ކުޅިވަރު / ޗެމްޕިއަންސް ލީގު

އާ ކޯޗާއެކު ޗެލްސީގެ ފުރަތަމަ މެޗު އެއްވަރުވެއްޖެ

ޕޮޓާ، އޭނާގެ ފުރަތަމަ ޗެމްޕިއަންސް ލީގު މެޗުގައި ޗެލްސީ އަށް އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ސެޕްޓެމްބަރު 15) - ޗެލްސީގެ އާ ކޯޗު ގްރަހަމް ޕޮޓާ އާ އެކު އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ސަލްޒްބާގުން ފަހަތުން އަރައި 1-1 އިން އެއްވަރު ކޮށްފި އެވެ.

މިއީ އާ ކޯޗު ގްރަހަމް ޕޮޓާ ޗެމްޕިއަންސް ލީގުގައި ޓީމަކަށް އިރުޝާދު ދިން ފުރަތަމަ މެޗެވެ. ޗެލްސީން މި ސީޒަނުގައި ޗެމްޕިއަންސް ލީގު ފުރަތަމަ މެޗުގައި ކުރީގެ ކޯޗު ތޯމަސް ޓުޗެލް ނެރުނު ފުރަތަމަ 11 އަށް ޕޮޓާ ވަނީ ތިން ބަދަލެއް ގެނެސްފަ އެވެ. ބެން ޗިލްވެލްގެ ބަދަލުގައި، އޭނާއާ އެކު ބްރައިޓަންގައި އުޅުނު މާކް ކުކުރޭޔާ ކުޅެން އެރި އިރު، ވެސްލީ ފޮފާނާ އާއި ކަލިދޫ ކުލިބަލީގެ ބަދަލުގައި ސްޓާޓު ކުރީ ތިއާގޯ ސިލްވާ އާއި ޖޯޖީނިއޯ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން ޑޮމިނޭޓް ކޮށްގެން ކުޅެ ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ކައި ހަވާޓްޒް އާއި ރަހީމް ސްޓާލިން އާއި ޕިއޭ އެމެރިކް އޮބާމެޔަންގް އާސް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އަދި އެޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި މޭސަން މައުންޓް ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

ޗެލްސީއަށް ލީޑު ނަގައިދިނުމަށް ފަހު ސްޓާލިން، މިއީ ޗެލްސީ އިން މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ލަނޑު.-- ފޮޓޯ: އޭއެފްޕީ

ޗެލްސީ އިން ލީޑު ނެގީ ދެ ވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ސްޓާލިން ޖަހައިދިން ލަނޑުންނެވެ. ކައުންޓާ އެޓޭކުގައި ރީސް ޖޭމްސް އަރިމަތިން ހުސްވި މައުންޓަށް ޖައްސާލުމުން އޭނާ އޭރިއާ ތެރެއަށް ހުސްކޮށްލި ބޯޅަ، އޮބާމެޔަންގް ދޫކޮށްލުމުން ސްޓާލިން ވަނީ ބޯޅަ ހޯދައި، ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

ސަލްޒްބާގުން އެއްވަރުކުރީ މެޗުގެ 75 ވަނަ މިނިޓުގައި ކައުންޓާ އެޓޭކެއްގައި ޖޫނިއާ އަޑަމޫ ހުރަސްކޮށްލި ބޯޅައަކުން ނޯއާ އޮކަފޯ އެވެ. އޭގެ އިރުކޮޅެއް ކުރިން ޑިޔޯން ކަމޭރީ ބޮލުން ފޮނުވާލި ހަމަލާއެއް ކީޕަރު ކެޕާ އަރިޒަބަލާގާ ދިފާއު ކުރި އެވެ.

ސަލްޒްބާގުން އެއްވަރުކުރުމުން ޗެލްސީ އިން ކުޅެން ފަށައިގެން ރުބެން ލޮފްޓަސް ޗީކް އަރިމަތިން އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް އަޑަމޫ އޭނާއަށް ފައުލް ކުރުމުން ލިބުނު ހިލޭޖެހުމުން އަލުން ލީޑު ނަގަން މަސައްކަތް ކުރި އެވެ. ނަމަވެސް ކުކުރޭޔާ ތިރިރިތިން އޭރިއާ ބޭރުގައި ހުރި ޖޭމްސް އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލުގެ މަތީ ކަނާ ދިމާލުން ބޭރަށެވެ. އަދި ފަހުން އަރްމަންޑޯ ބްރޯޔާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހަކީމް ޒިޔެޝް ފޮނުވާލުމުން ދިފާއުކުރީ ސަލްޒްބާގުގެ ކީޕަރު ފިލިޕް ކޮން އެވެ.

ޗެލްސީގެ އާމަންޑޯ ބްރޯޔާ، މެޗުގެ ފަހު ވަގުތު ފޮނުވާލި ހަމަލާއަކަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެޗުގެ އިތުރު ވަގުތުގައި ބްރޯޔާ ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު، ޒިޔެޝް އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ މާ ރަނގަޅަށް ފޮނުވައި ނުލެވުމުން ސަލްޒްބާގުގެ ކީޕަރު ވަނީ ފަސޭހަ ކަމާއެކު ބޯޅަ އަތަށް ނަގައިފަ އެވެ.

މެޗަށް ފަހު ކޯޗު ޕޮޓާ ބުނީ، މޮޅު ނުވެވުނަސް ކުޅުންތެރިންގެ ކުޅުމާމެދު ޝަކުވާއެއް ނެތް ކަމަށާއި، ނަމަވެސް ލިބޭ ގިނަ ފުރުސަތުތަކުގެ ބޭނުން ކޮށްގެން ކުރިއަށް އޮތް ތާނގައި ތަފާތު ދެއްކޭ ފެންވަރު އެބަ ހުރި ކަމަށެވެ.

"އެންމެ ޕޮއިންޓަކުން ފުއްދާލަން ހިތްހަމައެއް ނުޖެހޭ. އެކަމަކު ކުޅުންތެރިންގެ އެޓިޓިއުޑް ވަރަށް ބަރާބަރު، އިދިކޮޅުން ނުކުތް ޓީމާ ދެކޮޅަށް އަހަރެމެންނަށް ފަސޭހައެއްނުވި، އެޓީމުގެ އެޓޭކްތައް ހަލުވި އަދި މޮޅަށް ޑިފެންސް ވެސް ކުރޭ،" ފުރަތަމަ މެޗަށް ފަހު ޕޮޓާ ބުންޏެވެ.

"ކުޅުންތެރިންނަށް ވެސް ފަސޭހަ ހާލަތަކަށް ނުވެދާނެ ކޯޗު ބަދަލުވުމާ ވެސް އެކު، އެކަމަކު ކުޅުމުން އެކަމެއް ނުދައްކާ. ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ ވަރަށް ޕްރޮފެޝަނަލްކޮށް ޓީމަށް ވަރަށް އިހުލާސްތެރިކޮށް އެމީހެއްގެ ޒިންމާ ވަރަށް ފުރިހަމައަށް ނެގި މަންޒަރު. މަސައްކަތުގެ ރޭޓަށް 100 ދޭނަން."

ގުރޫޕުގެ އެއް ވަނައިގައި އޭސީ މިލާން

ޗެލްސީއާއެކު އެއް ގުރޫޕެއްގައި ހިމެނޭ އިޓަލީގެ ޗެމްޕިއަން އޭސީ މިލާން ވަނީ 3-1 އިން ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރެބް ބަލިކޮށް، ފުރަތަމަ މޮޅު ހޯދައިފަ އެވެ.

ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ސަލްޒްބާގާ ދެކޮޅަށް ކުޅެ ފަހަތުން އަރައި އެއްވަރު ކުރަން ޖެހުނު ނަމަވެސް، އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމުން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ރަފައެލް ލެއާއޯ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން، ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލީޑު ނަގައިދިނީ އޮލިވީއޭ ޖިރޫ އެވެ.

އޭސީ މިލާނުގެ ދެވަނަ ލަނޑު ޖެހުމަށް ފަހު ބެލްޖިއަމްގެ ސޭލަމެކާސް، އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓުގައި ލެއާއޯ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ލީޑު ފުޅާ ކޮށްދިނީ، ފުރަތަމަ މެޗުގައި އެޓީމަށް ޕޮއިންޓެއް ހޯދައިދިން އެލެކްސިސް ސޭލަމެކާސް އެވެ. އޭގެ ނުވަ މިނިޓު ފަހުން ޒެގްރެބަށް ލަނޑު ޖަހައިދިނީ، އެޓީމަށް ޗެލްސީ އަތުން ތިން ޕޮއިންޓް ހޯދައިދޭން ލަނޑު ޖެހި މިސްލާވް އޯސިޗެވެ.

އޭސީ މިލާނުގެ ތިން ވަނަ ލަނޑު، ތިއޯ ހެނާންޑޭޒް ނަގައިދިން ހުރަހަކުން 77 ވަނަ މިނިޓުގައި ޖެހީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ތޮމާސޯ ޕޮބޭގާ އެވެ.

މި ނަތީޖާއާ އެކު އޭސީ މިލާން ވަނީ ހަތަރު ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނައަށް ޖެހިލައިފަ އެވެ. ތިން ޕޮއިންޓާ އެކު ޒެގްރެބް ދެ ވަނައިގައި އޮތްއިރު، ދެ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ ސަލްޒްބާގެވެ. އެންމެ ޕޮއިންޓަކާ އެކު ޗެލްސީ އަދި އޮތީ ހަތަރު ވަނައިގަ އެވެ.

ގުރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި މިލާނުން އިންގްލެންޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭނެ އެވެ.

ފުރޫޕް އޭ ގައި ހިމެނޭ ނަޕޯލީ އާއި ރޭންޖާސް، އަންގާރާ ދުވަހުގެ ރޭ ކުޅެން އޮތް މެޗު ފަސްކޮށް، ރޭ ވަނީ ކުޅެފަ އެވެ. ސްކޮޓްލެންޑުގައި ކުޅުނު އެ މެޗު 3-0 އިން ކާމިޔާބުކުރީ ނަޕޯލީ އެވެ.

ނަޕޯލީ އިން ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގެ 10 ވަނަ މިނިޓުގައި ޑިފެންޑަރު ޖޭމްސް ސޭންޑްސް އަށް ރަތް ކާޑު ދެއްކި ފަހުންނެވެ. ސޭންޑްސް އަށް ރަތް ކާޑު ދައްކައި ނަޕޯލީ އަށް ލިބުނު ޕެނަލްޓީ ޕިއޮޓްރް ޒިލެންސްކީ ފޮނުވާލުމުން ކީޕަރު އެލަން މެގްރޭގާ ދިފާއުކުރުމުން ރީބައުންސް ބޯޅަ މަޓެއޯ ޕޮލިޓާނޯ ގޯލަށް ފޮނުވާޅި ނަމަވެސް ވީއޭއާރުން ނިންމީ އަލުން ޕެނަލްޓީ ޖަހާށެވެ. ޒިލެންސްކީ އަލުން ފޮނުވާލި ޕެނަލްޓީ ވެސް އުމުރުން 40 އަހަރުގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ނަޕޯލީ އިން ލީޑު ނެގީ ވެސް ޕެނަލްޓީއަކުންނެވެ. މެޗުގެ 68 ވަނަ މިނިޓުގައި މި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ ޕޮލިޓާނޯ އެވެ. އަދި މެޗުގެ 85 ވަނަ މިނިޓުގައި ޖިއޮކާމޯ ރަސްޕަޑޯރީ އެޓީމަށް ލީޑުފުޅާ ކޮށްދިން އިރު އިތުރު ވަގުތުގައި ތިން ވަނަ ލަނޑު ޖަހައިދިނީ ޓަންގީ އެންޑޮމްބެލޭ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454