އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު
03 އޯގަސްޓް 2022 - 11:27
އއ. އުކުޅަހުގައި 2018ގައި ބޭއްވި އެމްޑީޕީ ކޮންގްރެސްގެ ބޮޑު ނިންމުމަކަށް ވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުން ކަމަށް ވިޔަސް މި މަހުގެ 19ގައި އޮންނަ އެ ޕާޓީގެ ކޮންގްރެސްގައި ރިޔާސީ ޕްރައިމަރީއާ ގުޅޭ އެއްވެސް ކަމެއް މިހާތަނަށް އެޖެންޑާކޮށްފައި ނުވާ ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އެންމެ ފަހުން ހުށަހެޅި ހުށަހެޅުމުގައި އޮތީ ރިޔާސީ ޕްރައިމަރީގެ ތާރީހް ކޮންގްރެސްގައި ކަނޑައަޅާ ގޮތަށެވެ. އެކަމަކު އެ މަޝްވަރާއެއް ގައުމީ މަޖިލީހުގައި ވެސް ކުރިއަކަށް ނުދެ އެވެ.
އެހެންވެ ބެލެވިފައި އޮތީ އެ ތާރީހް ނުވަތަ ރިޔާސީ ކެންޑިޑޭޓާ ގުޅޭ ނިންމުމެއް ކޮންގްރެސްގައި ނިންމާނެ ކަމަށެވެ. އެމްޑީޕީގެ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރައްވާފައިވާ އިރު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އޮތީ ވިދާޅުވެފަ އެވެ.
ކޮންގްރެސްގައި ރިޔާސީ ޕްރައިމަރީއާ ގުޅޭ ކަމެއް ހިމަނާފައި ނެތީ، އިބްރާހިމް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުން ކުރިއަށް ގެންދާނެ ގޮތް އަސާސީ ގަވާއިދުގައި ސާފުކޮށް އޮތުމުންނެވެ. އެހެން އޮއްވައި އެއީ ކޮންގްރެސްގައި ގޮތެއް ނިންމަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަމާ ގުޅޭ ކަމެއް އެޖެންޑާކުރަން ކޮންގްރެސްއަށް އެކުލަވާލި ކޮމިޓީތަކުގެ ވެސް ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"މިހާތަނަކަށް ނެތްް ރިޔާސީ ޕްރައިމަރީގެ އެއްވެސް ކަމެއް ކޮންގްރެސްގައި ކުރިއަށް ގެންދާ ގޮތަށް. ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކުރުން އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަސާސީ ގަވައިދަށް ހުށަހަޅާފައި ހުރި އިސްލާހުތަކުގެ ތެރޭގައި ވެސް ރިޔާސީ ޕްރައިމަރީއާ ގުޅޭ ނިންމުމެއް ނެތެވެ.
ސޯޝަލް ސެންޓަރުގައި ބާއްވާ ކޮންގްރެސްއަށް 1،200 އަށް މީހުންނަށް ދައުވަތު ދޭން ޖެހެ އެވެ. ކޮންގްރެސްގައި އެކުލެވިގެން ވަނީ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓުގައި ތިއްބެވި އެމްޑީޕީގެ ވަޒީރުންނާއި ޕާޓީގެ ލީޑަޝިޕާއި ގައުމީ މަޖިލީހުގެ މެމްބަރުންނާއި ދާއިރާތަކުގެ ނައިބު ރައީސުންނާއި ގޮފިތަކުގެ ނައިބު ރައީސުންނާއި ޒުވާނުންގެ ހިތްވަރާއި އަންހެނުންގެ ރޫހް ހިމެނޭ ގޮތުންނެވެ.
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅާ މެދު ކޮންގްރެސްގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ. އޭރުން ޕާޓީގެ ނިންމުން އެކަމުގައި ސާފުވާނެ އެވެ.
ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމާއި ނިޒާމީ ވޯޓު ބާއްވާނެ ތާރީހް ކަނޑައަޅަން ކޮންގްރެސްއަށް ހުށަހަޅުއްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މީގެ ތެރޭގައި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ކެންޑިޑޭޓަކީ ކާމިޔާބު ހޯދި ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުން ހިމެނެ އެވެ.
އެއްވެސް ކެންޑިޑޭޓަކަށް 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުން އެމަނިކުފާނު ކޮންގްރެސްއަށް ހުށަހަޅުއްވަން ގަސްތުކުރެއްވި ހުށަހެޅުމުގައިވެ އެވެ. އެކަމަކު ގާނޫނުއަސާސީގައި މިހާރު ކަނޑައަޅާފައިވާ ޕަސެންޓަށް ވުރެން ދަށްކޮށް، ރައީސަކު ކަނޑައެޅުމަށް ގާނޫނުއަސާސީ އިސްލާހުކުރަން ތާއީދެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
- މިނިވަން މުއައްސަސާތަކުގެ އަދަދާއި އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިސްލާހުތައް ކޮންގްރެސް އިން ފާސްކުރުން.
- ގާނޫނުއަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމަށް ނިންމުން.
- ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓު ހޯދާ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅަން ކޮންގްރެސްގައި ނިންމުން.
- އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރު ބާއްވަން ގާނޫނުއަސާސީގައި ކަނޑައެޅުން.
- ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ތާރީހް ކަނޑައެޅުން. އަދި އެ ނަތީޖާއާ އެއްގޮތަށް ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސް އިން އެއްބަސްވުން.
- ގާނޫނުއަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ނިންމުން.
އެމްޑީޕީގެ ކޮންގްރެސް މި ބާއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުން ބޮޑުވެ، ދެ ފެކްޝަނެއްގެ ގޮތުގައި ޕާޓީ ކުރިއަށް ދަނިކޮށެވެ. އަދި މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ތިއްބެވި މެމްބަރުން ނިންމެވީ ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމުން ހިތްހަމަޖެހިވަޑައިނުގެން ރައީސާއި ސަރުކާރަށް ތުހުމަތު އަޅުވަން ފެއްޓެވެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
04 August 2022
ކުލާސް ކުދިންނައް އިންތިހާއައް ހެޔޮވިޔަން ތިއޮތީ ކެއްސެއްދީފަ
ވިރާތު
04 August 2022
ހުރިހާ ބާރެއްލިބި ވެރިކަމުގަ ކަމެއް ނޮކޮއްދެވި ޗޮކުން ދިޔަބައެއް ތިޔައީ..
ލަލަލަ
04 August 2022
ވެރިކަމައް ބޫތުކައިފާ ހުރިމީހަކު ހުރީމަ ވާނީ އެހެން
ގުރުތުބީ
04 August 2022
ވެރިކަން ހޯދަން ވަރައް ޑިމޮކުރަސީ ދެއްކީ މިހާރަު ވަރައް ހުދުމުހުތާރު ޕާޓީއެއް
ސުނޮމޭން
03 August 2022
ކެނެރީ އަދި ބޯގަންބިލާ ސިއްކަގެ މިލްކިއްޔާތެއްތީ
ސަލްފަދޮރި
03 August 2022
މިގައުމުގައި މާ ރީއްޗަށް ކަންކަން ކުރަން އުޅޭނެކަމެއްނެތް….
ކުޗީ
03 August 2022
އޮތީ ތަބަކެއްގެ ވާހަކަތޯ ... ' ޑިމޮކްރެޓިކް ' ޕާޓީ ޔޯލަ.
އެމްސް
03 August 2022
ތިއަށްވުރެން ޚުދުމުޚުތާރު ޕާޓީ އެއް މިހާރަކު ނެތް!
އޮނަރަބްލް އަފީފު ދީދީ
03 August 2022
ޤަބޫލުކުރަން ދަތިވިކަމުގައިވިޔަސް އެމްޑީޕީ އިސްނަގައިގެން "ރާއްޖޭގެ ރައްޔިތުނަށް، އެމީހުންގެ ބާރުވެރިކަމަށް ހުރަސްއެޅޭފަދަ އެތައްކަމަކާއި" މަލްޓިޕާޓީ ސިޔާސީޕާޓީތައް އުފެއްދުމުގެ ފުރުސަތުހަނިކޮށް އެކަންނުކުރެވޭގޮތް ހެދުމަށާއި، ސިޔާސީ ވާދަވެރިކަމުގެ ޖާގަގެއްލުވާލަން ކިތަންމެ ޤާނޫނެއް ހަދާފައި އެބަހުރި. # މިގޮތުން ތަހްޒީބު ދައުލަތް ތަކުގައިވެސް 10 ހާސް މެންބަރުން ތިބުމަށް ލާޒިމްކޮށްފައި ނެތް އިރު 5 ލައްކަ އާބާދީގައި އެކަން އޮތްގޮތް އެއީ ހެއްކެއް.
އޮނަރަބްލް އަފީފު ދީދީ
03 August 2022
ލާމަރުކަޒީ ޤާނޫނު އިސްލާޙްކޮށް ފަސޭހަކަމާއިއެކު ޑިސެންޓަރަލައިޒް ކުރުމަށްޓަކާ މިހާރު އޮތްގޮތާއި ޙިލާފަށް ރާއްޖެ އިދާރީ ޤާނޫނީ 3 ރީޖަން ނުވަތަ ޕްރޮވިންސަށް ބަހާލުމަށްޓަކާ ގަދީމީފިކުރާއި އުސޫލު ބަދަލުކޮށް" ކަންކަން ލާމަރުކަޒުކުރާން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ ކޮންމެރީޖަނަކަށް ޤަވަރުނަރެއް އައްޔަންކުރަން މަޖިލީހަށް ހުށަހަޅަން ފާސްކުރޭ.