ބިދޭސީއަކު ފުށް ބަސްތާއެއް އުފުލައިގެން ދަނީ. ކާބޯތަކެތީގެ އަގު އިތުރަަށް އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރޭ--ފޮޓޯ:މިހާރު
23 އޯގަސްޓް 2022 - 13:33
ގަސް ކާނާ އާއި އެހެން ބައެއް މުދަލުގެ އަގުތައް އުފުލެމުން ދާއިރު، އޭގެ ނޭދެވޭ އަސަރުކޮށް ކާބޯތަކެތީގެ އަގު މި އަހަރުގެ ދެން އޮތް ދުވަސްތަކުގައި ވެސް އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން މިދިޔަ ހަފްތާގައި ނެރުނު "ފުޑް ސެކިއުރިޓީ އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ބާޒާރުގައި ގަސް ކާނާގެ އިންފްލޭޝަން ވަނީ 15 ޕަސެންޓަށް އަރައިފަ އެވެ. ވޯލްޑް ބޭންކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް ހުރީ ފަސް ޕަސެންޓަށް ވުރެ މަތީގަ އެވެ. ކާބޯތަކެތީގެ އަގު އެހާ ބޮޑަށް އުފުލިފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ހެދި ބައެއް ކާބޯތަކެތި އުފުލުމުގައި ހުރި ދަތިތަކުގެ ސަބަބުންނެވެ.
ވަކިވަކި ގައުމުތަކަށް ބަލާއިރު އިންފްލޭޝަން އެންމެ ބޮޑަށް މަތީގައި ހުރީ ލުބުނާންގަ އެވެ. އެ ގައުމުގެ އިންފްލޭޝަން ރޭޓް ހުރީ 330 ޕަސެންޓުގަ އެވެ. ދެވަނަ އަށް އޮތް ޒިންބާބުވޭގެ އިންފްލޭޝަން ރޭޓު ހުރީ 300 ޕަސެންޓުގަ އެވެ. ލިސްޓްގެ ތިން ވަނައިގައި އޮތް ވެނެޒުއޭލާގެ އިންފްލޭޝަން ރޭޓު 155 ޕަސެންޓުގައި އޮތް އިރު ތުރުކީ އާއި ލަންކާގެ އިންފްލޭޝަން ރޭޓު މި ވަގުތު ހުރީ 90 ޕަސެންޓާއި 80 ޕަސެންޓާއި ދެމެދުގަ އެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓުން ދައްކާ ގޮތުން އިންފްލޭޝަން އެންމެ މަތީ، ފަގީރު ގައުމުތަކުގަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އެފްރިކާ އާއި މެދު އިރުމަތީގެ ގައުުމުތަކެވެ. ދެވަނައަށް އެންމެ ބޮޑަށް އިންފްލޭޝަން މަތީ ގައުމުތަކުުގެ ތެރޭގައި ހިމެނެނީ ދެކުނު އޭޝިއާގެ ގައުމުތަކެވެ.
ދެކުނު އޭޝިޔާގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު މި ވަގުތު ހުރީ 23 ޕަސެންޓުގަ އެވެ. ލަންކާގެ ކާބޯތަކެތީގެ އިންފްލޭޝަން 80 ޕަސެންޓުގައި ހުރި އިރު ޕާކިސްތާނުގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ހުރީ 26 ޕަސެންޓުގަ އެވެ. އަދި ބަންގްލަދޭޝްގެ އިންފްލޭޝަން ރޭޓު ހުރީ 8 ޕަސެންޓުގަ އެވެ. ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ޖުލައި މަހުގެ ނިޔަލަށް ވަނީ ފަސް ޕަސެންޓަށް އަރައިފަ އެވެ.
މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާ އިރު ރާއްޖޭގެ ކާބޯތަކެތީގެ އަގުތައް އުފުލޭ މިންވަރު ކުޑަ ނަމަވެސް އެއް މަހުން އަނެއް މަހަށް ކާބޯތަކެތީގެ އަގު އަންނަނީ އުފުލެމުންނެވެ. މި އަހަރު ޖެނުއަރީ މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ހުރީ ދެ ޕަސެންޓުގަ އެވެ. އެހެން ނަމަވެސް ޖުލައި މަހު އިންފްލޭޝަން ރޭޓު ވަނީ 5.2 ޕަސެންޓަށް އިތުރުވެފަ އެވެ.
ވޯލްޑް ބޭންކުން ބުނީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ބައެއް ގައުމުތަކުން މުދާ އެކްސްޕޯޓު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހމނ
23 August 2022
ތިޔައީ ރާވައިގެންހިންގާ ކަމެއް.
ށަވިޔަނި
23 August 2022
އަހަރުމެން ބަނޑަށްޖެހޭ ދުވަސް ކާރިވީހެން އެބަހީވޭ. މަގޭ ދުޢާއަކީ ކާބޯތަކެތި އުފައްދާ ގައުމުތަކުގެ މައްސަލަތައް ހައްލުވެ ބާޒާރުގައި ތަކެތި ގިނަވެ ތަކެތީގެ އަގުހެޔޮވުން.
ޑރ. ސައްކެޔޮ ބަނާނާ
23 August 2022
މިކަހަލަ އިންޒާރެއް ލިބުނަސް މިގައުމުގެ ވެރިންނަށް ހީނުވާނެ ކެހެރުވަކެކޭވެސް. ކޮވިޑުތެރޭގާ ކާބޯތަކެތީގެ އަމިއްލަފުދުންތެރިކަމާ ބެހޭގޮތުން ހާދަވާހަކައެއް ދެއްކިއޭ. މާލޭގާ އުޅޭ ރަށްފުށުމީހުންވެސް މާލެދޫކޮށް އެމީހުންގެ ރަށަށް ދާވާހަކަ ދެއްކިއޭ. ނަމަވެސް ކީއްތޯ ކުރާނީ؟ މިއަދު ދިވެހިންނަކީ އިއްޔެބުނާއެތި މިއަދުވެސް ހަނދާންހުންނަ ބައެއްނޫން. މާޒީން އިބްރަތް ޙާސިލްކުރާބައެއްނޫން.