ކުޅިވަރު / ޗެލްސީ

ޕްރިމިއާ ލީގު ފެށުމުގެ ކުރިން ކުކުރޭލާ ޗެލްސީ އަށް

ކުކުރޭލާ ޗެލްސީއަށް ބަދަލުވުމަށް ފަހު.--

ލަންޑަން (އޮގަސްޓް 5) - މިރޭ އިނގިރޭސި ޕްރިމިއާ ލީގް ފެށުމުގެ ކުރިން ބްރައިޓަން އަށް ކުޅޭ ސްޕެއިންގެ ވާތު ބެކް މާކް ކުކުރޭލާ ޗެލްސީ އަށް ސޮއި ކޮށްފި އެވެ.

ޖޫން 2028 ގެ ނިޔަލަށް ޗެލްސީ އިން ކުކުރޭލާގެ ސޮއި ހޯދީ 55 މިލިއަން ޕައުންޑަށެވެ. އަދި އެޑް-އޯންސްގެ ގޮތުގައި އިތުރު ހަތް މިލިއަން ޕައުންޑު ހުށަހެޅިފައި ވެއެވެ. މިއާ އެކު ޗެލްސީގެ 19 އަހަރުގެ ޒުވާން ޑިފެންޑަރު ލެވީ ކޮލްވިލް، މި ސީޒަނުގެ ނިޔަލަށް ލޯނު އުސޫލުން ބްރައިޓަންއާ ގުޅޭނެ އެވެ.

ޗެލްސީ އިން ކުކުރޭލާ ހޯދުމުގެ މަސައްކަތް ކާމިޔާބު ކޮށްފައި ވާކަމަށް އިއްޔެ ޔޫރަޕުގެ މީޑިއާތަކުން ހާމަ ކުރި ނަމަވެސް ބްރައިޓަން އިން ވަނީ އެއްވެސް ކުލަބަކާ އެކު އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް ބުނެފަ އެވެ. މިއާ އެކު ވެސް އިއްޔެއިން ފެށިގެން ކުކުރެލާ ޗެލްސީއާއެކު މެޑިކަލް ފުރިހަމަކުރަން ލަންޑަނަށް ހުރި ކަމަށް ވެސް ރިޕޯޓް ކުރި އެވެ. އަދި ޗެލްސީ އިން ވަނީ މިއަދު ހަވީރު ކުކުރޭލާ ޗެލްސީއާ ގުޅިފައި ވާކަން ރަސްމީކޮށް ހާމަ ކޮށްފަ އެވެ.

ސްޕެއިންގެ ބާސެލޯނާ އިން ތަމްރީނު ވެގެން، ގެޓާފޭއާ އެކު ކުޅުމަށް ފަހު ކުކުރޭލާ ބްރައިޓަން އަށް ބަދަލުވީ މިދިޔަ ސީޒަނުގައި، ފަސް އަހަރުގެ އެއްބަސްވުމެއްގަ އެވެ. ޕްރިމިއާ ލީގުގައި އޭނާގެ ފުރަތަމަ ސީޒަނުގައި ވަނީ 35 މެޗު ކުޅެ އެއް ގޯލު ޖަހައިދީފަ އެވެ. އޭނާ ޖެހި ހަމައެކަނި ލަނޑަކީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޖެހި ލަނޑެކެވެ.

މިދިޔަ ސީޒަނުގައި ބްރައިޓަން އިން ލީގު ނުވަވަނައިގައި ނިންމާލި އިރު، އެޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުކުރޭލާ ހޯދަން މެންޗެސްޓާ ސިޓީ އިން ވެސް ހުށަހެޅި އެވެ. ބްރައިޓަން އިން 50 މިލިއަން ޕައުންޑް ބޭނުންވި ނަމަވެސް ސިޓީ އިން ހުށަހެޅީ 40 މިލިއަން ޕައުންޑެވެ.

ޗެލްސީން ކުކުރޭލާގެ ސޮއި ހޯދުމާ އެކު އެޓީމުގެ ވާތު ބެކް މާކޮސް އޮލޮންސޯ، ބާސެލޯނާއަށް ބަދަލުވާނެ ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ކުލަބުގެ އާ ވެރިޔާ ޓޮޑް ބޯލީގެ ޗެއާމަން ކަމުގައި ޗެލްސީން ވަނީކުކުރޭލާގެ އިތުރުން މެންޗެސްޓާ ސިޓީ އިން ރަހީމް ސްޓާލިން ގަނެފަ އެވެ. އެއަށް ފަހު ސެނެގާލްގެ ޑިފެންޑަރު ކަލިދޫ ކުލިބަލީ އާއި، އެމެރިކާގެ ޒުވާން ގޯލްކީޕަރެއް ކަމަށްވާ ގެބްރިއެލް ސޮނީނާ އަދި އެސްޓަން ވިލާގެ އުމުރުން 18 އަހަރުގެ ޒުވާން މިޑްފީލްޑަރު ކާނޭ ޗުކްވުއެމެކާ އަށް، ޖުމަލަ 162.5 މިލިއަން ޕައުންޑް ވަނީ ހަރަދު ކޮށްފަ އެވެ.

ހަމަ އެއާ އެކު ކޮންޓްރެކްޓުތަކުގައި ހިމަނާފައިވާ އިތުރު ބޯނަސް ތަކާ އެކު ޖުމްލަ އަގު 174.5 މިލިއަން ޕައުންޑަށް އުފުލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ޓްރާންސްފާ ބާޒާރު މި މަހުގެ ނިޔަލަށް ކުރިއަށް ދާއިރު، މިއީ ޗެލްސީގެ އާ ވެރިންނާ އެކު އެޓީމުގެ ފުރަތަމަ ޓްރާންސްފާ ބާޒާރެވެ.

ޗެލްސީން ވަނީ މީގެ ދެ ސީޒަން ކުރިން ލެސްޓާ ސިޓީ އަށް 50 މިލިއަން ޕައުންޑް ދީފައި ލެސްޓާގެ ބެން ޗިލްވެލްގެ ސޮއި ހޯދައިފަ އެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ބޮޑު ބައި ޗިލްވެލް ކުޅުމާ ދުރުގައި ހޭދަކުރަން ޖެހުނު އިރު، އާ ސީޒަނަށް އޭނާ ހުރީ ފިޓު ކޮށެވެ. ޓުޗެލް ބުނީ ކުކުރޭލާގެ ބޭނުން ޓީމަށް މުހިއްމު ކަމަށެވެ.

މިރޭ ޕްރިމިއާ ލީގު ފަށާނީ އާސެނަލް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗުންނެވެ. ޗެލްސީގެ ފުރަތަމަ މެޗުގައި މާދަމާ ރޭ 9:30 ގައި އެވަޓަންއާ ދެކޮޅަށް ނުކުންނާނެ އެވެ. ކޮންޓްރެކްޓުގައި ސޮއިކޮށް ޑީލް ފައިނަލް ކޮށްފައި ވުމާ އެކު މާދަމާ ރޭ ޗެލްސީ ނެރޭ ޓީމުގައި ކުކުރޭލާ ހިމެނުމުގެ ފުރުސަތު، ކޯޗު ތޯމަސް ޓުޗެލް އަށް ލިބޭނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454