ލައިފްސްޓައިލް / ނެކްޓަން މޯލްޑިވްސް މިޝަން

ތާރީހީ މަސައްކަތެއް، ތާރީހީ ބޯޓެއްގައި

ކަނޑުއަޑީގެ ސާވޭކުރަން ބޭނުންކުރާ ސަބްމާސިބަލް "އޮމެގާ ސީމާސްޓާ 2" ކަނޑުއަޑިއަށް ފައިބާއިރު، ދުރުގައި އެ އުޅަނދު އުފުލާ ބޯޓު "އާރްވީ އޮޑެސީ": އެ ބޯޓުގައި މީގެ ސަބްމާސިބަލް އާއި ސާވޭ އަށް ބޭނުންވާ އެހެން އާލަތްތައް އުފުލަ -- ފޮޓޯ: ނެކްޓަން

17 ސެޕްޓެމްބަރ 2022 - 10:00

6 comments

ރާއްޖޭގެ ކަނޑުތަކުގެ ދިރާސާކުރަން ގެނައި ބޮޑު ބޯޓަށް މިދިޔަ ހުކުރު ދުވަހު ހެނދުނު އެރީ، އެއާ ބެހޭ ގޮތުން މާ ގިނަ ވާހަކަތަކެއް ނޭނގި އެވެ. ގަނޑުފެންގަނޑެއްގައި ޖެހި، މީގެ ގަރުނެއް ކުރިން އެޓްލާންޓިކް ކަނޑަށް ފެތުނު "ޓައިޓޭނިކް"އާ ގުޅޭ ގޮތުން ކުރި ދިރާސާތަކުގެ މިޝަންއެއްގައި ވެސް ބޭނުންކުރި އެ ބޯޓަކީ ދިގު ތާރީހެއް އޮތް އުޅަނދެއްކަން އެނގުނީ އޭގެ ފަޅުވެރިންނާ ދެކެވުނު ވާހަކަތަކުންނެވެ.

"އާރްވީ އޮޑެސީ" ކިޔާ އެ ބޯޓަށް އަހަރެމެން އެރުމުން މަރުހަބާ ކީ، ދިވެހި ސަރުކާރާ ގުޅިގެން އެ ދިރާސާގެ މަސައްކަތް ކުރަމުން އަންނަ އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން "ނެކްޓަން"ގެ ބައެއް އިސްވެރިންނެވެ. އެ ބޯޓާ ގުޅޭ ކުޑަ ތައާރަފެއް ދެއްވުމަށް ފަހު، އޭގައި މަސައްކަތް ކުރިއަށްދާ ގޮތް ބަލައިލަން ވެސް ގެންދިޔަ އެވެ.

ނެކްޓަން މިޝަންގެ ޑައިރެކްޓަރު އޮލިވާ ސްޓީޑްސް އޮޑެސީއާ ބެހޭގޮތުން ވާހަކަދައްކަވަނީ: އޭނާ ވިދާޅުވި ގޮތުގައި އެ އުޅަނދަކީ ދިގު ތާރީހެއް އޮތް އަދި ކަނޑުގެ ދިރާސާކުރުމަށް ބޭނުންވާ ފުރިހަމަ ވަސީލަތައް ހުރި އުޅަނދެއް -- ފޮޓޯ: މިހާރު

"މި މަދަޝިޕް އަކީ ދިގު ތާރީހެއް އޮތް އަދި މި ދިރާސާގެ މަސައްކަތަށް ބޭނުންވާ އެންމެފަހުގެ ފުރިހަމަ ވަސީލަތް ވެސް ހުރި އުޅަނދެއް،" ނެކްޓަން މިޝަންގެ ޑައިރެކްޓަރު އޮލިވާ ސްޑީސް ވިދާޅުވި އެވެ.

ދިގުމިނުގައި 56 މީޓަރު ހުންނަ، ތިން ބުރީގެ އެ ބޯޓުގައި ރިސާޗު އުޅަނދަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހުރެ އެވެ. ސީބެޑް މެޕިން ސިސްޓަމަކާއި ވެޓް ލެބްތަކާއި ޑްރައި ލެބްތަކާއި މެޑިކަލް ފެސިލިޓީއަކާއި އޮކްސިޖަން ތެރަޕީ ދޭ ޗެމްބާއަކާއި މިޝަން ކޮންޓްރޯލް ސެންޓަރަކާއި އަދި ބްރޮޑްކާސްޓްކުރާނެ ސްޓޫޑިއޯއެއް ހުރެ އެވެ. ނިދާނެ ކޮޓަރި އާއި ބަދިގެއާ އަދިވެސް އޭގެ ފަޅުވެރިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބޭނެ އިތުރު ތަންތަން ވެސް ހުރެ އެވެ.

އޮޑެސީގެ މިޝަން ކޮންޓްރޯލް ސެންޓަރު: ދިގުމިނުގައި 56 މީޓަރު ހުންނަ، ތިން ބުރީގެ އެ ބޯޓުގައި ރިސާޗު އުޅަނދަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހުރޭ -- ފޮޓޯ: މިހާރު

އަހަރެމެންނަށް އެންމެ ފުރަތަމަ ދެއްކީ، ރާއްޖޭގެ ތާރީހު ބަދަލުކޮށްލި މި ދިރާސާގައި، މީހުން ގޮވައިގެން ކަނޑުގެ ފުނަށް ދިއުމަށް ބޭނުންކުރި އުޅަނދު ކަމަށްވާ، ސަބްމާސިބަލްތަކެވެ. ބޯޓަށް އަރާއިރު، ރަތް ކުލައިގެ އެ ބޮޑު އުޅަނދު އޮންނަނީ ފެންނާށެވެ. އެ ބޯޓުގައި އޭގެ ދެ ސަބްމާސިބަލް އުފުލަ އެވެ. އެއީ ކަނޑުގެ 1،000 މީޓަރު ފުނަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ "އޮމެގާ ސީމާސްޓާ 2" އާއި "އޯރީލިއާ" އެވެ.

އޮޑެސީގައި އޮންނަ ދެވަނަ ސަބްމާސިބަލް "އޯރީލިއާ": ކަނޑުގެ 2،000 މީޓަރު ފުނަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދުގައި ހަ ކެމެރާގެ ސިސްޓަމަކާއި އަދިވެސް ހާއްސަ ފީޗާތައް ހުރޭ. އިންސާނުން ގޮވައިގެން ކަނޑުގެ އަޑީގައި 96 ގަޑިއިރު ހޭދަކުރުމުގެ ގާބިލުކަން ވެސް މި އުޅަނދަށް ލިބިފައިވޭ. މި އުޅަނދު އޮޕަރޭޓްކުރުމަށް އެކަމަށް ހާއްސަކޮށް ތަމްރީނުވެފައި ތިބޭ ޕައިލެޓުން ވެސް ތިބޭ -- ފޮޓޯ: މިހާރު

ތިން ފަޅުވެރިން އުފުލޭ، އޮމެގާ ސީމާސްޓާ 2 އަކީ ކަނޑުގެ ފުނަށް ގޮސް، ވީޑިއޯ ނެގުމުގެ އިތުރުން، ދިރާސާ އަށް ބޭނުންވާ ސާމްޕަލްތައް ވެސް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. އޯރީލިއާ ބޭނުންކުރަނީ ހަމައެކަނި ވީޑިއޯ ނެގުމަށެވެ. އޭގައި ވެސް ތިން ފަޅުވެރިން އުފުލެ އެވެ.

ކަނޑުގެ ފުނަށް ދިއުމަށް ބޭނުންކުރާ ހާއްސަ އުޅަނދު ސަބްމާސިބަލްއެއް ކަމަށް "އޮމެގާ ސީމާސްޓާ 2" ކަނޑަށް ބާލަނީ: އެ އުޅަނދުގައި ކުރާ ފުރަތަމަ ޑައިވްގައި ކަނޑަށް ފައިބާ ޓީމު ދިވެހި ދިދަ ހިފައިގެން -- ފޮޓޯ: ނެކްޓަން

އެ ދެ އުޅަނދުގެ އިތުރުން ވެސް ބައެއް ރޮބޮޓިކް އުފެއްދުންތައް ބޭނުންކޮށްގެން ސާވޭ ކުރެ އެވެ. އޭގެ ތެރޭގައި ކަނޑުގެ މަތީ ފަށަލައިން ސާމްޕަލްތައް ނެގުމަށް ނިއުސްޓަން ނެޓްސް އާއި ކަނޑުގެ މެދު ފަށަލައިގެން ސާމްޕަލްތައް ނެގުމަށް ޓަކާ ޓްރޯލް އަދި ކަނޑުއަޑީގެ ޓޯޕޯގްރެފިކް މެޕިން އަށް ބޭނުންކުރާ މަލްޓިބީމް ކަހަލަ އެކި ވަސީލަތްތައް ހުރެ އެވެ.

ވ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހުވަދު އާއި ފުވައްމުލަކު އަދި އައްޑޫގެ ކަނޑުގެ ސަރަހައްދު އެ ދިރާސާގައި ބަލާ ގޮތަށް ވަނީ ނިންމައިފަ އެވެ. މިހާރު އެ ބޯޓު އޮތީ ހުވަދޫ ކަނޑުގަ އެވެ.

އޮޑެސީގައި ދިރާސާކުރުމަށް ބޭނުންކުރާ ރޮބޮޓިކް އާލާތެއް ކަމަށްވާ ބެއިޓެޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ ކަނޑަށް ތިރިކުރުމުގެ މަސައްކަތް ނެކްޓަންގެ ޓީމުން ކުރަނީ: ކަނޑުގެ ސާވޭކުރުމަށް އެ ކަހަލަ ވަރަށް ގިނަ އާލާތްތައް ބޭނުންކުރެވޭ -- ފޮޓޯ: މިހާރު

ފްރާންސްގެ ކުންފުންޏަކުން އުފެއްދި އެ ބޯޓު ބޭނުންކުރަން ފެށީ 1974 ގަ އެވެ. އޭރު އެ ބޯޓަށް ކިޔަނީ ވެސް "އާރްވީ ނާދިރް" އެވެ. އޭގެ ފަހުން، 1984 ގައި ފްރާންސްގެ އޮޝަންގްރެފިކް އިންސްޓިޓިއުޓެއް ކަމަށްވާ އިފްރެމާ އިން އެ ބޯޓު ގަތެވެ. އަދި 2012 ވަނަ އަހަރު ކަނޑުގެ ދިރާސާކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އޯޝަންއެކްސް" އިން އެ ބޯޓު ގަނެ، އޭގެ ނަން "އެލޫސިއާ" އަށް ބަދަލުކުރި އެވެ.

ކަނޑުގެ ދިރާސާކުރުމަށް ބޭނުންކުރާ އާލާތެއްގެ ވާހަކަތައް ނެކްޓަން ޓީމުގެ މެމްބަރަކު ކިޔައިދެނީ: އެ ބޯޓުގައި ސާވޭކުރުމަށް ބޭނުންވާ މި ކަހަލަ ގިނަ އާލަތްތައް ހުރޭ -- ފޮޓޯ: މިހާރު

މިހާރު އެ ބޯޓުގެ ވެރިޔަކީ އިނގިރޭސިލާތުގެ ދަ އޯޝަން ކޮންސަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން ފައުންޑޭޝަން (އޯސީފް) އެެވެ. ނެކްޓަން އިން އެ އުޅަނދު އޮޕަރޭޓް ކުރަނީ އޯސީފްގެ ސަޕޯޓާއެކުގަ އެވެ.

ޓައިޓޭނިކްއާ ގުޅޭ ދިރާސާއެއް ކުރުމަށް، 1987 ގައި އެ ބޯޓު ބޭނުންކުރީ ފްރާންސް އިން އުފެއްދި ސަބްމާސިބަލްއެއް ކަމަށްވާ "ނޯޓައިލް" އުފުލުމަށެވެ. އެއާ ފްރާންސްގެ ފްލައިޓް 447، 2011 ވަނަ އަހަރު އެޓްލާންޓިކް ކަނޑަށް ވެއްޓި ހިނގި ހާދިސާ އަށް ފަހު، އެ މަތިންދާބޯޓުގެ ބައިތައް ހޯދުމަށް ކުރި މަސައްކަތުގައި ވެސް އެ ބޯޓު ބޭނުންކުރި އެވެ.

އޮޑެސީގެ ވީލްހައުސްގައި އެ ބޯޓުގެ ކެޕްޓަން މަސައްކަތްކުރަނީ: ދިގު ތާރީހެއް އޮތް މި ބޯޓު ބޭނުންކުރަން ފެށީ 1974 ގައި -- ފޮޓޯ: މިހާރު

ކަނޑުގެ ވަރަށް ފުނުގައި ދިރިއުޅޭ ޖަޔަންޓް ސްކުއިޑް (ބޯވަދިލަމަހުގެ ބޮޑު ބާވަތެއް) އޭގެ މަހާއުލުގައި އުޅެނިކޮށް، ފުރަތަމަ ފަހަރަށް ފޮޓޯއެއް ނެގީ 2009 ގައި އެ ބޯޓުގައި ހިންގި މިޝަންއެއްގަ އެވެ. އަދި 2017 ގައި ކަނޑުގެ ދިރުންތަކާ ގުޅޭ ގޮތުން ގެނެސްދިން އިނގިރޭސި ޑޮކިއުމެންޓްރީ "ބްލޫ ޕްލެނެޓް 2" އާއި އެމީ އެވޯޑް ހޯދި ސައިންޓިފިކް އެހެން ޑޮކިއުމެންޓްރީތައް ކަމަށްވާ "ގްރޭޓް ބެރިއާ ރީފް" އާއި "އިޔާސް އޮފް ލިވިން ޑޭންޖަރަސްލީ"ގެ މަންޒަރުތައް ވެސް ނެގީ އެ ބޯޓުގަ އެވެ.

6 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 10%
icon angry icon angry 5%
icon wow icon wow 5%
icon inlove icon inlove 45%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަބުލްބިހާރޫ

17 September 2022

އިންދިއާ ސަފީރު މިކަމުގެތެރެއަށް ވަދެގެން އުޅޭގޮތް ސާފް ކޮށްދީބަލަ. އެބޭފުޅާ ދައިވްކުރާ ސައިޓަށް ދާން ޖެހެނީ ކީއްވެ؟ އިންދިއާ އެމްބަސީން މިކަމަށް ހަރަދު ކުރަނީ ކޮން ހައިސިއްޔަތަކުން؟ ތީމުގަ އެޅޭ ދިވެހި ކުދިން ތިބެނީ ދެން މާމޮޅު ކަމެއްކަމަށް ދައްކައިގެން ވާނުވާގަ ބޯތުތެރޭ ފޮތޯ ނަގަން.

The name is already taken The name is available. Register?

މުގުރާން

17 September 2022

ތިހުރިހާ ވާހަކައެއް ލިޔުނުއިރު ރާއްޖޭގެ ކަނޑުތަކުގެ ކޮންކަހަލަ ދިރާސާއެއްކަން ހަދަނީ ލިޔެލިނަމަ ކުރާދިރާސާއިން ރާއްޖެއަށް ވާނެ ފައިދާތަށް ހިމަނާލިނަމަ

The name is already taken The name is available. Register?

މުހައްމަދު ދާވޫދު

17 September 2022

ބޭރުގެ ޖާސޫސުން އަޑީގަތިބެގެން ކުރުވާކަމަކާ ވައްތަރީ. ބޭރުބަޔަކަށް މިވަރުގެ އެކުސަސްއެއް ދޭންހެޔޮނުވާނެ. ތަންދޮރު ނޭގުމަކީ ދެރަކަމެއް އަދި ގައްދާރުވުމަކީ މާނުބައި ކަމެއް.

The name is already taken The name is available. Register?

ދައްޖާލު

18 September 2022

ކަލޯ ފޯނުގަ އެކްސެސްދީފަހުރީ ބޭރުގެ ކިތަށްތަނަށްތޯބަލާބަލަ ފުރަތަމަ، ތަނެއްގައެއްޗެއްލިޔެފައޮތީޔާ އަގަފޮކައިގަންނަންވާނެ،

The name is already taken The name is available. Register?

ޙިނި

17 September 2022

މިހަލަ ބޯޓަކާ ސަބްމެރިނެއް އެމްޓީސީސީ އައް ހޮދަންވީ، އޭރުން ކަންޑު އަޑީގެ ދިރުންތައްވެސް ބަލާލެވޭނެ

The name is already taken The name is available. Register?

ސީޒަން ޖެކުހަން

17 September 2022

އިންޑިއާއިން ކަނޑުއަޑީގެ ޖޯގުރަފީކުރަހަން އަންނައިރު އަދި މާ ތާރީޚީވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454