ރާނީ އެލިޒަބަތު: އެކަމަނާ މިއަދު އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެ، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް
08 ސެޕްޓެމްބަރ 2022 - 22:37
އިނގިރޭސިވިލާތުގެ ރާނީ އަދި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމުގެ ޝަރަފް އޮތް ކުއީން އެލިޒަބަތު ދެވަނަ ދެންމެ އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 96 އަހަރުގެ ރާނީ އެލިޒަބަތު އަވަހާރަވީ އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސްވެ، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އެވެ.
ރާނީ އަވަހާރަވިކަން ރިޔާސީ ގަނޑުވަރު ބަކިންހަމް ޕެލަސްއާ ހަވާލާދީ އިނގިރޭސި ދައުލަތުގެ މީޑިއާ، ބީބީސީއިން ދެންމެ ވަނީ ރިޕޯޓްކޮށްފަ އެވެ.
އެކަމަނާ އަވަހާރަވުމާ އެކު، އިނގިރޭސި ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް ހަވާލުވެ ވަޑައިގަންނަވާނެ އެވެ. އޭނާ ރަސްކަން ކުރައްވާނީ "ކިންގް ޗާލްސް 3" ގެ ނަމުގަ އެވެ. ރާނީ އަވަހާރަވިކަން ރަސްމީކޮށް އިއުލާން ކުރެއްވީ ވެސް ޗާލްސެވެ.
އިނގިރޭސި ރާނީގެ ގޮތުން މަޝްހޫރުވެފައި ވިޔަސް، ކުއީން އެލިޒަބަތަކީ އިނގިރޭސިވިލާތުގެ އިތުރުން އިތުރު 14 ގައުމެއްގެ ވެސް ރާނީ އެވެ. އޭގެ ތެރޭގައި ކެނެޑާ އާއި ނިއުޒިލެންޑާއި އޮސްޓްރޭލިއާ ހިމެނެ އެވެ. އަދި ކޮމަންވެލްތުގެ އެންމެ އިސްވެރިޔަކީ ވެސް އެކަމަނާ އެވެ. މި ހުރިހާ ތަޚުތެއް ވެސް ދެން ލިބިވަޑައިގަންނަވާނީ ޕްރިންސް ޗާލްސްއަށެވެ.
ރާނީ އެލިޒަބަތު އަވަހާރަވެއްޖެ ކަމުގެ ނޯޓިސް ޕެލަސް އޮފް ހޮލީރޫޑްހައުސްގެ ގޭޓުގައި ހަރުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ރާނީ އަވަހާރަވުމުން އަމަލުކުރާނެ ގޮތުގެ ރިޔާސީ ޕްލޭނެއް ދުރާލާ ކަނޑައަޅާފައި އޮވެ އެވެ. އޮޕަރޭޝަން "ލަންޑަން ބްރިޖް" ގެ ނަން ދީފައިވާ އެ ޕްލޭންގެ ދަށުން ރާނީގެ މަރުގެ ޚަބަރު ރަސްމީ ފަރާތްތަކާއި ހިއްސާ ކުރުމާއި ރާނީ އަވަހާރަވުމަށްފަހު ފަސްދާނުލުމާ ހަމައަށް އަމަލުކުރާނެ ގޮތްތައް ހިމެނޭނެ އެވެ.
އެ ޕްލޭންގެ ދަށުން ރާނީ ފަސްދާނުލާނީ 10 ދުވަސް ފަހުންނެވެ. އެހާތަނަށް ކުރިއަށް ގެންދާނީ ރާނީގެ ހަށިކޮޅަށް އިހްތިރާމް އަދާ ކުރުމާއި ރަސްމީ އެހެން ކަންކަމެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމުގެ ހިތާމާގައި، ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްގައި ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި. -- ފޮޓޯ އޭއެފްޕީ
ރާނީ އެލިޒަބަތު 1952 ވަނަ އަހަރު ޒުވާން އުމުރުފުޅުގައި ރަސްކަމާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް އަވަހާރަވުމުންނެވެ. އެކަމަނާ ރަސްކަމުގެ ތަޚުތުގައި 70 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަ ކުރައްވާފައިވާތީ އެކަމަނާއަކީ އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފު އޮތް ބޭފުޅާ އެވެ. އެކަމަނާގެ މާމާފުޅު ކުއީން ވިކްޓޯރިޔާ ވެސް އޭގެކުރިން ރަސްކަން ކުރެއްވި އެވެ.
ރަސްކަމުގެ ތަޚުތާ ދެން ހަވާލުވެ ވަޑައިގަންނަވާ އުމުރުފުޅުން 73 އަހަރު ޗާލްސްއަކީ އަވަހާރަވެފައިވާ ޕްރިންސަސް ޑަޔާނާގެ ކުރީގެ ފިރިކަލުންނެވެ. ޗާލްސްއަށްފަހު ރަސްކަމުގެ ތަޚުތު ދެން ވާރުތަވާނީ ޗާލްސް އާއި ޑަޔާނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއަށެވެ.
އިނގިރޭސި ރަސްކަމުގެ ތަޚުތަކީ އެ ގައުމުގެ ސަރުކާރު ހިންގުމުގައި އެއްވެސް ދައުރެއް އޮންނަ ބައެއް ނޫނެވެ. އެކަމަކު އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތު އޮންނާނީ ރާނީ ނުވަތަ ރަސްކަލުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
10 September 2022
އަހަރުމެން އައްޑޫމީހުނަށް އެތައްގޮތަކުން އެހީތެރިވެ އަހަރުމެން ދުނިޔެއަށް ލޯ ހުޅުވަދީ ހޭލުންތެރި ތައުލީމީ ބަޔަކަށް ހަދާދިނީ އިޤިރޭސި ދައުލަތުން ކަމުގައިވާތީ މާތްވެގެންވާ އިޤިރޭސި ދައުލަތުގެ އެންމެ އުސްވެރިޔާ ކްއީން އެލިޒެބަތު އަވަހާރަ ވުމުގެ ހިތާމައިގަ އައްޑޫސިޓީ ރައްޔިތުން ބައިވެރިވާކަން އެންގުމަށްޓަކާ "މިސިޓީގެ ހުރިހާ ސްކޫލް ތަކުގެ ޓީޗަރުންވެސް އަންނަ އާދީއްތަދުވަހު ކަޅު ހެދުމުގައި" ސްކޫލަށް ދިއުމަށް މޭޔަރު އެދިވަޑައިގަންނަވަން ޖެހޭ.
އަބްޑޫޅް
09 September 2022
އިގިރޭސީންގެ ރަސްކަމަކީ 1220 އަހަރުވީ ރަސްކަމެއް. އިގިރޭސި ދިދަ އަށް އިރެއް ނުއޮއްސޭ. ކަލޭމެންނަކީވެސް ކޮމަންވެލްތުގެ ރައްޔިތުން. މި ނިސްބަތުން ކަލޭމެންނަށް ނުހަނު ލުއިފަސޭހަވޭ. ތިންވަނަ ޗާލްސް ރަސްގެފާނަކީ ކަލޭމެންގެވެސް ކޮމަންވެލްތުގެ ވެރިޔާ. އެރަދުންގެ ސަފީރަކީ ހައިކޮމިސްނަރެއް- އެހެނީ އެންބެސެޑަރެއް ނޫން. މިކަމުން ރަމްޒުވަނީ ޗާލްސް ރަސްގެފާނަކީ ކަލޭމެންގެވެސް، އެންމެ މަތީ، ބޮޑުސާހިބާކަން. ޗާލްސް ކީރިތި މަހާރަދުން ގިނަދުވަހު ރެދަލި ކުރައްވާށި!
ދިއްދޫމީހާ
09 September 2022
އަވަހަ ގައުމުތަކުން ވަގަށް ގެންގޮސްފަ ހުރި އެއްޗެހިތައް ހަވާލްކުރޭ މިހާރުވެސް ފޮޓޯއިން ފެންނަ އަންގިފުޅަކީ ދިވެހިރާއްޖެއިން ވަގަށް ނަގާފައިވާ އެއްޗެއް އެއީ ޝަމްޝުއްދީން ވެރިކަމުގާ ގަނޑުވަރުގެ ތުއްޕުޅު ބޭފުޅުން ނެޕީ ބަދަލް ކުރުމަށް ގަނޑުވަރުގެ ބާންދީއަކު ބޭނުން ކުރި އަންގިއެ އިންގެރޭސީން ރާއްޖޭގައި ތިބިއިރު ވަގަށް ނަގައިގެން ގެންދިޔައީ އަވަހަ ދިވެހި ދައުލަތުގެ އެސެޓް އެންޑް ރިކަވަރީ ކޮމިޝަނުން އެއަންގި ހޯދުމަށް ވަގުތުން ވަގުތުން މައްސަކަތް ކުރަންވ
ކިންގްޑަމް
09 September 2022
ދެން ޔޫކޭގަ ހުންނާނީ ކިންގެއް ދޯ؟
ގިނި
09 September 2022
އިނގިރޭސި ރަސްކަމުގެ ތަޚުތަކީ އެ ގައުމުގެ ސަރުކާރު ހިންގުމުގައި އެއްވެސް ދައުރެއް އޮންނަ ބައެއް ނޫނެވެ. ދެން ކިހިނެކޯލަ މި ތިބެނީ މުދާގަނޑު ބަނޑުއަޅައިގެނ
ދުމްމ
09 September 2022
ރާނީވެސް މަރުވާނެ. މަވެސް މަރުވާނެ. ކަލޭމެންވެސް މަރުވާނެ. ބުއްދިވެރިޔަކީ ދުނިޔޭގަ މިލިބޭ މަދު ވަގުތުކޮޅުގަ ހޭބޯނާރާ މަރަށް ތައްޔާރުވާ މީހާ. އެމީހާ ކާމިޔާބުވެއްޖެ.
ރައްޔިތުސޮރު
09 September 2022
އިންސާނީ ކަރާމާތާ ތަޚްޒީބީ އުސޫލުގެމަތިން ކޮންމެ ބަޔަކަށްވެސް ހިތާމައެއް ލިބޭ ހިނދު އެހިތާމައިގަ ބައިވެރިވަން. ރާނީއަކީވެސް ދުނިޔެައަށް އެތައް ޚިދުމަތެއްކުރެއްވި އަދި ދުނިޏޭގެ ސުލްހައަށް މަސައްކަތްކުރެއްވިބޭފުޅެއް އެކަމަނާ އަވަހާރަވުމަކީ ހިތާމައެއް.
ކުއީން
09 September 2022
ކިތަންމެ ގިނަ މުދަލަކާ ފައިސާ އަދި އިއްޒަތެއް އޮތަސް ވާނީމަރު. ދުނިޔެމަތީގައި މަތީގައި މަތީމަގާމުތަކުގައި, މުދާތަކުގައި އުދުހިފަ އުޅުނަސް މީބައްދަލުކުރާނެ ދުވަހެއް. ތިމާގެ ބޮޑާކަމާ އާރާބާރު ގބޭނުމެއް ނުހިފޭނެ. ދހިރިތިބީންނަށް ހުރި އިބްރަތެއް.
އަބްޑޫޅް
09 September 2022
ކަލެއަށް މަރަކީ ހައިރާން ވާން ޖެހޭ ކަމަކަށް ވެގެން އުޅޭހެން އެބަ ހީވޭ.
ށަވިޔަނި
09 September 2022
ހުރިހާ މެޑެލިތަކާ މަގާމުތަކާ އިއްޒަތާ ޝަރަފު ގެއްލުނީ. މަގާމުތަކަށްޓަކައި މަރުދަންޖެހޭ މީހުން އިބްރަތް ލިބިގަންނާށެވެ.
އަލީހަމީދު
10 September 2022
މޮޔަނުގޮވާ، އިއްޒަތާ، ޝަރަފާ މެޑަލްތަކަކީ ރައްޔިތުންގެ ލޯބި. އެއީ ދުވަހަކުވެސް ގެއްލޭނެ އެއްޗެއްނޫން
ލެޓްސް
09 September 2022
ދިވެހިރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް ރާނީކުރެއްވި އަގުހުރިމަސައްކަތް ބަލާގަންނަން