އޮގަސްޓް 2، 2022: އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އުޅުއްވާ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ނެންސީ ޕެލޯސީ (ވ) ސިންގަޕޫރުގައި އެ ގައުމުގެ ބޮޑުވަޒީރު ލީ ހިސެން ލޫންގްއާ ބައްދަލުކުރައްވަނީ. --އޭއެފްޕީ
02 އޯގަސްޓް 2022 - 13:20
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ނެންސީ ޕެލޯސީ ތައިވާނަށް ވަޑައިގެންފި ނަމަ، ނުރައްކާތެރި ނަތީޖާތަކެއް ނުކުންނާނެ ކަމަށް ބުނެ ޗައިނާއިން އިންޒާރުކޮށްފައި ވިޔަސް، އޭނާ ތައިވާނަށް ވަޑައިގަންނަވާނެ ކަމަށް، އެމެރިކާ އާއި ތައިވާންގެ އޮފިޝަލުން މިއަދު ބުނެފި އެވެ.
މިނިވަންކަން ހޯދުމަށް ތައިވާނުން ކުރަމުން އަންނަ މަސައްކަތަށް އެމެރިކާ އިން ދެމުން އަންނަ ހިތްވަރާ ގުޅިގެން، ޗައިނާއާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ މިފަދަ ދަނޑިވަޅެއްގައި، ނެންސީ ތައިވާނަށް ވަޑައިގަންނަވާތީ، އެމެރިކާ ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ނެންސީ އެމެރިކާ އިން ފުރާވަޑައިގެންނެވި އިރު، ޒިޔާރަތްކުރައްވާ ގައުމުތަކުގެ ލިސްޓުގައި ތައިވާނެއް ނެތެވެ.
ނަމަވެސް ނެންސީގެ މި ދަތުރުގައި ތައިވާނަށް ވަޑައިގަންނަވާނެ ކަމުގެ އަޑުތައް ކުރިންވެސް ފެތުރިފައިވާތީ، ޗައިނާ އިން ވަނީ އެފަދަ ގޯހެއް ނުހެދުމަށް މީގެ ކުރިން ވެސް އެމެރިކާ އަށް އިންޒާރުކޮށްފަ އެވެ.
ނެންސީގެ މި ދަތުރުގައި ސިންގަޕޫރަށް ވަޑައިގެން އުޅުއްވަނިކޮށް، ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ޒާއޯ ލީޖިއާން އިއްޔެ ވިދާޅުވީ ނެންސީ ތައިވާނަށް ވަޑައިގަތުމަށް ނިންމަވައިގެން އެގޮތަށް އަމަލުކުރައްވައިފި ނަމަ، ސީރިއަސް ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ނެންސީ ތައިވާނަށް ވަޑައިގެންފި ނަމަ، ޗައިނާގެ އަސްކަރިއްޔާ "ދެ އަތް އުރާލައިގެން ކުޅިބަލަން ނޯންނާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮގަސްޓް 2، 2022: އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އުޅުއްވާ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ނެންސީ ޕެލޯސީ (ވ) މެލޭޝިޔާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި މެލޭޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަޒްހަރު އަޒީޒާން ހާރޫންއާ އެކުގައި. --އޭއެފްޕީ
ޗައިނާ އިން ކުރިން ވެސް ބުނަމުން އަންނަނީ، ތައިވާނުން މިނިވަންކަން އިއުލާންކޮށްފި ނަމަ، ބާރުގެ ބޭނުންކޮށްގެން ވިޔަސް އެކަން ހުއްޓުވާނެ ކަމަށެވެ. އަދި ތައިވާނަކީ ޗައިނާއާ ވަކި ނުކުރެވޭނެ ޗައިނާގެ ބިމެއް ކަމަށާއި، ޗައިނާގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރަސް އެޅުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނުދޭނެ ކަމަށް ވެސް ޗައިނާ އިން ބުނެ އެވެ.
"މެދުވެރިދާނެ ކޮންމެ ކަމަކަށް އަހަރެމެން މިތިބީ ފުރިހަމަ އަށް ތައްޔާރުވެގެން. ޗައިނާ ރައްޔިތުންގެ މިނިވަންކަމުގެ ލަޝްކަރު ދެ އަތް އުރާލައިގެން ނޯންނާނެ. ޗައިނާގެ ސިޔާދަތާއި ސަރަހައްދީ މިނިވަންކަން ދިފާއުކުރުމަށްޓަކައި ފުރިހަމަ ބާރާއި ވަރުގަދަ އަޒުމަކާއެކު ފިޔަވަޅުތައް އަޅާނެ،" ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ޒާއޯ ލީޖިއާން ވިދާޅުވި އެވެ.
ނެންސީ ތައިވާނަށް ވަޑައިގަންނަވާނެ ކަމުގެ އަޑުތައް ފެތުރުމާ ގުޅިގެން، ޗައިނާ އިން ވަނީ އެ ގައުމުގެ އަސްކަރީ މަނަވަރުތައް، ޗައިނާ އާއި ތައިވާނާ ދެމެދުން، ތައިވާން ކަނޑުއޮޅީގެ މެދަކާ ހަމައަށް އިއްޔެ ނެރެފަ އެވެ. އަދި މިއަދު ހެނދުނުން ފެށިގެން ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ދަނީ، ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދުގެ ކައިރިން ދަތުރު ކުރަމުންނެވެ.
ތައިވާނުން މިއަދު ބުނީ، ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކުގެ ހަރަކާތްތަކަށް ފާރަލައި ބެލުމަށް، ތައިވާންގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތައް ތައިވާންގެ ވައިގެ ސަރަހައްދުގެ ތެރޭގައި ބުރު ޖަހަމުންދާ ކަމަށެވެ.
ޗައިނާ އާއި ތައިވާނާ ދެމެދު މިފަހަކަށް އައިސް މަސްރަހު ގޯސްވެގެން ދިޔައީ، ތައިވާނަށް މިނިވަންކަން ހޯދައިދިނުމުގެ ވައުދާއެކު 2016 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޓިސައި އިންގް-ވެންގްގެ ރިއާސީ ދައުރު ފެށުމާ އެކުގަ އެވެ. އޭގެ ފަހުން، ނެންސީ ތައިވާނަށް ވަޑައިގަތުމުގެ ޚަބަރުތައް ފެތުރުމާއެކު، ޗައިނާ އިން އަންނަނީ ތަކުރާރުކޮށް ތައިވާނަށް އިންޒާރު ކުރަމުންނެވެ.
ނެންސީ ތައިވާނަށް ވަޑައިގަންނަވާނީ ކޮން ވަގުތަކުން ކަމެއް ތައިވާނުން ވެސް އަދި އެމެރިކާ އިން ވެސް ނުބުނެ އެވެ. ނަމަވެސް ތައިވާންގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ނެންސީ ތައިވާނަށް ވަޑައިގަންނަވާނެ އެވެ. އަދި މިރޭ ތައިވާންގައި ރޭކުރެއްވުމަށް ފަހު ފުރާވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮންކީ
02 August 2022
މުޅި ދުނިޔެ ފިތުނަ ފަސާދަކުރުމުގަ އަވަދިނެތި
ރަދީފު ބިން ރަފައިދާ
02 August 2022
ނޭންސީ މަހަށްދޭބަލަ.
ބީރުބޮލު ވަޒީރު.
02 August 2022
ޔޫކުރޭނާއި ރަސިއާ އާއި ހަނގުރާމަ ފަށުވާފަ މިހާރު އެއުޅެނީ ޗައިނާ އާއި ޓައިވާން ހަނގުރާމައެއް ފަށުވަން. އެމެރިކާގެ މަސައްކަތް އެއީ ގައުމުތަކުގައި ފިތުނަ އުފެއްދުމާއި ހަތިއާރު ވިއްކުން. މިވަރު ނުބައި ނުލަފާ ބަޔަކަށް ސަލީމް އިދުރީސް ތާއީދުކުރާތީ އަޖައިބުވޭ.
ޖީޒަސް
02 August 2022
އަނެއް ހަނގުރާމަ ފެށުނީ އެމެރިކާގެ ގަމާރުކަމުން