ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕުގެ މާރް އާ ލޯގޯ ރިސޯޓް ބަލައި ފާސްކޮށްފި

09 އޯގަސްޓް 2022 - 13:22

1 comments

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ޕާމް ބީޗްގައި ހުންނަ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ގެ ކަމަށްވާ މާރް އާ ލޯގޯ ރިސޯޓް، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ތަހުގީގު ޓީމުން އިއްޔެ ބަލައި ފާސްކޮށްފި އެވެ.

އެފްބީއައި ގެ އޭޖެންޓުން މާރް އާ ލޯގޯ އަށް ވަނީ، އެ ގެ ބަލަހައްޓަމުން ގެންދާ އެމެރިކާގެ ސީކްރެޓް ސާވިސްގެ އޭޖެންޓުންނާ ވާހަކަ ދައްކައި ދެ ފަރާތުގެ މެދުގައި އެއްބާރުލުން ގާއިމުކުރުމަށް ފަހު އެވެ. އެފްބީއައިގެ އޭޖެންޓުން މި ގޮތަށް އަމަލުކުރީ، އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ދިރިއުޅުއްވާ ތަންތަނުގެ ސަލާމަތީ ކަންތައް ބަލަހައްޓަނީ ސީކްރެޓް ސާވިސްގެ އޭޖެންޓުން ކަމަށްވާތީ، ބަލައި ފާސްކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ ބޭނުމުގަ އެވެ.

އެމެރިކާގެ ގާނޫނު ބުނާ ގޮތުން، އެމެރިކާގެ ކޮންމެ ރައީސަކު ވެސް ވެރިކަމުގެ ދައުރު ނިމުމާއެކު، އެމީހަކު ވެރިކަމުގައި ބޭނުންކުރެވި ހުރިހާ ލިޔެކިޔުންތައް (ސިޓީ، އީމެއިލް، ލިޔުންތަކާއި ނޯޓްތައް ފަދަ)، އެމެރިކާގެ ގައުމީ އަރުޝީފާ ހަވާލުކުރަންޖެހޭނެ އެވެ. އަދި ވެރިކަމުގެ ދުވަސްވަރުގެ އެއްވެސް ރަސްމީ ލިޔުމެއް، ގާނޫނުގައި ބުނެފައިވާ ތަނެއް ނޫން ތަނަކަށް ނަގުލުކުރުމަކީ ގާނޫނީ ކުށެކެވެ.

ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރުގެ ބައެއް ލިޔުންތައް މަދުވާ ކަމަށް ޝައްކު ކުރެވެން ފެށުމާއެކު، އެފަދަ އެއްވެސް ލިޔެކިޔުމެއް ޓްރަމްޕުގެ އަމިއްލަ ގެއަކަށް ގެންދިޔަކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށްޓަކައި، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް، ގައުމީ އަރުޝީފުގެ ފަރާތުން، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގައި އެދިފަ އެވެ.

އެ ހުށަހެޅުން ތަންފީޒުކުރުމުގެ ގޮތުން އެފްބީއައިގެ އޭޖެންޓުން، ޓްރަމްޕުގެ ރިސޯޓް ބަލައި ފާސްކޮށް، 15 ފޮށިގަނޑެއް ވަނީ ޖަސްޓިސް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ރަސްމީ ލިޔުންތައް ހުރި ބައެއް ފޮށިގަނޑުތައް ހިމެނޭ ކަމަށް، ގައުމީ އަރުޝީފުން ބުންޏެވެ. އޭގެ ތެރޭގައި ސަރުކާރުގެ ސިއްރު ލިޔުންތަކެއް ވެސް ހިމެނޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.

މާރް އާ ލޯގޯ ރިސޯޓް ބަލައި ފާސްކުރުމަށް އެފްބީއައިގެ އޭޖެންޓުން އެ ތަނަށް ވަނުމާ ގުޅިގެން ޓްރަމްޕު ވަނީ ނުރުހުން ފާޅުކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ. "އަހަރެންގެ ރީތި ގެ، ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ މާރް އާ ލޯގޯ މިހާރު ހުރީ ހިސޯރުކުރެވިފައި. އަދި އެތަނަށް ގަދަކަމުން ވަދެގަނެ، އެފްބީއައިގެ ގިނަ އަދަދެއްގެ އޭޖެންޓުންގެ ބާރުގެ ދަށަށް އެތަން ގެންގޮސްފި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު ހިންގި ކަމަށް ތުހުމަތުކުރެވޭ ގާނޫނާ ޚިލާފު އަމަލުތަކާ ގުޅޭ ދެ ތަހުގީގެއް، ޖަސްޓިސް ޑިޕާޓްމަންޓުގެ ފަރާތުން މިހާރުވެސް އެބަ ކުރިއަށް ގެންދެ އެވެ. އޭގެ ތެރެއިން އެއް ތަހުގީގަކީ، 2020 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގެވެ.

އަނެއް ތަހުގީގަކީ، އެމެރިކާ ސަރުކާރުގެ ރަސްމީ ލިޔުންތަކެއް، ގާނޫނުގައި ކަނޑައަޅާފައިވާ ތަން ނޫން އެހެން ތަނަކަށް ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގެވެ.

އެފްބީއައިގެ އޭޖެންޓުން ޓްރަމްޕުގެ އަމިއްލަ ގެ ބަލައި ފާސްކުރި އިރު، އޭނާގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު، އޭނާގެ ސަޕޯޓަރުންތަކެއް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަނެ ހިންގި ހަމަނުޖެހުންތައް، ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މާރް އާ ލޯގޯ ރިސޯޓަކީ އެމެރިކާގެ މަހުޖަނަކު އިމާރާތްކޮށް 1927 ވަނަ އަހަރު ހުޅުވާފައިވާ ރިސޯޓެކެވެ. ޓްރަމްޕުގެ އެ ރިސޯޓް ބައްލަވައިގަތީ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރަށް، 1985 ވަނަ އަހަރު އެވެ. ފޯބްސް މަޖައްލާ އިން އަގުކުރާ ގޮތުގައި މިހާރު އެ ރިސޯޓްގެ އަގަކީ 160 މިލިއަން ޑޮލަރެވެ.

މިފަހަކަށް އައިސް ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގެ ބައެއް ދުވަސްތައް ޓްރަމަޕު ހޭދަކުރައްވަނީ އެ ރިސޯޓްގަ އެވެ. ވެރިކަމުގެ ދައުރު ނިންމެވުމަށް ފަހު، ޓްރަމްޕުގެ ފުރަތަމަ ބަދަލުވީ އެ ރިސޯޓަށެވެ. ޖުމްލަ 20 އޭކަރުގެ ބިމެއްގައި ހަދާފައިވާ އެ ރިސޯޓްގެ އެއްބައި ޚާއްސަކޮށްފައިނީ ޓްރަމްޕުގެ އާއިލީ ބޭނުންތަކަށެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީރުބޮލު ވަޒީރު.

10 August 2022

މިފެންނަނީ ޑިމޮކްރަސީ ރަނގަޅަށް ހިނގާ ގައުމުތަކުގައި ކަންހިނގާ ގޮތް. ދުނިޔޭގެ އެހެން ގައުމުތަކަށް އެމީހުން ކިތަންމެ އަނިޔާއެއް ދިނަސް އެމީހުންގެ ގައުމުގައި އެމީހުން އިންސާފު ގާއިމުކުރޭ. އިސްލާމީ ގައުމުތަކުން މިސިފަތައް ނުފެންނަކަމީ ހިތާމަހުރި ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454