ސްކޫލް ގައިޑު / އެޑްވަޓޯރިއަލް

އައިސީޕީ: ނަފްސާނީ ބަލިތަކުގެ ފަރުވާ

މީހަކު ކައުންސެލިން ހޯދަނީ: އައިސީޕީން ނަފްސާނީ ބަލިތަކުގެ ފަރުވާ ފޯރުކޮށްދޭ.

03 ޖެނުއަރީ 2017 - 11:55

9 comments

އަހަރެންގެ އުމުރަކީ 35 އަހަރެވެ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ތަޖުރިބާ ކުރަމުން އައީ ވަރަށް ތަފާތު ހަޔާތެކެވެ. ކުޑަ އަންހެން ކުއްޖެއްގެ ގޮތުގައި މައިންބަފައިންނާ އެކު އަހަރެން ދިރިއުޅުނީ ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ އެއް ސިޓީގެ ވަކި އެޕާޓްމަންޓެއްގަ އެވެ. އެ ދެ މީހުންނަކީ ވެސް ވަރަށް އަވަދިނެތި އުޅޭ ދެ މީހުންނެވެ. އަދި ގިނަ ވަގުތު ހޭދަކުރާނީ ވެސް ގެ އިން ބޭރުގަ އެވެ.

އެކަމަކު، އަހަރެންގެ ކަންކަން ރަނގަޅަށް ބަލަހައްޓާނެ މެއިޑަކު ގޭގައި ހުރެ އެވެ. މައިންބަފައިންނާ އެކު ވަގުތު ހޭދަކުރަން ފުރުސަތެއް އަހަންނަށް ލިބެނީ ހަފްތާ ބަންދުގަ އެވެ. އެކަމަކު، އެ ވަގުތު ވެސް ދެކެވޭ މައިގަނޑު ވާހަކަ ގުޅިފައި އޮންނަނީ އަހަރެންގެ ކިޔެވުމާ އަދި ސުކޫލުގެ އިތުރު ހަރަކާތްތަކާ އެވެ. އަހަރަކު އެއްފަހަރު ނޫނީ ދެ ފަހަރު އަހަރުމެން އާއިލާ އެކުގައި ޗުއްޓީ އަށް ދަމެވެ. އަދި އެ ދުވަސްތަކުގައި އަހަރެން ހުންނަނީ ވަރަށް އުފާވެފަ އެވެ. އަހަރެންގެ އަންހެން ކޮއްކޮ އުފަންވި ދުވަހު ވެސް އަހަރެން ވަރަށް އުފާވި އެވެ. އަދި އަހަރެންގެ މައިންބަފައިން ގެ އިން ބޭރުގައި ވަގުތު ހޭދަކުރުމުގެ ސަބަބުން އަހަރެން އިހުސާސް ކުރަން ޖެހުނު އެކަނިވެރިކަން އަހަރެންގެ ކޮއްކޮ އިހުސާސް ކުރަން ނުޖެހޭނެކަން އަހަރެން ޔަގީންކުރީމެވެ.

ދުވަސްތައް ވޭތުވަމުން ގޮސް މެއިޑު މުސްކުޅިވެ، މަސައްކަތް ހުއްޓާލައިފި އެވެ. އަހަރެންގެ މައިންބަފައިން ނިންމީ އާ މެއިޑަކު ނުގެނެސް ގޭގެ މަސައްކަތްތައް އެންމެން ބަހާލައިގެން ކުރުމަށެވެ. މަންމަމެން މަސައްކަތުން އެނބުރި ގެ އަށް އަންނަންދެން ކޮއްކޮގެ ކަންކަން ބަލަން ޖެހުނީ އަހަންނަށެވެ. އަހަރެން އުފަލުން އެކަން ގަބޫލުކުރީމެވެ.

އެކަމަކު، ކޮއްކޮވީ ވަރަށް މިނިވަން ކުއްޖަކަށެވެ. އަބަދު ވެސް ބޭނުންވީ އާ ކަންކަން ތަޖުރިބާކުރާށެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވާ ފަހުން ވެސް ރައްޓެހިންނާ އެކު ބޭރަށް ގޮސް ކުޅެން ކޮއްކޮ ބޭނުންވި އެވެ. އެއީ ރައްކާތެރިކަމެއް ނޫން ކަމަށް އަހަރެން ދިން ނަސޭހަތް އަޑު ނާހާ، އާއްމުކޮށް ކޮއްކޮ ނިކުމެގެން ދާނެ އެވެ. މި ކަންކަމާ ގުޅޭ ގޮތުން އަހަރެންގެ މައިންބަފައިންނާ ވާހަކަދެއްކުމުން އެ މީހުން ހީކުރީ ކޮއްކޮ ދެކެ އަހަރެން ހަސަދަވެރިވާތީ ބޭކާރު ޝަކުވާ ކުރަނީ ކަމަށެވެ. މިކަމާ އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވާން ފެށި އެވެ. އަދި ކޮއްކޮ އަށް ދެރަކަމެއް ވެދާނެތީ އަހަރެން ހާސްވާން ފެށި އެވެ. އާއިލާގެ އެކިއެކި މީހުންނަށް ގޯސް ކަންކަން މެދުވެރިވެގެން އުޅޭ ތަނާއި މައިންބަފައިން އަހަރެން އެކަހެރިކޮށްލާ ތަން އަހަންނަށް ހުވަފެނުގައި ފެންނަން ފެށި އެވެ. އަދި އެކަމުގެ ސަބަބުން އަހަންނަށް ނިދަން އުނދަގޫވާން ފެށި އެވެ. މި ކަންތައް ގޯސްވަމުން ގޮސް އަހަންނަށް ކިޔެވުމުގެ ކަންތަކާ ސަމާލުކަން ނުދެވި، ސުކޫލުގެ ނަތީޖާތައް ވަރަށް ބޮޑު ތަނުން ދަށަށް ދާން ފެށި އެވެ.

އަހަރެންގެ މައިންބަފައިން އަހަރެންގެ ކުލާސް ޓީޗަރާ އަދި ސުކޫލުގެ ޕްރިންސިޕަލާ ބައްދަލުކުރި އެވެ. އަދި އެ ބައްދަލުވުމަށް ފަހު ނިންމީ އަހަންނާއި ކޮއްކޮ ސުކޫލުގެ ދަނާލަށް ބަދަލުކުރުމަށެވެ. ކޮއްކޮ ވެސް އަހަންނާ އެއް ދަނާލެއްގައި ހުރެފައި އެ ދަނާލަކީ ވަރަށް ބޮޑަށް ރައްކާތެރިކުރެވިފައިވާ މާހައުލަކަށް ވުމުން އަހަރެން ހުރީ މި ހަމަޖެއްސި ގޮތާ މެދު ވަރަށް ހިތްހަމަޖެހިފަ އެވެ. ދަނާލުގައި ގިނަ ކުދިން އެކުގައި ނިދަން ހުންނަ ތަންވީ އަހަންނަށް ވަރަށް ބިރުވެރި ތަނަކަށެވެ. އެހެންވެ، އަނެއްކާ ވެސް އަހަންނަށް ނިދަން އުނދަގޫވި އެވެ. އަހަންނަށް ރޭގަނޑު ޒާތް ޒާތުގެ ބިރުވެރި އަޑުތައް އިވޭތީ އަހަރެން އެކަމާ މެދު ސުވާލުކުރުމުން އަބަދު ވެސް ލިބޭ ޖަވާބަކީ "އެ ވާނީ ކޮންމެ ވެސް ބުޅަލެއް ކަމަށެވެ".

އެންމެ ކުޑައިރުއްސުރެ އަހަރެން ޖިންނި ދެކެ ބިރުގަންނަ ބިރުގަތުންވީ އެ ކަންތައް އިތުރަށް ގޯސްވާން މެދުވެރިވި ސަބަބަކަށެވެ. އަހަންނަށް އިވެމުން ދިޔަ އަޑުތަކުގެ ހަގީގަތް ހޯދަން އަހަރެން އުޅުނު ވަރަކަށް އެ ކަންތައް ދިޔައީ އިތުރަށް ގޯސްވަމުންނެވެ. އެހެންވެ، އެންމެ ފަހުން އަހަރެން އެކަން ހުއްޓާލައި ކިޔެވުމުގެ ކަންކަމަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރީމެވެ. އޯލެވެލް ނިމި، ސުކޫލް ބަދަލުވުމުން އަހަންނަށް ޖެހުނީ މުޅިން އާ މާހައުލަކަށް ބަދަލުވާށެވެ.

ވަރަށް ބުރަކޮށް ކިޔަވަން މަސައްކަތްކުރަން ޖެހޭކަން އަހަންނަށް އެނގެ އެވެ. އެހެންވެ، ދަންވަރު ލަސްވަންދެން ހޭލާ ހުރެގެން ވެސް ރަނގަޅު ނަތީޖާއެއް ހޯދަން އަހަރެން ހުރީ ތައްޔާރަށެވެ. އެއް ރެއެއްގެ ދަންވަރު އަހަރެން ހިސާބު ސުވާލެއް ހަދަން އިންދާ، އަހަންނާ އެއް ކޮޓަރީގައި ނިދާ ކުދިން ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން އަހަންނަށް އުނދަގޫވާން ފެށި އެވެ. ސުވާލަށް ސަމާލުކަންދޭން ވަރަށް ބޮޑަށް މަސައްކަތް ކުރުމުން ވެސް އެ ކަމެއް ނުވި އެވެ. އެހެންވެ، ތަންކޮޅެއް އަޑު މަޑުކޮށްލަން އެ ކުދިން ކުރެން އެދުނީމެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ކޮޓަރި އެއްކޮށް ހިމޭން ވެއްޖެއެވެ. އަދި އެކަމާ އަހަރެން އަންތަރީސްވި އެވެ. އަހަރެން ފަހަތަށް އެނބުރި ބަލާލި އިރު، ހުރިހާ ކުދިން ވެސް ތިބީ ގަދަޔަށް ނިދާފަ އެވެ. އެހާ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ހުރިހާ ކުދިން އެއްވެސް އަޑެއް ނީއްވާ ނިދާލި ގޮތާ މެދު އަހަރެން ވަރަށް ފުންކޮށް ވިސްނީމެވެ.

އަނެއް ދުވަހު ހެނދުނު އެކަމާ މެދު އެ ކުދިންނާ ސުވާލުކުރުމުން އެ ގަޑީގައި އެއްވެސް ކުއްޖަކު ހޭލާ ހުރިކަމަކަށް ނުވި އެވެ. އަދި އެ ކުދިން ބުނީ އެއީ އަހަންނަށް ހީވި ގޮތެއް ކަމަށެވެ. އެކަމަކު، އެ ކުދިން އެ ގަޑީގައި އަޑު ގަދަކުރިކަން އަހަންނަށް ވަރަށް ބޮޑަށް ޔަގީނެވެ. ނަމަވެސް، އެކަމާ ބަހުސްކުރަން އަހަރެން ބޭނުން ނުވާތީ އެންމެ ފަހުން އެ ވަގުތު އަހަރެން ދިޔައީ އެވެ. އެ ހާދިސާ އަށް ފަހު މާ ބޮޑު ކަމެއް ނުހިނގަ އެވެ. އަދި އެ ކަމަށް މާ ބޮޑު ސަމާލުކަމެއް ވެސް ނުދެވެ އެވެ. ނަމަވެސް، އަހަންނަށް އެ ވަގުތު ނޭނގި އޮތް ކަމަކީ އެއީ އަހަރެންގެ ބަލީގެ ފުރަތަމަ ތަޖުރިބާ ކަމެވެ.

ކޮލެޖުގައި ކިޔަވަން ފެށި ފަހުން އަހަންނަށް ވަރަށް ރަނގަޅު ރަހުމަތްތެރިން ލިބުނެވެ. އެއީ އަހަރެންގެ ހަޔާތުގެ އެންމެ ހިތްގައިމު ދުވަސްތަކެވެ. އެކަމަކު، އަހަރެން ހާސްވެ ކަންބޮޑުވާ ކޮންމެ ފަހަރަކު ކޮންމެ ވެސް ގޮތަކުން ކޮންމެ ވެސް އެއްޗެކޭ ކިޔާ އަހަންނާ ވާހަކަ ދައްކަން އުޅޭ އަޑުތަކެއް އަހަންނަށް އިވެ އެވެ. ފުރަތަމަކޮޅު އަހަންނަށް ހީކުރެވުނީ އެއީ އަހަރެންގެ ސިކުނޑި އަށް ވިސްނޭ، އަސްލެއް ނެތް އަޑެއް ކަމަށެވެ. އެހެންވެ، އަހަރެން މާ ބޮޑަކަށް އަޅައެއް ނުލަމެވެ. ނަމަވެސް، އަހަރެން އެކަމާ މެދު ވިސްނައި ދިރާސާ ކުރަން ފެށުމުން އެނގުނީ އެ އަޑުތައް އަންނަނީ ކޮންމެ ވެސް އެހެން ދިމާލަކުން ކަމެވެ. އެ އަޑުތައް ބައެއް ފަހަރު އަހަރެންގެ މުސްތަގުބަލާ މެދު ވާހަކަ ދައްކަ އެވެ. އަދި އާއިލާ މީހުންނާއި ރައްޓެހިންނާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަ އެވެ.

އެ ވާހަކަތައް އަހަރެންގެ ރަހުމަތްތެރިން ގާތު ދައްކާ ކޮންމެ ފަހަރަކު ނިމެނީ އެއީ އަހަންނަށް "ހީވާ ހީވުމެއް" ކަމަށެވެ. ނުވަތަ ޖިންނީންގެ ކަންތައް ކަހަލަ ކޮންމެ ވެސް އާދަޔާ ހިލާފު ހާލަތެއް ކަމަށެވެ. އެ ކަމަކީ އަހަރެންގެ ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅިފައިވާ ކަމަކަށް ވެދާނެ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރެ އެވެ. ހުދު އަހަރެން ވެސް ފަހަރެއްގައި ވެސް އެހެން ވެދާނެ ކަމަކަށް ހިއެއް ނުކުރަމެވެ.

އަހަންނަކީ އެހެން މީހުންނާ ތަފާތު، ކޫސަނި މީހެއްގެ ގޮތުގައި ސިފަކުރެވެން ފެށި އެވެ. އެންމެ ފަހުން އެކުވެރިންނާ އެކަހެރިވެ، އަހަންނަށް އިވޭ އަޑުތަކާ ގާތްކަން އުފައްދަން ފެށީމެވެ. އަދި ދުވަސްކޮޅަކުން އަހަރެން އެ އަޑުތަކަށް ޖަވާބު ދޭން ވެސް ފެށީމެވެ. އެންމެ ފަހުން، އެ އަޑުތަކާއި އަހަންނާ ދެމެދު ރަނގަޅަށް ވާހަކަދެކެވެން ފަށައިފި އެވެ. މަޑުމަޑުން އަހަންނަށް މަންޒަރުތަކާއި އަސްލު ނޫން މީހުން ވެސް ފެންނަން ފަށައިފި އެވެ. އެ އަޑުތަކާއި މަންޒަރުތަކާއި މީހުން ވެސް އެކުވެރިވެފައި، އަހަރެން ހާސްވެ ކަންބޮޑުވާ ކޮންމެ ފަހަރަކު ފެންނާތީ އަހަރެން އެކަމާ އެހާ ބޮޑަށް ކަންބޮޑެއް ނުވަމެވެ. ބައެއް ފަހަރު އުނދަގޫތަކުން ސަލާމަތްވުމަށް، ބައެއް ކަންކަން ކުރަން އިރުޝާދު ވެސް ދެ އެވެ.

ކޮލެޖުގެ އެންމެ ފަހު އަހަރު މުޅިން ގޮތް ހުސްވުމުން މި ކަންތަކުގައި އަހަރެން ކޮންމެ ވެސް ވަރެއްގެ އެހީތެރިކަމެއް ލިބޭތޯ މަސައްކަތް ކުރީމެވެ. އަހަރެންގެ ބޮލު ތެރޭގައި އެނބުރެމުން ދިޔަ ކަންކަމާއި ހަގީގީ ކަންކަމާ ފަރަގުކުރަން އަހަންނަށް އުނދަގޫވާން ފެށި އެވެ. ކޮންމެ ދުވަހަކު ވެސް އަހަންނަށް އަޑުތައް އިވެ އެވެ. އަދި އަސްލު ހަގީގަތުގައި ނުތިބޭ މީހުން ވެސް ފެނެ އެވެ. އަހަރެން އެންމެ ބިރު ގަންނަ ކަންތަކާ ވެސް މި ދުވަސްވަރު ކުރިމަތިލާން ޖެހުނެވެ. ޖިންނި ފެންނަ ކަމަށާ އަދި އެ ޖިންނިތައް ތިމަންނައާ ވާހަކަ ދައްކާ ކަމަށް ގަބޫލުކުރާ އަންހެން ކުއްޖަކަށް ބުލީ ކުރުމަކީ އެއްގޮތަކަށް ވެސް ކުރިމަތިނުވެ ނުދާނެ ކަމެކެވެ.

އަހަރެންގެ ބައެއް ރަހުމަތްތެރިން އަހަރެން ދައްކާ ވާހަކަތައް އަޑުއަހަ އެވެ. އެކަމަކު، އެ މީހުންނަށް އަހަރެންގެ ދުނިޔެ ވިސްނައެއް ނުގަނެވެ އެވެ. އެހެންވެ، އެ މީހުން އަބަދު ވެސް ބުނަނީ ދުއާކޮށްލައިގެން ހުރުމަށެވެ. ކޮލެޖުގެ މުއައްޒަފުންގެ ފަރާތުން ވެސް މާ ބޮޑު އެހީތެރިކަމެއް ނުލިބުނެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް އަސްލު ވާއެއް ނުވާއެއް ވެސް ނޭނގެ އެވެ. އަހަންނަކީ އެހެން ކުދިންނާ ތަފާތު ކޫސަނި ކުއްޖަކަށް ވާތީ، އެހެން މީހުން މި ކަންތަކާ މާ ބޮޑަކަށް ކަންބޮޑުވެގެންނެއް ނޫޅެ އެވެ.

މި ކަންތަކުގެ ތެރޭގައި އަނެއްކާ ވެސް އަހަރެންގެ ހާލަތު އިތުރަށް ގޯސްވި އެވެ. ދުވަސްކޮޅަކުން އަހަންނަށް ދިމާވާ ކަންކަން މީހުންނާ ހިއްސާކުރަން އަހަރެން ޖެހިލުންވާން ފަށައިފި އެވެ. މީހުން އަހަންނާ ވާހަކަ ދެއްކުން ހުއްޓާލައި މުޅިން އަހަރެން ބާކީވެ، މޮޔައެއްގެ ގޮތުގައި އެއްކޮށް އެކަހެރިކޮށްލާނެ ކަމަށް އަހަންނަށް ގަބޫލުކުރެވުނެވެ. އެހެންވެ، އަސްލާއި އަސްލު ނޫން ދުނިޔެއާ ދެމެދު އަހަރެންގެ ހަޔާތް ހަމަޖެއްސޭތޯ އަހަރެން ބެލީމެވެ. އެކަމަކު، އެ އަޑުތަކާ ވާހަކަ ދައްކަން ފެށި އިރު، އެއީ ހަގީގީ ދުނިޔެ އާއި އަހަރެން ވަކިކޮށްފާނެ ކަމެއް ކަމަކަށް އަހަރެން ކުޑަކޮށް ވެސް ނުދެނަހުރީމެވެ. އެ އަޑުތަކާ އެކު ހިޔާލީ ދުނިޔެއެއްގައި އަހަރެން އުޅެން ފެށި ހިސާބުން ގޯސްކޮށް ހިނގަމުން އައި ކަންކަން އިތުރަށް ހައްދުން ނެއްޓުނެވެ. އަހަރެން އަމިއްލަ ނަފްސާ މެދު އަޅާލުމާއި ސާފުތާހިރުކަން ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އަދި ފަހުން އެކުވެރިންގެ ފަރާތުން އެނގުނު ގޮތުގައި އަހަރެން އާދަކޮށް ވަކި ވަގުތުތަކުގައި ބައެއް ކަންކަންކޮށް ބައެއް ވާހަކަތައް ވެސް ދައްކަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން އުޅުނު ކޮޓަރީގައި އުޅުނު ކުދިން ވެސް އަހަރެން މަތިން މުޅިން ފޫހިވި އެވެ.

އެހާ ހިސާބުން އަހަރެންގެ މައިންބަފައިންނާ ގުޅައިގެން އަހަރެން ހޮސްޕިޓަލަށް ގެންގޮސް ނަފްސާނީ ބަލިތަކާއި ބެހޭ ބައިގައި ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން އެޑްމިޓްކުރި އެވެ.

އެންމެފަހުން އަހަންނަށް ރަނގަޅު އެހީތެރިކަމެއް ލިބި، ތެރަޕީތަކާއި ބޭސްތައް ބޭނުންކޮށްގެން ފަރުވާކުރަން ފެށުމުން އަހަރެންގެ ހާލަތު ހަމަޔަކަށް އެޅުނެވެ. އަރާމުކުރުމާއި އާއިލާ މީހުންގެ ލޯތްބާއި އަޅާލުމާ އެކު އަހަރެން މުޅިން ރަނގަޅުވެ، ކޮލެޖު ނިންމަން އަނެއްކާ ވެސް މަޑުމަޑުން ގޮސް ކިޔެވުމުގެ ކަންތަކާ އުޅެން ފެށީމެވެ. މި ފަހަރު އަހަރެންގެ ހާލަތް އެއްގޮތަކަށް ވެސް ވަންހަނާ ކޮށްގެން ނޫޅެން އަހަރެން ނިންމީމެވެ. އެހެންވެ، ޓީޗަރުންނާ އަދި ރަހުމަތްތެރިން ގާތު އެއްވެސް ފޮރުވުމެއް ނެތި އަހަރެންގެ ވާހަކަތައް ކިޔައި ދިނީމެވެ.

ނަފްސާނީ ދުޅަހެޔޮކަމާ މެދު ދެކެވޭ އިލްމީ ވާހަކަތަކުގައި، މިސާލެއްގެ ގޮތުގައި، ހޭލުންތެރިކަން އިތުރުކުރުމަށް އަހަރެންގެ ވާހަކަ ބޭނުންކުރުމުގެ ހުއްދަ އަހަރެން ދިނީ ވަރަށް އުފަލާ އެކުގަ އެވެ. މިހާރު ވެސް އަހަންނަށް ބައެއް އުނދަގޫތައް ވެ އެވެ. ހާސްވެ، ކަންބޮޑުވާ ވަގުތުތަކުގައި ހަމަ އެ އަޑުތައް އިވި، އެ މީހުންތައް ފެނުމަކީ މިހާރު ވެސް އަހަންނަށް ދިމާވާ ކަމެކެވެ. ނަމަވެސް، މިހާރު ނަފްސާނީ ފަރުވާ އާއި ބޭސްތަކުގެ އެހީގައި އެ ކަންކަމާ ކުރިމަތިލުމުގައި އަހަރެން އެތައް ތަނެއް ރަނގަޅުކޮށްފީމެވެ. އަދި އަހަންނަށް މެދުވެރިވާ ކަންކަން ވަކިކޮށް، އެ ކަންކަން ހައްދުން ނެއްޓުމުގެ ކުރިން ދެނެގަންނަން ވެސް މިހާރު އަހަންނަށް އެނގެ އެވެ.

މިހާރު ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވޭތުވެ ދިޔައީ އެވެ. މިއަދު އަހަރެންގެ ހާލަތާ އެކު ދިރިއުޅެން އަހަންނަށް ދަސްވެއްޖެ އެވެ. އަހަރެން ކައިވެނި ވެސް ކޮށްފީމެވެ. އަދި އަހަރެންގެ ފިރިމީހާގެ އެހީތެރިކަން ވަރަށް ފުރިހަމަ އަށް ލިބެ އެވެ. އަހަންނާއި އަހަރެމެންގެ ދަރިންގެ ކަންކަން އޭނާ ވަރަށް ރަނގަޅަށް ބަލަހައްޓަ އެވެ. ކުދިންގެ ސިކުނޑީގައި ރައްކާތެރިކަމެއް ނެތް ކަމުގެ އިހުސާސް އުފެދުމަކީ މުސްތަގުބަލުގައި އެ ކުދިންގެ ވިސްނުމަށް އަހަންނަށް މެދުވެރިވި ކަހަލަ ނަފްސާނީ މައްސަލައެއް ކުރިމަތިވެދާނެ ކަމެއްކަން އަހަރެމެންނަށް އެނގޭތީ، އަހަރެމެން ނިންމީ އަހަރެމެން ކުދިންނާ އެކު އަގުހުރި ވަގުތުތައް ގިނަ އިން ހޭދަކުރުމަށެވެ.

އަހަންނަށް މެދުވެރިވި ނަފްސާނީ މައްސަލަތަކުގެ ސަބަބުން އަހަރެންގެ ހަޔާތަށް މިއަދު ރަނގަޅު އަސަރުތަކެއް ވެސް އެބަކުރެ އެވެ. އެއީ އަހަރެންގެ ބަލި ދެނެގަނެ، އެކަމާ ކުރިމަތިލާނެ ގޮތްތައް ހޯދަން ބޭނުންވާތީ އެވެ. މިއަދު އަހަންނަށް އާއިލާ އާއި ރަހުމަތްތެރިންގެ ފަރާތުން ވަރަށް ބޮޑަށް ހިތްވަރު ލިބެ އެވެ. އަދި ގިނަ މީހުންނަށް އަހަރެންގެ މައްސަލަ އެނގޭ ވަރަކަށް އަހަންނަށް ހިތްވަރު ދީ، އެހީތެރިކަން ލިބޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

ސިކުނޑީގެ މިފަދަ ބަލިމަޑުކަން ހުންނަ މީހުން ދެކެ އާއްމުކޮށް މީހުން ބިރުގަނެ އެވެ. އެއީ އެ ފަދަ މީހުންނަކީ ނުރައްކާތެރި، ބިރުވެރި ބައެއްގެ ގޮތުގައި މުޖުތަމައު ސިފަކޮށްފައި ވާތީ އެވެ. ނަމަވެސް، ގިނަ ބަޔަކަށް ނޭނގޭ ހަގީގަތަކީ ސިކުނޑީގެ ބައެއް ބަލިތައް ތަހައްމަލު ކުރަމުން ދާ މީހުންނަށް ކުރެވޭ އިހުސާސްތަކާއި ފެންނަ އާދަޔާ ހިލާފު ކަންކަމަކީ އެ މީހުންގެ ދުނިޔޭގައި ހަގީގަތުގައި ވެސް އެ މީހުން ކުރިމަތިލާ ކަންކަމެވެ. އަހަރެންގެ އަމިއްލަ ތަޖުރިބާ އިން ބުނާ ނަމަ އިންސާނާގެ ސިކުނޑި އަކީ ވަރަށް އާދަޔާ ހިލާފު އެއްޗެކެވެ. ހަޔާތުގައި ދިމާވާ ކުޑަ ކަމެއްގެ ސަބަބުން ވެސް ހިތައް ނާރާ ފަދަ ބޮޑެތި ކަންކަމާ ކުރިމަތިލާން ޖެހިދާނެ އެވެ. ހަމަ އެހެންމެ، މި ފަދަ ނަފްސާނީ މައްސަލަތަކާ ބެހޭ ގޮތުން ގިނަގިނަ އިން ވާހަކަ ދައްކާ މަޝްވަރާ ކުރާ ވަރަކަށް އެހީތެރިކަން ހޯދާ އަދި ދިރިއުޅެން ފަސޭހަވެ އެވެ. އުއްމީދަކީ އެންމެން އެކުގައި މަސައްކަތް ކޮށް، ނަފްސާނީ މިފަދަ ތަފާތު މައްސައްލަތައް ހުންނަ މީހުންނާ ދޭތެރޭ މީހުން ދެކޭ ގޮތް މުޅިން ބަދަލުވެ، އެ މީހުންނާ ދޭތެރޭ އޮންނަ ތަފާތު ކުރުންތައް ފުހެވިގެންދާނެ ދުވަހެއް އައުމެވެ.

* އެޑިޓަރުގެ ނޯޓު: މި ލިޔުން ތައްޔާރު ކުރީ އިންސްޓިޓުޓް އޮފް ކައުންސިލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ތަފާތު މައްސަލަތަކަށް ހިދުމަތް ދެމުން ދާ އިންސްޓިޓުއެޓެކެވެ. އަޅުގަނޑުމެންގެ ހިދުމަތް ހޯއްދެވުމަށް ގުޅުއްވާނީ 7978802 އަށެވެ.

9 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލާ

04 January 2017

ވަރަށް ބޭނުން ތި މައުލޫއު ގެ އިތުރު މައުލޫމާތު ގިނަގިނައިން ގެހުން... ޕުލީޒް.

The name is already taken The name is available. Register?

ހަމްޒާ

03 January 2017

އަހަރެންގެ ފްރެންޑްއެއް އެބައުޅޭ ތިކަހަލަ ކަންތައް ދިމާވާމީހެއް. އެކަމަކު ހަމަތިގޮތަށް މީހެއްކައިރީ ބުނާކަށް ނުކެރޭ

The name is already taken The name is available. Register?

ހައްޖަ

03 January 2017

ވަރަށް އިންސްޕިރޭޝަންލް....ތެންކިޔު

The name is already taken The name is available. Register?

މަރީ

03 January 2017

ތަރައްގީ އަކީ މޯއޮފް މެންޓަލް އެންޑް ފިޒިކްލް ވެބީންގ އޮފް ޕީޕަލް ދެން ބްރިޖް. ޝުކުރިއްޔާ ގައުމު

The name is already taken The name is available. Register?

ހާނީ

03 January 2017

ކިތައް ޕޭރެންޓުންނަށްބާ އެނގޭނީ ދަރިންނަށް މިކަހަލަ ސިޗުއޭޝަނެއް ދިމާވިޔަސް.

The name is already taken The name is available. Register?

މަންހާ

03 January 2017

ރާއްޖޭގަ ވަރަށްބޮޑަށް ނެގްލެކްޓް ކޮށްފަ އޮންނަ އޭރިއާއެއް. ވަރަށް ރަނގަޅު އިނީ ޝިއޭޓިވްއެއް. މިހާރު ސަޅި

The name is already taken The name is available. Register?

މަންދި

03 January 2017

ވަރަށް ސަޅި ސްޓޯރީއެއް. މޯ އޮފް ދީޒް ޕްލީޒް.

The name is already taken The name is available. Register?

މުޝީރު

03 January 2017

މި ކަހަލަ މައްސަލަތައް ރާއްޖޭގަ ވަރަށް ބޮޑު

The name is already taken The name is available. Register?

އަސްމާ

03 January 2017

މިކަންތަކާ ވަރަށް ބޮޑަށް ހޭލުންތެރިކުރަން ޖެހޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454