ޚިޔާލު

ވަކި ވަޒީފާއެއް އަދާކުރާތީ ފްލެޓް ދޭން ޖެހޭތަ؟

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް ހަވާލުކުރުމަށް އެޗްޑީސީގެ މުވައްޒަފުން ފްލެޓްތަކުގެ ތަޅުދަނޑިތަކާ އެކު. -- ފޮޓޯ: މިހާރު

ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ވެސް ފްލެޓް ލިބެނީ އެވެ. އެ އޮފީހުގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިދިޔަ ބުދަ ދުވަހުގެ ރޭ އެކަން އިއުލާން ކުރެއްވި އެވެ.

އުފާވެރި ހަބަރެކެވެ؛ ކަރެކްޝަންސްގެ ހުރިހާ މުވައްޒަފުންނަށް ވަރަށް ވެސް އުފާވެރި ހަބަރެކެވެ.

އެކަމަކު، އެ ހަބަރުން އިތުރު ހިތާމަތަކަކާ ކުރިމަތިލާން ޖެހެނީ އަޅުގަނޑުމެން އާންމުންނެވެ. ފޯމް ފުރާފުރާ ދެ އަތް ވާޅުވެފައި ތިބި މީހުންނެވެ. ބޯހިޔާވަހިކަމެއްގެ އިންތިޒާރުގައި އުމުރު ހުސްކުރަމުންދާ މީހުންނެވެ. އެއްވެސް ސްކީމެއްގައި ލައްވާނުލައި، އެކަމަކު މުޅި އުމުރު ކުލީގައި، ނުވަތަ ނިކަމެތި ހާލެއްގައި ދިރިއުޅެމުން ދާ އާންމުންނެވެ.

އެމްޕީއެލް މުވައްޒަފުންނަށް ފްލެޓް އަޅައިދީފި އެވެ. ސްޓެލްކޯ މުވައްޒަފުންނަށް އެޅި ފްލެޓްތަކުގައި އެ ކުންފުނީގެ މުވައްޒަފުން ދިރިއުޅެން ފަށައިފި އެވެ. އެމްޑަބްލިޔުއެސްސީ އާއި އެމްއޭސީއެލް އަދި އެސްޓީއޯގެ މުވައްޒަފުންނަށް ވެސް ފްލެޓް އަޅައިދީފި އެވެ. ފުލުހުންނަށާއި ސިފައިންނަށް ވެސް ފްލެޓް އަޅައި ނިމެނީ އެވެ! ކިޔޫގައި އެތައް ހާސް ބަޔަކު ތިއްބައި، ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުން ވެސް އޭގެ ތެރެއިން ދެމިގެންފި އެވެ. ފަނޑިޔާރުންނަށް ފްލެޓް ދޭ ވާހަކަތަކެއް ވެސް ފެންމަތިވެއްޖެ އެވެ.

ވަކި ދާއިރާއެއްގައި ވަޒީފާ އަދާކުރާތީ ފްލެޓް ހާއްސަކުރުން ހައްދުފަހަނައަޅައިފި އެވެ. ސުވާލަކީ މިއެވެ؛ ފްލެޓް ހައްގު ވަނީ ސްޓެލްކޯގައި އެންމެ އަހަރަކު ހިދުމަތް ކުރާ މީހާ އަށް ތޯ ނުވަތަ، ހަތަރު ފަސް ދަރިންނާ އެކު 40 އަހަރު ކުޑަ ކޮޓަރިއެއްގައި ގަނަ ތެޅޭ އާންމު މީހާ އަށް ތޯ އެވެ؟ ފްލެޓް ހައްގު ވަނީ އަމިއްލަ ވަޒަނުގައި ވެސް، މާލޭގައި ވެސް ބިމެއް ނެތި، އުފަލެއް ނެތި، އަރާމެއް ނެތި، 24 ގަޑިއިރު ގުދާރު ބިންދައިގެން މަސައްކަތްކޮށްގެން މަހަކު ދިހަ ވަރަކަށް ހާސް ރުފިޔާ ލިބި، އެ ފައިސާ ކުއްޔަށް ހޭދޭ މީހާއަށްތޯ އެވެ! ނުވަތަ ފިނި ކޮޓަރިއެއްގައި އިނދެ މަސައްކަތް ކޮށްގެން މަހަކު 40،000ރ. ލިބޭ މީހާ އަށް ތޯ އެވެ!

މައްސަލައެއް ނެތެވެ. އެއީ ވެސް ދިވެހި ރައްޔިތުންނެވެ. ބޯހިޔާވަހިކަން ލިބެން ޖެހޭނެ އެވެ. އެކަމަކު ފުލުހަކަށް ވީތީ، ޓީޗަރަކަށް ވީތީ، ނުވަތަ ޑޮކްޓަރަކަށް ނުވަތަ ފަނޑިޔާރަކަށް ވީތީ ނުވަތަ ސަރުކާރުގެ ވަކި ކުންފުންޏެއްގައި ވަޒީފާ އަދާކުރީތީ އޭނާ އަށް ފްލެޓް ހައްގު ވާން ޖެހެނީ ކޮން އުސޫލަކުން ހެއްޔެވެ؟ ސަރުކާރުގެ ވަކި ވަޒީފާއެއް އަދާކުރުމަކީ ބޯހިޔާވަހިކަން ލިބުމުގައި ހާއްސަކަމެއް ލިބެންޖެހޭ ކަމެއް ހެއްޔެވެ؟ ގައުމަށް ހިދުމަތް ކުރުން ކަމަށް ވާނީ ސަރުކާރުގެ ވަކި ކުންފުންޏެއްގައި ވަޒީފާ އަދާކުރުމުން ކަމަށް ވަނީ ހެއްޔެވެ؟ ނޫނެކެވެ؛ ކޮންމެ ވަޒީފާ އަކީ ވެސް ދައުލަތަށް ހިދުމަތަށް ކުރުމެވެ.

ކުންފުނިތަކުން އަމިއްލައަށް ޝަރުތުތަކާއި އުސޫލުތައް ހަދައި މުވައްޒަފުންނަށް ލުއިވާނެ ހުރިހާ ގޮތަކަށް މި އިންތިޒާމް ހަމަޖައްސަނީ އެވެ. ބޯހިޔާވަހިކަމެއް ނެތި އަމިއްލަ ވަޒީފާތަކުގައި އުޅޭ މީހުންނާއި ވަޒީފާއެއް ނެތް މީހުންނަށް މިއީ ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟ ސަރުކާރުގެ ކުންފުންޏެއްގައި ވަޒީފާ އަދާކުރުން މިއީ ބޯހިޔާވަހިކަން ލިބެންޖެހޭ މީހުންގެ ކިއޫގެ ކުރިއަށް އެ މީހަކު ދާންޖެހޭ ސަބަބެއް ނޫނެވެ.

ހަމައެކަނި މާލޭގައި އެކަނި ވެސް ގާތްގަނޑަކަށް ލައްކައަކަށް ވުރެ ގިނަ މީހުން ތިބީ ބޯހިޔާވަހިކަން ބޭނުންވެފަ އެވެ. މި އަދަދު އެއަށް ވުރެ ވެސް އިތުރުވުންް އެކަށީގެންވެ އެވެ. އުޅޭނެ ތަނެއް ނެތިގެން، އެތައް ބަޔަކު އެބަތިއްބެވެ. އެ އެންމެންނަށް އެއްވެސް ސަރުކާރަކުން ބޯހިޔާވަހި ކަމެއް ފޯރުކޮށެއް ނުދެވުނެވެ. ކޮންމެ ސަރުކާރަކަށް ވެސް ކޮށްދެވެނީ ކުޑަ މިންވަރެކެވެ. ނަތީޖާ އަކީ، އެ ސަރުކާރެއް ނިމޭއިރު ހަމަ އެ އަދަދު ގޮސް އިހުގައި އޮތް އަދަދަށް ބަދަލުވުމެވެ. މައްސަލައިގެ ހައްްލެއް ދުވަހަކު ވެސް ނުފެނެ އެވެ. ކިޔޫ ދަނީ ހައްތާ ދިގުވަމުންނެވެ.

މިހެން އޮތް ގައުމެއްގައި ވަކި ދާއިރާއެއްގައި ނުވަތަ ވަކި ކުންފުންޏެއްގައި އުޅޭތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ދެން ތިބި މީހުންނަށް ވެވޭ ބޭއިންްސާފަކަށް ނޫނީ ނުވާނެ ނުވާނެ އެވެ. އެންމެން ވެސް ފްލެޓް ބޭނުމެވެ. އެންމެން ވެސް ބޯހިޔާވަހިކަން ބޭނުމެވެ. އާންމު މީހާ އެތައް ރޮނގެއް ހުރަސްކޮށް، އެތައް ދާގަނޑަކުން ފުރޭނިގެން ގޮސް ފްްލެޓްގެ ތަޅުދަނޑި އާ ހަވާލުވެވޭ އިރު މި ދެންނެވި އެއްވެސް ރޮނގެއް ހުރަސް ނުކޮށް އެހެން ބަޔަކަށް ފްލެޓް ލިބުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ބައެއް ކުންފުނިތަކާ ފްލެޓް އަޅަން ހަވާލުކުރީ ސަރުކާރަށް އެކަން ނުކުރެވިގެން، އެ ކުންފުނިތަކުގެ ބަޖެޓްގައި އެކަން ކުރާށެވެ. ސަރުކާރުން އޭރު ނިންމީ ބައެއް ފްލެޓްތައް ސަރުކާރަށް ލިބޭ ގޮތަށް އެކަން ކުރުމަށެވެ. އެ ކޮންސެޕްޓަކީ ސޯޝަލް ހައުސިންް އަށް އެ ފްލެޓްތަކުން ބައެއް ހުސް ކުރުމުގެ ސިޔާސަތެވެ. އެކަމަކު އާޚިރުގައި ކުންފުނިތަކުގެ ފްލެޓްތަކުން އާންމުންނަށް ލިބުނު އެއްވެސް އެއްޗެއް ނުލިބުނެވެ.

ސަރުކާރު ކުންފުނިތަކަށް ހާއްސަކޮށް ފްލެޓް އަޅައި އެ ތަންތަނުގެ މުވައްޒަފުންނަށް ހާއްސަ އުސޫލުން ދިނުމުން ހަމަހަމަކަން ވަރަށް ބޮޑަށް ގެއްލޭ. -- ފޮޓޯ: މިހާރު

ފުލުހުންނާއި ސިފައިންނަށް ފްލެޓް އަޅަނީ އެ ދެ ވަޒީފާގައި ވެސް އުޅޭ މީހުންނަކީ މިނިވަންކޮށް ތިބެން ޖެހޭ ބަޔަކަށް ވާތީ އެވެ. އެކަމަކު އެ ދެ މުއައްސަސާ އަކީ ނިސްބަތުން ދައުލަތުގެ ބަޖެޓް އެންމެ ބޮޑަށް ހޭދަކުރާ ދެ މުއައްސަސާ އެވެ. މުސާރަތައް ވެސް އެހާ ބޮޑެވެ.

ޓީޗަރުންނާއި ނަރުހުންނަށް، އަދި ޑޮކްޓަރުންނާއި ކަރެކްޝަންސްގެ މުވައްޒަފުންނަށް ވެސް، ދެން ހަމަ ކޮންމެވެސް އެއްޗެކޭ ކިޔައިފައި ދެނީ އެވެ. ހަގީގީ ސަބަބެއް ނެތެވެ. ޑޮކްޓަރުންނަށް ދިރިއުޅެވޭނެ ގޮތެއް ހަމަޖައްސަން ޖެހޭ މައިގަނޑު އެއް ސަބަބަކީ އެ މީހުން ރާއްޖޭގައި ބޭއްތިއްބުމެވެ. ޓެކްނިކަލް ދާއިރާގެ ވަޒީފާތަކަށް މީހުން ޝައުގުވެރި ކުރުވުމަށެވެ. ނުވަތަ ރިސްކު ބޮޑެތި ވަޒީފާތައް ވީމަ، ހިތްްހަމަޖެހުމާ އެކު ދިރިއުޅުމަށެވެ. މި ދެންނެވި ކެޓަގަރީތަކަކީ ވެސް މުސާރަ ނިސްބަތުން ބޮޑެތި ވަޒީފާތަކެވެ.

އާންމުންގެ ސުވާލު އުފައްދަނީ ފްލެޓް ދީގެންް ހައްލުވީ ކޮން ކަމެއްހޭ ކިޔައިފަ އެވެ؟ ފްލެޓް ދިނަސް ކޮރަޕްޓް ވާ މީހާ ހަމަ ކޮރަޕްޓް ވާނެ އެވެ. ވަޒީފާ އަށް ސަލާން ބުނާ މީހާ ހަމަ އެކަން ކުރާނެ އެވެ. އެއީ ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި، ފްްލެޓަކުން ހައްލުވާނެ ކަމެއް ވެސް ނޫނެވެ. ދެން އޭގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

ސޯޝަލް ހައުސިން އަކީ ބޮޑެތި ކުލި ދައްކައިގެން އުޅެވެން ނެތް މީހާ އަށް ވަރަށް ބޮޑު ހައްގެކެވެ. މަހަކު އަށެއްކަ ހާސް ރުފިޔާ ލިބޭ ސިވިލް ސާވިސްގެ އާދައިގެ މީހާ އަށް ފްލެޓް ނުލިބޭ ނަމަ، ޓީޗަރަކަށް ވެސް އެ ފުރުސަތު އޮވެގެން ނުވާނެ އެވެ. ސަބަބަކީ، ކުލީގައި ފަސޭހައިން އުޅެވެން އޮތީ މަތީ މުސާރަތަކުގައި އުޅޭ މީހުންނަށް ކަމަށް ވާތީ އެވެ.

މުވައްޒަފުންނަށް ފްލެޓް ދޭ ކުންފުނިތަކުން ފްލެޓް އަޅަނީ މުވައްޒަފުންގެ ފައިސާއަކުން ނޫނެވެ. އަދި އެއީ ކުންފުނީގެެ ފައިސާއެއް ވެެސް ނޫނެވެ. ކުންފުނިތަކުންް ވެސް ނަގަނީ ލޯނެވެ. އެ ލޯނު ނުދެއްކިއްޖެ ނަމަ އޭގެ ދަރަނި ވެސް އަންނަނީ ހަމަ އާންމުންގެ ބޮލަށެވެ. އެ ކުންފުނީގައި ހުއްޓަސް އެ ފައިސާ އަކީ ވެސް ހަމަ ރައްޔިތުންގެ ފައިސާ އެވެ. އެހެންވެ އެ ފައިސާގައި އެންމެންގެ ހައްގު ވެސް އެބަ ހިމެނެ އެވެ.

އަޅުގަނޑުމެންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެސްޓީއޯ އަށް ނުވަދެވުމެވެ. ނުވަތަ އެމްއޭސީއެލް/ ނުވަތަ ސްޓެލްކޯ އަށް ނުވަދެވުމެވެ. ޓީޗަރަކަށް ނުވެވުމެވެ. އަޅުގަނޑުމެން އާންމުންގެ ކުށަކީ ޕްރައިވެޓް ސެކްޓަރުގައި ވަޒީފާ އަދާކުރަން ޖެހުމެވެ. އަޅުގަނޑުމެންގެ ކުށަކީ ކަންމަތީ ފިހާރައެއްގައި އިންނަން ޖެހުމެވެ.

އެންމެން ބޯހިޔާވަހިކަމަށް އެދި ސަލާން ޖަހަމުން ދާއިރު ވަކި ބަޔަކު ހާއްސަކުރުމަކީ ހަމަ އިންސާފު ހެއްޔެވެ؟ ނޫނެކެވެ؛ އެއީ އިންސާފެއް ނޫނެވެ. އިންސާފަކަށް ވާނީ އެންމެންނަށް ދީފައި ބާކީ ފްލެޓް ހުރި ނަމަ އެވެ. އެންމެން ވެސް އެތިބީ ދެން އަޅާނީ ކޮން ބިންގަލެއްތޯ ބަލައިލަ ބަލައިލަ އެވެ.

69 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 69%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަރަ

17 September 2022

ނުޖެހޭނެ ދޭކައް.

The name is already taken The name is available. Register?

ތަކަދޫ އަންމަޑު

17 September 2022

މެޖޯރިޓީގެ ބޭނުން ހިފައިގެން ރާއްޖޭގެ މައިޕާރޓީ އެމްޑީޕީ ރައީސް ނަށީދަށްޓަކާ ވަނީ ގަނޑުވަރެއް ހަމަޖައްސަން ގާނޫނު ބަދަލްކޮށްފަ އެވެ އެހެންވީމަ ބޮޑެތި ސޯބު އެނބުރޭ ގޮތް ބަލައިގެން އެހެން ސޯބުތައް އެނބުރެނީ އެވެ

The name is already taken The name is available. Register?

1206

17 September 2022

މިހާތަނަށް ދިވެހި ސަރުކާރުން ތައާރަފު ކުރި އެއްވެސް ސިޔާސަތެއް ނެތް މުއްސަނދިން އިތުރަށް މުއްސަނދި ނުވާ، އަދި ފަގީރުން އިތުރަށް ފަގީރު ނުވާ. ގައުމީ މުއްސަނދިކަމުގެ 80 އިންސައްތައިގެ ހިއްސާ އޮތީ އާބާދީގެ 20 އިންސައްތަ މީހުންނަށް. ބޯހިމެނުން ކުރިޔަށް. ނޫސްވެރިން ކީއްތަ ވާނީ، އެއްކުރަނީ ކޮން މައުލޫމާތެއް، އެއްކުރާ މައުލޫމާތުން ހާސިލުކުރަން ކަނޑައަޅާ ބޭނުމަކީ ކޮބައިތޯ؟ ހާސިލުކުރަންޖެހި ނުވެ ހުރި ކަންކަމަށް އެ މައުލޫމާތުން ގެނުވާނެ ބަދަލަކީ ކޮބައިތޯ؟

The name is already taken The name is available. Register?

ތަކުރުބޭ

16 September 2022

މިތިބީ ވަގުތެއްވީމަ ކޭސްފައިލްކޮށް ކޯޓަށް ވައްދަން. ކޮންހައިސިއްޔަތަކުން ވަކިތަނެއްގައި މަސައްކަތްކުރީމަ ފުލެޓުދޭންޖެހޭނީ.!!! މީތި ބުނެދޭންޖެހޭނެ.ޒިއްމާވެސް ވާންޖެހޭނެ. އަދިވެސް މިއޮތީ އައްޑިހަ ނުވަދިހައިގެ އަހަރުތެރޭ ރައީސް ޖަނެރޭޓަރު ބެހުމާއި ހިތްއެދޭބަޔަކަށް ބޭސްކޮށްދޭ އުސޫލު. މިކަން ބަލައެއް ނުގަނެވޭނެ. އެންމެންވެސް އެއްވަރަކަށް ޓެކްސްދައްކަނީ. މަސައްކަތަށް ބަލާއިރު މާގިނަވަގުތު ބުރަކޮށް ރާއްޖެއަށް ލާރިވައްދަން މަސައްކަތްކުރާމީހުން އެބަތިބި.

The name is already taken The name is available. Register?

މަހޭބެ

16 September 2022

މިކަމަކީ ޔާމީން ތަޢާރަފްކުރި ކަމެއް

The name is already taken The name is available. Register?

ޛވޗޗހނ

16 September 2022

ވަކި ރަށެއްގެ މީހަކަށްވީތީ ވަކި ވަޒީފާއެއް އަދާކުރާތީ ގޯއްޗާއި ފުލެޓު ދިނުމަކީ ނާއިންސާފު. ދިވެހިންގެ ބޯހިޔާވަހިކަަމަށް ސަރުކާރުތަކުން ވަނީ އިހުމާލުވެފަ. މިކިޔަނީ މުޅި ދިވެހި ރައްޔިތުންގެ ވާހަކަ

The name is already taken The name is available. Register?

ކަހަނބު

16 September 2022

ސަރުކާރުގެ ކުންފުންޏެއް ނުުހުންނާނެ - ސަރުކާރަކީ 5 އަހަރު ދުވަހަށް ދައުލަތް ހިންގަން އަައްޔަން ކުރާ ބައެއް - ވިމާ ދައުލަތުގެ ކުންފުނިތަކުގެ މުސާރަދީގެން މަސައްކަތް ކުރާ ފަރާތްތަކާއި އަމިއްލައަށް ނުވަތަ ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ މީހެކޭ މިބީދާ އިން ތަފާތެއް ނުކުރެވޭނެ! މަސައްކަތް ކުރާ ހުރިހާ މިހުން ކުރާ މަސައްކަތުން ވާކަމަކީ ދިވެހިރާއްޖޭގެ (ސްޓޭޓް) ގެ އިގްތިޞާދުގެ ބުރުތައް އެނބރުން - ކުންފުނިތަކުން ލިބޭފައިދާ އަކީ ދައުލަތުގެ ފައިސާ!

The name is already taken The name is available. Register?

ހާމަ333

16 September 2022

މިގައުމުގަ މުއްސަދިކަން މިލިބެނީ ވަކިބަޔަކަށް...މާލޭގަ އުޅެޔޭ...މާލެ އޮފީސްތަކުގަ އުޅޭތީއޭ ކިޔާފަ ފްލެޓް ގޯތި ދެންޏާ އޭތި އަތޮޅު ތެރޭގަވެސް އޮންނަންވާނީ އެގޮތަށް...ހަމަހަމަ ވާންޖެހޭނެ....އެނޫނީ ތިއުސޫލް އުވާލާ....ވަކި ވަޒީފާއެއް އަދާކުރާތީ ފްލެޓް ލިބޭ އުސޫލު ބަލައި ނުގަނެވޭ...ދެން މާލެ ރައްޔިތުން ނިކަމެތި ކަމަށް ބަޔަކު ދެކެންޏާ އެއީ ޖޯކެއް...އަމިއްލަ ގެ ބުރިބުރި އަށް ނަގާ ކުއްޔަށްދީފަ ގޮސް ބޭރު ގައުމުތަކުގަ އެމީހުންތިބެނީ....މިލިއަނަރުން ހައްތާވެސް....ވޯޓަށްޓަކައި މިފަދަ އޮޅުވާލުން އެއީ ގަބޫލުކުރެވޭނެ ކަމެއްނޫން

The name is already taken The name is available. Register?

ހމނ

16 September 2022

ނުޖެހޭނެ. މިހާރުދީފަހުރިތަންތަންވެސް އަތުލުވަންވީ.

The name is already taken The name is available. Register?

އޭބީ

16 September 2022

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް ގައި ނޫސްވެރިންނަށް ފްލެޓް ދޭނެކަމަށް ރައީސް ނުބުނީމަ އެކަމާ ހިންހަމަ ނުޖެހުނީ ކަންނޭގެ…ކީކޭދެން ބުނާނީ….

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454