހުއްޓިގެން: ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގާތްގަނޑަކަށް އެ ޓީމަށް ވަނީ ބަންދުވެފަ --- ފޮޓޯ: ވިކްޓަރީ
31 ޖުލައި 2022 - 18:27
ދެވަނަ ޑިވިޝަންގައި މިއަދު ހަވީރު، ކްލަބް ޓީނޭޖާ ދެކޮޅަށް ކުޅުނު މެޗުން 1-0 ން ބަލިވެ، ވިކްޓަރީ ސްޕޯޓްސް ކްލަބަށް އަމިއްލަ ބާރު ކެނޑިއްޖެ އެވެ.
ދެ ގުރޫޕަކަށް ބަހައިލައިގެން ކުރިއަށްދާ ދެވަނަ ޑިވިޝަންގައި ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ވިކްޓަރީ ހިމެނޭ ގުރޫޕް 2 ގެ އެންމެ ކުރީގައި އޮތީ، އެ ޓީމުގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ދެވަނައިގައި އޮތީ ލިޓްލް ޓައުން ސްޕޯޓްސް (އެލްޓީ) އެވެ.
ވިކްޓަރީ އަށް ބާކީ އޮތީ ދެ މެޗެވެ. އެ ދެ މެޗުން މޮޅުވިޔަސް އެ ޓީމު ސެމީ އަށް ދިއުމަކީ ގާތްގަނޑަކަށް މުސްތަހީއްލު ކަމެކެވެ. މަހިބަދޫ އާއި ލޮރެންޒޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ވިކްޓަރީ އަށް ހަމަ ކުރެވޭނީ ޖުމުލަ 10 ޕޮއިންޓެވެ. އެލްޓީން މިހާރު ވެސް ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ. އެލްޓީ އަށް ވެސް ބާކީ ދެން އޮތީ ދެ މެޗެވެ. ވިކްޓަރީ ސެމީ އަށް ދާނަމަ ކުރިއަށް ދެ މެޗުން މޮޅުވުމުގެ އިރުތުރަށް ޓީނޭޖާއި އެލްޓީ ވެސް ކުޅޭ ދެ މެޗުން ބަލިވާން ޖެހޭނެ އެވެ. އަދި ފައިދާ ގޯލްގައި ވެސް އެ ދެ ޓީމުގެ މައްޗަށް ކުރި ހޯދެން ޖެހޭނެ އެވެ. ޓީނޭޖު ވެސް ވަނީ މިހާރު ނުވަ ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. ވިކްޓަރީ އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގަ އެވެ.
މާފަންނު ޓާފް ދަނޑުގައި މިއަދު ކުޅުނު މެޗު ވިކްޓަރީ އަށް ގެއްލުނީ މެޗުގެ ފަހު ވަގުތުގައި ޓީނޭޖުން ޖެހި ލަނޑުންނެވެ. މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި އެ ޓީމުގެ ގަތަރުގެ ކުޅުންތެރިޔާ އަލީ އަހްމަދު އަލީ އާފިފް ލަނޑު ޖަހައިދިނެވެ.
ވިކްޓަރީ އަކީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ދުރާލައި ތައްޔާރުވާން ފެށި ޓީމެކެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހިންނަވަރުގައި 12 ދުވަހުގެ ޓްރޭނިން ކޭމްޕެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް ޕަކީރު އަލީ އާއި އެ ގައުމުގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު ވެސް ވިކްޓަރީން ގެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކް ބޯއީ
01 August 2022
ފޮޓޯއިން ޓިމުގެ ކެޕްޓަން ބޭންޑް އަޅުވައިގެން ހުރި ކުޅުންތެރިޔާގެ ފިޒިކަލް ފިޓްނެސްއަށް ބަލާފަ ދެން އިތުރަށް ތި ޓީމާ ދޭތެރޭ ބުނާނެ އެއްޗެއް ނެތް. ވަރަށް ދެރަ
އަލީ އުމަރު.
31 July 2022
ތިއީ ސިމްޕަލް ކަމެއް . އެފުއޭއެމްގެ ޤަވާއިދަށް ނުގުތާއެއް އިތުރުކޮށް އެހެން ޓީމެއް މޮޅުވިޔަސް މިފަހަރު 1 ވަނަ ޑިވިޝަނަށް ކޮލިފައިޑް ވާނީ ނިއުރޭޑިއަންޓާއި ވިކްޓަރީ ކަމަށް ލިޔެލަންވީ. އޭރުން ހުރިހާ ކަމެއް ހަމަޖެހުނީ.
މާއެނގޭ
31 July 2022
ކޮބާހޭ ރޯނުއެދުރު ލެއްގި
ޓީޔުގޔ
31 July 2022
ވިކްޓްރީއަކަށް ސެމީއަކަށް ނުދެވޭނެ. ސަބަބަކީ އަދި ޓީނޭޖް އާ އެލްޓީ އާ ބައްދަލު ކުރަން އޮތީމަ. އެ މެޗު ކޮއްމެ ގޮތަކައް ނިމުނަސް ވިކްޓްރީ އަށް ހަމަ ނުކުރެވޭނެ ވަރަށް ކޮއްމެސް އެއްޓީމެއް ޕޮއިންޓް ހަމަ ކުރާނެ. އެއްވަރު ވެއްޖެޔާ އެލްޓީ އަށް 11 ޕޮއިންޓް. އޭގެ ކުރިން ޓީނޭޖް ބީޖީ މެެޗް ކާމިޔަަބު ކޮއްފިޔާ ޓީނޭޖް އަށް 12 ޕޮއިންޓް.
ޑަންޑަނާސް
31 July 2022
ތިވާހަކަދޯ ލިޔުމުގައިވެސް އެއޮތީ
އާރީ
31 July 2022
ދުރާލާ ތަށްޔާރުވީމަ މާ ގޯހެއްނު. ވަރަށް ދެރަކޮށް މި ދިމާވީ. ވަރަށް އުއްމީދު ކުރިން ރަގަޅު ފައިޓެއް ދޭނެކަމަށް