ޓިނޭޖުގެ އޮފިޝަލް ރެފްރީ ފަހަތުން ދުވާއިރު އޭނާ ހުއްޓުވަން ބުރު އަދި ޓީނޭޖުގެ ބައެއް އޮފިޝަލުން ވެސް މަސައްކަތް ކުރަނީ: މެޗު ހުއްޓާލަން ޖެހުނީ ބާކީ ހަތަރު މިނެޓަށް ވެފައި ވަނިކޮށް --- ފޮޓޯ: ނިޝާން އަލީ | މިހާރު
04 ސެޕްޓެމްބަރ 2022 - 13:24
ވިކްޓަރީ އާއި ވެލެންސިއާ ކުޅުނު ފައިނަލް މެޗެއްގެ ތެރެއިން ވެލެންސިއާގެ އަލީ އުމަރާއި ފަންތޮށި މުހައްމަދު ނާޒިމް އަދި ބިންމާ އަބްދުﷲ އިބްރާހިމަށް ރެފްރީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. ފައިނަލް މެޗެއްގައި ރެފްރީ އެއް ޓީމެއްގެ ތިން ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމުން އުފެދޭނެ ނުތަނަވަސްކަން ހުންނާނެ އެވެ.
މެޗު ނިންމާފައި އަމާން ކަމާއެކު ރެފްރީ އަށް ދަނޑުން ނުކުމެގެން ގެއަށް ދެވުނެވެ. ދަނޑުގައި ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުނަސް އެކަމުގެ ރުޅިވެރިކަމެއް ރެފްރީއަކަށް ނުދައްކަ އެވެ.
އެކަމަކު މިހާރުގެ ހާލަތު ބަދަލުވެއްޖެ އެވެ. ތަޖުރިބާކާރު ރެފްރީއަކު ބުނި ގޮތުގައި އަމާން ކަމާއެކު މެޗެއް ނިންމާފައި ގެއަށް ދެވޭނެ ކަމުގެ ޔަގީން ކަމެއް މިހާރު ނެތެވެ. އޭނާ ބުނި ގޮތުގައި އިދިކޮޅުން ވަކި ޓީމެއް ކުޅެންޏާ ބައެއް މެޗުތަކުގައި ރެފްރީކަން ކުރަން ރެފްރީން ޖެހިލުންވެ އެވެ.
މެޗެއްގެ ނަތީޖާ އަށް ބަދަލު އަންނާނެ ވަރުގެ ގޯސްތައް ވެސް ރެފްރީންނަށް ހެދެ އެވެ. ނިއު ރޭޑިއަންޓާއި ވިކްޓަރީ ކުޅުނު ފައިނަލު މެޗެއްގައި ކުރީގެ ރެފްރީ ރިޔާޒު ރަޝީދު، ވިކްޓަރީ އަށް ޕެނަލްޓީއެއް ކަމަށް ދައްކި އެވެ. އެ ޕެނަލްޓީން ވިކްޓަރީން ލަނޑު ވެސް ޖެހި އެވެ. އަލުން ކުޅެން ފެށިތާ ދެތިން މިނެޓް ފަހުން ރިޔާޒުގެ ނިންމުން ބަދަލު ކުރި އެވެ. އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމައި ވިކްޓަރީގެ ލަނޑު ވެސް ކެންސަލް ކުރި އެވެ. އެއީ މެޗުތައް ބަލަން މީހުން ސަޕޯޓަރުން ދަނޑަށް ވަން ފޯރިގަދަ ދުވަސްވަރެވެ.
ފުޓްބޯޅަ ދަނޑުގައި ރެފްރީގެ ބޮޑު ގޯހަކުން މެޗުގެ ނަތީޖާ އަށް އަސަރު ކުރީ އެވެ. އެކަމަކު ރެފްރީގެ ނިންމުމާމެދު ވިކްޓަރީން ހިތްހަމަނުޖެހުމުގެ ނުދައްކަ އެވެ. ރެފްރީން ފަހާ ނުދުވެ އެވެ.
އެކަމަކު މިހާރު ރެފްރީ އަށް ހެދޭ ގޯހަކުން ފުރާނަ އަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އެހެން ރެފްރީ އަކު ބުންޏެވެ.
ދިވެހި ލީގު މެޗަކަށް ރެފްރީން ދަނޑަށް ނުކުންނަނީ: މެޗުތަކަށް އިންސާފު ކުރަން ރެފްރީން ޖެހިލުންވޭ --- ފައިލް ފޮޓޯ: އެފްއޭއެމް
މެޗެއް ނިންމާފައި ރެފްރީ ދަނޑުން ފޭބިތަނުން ޓީމެއްގެ އޮފިޝަލަކު އައިސް ނުސީދާ އިންޒާރު ދިން ކަމަށް ކުރިން ވާހަކަ ދެއްކި ރެފްރީ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެއަށް ފަހު ފޯނަށް އަންނަން ފެށީ މަރުގެ އިންޒާރުގެ މެސެޖްތަކެވެ.
"އާއިލާ ކަތިލާނެ ކަމުގެ އިންޒާރު. އެ ޓީމެއް ދެން ކުޅެން ޖެހޭ މެޗެއްގައި ރެފްރީކަން ކޮށްގެން ނުވާނެ ކަމުގެ މެސެޖްތައް އައި،" އޭނާ ބުންޏެވެ.
މެޗު ނިންމާފައި ޗޭޖިން ރޫމަށް އައިސް ޓީމެއްގެ އޮފިޝަލަކު އައިސް ދިން އިންޒާރާއެކު މެޗު ނިންމާފައި ރެފްރީ ދިޔައީ ފުލުހުންގެ ވެހިކަލެއްގައި ފުލުސް އޮފީހަށެވެ.
"މެޗު ނިންމި ގޮތަށް ޕޮލިސް ވެހިކަލެއްގައި އަޅުގަނޑު ދިޔައީ ޕޮލިހަށް މައްސަލަ ހުށަހަޅަން. އިންޒާރުތައް އައީމަ އެ މައްސަލަ ހުށަހަޅަން. އެ ދުވަހު ދަނޑު ކައިރީގައި ހުރި ސައިކަލް ގެއަށް ގެނައީ ވެސް ރައްޓެއްސަކު ލައްވައި،" އޭނާ ބުންޏެވެ.
ވާހަކަ ދެއްކި އެހެން ރެފްރީ އަކު ބުނީ ބައެއް ޓީމުތަކުގެ މެޗުތަކަށް ދާން ރާއްޖެ އަންނަ ބިދޭސީ ރެފްރީން ވެސް ޖެހުލުންވާ ކަމަށެވެ.
"އެއް ޓީމެއް ކުޅުނު މެޗެއްގައި ލަންކާގެ ރެފްރީއެއްގެ ކަރުގައި ވެސް ހިފި،" ވާހަކަ ދެއްކި ރެފްރީ ބުންޏެވެ.
އެހެން ރެފްރީ އަކު ބުނީ މެޗު ނިންމާފައި ދަނޑުގެ ރެފްރީސް ރޫމުގައި ހުއްޓައި ޓީމެއްގެ އޮފިޝަލަކު ފެންފުޅި އަކުން ރެފްރީއެއްގެ ގައި ޖެހި ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ހުށަހެޅި އެވެ.
"އެކަމަކު އެ ޓީމާ މެދު އެޅުނު ފިޔަވަޅެއް ނެތް،" އޭނާ ބުންޏެވެ.
މިހާރު ރެފްރީ އެސަސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ކުރީގެ ރެފްރީ އަކު ބުނީ މައްސަލަތަކަށް ފިޔަވަޅު ނޭޅުމަކީ މައްސަލަ އިތުރަށް ބޮޑު ވެގެންދާ ސަބަބެއް ކަމަށެވެ. ކުރިން ވާހަކަ ދެއްކި ރެފްރީ ބުނީ ޑިސިޕްލިނަރީ ކޮމިޓީއަށް މައްސަލަ ދިޔަ ހިސާބުން މައްސަލަ ރައްދުވި ޓީމުގެ ފަރާތުން ކުރިމަތިވާ ކަންކަން އިތުރުވި ކަމަށެވެ.
ޓީމުތަކަށް ފިޔަވަޅު ނޭޅި މައްސަލަ ދިގުލައިގެން ދިއުމުން ރެފްރީންނަށް ކުރާ ޖެއްސުން އިތުރުވުމުން މެޗުތަކަށް އިންސާފު ކުރަން ރެފްރީން ޖެހިލުންވާ މައްސަލަ ވެސް ވަނީ ފެންމަތި ވެފަ އެވެ.
"އެފްއޭމް އަށް ދެންނެވިން ދެން އެ ޓީމު ކުޅޭ މެޗެއްގައި ރެފްރީކަން ކުރަން ބޭނުން ނުވާ ވާހަކަ،" ކުރިން ވާހަކަ ދެއްކި ރެފްރީ އަކު ބުންޏެވެ.
އެންމެ ފަހުން މައްސަލަ ފެންމަތިވި، ދިވެހި ލީގު ޕްލޭއޮފް މމެޗަށް ނުކުންނަން ގިނަ ރެފްރީން ބޭނުން ނުވާ ކަމަށް ސީނިއާ ރެފްރީއަކު ބުންޏެވެ.
"އާއިލާ އަށް ނުވަތަ ތިމާ އަށް ނުރައްކަލެއް އޮވެދާނެ ކަމުގެ ބިރަށް ގިނަ ރެފްރީން ޖެހިލުންވި އެ މެޗުގެ ރެފްރީކަން ކުރަން. ޝަކީލް [ރެފްރީ ހުސައިން ޝަކީލް] އަށް އެ މެޗުގެ ރެފްރީކަން ކުރަން ގުޅީ ހަމަ މެޗު އޮތް ދުވަހު. އެހެން ރެފްރީ އަކު ނުވުމުން،" އޭނާ ބުންޏެވެ.
ދިވެހި ލީގު މެޗަކަށް ނުކުމެ ތިބި ރެފްރީން: ރެފްރީންނަށް އޮތީ ބިރުވެރި ހާލަތެއް --- ފައިލް ފޮޓޯ: އެފްއޭއެމް
އޭނާ ބުނީ އާއިލާ އަށާއި ދަރިންނަށް ގެއްލުން ދޭނެ ކަމުގެ އިންޒާރާ ތަކުގެ ސަބަބުން އަންނަ ސީޒަންގައި ރެފްރީކަން ނުކުރުމުގެ ވިސްނުންތަކެއް ގެންގުޅެމުންދާ ކަމަށެވެ.
"މީގެ ހަތް ވަރަކަށް އަހަރު ކުރިން ރެފްރީން ތިބެނީ މެޗު ނުލިބިފައި. މިހާރު ބައެއް މެޗުތަކުގައި ރެފްރީކަން ކުރަން ރެފްރީން ބޭނުން ނުވާތީ ހަފުތާގައި ހަތަރު މެޗު ކުޅެންޏާ ތިން މެޗުގައި އެއް ރެފްރީން ހިމަނައިގެން އެބަ ކުރިއަށްދޭ،" އޭނާ ބުންޏެވެ.
ޓީނާޖާއި ބުރު ސްޕޯޓްސް ކުޅުނު މެޗު ހުއްޓާލަން ޖެހުނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޓީނޭޖުގެ އޮފިޝަލަކު ރެފްރީ ފަހާ ދުވުމުންނެވެ. ހިނގާދިޔަ ކަންކަން ބެލުމަށް، މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
ކުރިން ވާހަކަ ދެއްކި ރެފްރީ އެސެސަރު ބުނީ މައްސަލަ ހައްލު ކުރުމަށް އެފްއޭއެމް އަކީ ގާބިލު އިދާރާ އަކަށް ވާން ޖެހޭ ކަމަށެވެ. ކްލަބްތަކަށް ވުރެ އެފްއޭއެމް އުހުގައި އޮންނަން ޖެހޭނެކަން އޭނާ ފާހަގަ ކުރި އެވެ.
"ފިޔަވަޅު އަޅަން ޖެހިލުން ވެގެން ނުވާނެ،" އޭނާ ބުންޏެވެ. "ކްލަބްތަކަށް ވުރެ މަތީގައި އޮންނަން ޖެހޭނީ އެފްއޭއެމް."
އެކަމަކު އެފްއޭއެމްގެ ހަލަތު ދަށެވެ. މާލީ ގޮތުން އަޑިގަނޑަކަށް ވެއްޓިފައި ވުމުން ކްލަބްތަކަށް ވެސް އަދި ރެފްރީންނަށް ވެސް ހަމަ އުޖޫރަ ދިނުމުގައި ދަތިތައް ވަނީ ކުރިމަތި ވެފަ އެވެ.
ފުޓްބޯޅައިގެ ގަވާއިދަށް ކްލަބްތަކުން ވެސް އަހުލުވެރި ވުމުގެ މުހިންމުކަން ރެފްރީ އެސެސަރު ފާހަގަ ކުރި އެވެ. ފުޓްބޯޅައިގައި ބައިވެރިވާ އެންމެންގެ ޝާމިލުވުން ހޯދަން ޖެހޭކަން އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒަސް
06 September 2022
މަށަށް ފެންނަނީ ރާއްޖޭގެ ގައުމީ ގޭންގު ފުޓުބޯޅަ މުބާރަތަށް ގޭންގުތަކުގެ މެދުގައި މުބާރާތް ބާއްވަން. ރެފްރީ އިންނާނީ ނުފެންނަ ގޮތަށް ބެލްކަނީއެއްގައި ބައިންދާފަ އަޑުގަދަކުރާއިން ކަށިގަނޑު ފުމެން. ކުޅެން އަރާމީހުންގެ ހަތިޔާރު ހުރިތޯ ޗެކްނުކުރެވޭނެ އަދި ޑްރަގް ޓެސްޓު ނުކުރުވޭނެ. އޭރުން އެއްގަލުން ދެ ދޫނީގައި ޖެހުނީ. އެމީހުންނަށް ކުޅިވަރު ކުޅެން ދެވުނީ އަދި ތަޅާފޮޅަން ފުރުސަތު ދެވުނީ. މިހާރު މިއޮތީ ރޯމްގައި ގްލޭޑިއޭޓަރުން ކުޅުނު ދުވަސްއަލުންޖެހިފަ.
މަރިޔަމް ޖީލާ
05 September 2022
ތި ޕާޓޭ ޓީމުތައް ކުޅެންނިކުންނަ ދުވަހެއްވިއްޔާ ސިޑިބަރީގައި ސަޕޯޓްކުރަން މިތިބެނީ ހައެއްކަ ޕާޓޭއިން. ދެން މިތިބެނީ އެމީހުން ކޮންޓްރޯލްކުރަން ކޮންމެ ޕާޓޭއަކަށް ފަސް ފުލުހުން. މި އީ ދޮގެއްތޯ ނިކަން މިހާރު ނޫހުން ބަލައިދީބަލަ. މި ހިސާބަށް ދިއުމުން ދެން ފުޓުބޯޅައަށް ވާނެގޮތް ވިސްނާ
އެމްސް
05 September 2022
އޮލިމްޕަސް ހުޅުވުމުން ހުރިހާ ޕާޓޭންނަށް ދެން އޮންނާނީ ފީފާ ވޯލްޑް ކަޕް، އެތަނުގަ! އޭރުން ކުޅެންވެސް އަދި ބަލަންވެސް ތިބޭނީ އެމީހުން!
ނުރަބޯ
04 September 2022
މިހާރަކަށް އައިސް ދިވެހިންގެ އަޚްލާޤާ ސުލޫކު ރަގަޅީ ނޫންތޯ……؟
އަބޫދާބީ
04 September 2022
ގަެންގުތަކުގެ ކޮންޓްރޯލް ދަށަށް ފުޓްބޯޅަ ގެންދިޔައީ ސީދާ ބައްސާމް. ތުޔަކަް އިޞްލާޙު ކުރަން ބޭނުންނަމަ މާލޭގައި ހުރި ފުޓްސަލް ދަނޑުތައް އުވާލާ އެތަންތަން ޕާކިންގ ޒޯނަށް ހަދަްވީ. އޭރުން ރާއްޖޭގެ ފުޓްބޯޅަވެސް ކުރިއަރާނެ
އެމްސް
05 September 2022
ގޭންގް ތަކުގަވެސް ތިބީ ދިވެހިން ކަމުން އެމީހުނަށްވެސް ކޮންމެވެސް ގޮތެއް ދައްކަން ވާނެ! ކޮންމެ ގޭންގް އަކަށް ފަޅުރަށެއް ހަމަ ޖައްސާ، ދަނޑުވެރިކަމަށް އަހުލުވެރިކުރުވުން ކިހިނެއްބާ ވާނީ؟ ޝަރުޠަކަށް މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް ނުއިންދުން ހިމެނެން ވާނެ!
މަހްފޫލާބުމަރުބްރޯ
04 September 2022
ގޭންގުތަކުގެ މީހުންނަގާ ކޮޑަށްލައިގެން، ބައްދަލުވުން ބާއްވާ ގޭންގްގެ ނަމުގަ ކްލަބް ރަޖިސްޓްރީކޮށްދީ، ދަނޑުތައް ހަވާލުކުރި ނުބައި އެންމެންނަށް ހަލާކުހުރި
އަލިފުލައިލާ
04 September 2022
ގޭންގުތައް ގާނޫނީ ކުލަޖައްސައިފި އަދި ބައެއް ގޭންގު ލީޑަރުން ސިޔާސީ ޕާޓީތަކުގެ އެކި މަގާމް ތަކަށް ކުރިމަތިލާ އަދި ހޮވިފަވެސް އެބަތިބި ކުރިޔައް އޮތް މަޖިލިސް އިންތިހާބުގަ ގޭންގު ތަކުގެ ލީޑަރުން ނޫނީ އިސްސަފުގަ ތިބި ބަޔަކު ފެނިގެން ދިއުމަކީ ނުވެނުދާނެ ކަމެއް!
އަލީ ހަމީދު
04 September 2022
ހަމަ ސަތޭކައިގެ ވާހަކައެއް، މި ޤަވްމުގަ ހަމަ އެއްކަމެއްވެސް ދެން ނުދާނެ ރަނގަޅަކަށް އިޖުތިމާއީ ފޭރާންވީދި ކުދިކުދި ވެއްޖެ، ވެރިންބަލަނީ ރައްޔިތުންނަށް އަފިހުންދީގެން ވެރިކަން ކުރެވޭތޯ
ވިކް ބޯއީ
04 September 2022
ވިކްޓަރީ ނިއު ކުޅޭއިރު ނިއުއަށް ފައުލެއް ދިނީމަ އަހަރުމްނެ އަޑުގެ ކޮޅަށް ހަރުއަޑުން ރެފްރީއާ ދިމާލަށް ގޮވާލަން' ހޫން ސާބަސް ކަލެއަށް ކިހާވަރެއް ދިނީ". މިއީ އެއްމެ ބޮޑުވަރު. މެޗް ނިމުނީމަ ނިމުނީ. އޭނައަށް އިންޒާރުދީ ދަރިން މައިންބަފައިންނަށް ގޮވަމުން ނުދަން.
މުލޭ
04 September 2022
ވަރަށް ރަނގަޅު ވާހަކައެއް. ނުރިހިގެން ކުރާހާވެސް ކަމަކީ އިށީނދެގެން އިންނަ ތަނުން ތެދުވެފަައި އަލުން އިށީނުން.
ހެެހެހެ
04 September 2022
"މީގެ ހަތް ވަރަކަށް އަހަރު ކުރިން ރެފްރީން ތިބެނީ މެޗު ނުލިބިފައި" މީގެން ސާފުކޮށް މި އިނގެނީ ފުޓްބޯޅަ ހަލާކު ކޮށްލީ ކޮންބަޔެއްގެ ވެރިކަމުގައި ކަން! ކޮން ބަޔެއްކަން ގޭންގް ތައް ފުޓްބޯޅައަށް ވެއްދީ! ދިވެހި ފުޓްބޯޅަ ބަޔަކު ހަލާކު ކޮށްލީ ގޭންގްތައް މީގެ ތެރެއަށް ވައްދާފަ!
އެމްސް
05 September 2022
ރާއްޖޭގެ ހޯމް މިނިސްޓަރަކު ހުރިހާ ގޭންގް ލީޑަރުންނާއި އެކު ވަށް މޭޒު ޖަލްސާއެއް ބާއްވާ ލައިވް ކުރީމަ އެ ކުރެވުނީ ކީއްކަން އޭނައަށް ވިސްނުނުބާ؟ އެކަމަކު އެތަނުން ބަޔެއްގެ ފައިގަ ޓެގް އެޅުވީވެސް ހަމަ އޭނަ!
ސުންދުރަ
04 September 2022
މާލޭގެ ނަން މަޝްހޫރު ގޭންގުތައް، ކްލަބުތަކުގެ ގޮތުގައި ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވަނީ. ގޭންގް ކުށް ހުއްޓުވުމާ ބެހޭ ޤާނޫނުގެ ދަށުން މި ގޭންގް ތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭ.
އެމްސް
05 September 2022
ނަމެއް ގޯހެއް ނުވާނެ، ގޯސް ވާނީ ކަން! މިސާލަކީ މާޒިޔާ! ކުރިން އެއީ ގޯސް ކަމެއްގަ އުޅުނު ބަޔަކަށްވެސް ވެދާނެ، އެކަމަކު މިއަދު އެއީ ޝަރަފުވެރި/ޤަދަރުވެރި، ވަރަށް ޒިއްމާދާރު ޖަމާޢަތެއް! އަތުން ފައިން މަސައްކަތް ކޮށް/ދާވެސް އޮހޮރައިގެން އާމްދަނީވެސް ހޯދާ ބަޔެއް!
ސުންދުރަ
04 September 2022
މާލޭގެ ނަން މަޝްހޫރު ގޭންގުތައް، ކްލަބުތަކުގެ ގޮތުގައި ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވަނީ. ގޭންގް ކުށް ހުއްޓުވުމާ ބެހޭ ޤާނޫނުގެ ދަށުން މި ގޭންގް ތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭ.