ކުވައިތު އެއާވޭސްގެ މަތިންދާ ބޯޓެއް. އަންނަ އޮކްޓޫބަރު މަހު އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
21 އޯގަސްޓް 2022 - 10:25
ކުވައިތުގެ ގައުމީ އެއާލައިން، ކުވައިތު އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ކުވައިތު އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވަނީ އޮކްޓޫބަރު މަހުގެ 31 ގަ އެވެ. މި ވަގުތަށް ތާވަލްކޮށްފައިވަނީ ކޮންމެ ހަފްތާއަކު ދެ ދަތުރެވެ. މި ދަތުރުތަކުގައި ބޭނުން ކުރަން ނިންމާފައިވަނީ އޭ320 މަރުކާރުގެ މަތިންދާބޯޓުތަކެވެ.
ކުވައިތުގެ އިތުރުން މެދުއިރުމަތީގެ ވަރަށް ގިނަ އެއާލައިންތަކަކުން ރާއްޖެއަށް އަންނަނީ ދަތުރުތައް ކުރަމުންނެވެ. ޔޫއޭއީގެ އެންމެ އަގު ހެޔޮ އެއާލައިން ވިޒް އެއާގެ ދަތުރުތައް ވެސް ރާއްޖެއަށް ވަރަށް އަވަހަށް ފަށާނެ އެވެ.
މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ވަނީ ވަރަށް ބޮޑު އިތުރުވެފަ އެވެ. މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 50،000 ޓޫރިސްޓުން އެ ސަރަހައްދުން އައިސްފައިވެ އެވެ. އެ ސަރަހައްދުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އާއި ކުވައިތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy