މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު
17 އޯގަސްޓް 2022 - 11:24
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ޚިޔާނާތުގެ ކުށުގައި 12 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމުގެ ޝަރީއަތް އަލުން ހިންގުމުގެ ހުއްދަ ނުދީ އެންމެ ފަހުގެ އިސްތިއުނާފް ފަށަން އެ ގައުމުގެ އެންމެ މަތީ ކޯޓުން ނިންމައިފި އެވެ.
އިސްތިއުނާފްގައިވާ މައްސަލަ ނަޖީބާ އެއްކޮޅަށް ނިމިއްޖެ ނަމަ އަލުން ވެރިކަމަށް އައުމުގެ ފުރުސަތު އަނެއްކާވެސް ފަހިވާނެ އެވެ. އެކަމަކު ނާކާމިޔާބުވެއްޖެ ނަމަ ޖަލު ހުކުމް ތަންފީޒުކުރަން ފަށަން ޖެހޭނެ އެވެ.
ފެޑެރަލް ކޯޓުން އިސްތިއުނާފްގެ ޝަރީއަތް މާދަމާ ފަށަން ނިންމީ އަލުން ޝަރީއަތް ކުރުމަށް ހުށަހެޅި ހުށަހެޅުން ބަލައި ނުގަތުމަށް ނިންމުމަށް ފަހުގަ އެވެ.
އުމުރުން 69 އަހަރުގެ ނަޖީބަށް 2018 ވަނަ އަހަރު އިންތިހާބުގައި ނާކާމިޔާބުވެ ވެރިކަން ގެއްލުނީ އެތައް ބިލިއަން ޑޮލަރެއް ހިމެނޭ 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ސަބަބުންނެވެ. ގައުމުގެ އިންވެސްޓްމަންޓަތަށް ހާއްސަ މި ފަންޑުން ނަޖީބާއި އޭނާގެ ބައިވެރިން އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްވެ އަގުބޮޑު ގެދޮރާއި މުދަލާއި އަގުބޮޑު އާޓް ފަދަ ތަކެތި ވެސް ގަނެފައިވެ އެވެ.
ނަޖީބްގެ މައްޗަށް ހިންގި ދިގު ޝަރީއަތަށް ފަހު އޭނާގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން އާއި 1އެމްޑީބީ އެކައުންޓްތަކުން ނަޖީބްގެ އަމިއްލަ އެކައުންޓްތަކަށް 10.1 މިލިއަން ޑޮލަރު ޓްރާންސްފާކުރިކަން ވެސް ސާބިތުވެފަ އެވެ.
ނަޖީބް ޖަލަށް ލާން ހުކުމް ކުރީ 2020 ވަނަ އަހަރު އެވެ. މި ހުކުމް އިއްވި ޝަރީއަތް އަލުން ހިންގިން ހުށަހެޅި ހުށަހެޅުން އިއްޔެ ވަނީ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބޭރުކޮށްލައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy