ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ނޫނޭޒް ބެންޗުން އަރައި ފުލަމް އަތުން ލިވަޕޫލް ސަލާމަތް ކޮށްދީފި

ނޫނޭޒް އާއި ސަލާހު، ލިވަޕޫލްގެ ފުރަތަމަ ލަނޑަށް ފަހު އުފާފާޅުކުރަނީ، ފުރަތަމަ ލަނޑު ނޫނޭޒް ޖެހި އިރު، ދެވަނަ ލަނޑު އޭނާގެ އެހީތެރިކަމާ އެކު ޖެހީ ސަލާހު.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮގަސްޓް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު، އަލަށް ޕްރޮމޯޓްވި ފުލަމްއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ފަހު ހާފުގައި ލިވަޕޫލްގެ އާ ފޯވާޑް، ޑާވިން ނޫނޭޒް ކުޅެން އަރައި ޓީމަށް ޕޮއިންޓެއް ހޯދައިދީފި އެވެ.

މިދިޔަ ސީޒަނުގައި ޕޮއިންޓެއްގެ ތަފާތުން ލީގު ނުލިބިދިޔަ ލިވަޕޫލް ކޮޅަށް ފުލަމް އިން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ އެއަލެކްސެންޑަ މިޓްރޮވިޗް އެވެ. އެންމެ ފުރަތަމަ 32 ވަނަ މިނިޓުގައި އޭނާ ލީޑު ނަގައިދިނީ ކޯނަރަކުން ހުރަސްކޮށްލި ބޯޅައެއް، ލިވަޕޫލްގެ ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ކައިރިން އަރަ އެވެ.

ފުލަމް އިން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލި އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ ލުއިސް ޑިއާޒް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒު ވެފަ އެވެ. ނަމަވެސް ލިވަޕޫލުން ވަނީ 64 ވަނަ މިނިޓުގައި ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. ބެކްހީލް ފްލިކަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ އޭގެ 15 މިނިޓް ކުރިން ކުޅެން ނުކުތް ނޫނޭޒް އެވެ.

ނޫނޭޒް ދެވަނަ ހާފުގައި ކުޅެން އަރައި ލިވަޕޫލަށް މެޗުގައި ފުރަތަމަ ލަނޑު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން ނަތީޖާ އެއްވަރު ކުރުމުގެ ކުރިން ކައުންޓާ އެޓޭކެއްގައި ފުލަމްގެ މިޑްފީލްޑަރު ނީސްކެންސް ކެބާނޯ ހުސްކޮށްލާފައި ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ. ނޫނޭޒް ލިވަޕޫލަށް އެއްވަރު ކޮށްދިންތާ ތިން މިނިޓް ފަހުން އޭނާ އިތުރު ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. ނަމަވެސް އޭނާގެ ހަމަލާ ފުލަމްގެ ޑިފެންޑަރުން ދިފާއު ކުރީ ގޯލް ލައިން މަތިންނެވެ.

ފުލަމް އިން ދެވަނަ ފަހަރަށް ލީޑު ނެގީ 72 ވަނަ މިނިޓިގައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މިޓްރޮވިޗް އެވެ. މިއީ ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ކައިރިން ނައްޓާފައި އޭނާ އޭރިއާ ތެރެއަށް ވަން ވަގުތު، ވެން ޑައިކް އޭނާއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

ފުލަމް އިން ލީޑު ނެގުމާ އެކު ލިވަޕޫލުން ވަނީ، އެޓީމުން މި ސީޒަނުގައި ފުލަމް އިން ގެނައި ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު ފަބިއޯ ކާވާލިއޯ އަރުވައިފަ އެވެ. އޭނާ ކުޅެން އެރިތާ ދެ މިނިޓެއްހާއިރު ތެރޭ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ލިވަޕޫލް އިން ނަތީޖާ އެއްވަރުކުރީ ނޫނޭޒްގެ ޕާހަކުން މުހައްމަދު ސަލާހު ޖެހި ލަނޑުންނެވެ.

މި ލަނޑާ އެކު ސަލާހު ވަނީ ޕްރިމިއާ ލީގުގައި ހޭދަކުރި ސީޒަންތަކުގައި، ލީގުގެ ފުރަތަމަ މެޗުގައި މިހާތަނަށް އަށް ގޯލު ހަމަކޮށް، އެލަން ޝިއެރާ އާއި ފްރޭންކް ލަމްޕާޑް އަދި ވޭން ރޫނީ ހަދާފައިވާ ރެކޯޑާ އެއްވަރު ކޮށްފަ އެވެ. މި ސީޒަން ނިމުމުގެ ކުރިން ސަލާހު ވަނީ ލިވަޕޫލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި، 2025 ގެ ޖޫންގެ ނިޔަލަށް އެޓީމާ އެކު ކޮންޓްރެކްޓު ވެސް އާކޮށްފަ އެވެ.

މިޓްރޮވިޗް، ލިވަޕޫލްގެ އާނޯލްޑް ކައިރިން އަރައި ފުރަތަމަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލުން ތިން ޕޮއިންޓާ އެކު މެޗު ނިންމާލަން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް ކެޕްޓަން ޖޯޑަން ހެންޑަސަން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފުލަމް އިން ވަނީ މި މަހު، އާސެނަލް އަށް ކުޅުނު ޖަރުމަން ގޯލްކީޕަރު ބާން ލެނޯގެ ސޮއި ހޯދައިފަ އެވެ. ނަމަވެސް މިއަދުގެ މެޗުގައި އޭނާ އިނީ ބެންޗުގަ އެވެ. ފުލަމްގެ ގޯލު ބެލެހެއްޓީ، މިދިޔަ ސީޒަނުގައި އެޓީމަށް އިނގިރޭސި ޗެމްޕިއަންޝިޕް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި، ގޯލްކީޕަރު މަރެކް ރޮޑަކް އެވެ.

ސީޒަން ހުޅުވަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި، ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލި ކުރުމަށް ފަހު، މި ސީޒަނުގެ ލީގުގެ ފުރަތަމަ މެޗާ ކުރިމަތިލިއިރު ލިވަޕޫލުން އަންނަނީ އަނިޔާގެ ގިނަ މައްސަލަތަކަކުން އަރައިގަންނަން މަސައްކަތް ކުރަމުންނެވެ. ހެމްސްޓްރިންގަށް އަނިޔާ ވެގެން އެޓީމުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންތާރާ ވަނީ ދެވަނަ ހާފުގައި ބަދަލު ކުރަން ޖެހިފަ އެވެ.

މުޅިން ފިޓު ވެގެން ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މިއަދުގެ މެޗުގައި ސްޓާޓް ކުރި އިރު، ބެންޗުގައި އިނީ ކޮމިއުނީިޓީ ޝީލްޑް މެޗުގައި ގޯލު ބެލެހެއްޓި އެޑްރިއަން އެވެ. މީގެ އިތުރުން ޖޯ ގޯމޭޒް އާއި ޖޭމްސް މިލްނާ އަދި ހާޥީ އެލިއޮޓްގެ އިތުރުން ލިވަޕޫލްގެ ބެންޗުގައި މުޅިން ވެސް ތިބީ ލިވަޕޫލްގެ ޒުވާން ޓީމުގެ ކުޅުންތެރިންނެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454