ސްރީ ލަންކާގެ އާ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނަ
01 އޯގަސްޓް 2022 - 12:21
ގައުމުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ގައުމުގެ އިގްތިސާދީ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމަށް އެއްވެސް ބަޔަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް، ސްރީ ލަންކާގެ އާ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނަ އިއްޔެ ވިދާޅުވެއްޖެ އެވެ.
ކެންޑީގައި ހުންނަ ބުދު ފައްޅިއަކަށް ޒިޔާރަތްކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ ގައުމުގެ ބޮއްސުންލާފައިވާ އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ނިޒާމު ހަމައަކަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ހަރުކަށި ކަންތައްތަކެއް ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެން ނަމަވެސް، ސަރުކާރުން އަޅަމުންދާ ކޮންމެ ފިޔަވަޅެއް އަޅަނީ، ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމާއެކު، އިގްތިސާދަށް ދިރުން ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ސްރީ ލަންކާ މިހާރު އޮތް ހާލަތުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމަށް މަސައްކަތް ކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ގައުމުގެ އަމަންއާންމު ދެމެހެއްޓުމަށްޓަކައި ގާނޫނުތައް ތަންފީޒުކުރުމަކީ ސަރުކާރުގެ ޒިންމާއަކަށް ވާއިރު، ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަކީ ގައުމުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. އޭގެ އިތުރުން ޕްރައިވެޓް ސެކްޓާ އާއި ވިޔަފާރި ކުންފުނިތަކުން ވެސް، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލަންކާގައި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ސިޔާސީ ހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް އެކުލަވައިލެއްވުމަށް ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ. އަދި އޭނާ ވެސް އެކަމަށް ގޮވައިލެއްވި ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ޕާޓީއަކުން އެކަމަށް އިޖާބަ ނުދޭ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
ލަންކާ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާ ކުރި އާންމުން، އެ ގައުމުގެ ރައީސް އޮފީހާއި ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެ އެ ދެ ތަނަށް ގެއްލުންތަކެއް ދީފައިވާތީ، އެ ދެ އޮފީހުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ބޮޑުވަޒީރު ދިނޭޝް ވިދާޅުވި ގޮތުގައި އެ ދެ އޮފީހުން އާންމުން ނެރުމަށް ފަހު އެ ދެ އޮފީސް ސާފުކޮށް މިހާރު ވަނީ ރަސްމީ މަސައްކަތްތައް ފަށައިފަ އެވެ.
އޭގެ އިތުރުން، ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީ ވެސް ވަރަށް އަވަހަށް ހަމައަކަށް އަޅުވައި އެ ގެކޮޅު ބޭނުންކުރެވޭ ގޮތް ހައްދަވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުނުމިރިސް
02 August 2022
ގައުމާ ރައްޔިތުންނަށް ފައިދާވާނީ މިކަހަލަ ވެރިން ލިބިގެން. ޑިމޮކްރެސީ އޭ ކިޔާފަ ރައްޔިތުންނާ ގައުމަށް ގެއްލުުންވާ ޒާތުގެ ކަންކަމަށް ފުރުސަތުދެވިގެންނުވާނެ.
އިސްމާލު
01 August 2022
ޤައުމެއް އެހާލަތަށްވަޓާލި ބަޔަކު ވެރިކަމުގައިތިބެ ޤައުމެއް ހަމަޔަކަށްނޭޅޭނެ ވޯލްޑުބޭންކާއި އައިއެމްއެފް އަދި އެހެންބަޔަކުވެސް މިސަރުކާރަށް އެހީދޭން ބޭނުމެއްނުވޭ ދެއާއިލާއެއްގެ ބާރުން ރައްޔަތުންއޮބި އަޅުވައިގެން ވެރިކަމެއްނުކުރެވޭނެ ޤައުމްހަލާކުކޮށްލި މީހުންދުރަށްގޮސް އާބަޔަކުވެރިކަމަށް އައުމުން ހަމަޖެހުންއައްނާނީ
ބީރުބޮލު ވަޒީރު.
01 August 2022
އަހަރުމެން އަބަދުވެސް ބުނަން ތިއަވާހަކަ. ރައްޔިތުން ނިކުމެ ތަންތާ ރޯކޮށް ސަރުކާރުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނީމަ މަތިން އެއްވެސް އެއްޗެއް ފޭބިހޭ؟ ގައުމެއްގެ ހާލަތު ތިއަ ހާލަތަށް ދިއައީމަ ޖެހިދާނެ ފުލައިވުޑު ފިލާއެއްގެ މަތީ އަނދިރީގައި ނިދަންވެސް. ކާމިޔާބު ލިބޭނީ ކެތްތެރިކަމާއެކު ބުރަ މަސައްކަތް ކޮށްގެން. މިއީ ދުނިޔެ ދައްކާ ޙަޤީޤަތެއް.
ގުލްޒާރު
01 August 2022
ބޮޑުވަޒީރު އެވިދާޅުވަނީ ހަމަހެޔޮކޮށް. ރައްޔިތުންވެސް ފުއްޕުމުގާ ކޮންމެސް ހަމައެއް އޮންނަންވާނެ.