ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

އެކަކު މަދުކޮށް ކުޅުނު ޗެލްސީ މޮޅުކޮށްދިނީ ސްޓާލިން

ސްޓާލިން، ޗެލްސީގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

27 އޯގަސްޓް 2022 - 22:25

ލަންޑަން (އޮގަސްޓް 27) - މި ސީޒަނުގައި އަލަށް ގެނައި ފޯވާޑް ރަހީމް ސްޓާލިންގެ ދެ ލަނޑާ އެކު، 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ޗެލްސީ އިން 2-1 އިން ލެސްޓާ ސިޓީ ބަލިކޮށްފި އެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ސަސްޕެންޝަނުގައި ހުރުމާ އެކު އެޓީމަށް އިރުޝާދު ދިނީ އާނޯ މައިކަލްސް އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ރަތް ކާޑު ދެއްކި ޑިފެންޑަރު ކަލިދޫ ކުލިބަލީ ވެސް ސަސްޕެންޝަނުގައި ހުރި އިރު، މި މެޗުގެ 28 ވަނަ މިނިޓުގައި މިޑްފީލްޑަރު ކޮނޯ ގަލަހާ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުން ޗެލްސީން މެޗު ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކު އެވެ.

މެޗުގެ ފަސް ވަނަ މިނިޓުގައި ސްޓާލިން ތިރިތިރިން ހުރަސްކޮށްލި ބޯޅައެއް ރުބެލް ލޮފްޓަސް ޗީކް ފޮނުވާލި ނަމަވެސް ލެސްޓާގެ ކީޕަރު ޑެނީ ވާޑް ވަނީ ދިފާއު ކޮށްފަ އެވެ. އޭގެ ފަހުން ޔޫރީ ޓީލެމަންސް އޭރިއާ ތެރެއިން ލޮފްޓަސް ޗީކަށް ފައުލް ކުރި ކަމަށް ބަލައި ޗެލްސީ އަށް ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު ނިންމީ އޭގެ ކުރިން ކައި ހަވާޓްޒް އޮފްސައިޑު ވެފައި ވާތީވެ، ޕެނަލްޓީ ނުދީ ކުރިއަށް ގެންދާށެވެ.

ކޮނޯ ގަލަހާ އަށް ކާޑު ދެއްކުމާ އެކު ލެސްޓާ އިން އޭގެ ފައިދާ ނަގަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. ހާފު ނިމެނިކޮށް އެޓީމުގެ ހާވީ ބާންސް އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޗެލްސީގެ ކީޕަރު މެންޑީ ވަނީ ދިފާއު ކޮށްފަ އެވެ. އޭގެ ކުރިން ޗެލްސީގެ ރީސް ޖޭމްސް ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑީގައި ޖެހިފަ އެވެ.

ޗެލްސީ އިން ދެވަނަ ހާފު ފެށީ މޭސަން މައުންޓްގެ ބަދަލުގައި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ކުޅެން އަރުވައިގެންނެވެ. މި ބަދަލާ އެކު ޗެލްސީ އިން ވަނީ ހާފު ފަށައިގެން މާ ގިނައިރެއް ނުވެ ލަނޑެއް ޖަހައި ކުރި ހޯދައިފަ އެވެ. މެޗުގެ 47 ވަނަ މިނިޓުގައި ސްޓާލިން ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ލަނޑު ޖެހީ އަލަށް ގެނައި ވާތުބެލް މާކް ކުކުރޭޔާގެ ޕާހަކުންނެވެ. އެއަށް ފަހު ވެސް ސްޓާލިން ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ.

ލެސްޓާ ސިޓީ އިން އަޔޯޒީ ޕެރޭޒް އާއި ކެލެޗީ އިހެނާޗޯ ކުޅެން އަރުވައިގެން ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރަނިކޮށް ސްޓާލިން އޭނާގެ ދެވަނަ ލަނޑު 63 ވަނަ މިނިޓުގައި ޖަހައިދިނީ ރީސް ޖޭމްސް ނަގައިދިން ހުރަހަކުންނެވެ. އޭގެ ތިން މިނިޓު ފަހުން ލެސްޓާގެ ހަމައެކަނި ލަނޑު، ޖެމީ ވާޑީގެ އެހީތެރިކަމާ އެކު ޖަހައިދިނީ ހާވީ ބާންސް އެވެ.

މެޗުގެ ފަހު ވަގުތުގައި ވާޑީ، ލެސްޓާ އަށް ނަތީޖާ އެއްވަރުކުރުމާ ގާތަށް ދިޔަ އިރު، ޕެރޭޒް ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑިއަށް އަމާޒު ވިއެވެ. މިއާ އެކު ލީގު ފުރަތަމަ މެޗުގައި ބްރެންޓްފޯޑާ އެއްވަރުކުރި މެޗަށް ފަހު ކުޅުނު ތިން މެޗުގައި ވެސް ލެސްޓާ ވަނީ ބަލިވެފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454