ކުޅިވަރު / ޔޫރޮޕާ ލީގް

އާސެނަލް މޮޅުވިއިރު ބަލްގޭރިއާގެ ކްލަބަކުން ރޯމާ ބަލިކޮށްފި

މާކީނިއޯސް (ކ-3)، ލަނޑު ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޒިއުރިޗް (ސެޕްޓެމްބަރު 9) - އާސެނަލް އިން ޒިއުރިޗް ބަލިކޮށް ޔޫރޮޕާ ލީގުގެ ފެށުން ރަނގަޅު ކުރި އިރު، ބަލްގޭރިއާގެ ލީގު ޗެމްޕިއަން ލޫޑޯގޮރެޓްސް ރަޒްގާޑް އިން މިދިޔަ ސީޒަނުގައި ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކުރި އިޓަލީގެ ރޯމާ ބަލިކޮށްފި އެވެ.

ސްވިޒަލެންޑުގައި އެގައުމުގެ ޒިއުރިޗާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް އިން ކާމިޔާބުކުރީ 2-1 އިންނެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ، އެ ޓީމުން މި ސީޒަނުގައި ބްރެޒިލްގެ ސައޮ ޕޯލޯ އިން ގެނައި އުމުރުން 19 އަހަރުގެ ފޯވާޑް މާކީނިއޯސް އަށް ފުރުސަތު ދީފަ އެވެ. މާކީނިއޯސްގެ ފުރަތަމަ މެޗުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅެ، އޭނާ ވަނީ ލަނޑުގައި ވެސް ހިއްސާ ވެފަ އެވެ.

މެޗުގެ 16 ވަނަ މިނިޓުގައި އެޑީ ކެޓިއާ ދިން ބޯޅައެއް ހޯދައި މާކީނިއޯސް އޭނާގެ ފުރަތަމަ ގޯލު ޖަހައިދިނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ކެޓިއާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ޒިއުރިޗަށް އެއްވަރު ކޮށްދިނީ މިރްލިން ކްރިއޭޒޫ އެވެ.

އާސެނަލް މޮޅުވި ލަނޑު 62 ވަނަ މިނިޓުގައި ޖެހީ ކެޓިއާ އެވެ. އޭނާ މި ގޯލު ޖެހީ މާކީނިއޯސް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އާސެނަލް އާއި ޒިއުރިޗާ އެކު ގުރޫޕް އޭގައި ހިމެނޭ ނެދަލެންޑްސްގެ ޕީއެސްވީ އާއި ނޯވޭގެ ބޯޑޯ/ގްލިމްޓް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފު ނިމެނިކޮށް އަލްބާޓް ގްރޮންބައެކް ގެ ގޯލަކުން ބޯޑޯ/ގްލިމްޓް އިން ލާޑު ނަގާފައި ވަނިކޮށް ޕީއެސްވީ އަށް އެއްވަރު ކޮށްދިނީ 62 ވަނަ މިނިޓުގައި ކޯޑީ ގަކްޕޯ އެވެ.

ރޯމާގެ ފޯވާޑް ޕައޮލޯ ޑިބާލާ، މިރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މިދިޔަ ސީޒަނުގައި ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކުރި އިޓަލީގެ ރޯމާ، މި ސީޒަނުގައި ޔޫރޮޕާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބަލްގޭރިއާގެ ލޫޑޯގޮރެޓްސް ރަޒްގާޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-1 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ރަޒްގާޑުންނެވެ. މިޑްފީލްޑަރު ކޯލީ 72 ވަނަ މިނިޓުގައި ޖަހައިދިން ލަނޑުން އެޓީމު މޮޅުވާން ދަނިކޮށް، ހޯޒޭ މޮރީނިއޯގެ ރޯމާ އިން މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ނަތީޖާ އެއްވަރު ވެސް ކުރި އެވެ. އެއްވަރުކުރި ލަނޑު ޖަހައިދިނީ އަލަށް ގެނައި ފޯވާޑް އަންޑްރެއާ ބެލޮޓީގެ ބަދަލުގައި އެރުވި އުޒްބަކިސްތާނުގެ ސްޓްރައިކަރު އެލްޑޯ ޝޮމުރޮޑޯވް އެވެ.

ނަމަވެސް ރަޒްގާޑަށް ދެވަނަ ފަހަރަށް ކުރި ހޯދައިދީ، އެޓީމު މޮޅުކޮށްދިން ލަނޑު 88 ވަނަ މިނިޓުގައި ޖަހައިދިނީ ފޯވާޑް ނޮނާޓޯ އެވެ.

ރޯމާ އާއެކު ގުރޫޕް ސީ ގައި ހިމެނޭ ރެއާލް ބަޓިސް ވަނީ ފިންލެންޑުގައި އެގައުމުގެ އެޗްޖޭކޭ ހެލްސިންކީއާ ވާދަކުރި މެޗު 2-0 އިން ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ ދެ ލަނޑު ވެސް ޖަހައިދިނީ ފޯވާޑް ވިލިއަން ހޯޒޭ އެވެ.

ޔޫރޮޕާ ލީގު ގުރޫޕް ބީ ގައި ހިމެނޭ ފްރާންސްގެ ރެނެސް އާއި ތުރުކީގެ ފެނަބާޗޭ ވެސް މިރޭ ކުޅުނު މެޗުން މޮޅުވީ، ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑުންނެވެ.

ފެނަބާޗޭ އިން އަމިއްލަ ދަނޑުގައި ޔޫކްރޭންގެ ޑައިނަމޯ ކިއޭވް 2-1 އިން ބަލިކުރި އިރު، ރެނެސް އިން ރަށުން ބޭރުގައި ސައިޕްރަސްގެ އޭއީކޭ ލާނަކާ ބަލިކުރީ ވެސް ހަމަ މި ނަތީޖާއިންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454