ޕީޕީއެމްގެ ޖަލްސާއަށް ކާނިވާ ސަރަހައްދުގައި ގޮނޑިޖަހައިފައި: އެމްޑީޕީގެ ކޮންގްރެސް އޮތީ ސޯޝަލް ސެންޓަރުގައި.
19 އޯގަސްޓް 2022 - 18:29
ސިޔާސީ ޖަލްސާތަކުގެ ފޯރި ފަނޑުވެފައި އޮތުމަށް ފަހު މިރެއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ދެ ޕާޓީ އެމްޑީޕީ އާއި ޕީޕީއެމަށް ބޮޑު ރެއެކެވެ. މާލޭގެ ދެކޮޅުގައި ސިޔާސީ ހަރަކާތް ދެ ޕާޓީން ހިންގާނީ އެއްވަގުތެއްގަ އެވެ.
މިއީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދެ ޕާޓީގެ ވެސް ފެށުމެވެ.
އެމްޑީޕީގެ އެންމެ އިސް ގުނަން، 1،200 އަށް ވުރެން ގިނަ މެމްބަރުންނާ އެކު އެއްވާނީ ސޯޝަލް ސެންޓަރަށެވެ. ކޮންގްރެސް ފެށުމުގެ މި އެއްވުމުގައި އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރިޔާސީ އިންތިހާބަށް ޕާޓީގެ ގަވާއިދުތައް އިސްލާހުކޮށް ޕްރައިމަރީއަށް ތައްޔާރުވާން ކޮންގްރެސް ފަށާ ޖަލްސާ ކުރިއަށް ގެންދާއިރު، ކާނިވާ ސަރަހައްދުގައި އޮންނާނީ ޕީޕީއެމާއި ޕީއެންސީން ރިޔާސީ އިންތިހާބުގެ ޓިކެޓް ހަވާލުކުރުމެވެ. ޕްރައިމަރީއެއް ނުބާއްވާ ގޮތަށް ނިންމައި ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލުކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެވެ.
ދެ ޕާޓީގެ ސިޔާސީ މި ބޮޑު ހަރަކާތްތަކަށް ރަށްރަށުން ވެސް މާލެއަށް މީހުން ވަނީ ޖަމާވެފަ އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި "ހަވާލޭ ވަތަން"ގެ ނަމުގައި މިރޭ ބާއްވާ ޖަލްސާއަކީ އެ ޕާޓީން މި ފަހުން ބާއްވާ އެންމެ ބިޔަ ޖަލްސާއަށް ވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކާނިވާ ފުރާލާ މި ޖަލްސާއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގައުމުގެ ރައްޔިތުން ތިބި ގޮތް ހާމަވާނެ އެވެ.
"ޕާޓީން މިހާތަނަށް ބާއްވާ އެންމެ ބިޔަ އެއް ޖަލްސާއަށް ވާނެ،" އަދުރޭ ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ ޖަލްސާއަށް ކާނިވާ ސަރަހައްދު ތައްޔާރުކޮށްފައި
ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި 4،000އާ ގާތްކުރާ އަދަދަކަށް ކާނިވާ ސަރަހައްދުގައި މިހާރު ވަނީ ގޮނޑި ޖަހައިފަ އެވެ.
އެމްޑީޕީން މިރޭ ފަށާ ކޮންގްރެސް އަންނަ އާދީއްތަދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ކުރިން ބެލެވިފައި އޮތީ މި ކޮންގްރެސްގައި ރިޔާސީ ޓިކެޓާ ގުޅޭ ނިންމުން ނިންމާނެ ކަަމަށެވެ. އެކަމަކު ކޮންގްރެސް އެޖެންޑާކުރި އިރު އެފަދަ ހުށަހެޅުމެއް ނެތެވެ. އެ ޕާޓީން ބުނެފައި ވަނީ، ކޮންގްރެސްއަށް ފަހު ރިޔާސީ ޕްރައިމަރީ އޮންނާނެ ކަަމަށެވެ.
ކޮންގްރެސް މި ފަށަނީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމުގެ އަރައިރުންވުންތަކާ އެކުގަ އެވެ.
ނިޒާމް ބަދަލުކުރަން ގާނޫނުއަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އެކަމަކު މިވަގުތަށް ނިޒާމް ބަދަލުކުރުމުގެ އެއްވެސް ކަމެއް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅެއް ނުވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު މި ނިޒާމުގައި ދެމިތިބެ ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށާއި އެހެންވެ ގަރާރު އަނބުރާ ގެންދަވަން ރައީސް އެދިވަޑައިގަތެވެ. އެކަމަކު ނިޒާމު ބަދަލުކުރުމާ މެދު ހިޔާލު ހޯދުމަކީ އެއްވެސް ބޭފުޅަކަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށާއި އެމްޑީޕީގެ ގިނަ މެމްބަރުން ތިބީ ރިޔާސީ ނިޒާމުގައި ކުރިއަށްދާން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް ސޯޝަލް ސެންޓަރުގައި ތައްޔާރީތައް ކުރިއަށް ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ގަރާރުގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމާއި އިންތިާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް މުތުލަގު ބާރުތަކާ އެކީ ސަރުކާރު ހިންގުން ނާދިރު ކަމަށެވެ.
ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނަޝީދު ހުށަހެޅުއްވި ނަމަވެސް، އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެހެން ހުރިހާ ލީޑަރުން ވަނީ އެ ގަރާރާ ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ. އެ ގަރާރަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ތާއީދު ބޭނުންވާކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، ފައްޔާޒު ވަނީ އޭނާ އަބަދުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށް ވިދާޅުވެފަ އެވެ.
ކޮންގްރެސްގައި މި ނިޒާމަށް ބަދަލުވާން ފެނޭތޯ ބަލަން ވޯޓަށް އަހާނެ އެވެ. އޭގެކުރިން ގަރާރަށް ބަހުސްކުރަން ހުޅުވާލާ ވަގުތުގައި ހިޔާލުތަފާތުވުން ބޮޑުވެ، ދެ ފަޅިވެފައިވާ ޕާޓީގެ ކޯޅުން ފެންނާނެ ކަމަށް ބެލެވެ އެވެ.
ޕީޕީއެމްގެ ޖަލްސާ އޮމާންކަމާ އެކު މިރޭ ނިމުނަސް ކުރިމަގުގައި އެމްޑީޕީއަށް ވާނެ ގޮތާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ލިބޭނީ ބަރުލަމާނީ ނިޒާމުގެ ގަރާރުގެ ވޯޓު ނިމޭ ގޮތަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުޖު
19 August 2022
އިރާދަ ކުރެއްވިއްޔާ ދެން ތިދެ ޕާޓީ ނޫން ބަޔަކު. މިހާރު ހުންނާނީ ކެވިފަ. އެހެން މީހަކު ހޮވައިން އެންމެ ގޯސްވިއަސް ވާނީ އެހެން މީހަކު ކެއުން. މަށަށް އޯކޭ. ވަރަށް އެކްސްޕެކްޓޭޝަންސް ލޯ މިހާރު
ކުޑަބެމަރީ
19 August 2022
ނ. އަތޮޅުން ޕީޕީއެމް ޖަލްސާއަށް 150 މީހުން ލަންދޫ ބޯޓުގައި މާލެގެނައި ފައިސާ ދޭގޮތަށް.
ކނޑބ
19 August 2022
އިންޑިޔާއަށް ފާޑުކިޔައި، ފުރައްސާރަކޮށްފައި "ހަވާލޭ ވަތަން" ބޭނުންކުރީމައި، ކަޑަ
ކޮއިހޭ
19 August 2022
ޕީޕީއެމައި އެމްޑީޕީ ނޫންގޮތެއް އަޖުމަބަލަ ގާއްޓޭ
އަހާ
19 August 2022
ކަމުދާ އެއްޕާޓީއެއްވެސްނެތް. އަމިއްލަ އެދުމާއިގެން ރައްޔިތުންގެ ފައިސާ ދަވާލަން ހުރިހާ ޕާޓިއަކުންވެސް ތެޅިފޮޅެނީ. ރައްޔިތުން ނުކުމެ ޕާޓީތައް އުވާލަން ފެންނަނީ
ދގދސެފ×
19 August 2022
ކޮންމެސް އެއްފަޅިއަކަށް ޖުމްހޫރީ ނިހާނު ސަޖިދަޖަހުވާން ގެންދަންވާނެ.
އެކަލޯ
19 August 2022
ނިހާނޭ ކިޔާ މީހަކު ސިޔާސީ ދާއިރާގަ އުލުނުތަ ނުވަތަ އުޅޭތަ.
ކުޑޭ
19 August 2022
ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީއެއްގައި އެތެރޭގެ އެންމެ ޑިމޮކުރެޓިކްކޮށް ކަންކަން ހިންގާތަން މި ފެންނަނީ އަބަދުވެސް، އެމްޑީޕީން، ޕާޓީތެރޭގައި ވެރިކަން ބޭނުންވެގެން މީހަކު މޮޔަވުމަކީ އަދި އެހެން މައްސަލައެއް
ޟަމް
19 August 2022
އިންޑިޔާއަށް އެއްޗެތި ގޮވާފައި އެންމެފަހުން މިރޭގެ ޖަލްސާއަށްވެސް ނަންދޭން މިޖެހުނީ އިންޑިޔާ ބަހުން. ބޯހަލާކު.
ޞުރޫމޯޑް
19 August 2022
ދެން ކޮންގްރެސް އެއީ މައްދިވެހި ބަސްތޯ..
ބަޖިޔާ
19 August 2022
އިންޑިޔާ އައުޓް
ޚަރާބޭ ބޯ
20 August 2022
"ހަވާލޭ ވަތަން" މީ އިންޑިޔާ ބަސްތަ؟ ނުވެސްދެނެހުއްޓާ މަށަށްވެސް ހިންދީބަސް އެނެނީތާ! ހައްހައް