ކުޅިވަރު / ބުންޑެސްލިގާ

އައުސްބާގް އަތުން ބަލިވެ ބަޔާން ހަތަރު ވަނައަށް ވެއްޓިއްޖެ

ބެޔާން އާއި އައުސްބާގް ކުޅުނު މެޗުގައި، ބެޔާންގެ ސާނޭ (ކ) އާއި ތޯމަސް މުލާ (މ)، ބެޔާން މިއުނިކް ލީގުގައި މޮޅެއް ނުހޯދޭތާ ހަތަރު ހަފްތާ ވެއްޖެ.-- ފޮޓޯ: އޭއެފްޕީ

އައުސްބާގް (ސެޕްޓެމްބަރު 18) - ޖަރުމަން ބުންޑެސްލިގާގެ ފާއިތުވި 10 އަހަރުގެ ޗެމްޕިއަން ބަޔާން މިއުނިކުން ރަށުން ބޭރުގައި އައުސްބާގް އަތުން 1-0 އިން ބަލިވެ، ލީގުގެ ހަތަރުވަނަ އަށް ވެއްޓިއްޖެ އެވެ.

އައުސްބާގުން މެޗުގައި ޖެހި ހަމައެކަނި ލަނޑު 59 ވަނަ މިނިޓުގައި ޖެހީ މާގިމް ބެރީޝާ އެވެ. މި ނަތީޖާއާ އެކު ބެޔާން މިއުނިކް ވަނީ ލީގުގައި މޮޅެއް ނުހޯދި ޖެހިޖެހިގެން ހަތަރު މެޗު ނިންމާލައިފަ އެވެ. ފުރަތަމަ ތިން މެޗުން މޮޅުވި ނަމަވެސް، ރޭގެ މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ބެޔާން ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.

މިދިޔަ ހަފްތާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާ ބަލިކޮށް، މި މެޗާ ކުރިމަތިލި ބެޔާންގެ ފޯވާޑް ސަޑިއޯ މާނޭ އާއި ލީރޮއީ ސާނޭ އަށް މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އައުސްބާގުގެ ގޯލްކީޕަރު ރަފާލް ގިކިއޭވިޗް ވަނީ ބަޔާނުން ގޯލެއް ޖެހިޔަ ނުދީ ހުއްޓުވަން މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ.

މައުކޮކޯ، ޑޯޓްމަންޑް މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ބަޔާންގެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ވަނީ 1-0 އިން ޝާލްކޭ ބަލިކޮށް، ވަގުތީގޮތުން ލީގު ޓޭބަލްގެ އެއްވަނައަށް ޖެހިލައިފަ އެވެ. ޑޯޓްމަންޑުގެ ހަމައެކަނި ލަނޑު 79 ވަނަ މިނިޓުގައި ޖަހައިދިނީ، އުމުރުން 17 އަހަރުގެ ސްޓްރައިކަރު ޔޫސުފާ މައުކޮކޯ އެވެ.

ޑޯޓްމަންޑުން މެޗު ކާމިޔާބު ކުރި ނަމަވެސް، އެޓީމުގެ ކެޕްޓަން މާކޯ ރޮއިސްގެ ކުޑަހުޅަށް އަނިޔާ ވެގެން ފުރަތަމަ ހާފުގައި ވަނީ އަށިގަނޑުގައި ބަދަލުކުރަން ޖެހިފަ އެވެ. މި މަހުގެ އިންޓަނޭޝަނަލް ބްރޭކުގައި ނޭޝަންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗަށް ޖަރުމަންގެ ގައުމީ ޓީމުން ޖާގަ ހޯދާފައިވާ ރޮއިސް އަށް އަނިޔާ ވީ މެޗުގެ 32 ވަނަ މިނިޓުގައި އައުސްބާގުގެ ޒުވާން ކުޅުންތެރިޔާ ފްލޯރިއަން ފްލިކް ކުރި ފައުލަކުންނެވެ.

"އޭނާގެ ލިގަމެންޓަށް ވަނީ އަނިޔާ ވެފައި. އެކަމަކު އުންމީދު ކުރަނީ އޭނާ ރަނގަޅުވާން މާ ގިނަ ދުވަސް ނުނަގާނެ ކަމަށް،" މެޗަށް ފަހު ރޮއިސްގެ އަނިޔާއާ ގުޅިގެން ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް ބުންޏެވެ.

ރޮއިސް އަށް އަނިޔާ ވެގެން އަށިގަނޑުގައި ދަނޑުން ބާލަނީ.-- ފޮޓޯ: އޭއެފްޕީ

އަނިޔާގެ ސަބަބުން އުމުރުން 33 އަހަރުގެ ރޮއިސް އަށް ވަނީ ޖަރުމަން ޓީމާ އެކު ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ގެއްލިފަ އެވެ. ވޯމްއަޕް މެޗެއްގައި އަނިޔާވެގެން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް އޭނާއަށް ގެއްލުނެވެ. އަދި 2016 ގެ ޔޫރޯ މުބާރާތް ގެއްލުނީ ވެސް އަނިޔާގެ ސަބަބުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ނަމަވެސް، މިދިޔަ އަހަރުގެ ޔޫރޯ މުބާރާތުގައި އޭނާ ކުޅެފައެއް ނުވެ އެވެ.

ބުންޑެސްލިގާ ގައި ބޮރޫޝިއާ މޮންޗެންގްލަޖްބާކުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން އާރުބީ ލައިޕްޒިގު ބަލިކޮށްފަ އެވެ. އަދި އެއިންޓްރަކް ފްރޭންކްފާޓުން ރަށުން ބޭރުގައި 3-1 އިން ސްޓަޓްގާޑް ބަލިކުރި އިރު، ބެޔާ ލެވެކޫސަން އާއި ވާޑާ ބްރޭމަން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ޑޯޓްމަންޑް އެއްވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ބެޔާން މިއުނިކް ހަތަރު ވަނައިގައި އޮތީ ހަތް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި އޮތް ހޮފެއިންހަމް އާއި ހަވަނައިގައި އޮތް މޮންޗެންގްލަޑްބަކަށް ވެސް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.

ދެވަނައިގައި މިވަގުތު އޮތް ޔޫނިއަން ބާލިން އަށް 14 ޕޮއިންޓް ލިބިފައި ވާއިރު، ތިންވަނައިގައި އޮތް ފްރެއިބާގަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.

ޔޫނިއަން ބާލިން އިން މިރޭ އަމިއްލަ ދަނޑުގައި ވުލްފްސްބާގާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ތިންވަނައިގައި އޮތް ފްރެއިބާގުން ރަށުން ބޭރުގައި މިރޭ ނުކުންނާނީ، ބެޔާން މިއުނިކާ އެއްވަރަކަށް ޕޮއިންޓް ހޯދައިގެން އެޓީމު ފަހަތުގައި ވިއްދާފައި އޮތް ހޮފެންހެއިމްއާ ދެކޮޅަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454