ރައީސް ނައިވާދޫގައި: އެމަނިކުފާނު މިއަދު ވަނީ މި ރަށުގެ ސާފު ބޯފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވާފައި. -- ފޮޓޯ: ރައީސް އޮފީސް
26 ސެޕްޓެމްބަރ 2022 - 12:52
އެއްވެސް ރަށެއް ތަފާތުނުކޮށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު ވައުދު ކަމަށާއި ހދ. ނައިވާދޫގެ ސާފު ބޯފެނުގެ ނިޒާމް ނިމި، ބޮޑު ވައުދުގެ ތެރޭގައި މި ރަށް ވެސް ހިމެނިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ނައިވާދޫގެ ސާފު ބޯފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވައި ރައީސް ވިދާޅުވީ މި ރަށަކީ ވެސް ސަރުކާރުތައް ނިމިގެން ދިޔައިރު ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ސާފު ބޯފެން ނުލިބި އޮތް ރަށެއް ކަމަށެވެ. މާލެ އާއި 290 ކިލޯ މީޓަރު ދުރުގައި އޮތް މި ކުޑަ ރަށް ބާކީ ނުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށް ހެދި ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވީ އެންމެ ބޮޑު ވައުދަކީ ތަފާތު ނުކުރުން. އެއްވެސް ރައްޔިތަކު ތަފާތުނުކޮށް ހަމަހަމަކާ އެކީގައި ހިދުމަތްތައް ފޯރުކޮށްދިނުން. އެ މީހަކު އުޅޭ ރަށެއް އަތޮޅެއް ސިޓީއެއް ތަފާތުނުކޮށް ހިދުމަތްތައް ހަމަހަމަކޮށް ދިނުން," ރައީސް ވިދާޅުވި އެވެ.
ރައީސް ނައިވާދޫގައި ރައްޔިތުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
މިކަމަކީ މެނިފެސްޓޯގައި ލިޔެގެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަން ފަހިކޮށްދިނުމަކީ އޭރެއްގައި އޮންނަ ސަރުކާރެއްގެ މައްޗަށް ގާނޫނުއަސާސީން ލާޒިމް ކަމެއް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯގައި ރަށްރަށުގެ ސާފު ބޯފެން ފޯރުކޮށްދިނުމުގެ ވައުދެއް ނޯންނާނެ ކަން ފާހަގަކުރެއްވި އެވެ.
"އެއީ އެއަށްވުރެން މާ އަސާސީ ކަމަކަށް ވާތީ. ގާނޫނުއަސާސީގައި ބުނަނީ ރައްޔިތުންގެ މެދުގައި ތަފާތުނުކުރަން. ތަފާތު ނުކުރުމަކީ ހަމައެކަނި ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި އެތާ އިންނަވާ ފަނޑިޔާރު ކުރައްވަންޖެހޭ ކަމެއް ނޫން. އަދި ފުލުސް އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި އެތާ ތަހުގީގު ކުރައްވަން އިންނަވާ ބޭފުޅެއް ނޫން," ރައީސް ވިދާޅުވި އެވެ.
- ސެޕްޓެމްބަރު 2019 ގައި މަޝްރޫއު ހަވާލުކުރީ ސާސީ ކޮންސްޓްރަކްޝަނާ.
- މިދިޔަ ޖޫން މަހު ނިމުނު މަޝްރޫއުއަށް 15.3 މިލިއަން ރުފިޔާ ހޭދަވި.
- 4.5 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް ވަނީ އަޅާފައި.
- ދުވާލަކު 40 ޓަނުގެ ފެން އުފައްދާ ދެ އާރުއޯ ޕްލާންޓް ވަނީ ބަހައްޓާފައި.
- ފެން ރައްކާކުރުމަށް 185 ޓަނުގެ ދެ ތާންގީ އަދި ވާރޭ ފެން ރައްކާކުރުމަށް 150 ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފައި.
- 174 ގޭބީސީއަށް ވަނީ ފެން ގުޅާފައި
ރައީސް ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ނައިވާދުއަށް ވަޑައިގެން ވާހަކަ ދެއްކެވިއިރު އަސާސީ ހިދުމަތްތަކުގެ ލިސްޓުގައި ދަތުރުފަތުރުގެ ފަސޭހަކަން ގެނެސްދެއްވުން ހިމެނުއްވި ކަމަށެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރައްވަމުން މިއަދު ވިދާޅުވީ އާރުޓީއެލްގެ ފެރީއަކީ ދަތުރުފަތުރުގެ ނިޒާމަށް "ބޮޑު ބަދަލެއް" ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ހަލުވި ސްޕީޑުގެ ދަތުރުތަކާ އެކު ރައްޔިތުންނަށް ފަސޭހަކަން މިހާރު ލިބޭނެ ކަމަށެވެ.
އާބާދީގައި 800 މީހުން ހިމެނޭ ނައިވާދުއަށް މި ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވިދާޅުވީ ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް ދަތި އުނދަގޫ ތަހައްމަލްކުރަމުން ދިޔަ ނައިވާދޫން ވެސް ހުށަހެޅި އެއްކަމަކީ ސާފު ބޯފެން ފޯރުކޮށްދިން ކަމަށެވެ.
ރައީސް ނައިވާދޫގައި: މި ރަށަށް ނުކޮށްދެވި ހުރި ހިދުމަތްތައް ވެސް މި ސަރުކާރުން ފަށާނެ ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނައިވާދޫގައި ފެނަށް ޖެހި އެއްވެސް ވަރަކަށް ފެން ނުލިބި އުޅެން ޖެހުމުގެ އުނދަގޫ ރައްޔިތުންނަށް ޖެހިފައިވެ އެވެ. އެކަމަކު މި ރަށަށް ވަރަށް ބޮޑު ލުޔެއް ފެނުގެ ނިޒާމާ އެކު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
މި ރަށުގެ ވެސް ފެނުގެ މަޝްރޫއު ފަށައިގަނެ ކުރިއަށް ގެންދަން ޖެހުނީ މުޅި ދުނިޔެ ބަންދުވި ކޮވިޑުގެ ދުވަސްވަރު ކަމަށާއި މަސައްކަތަށް ބޭނުންވާ ސާމާނު ގެނައުމަށް އިންތިހާއަށް ދަތިތަކެއް ކުރިމަތިވި ކަމަށް ވިދާޅުވި އެވެ.
އެހެންވިޔަސް ލަސްކުރުމެއް ނެތި މަސައްކަތްތައް ބަރާބަރަށް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ނައިވާދުއަށް އަދިވެސް ގިނަ ކަންކަން ކޮށްދޭން ޖެހެ އެވެ. މިހާތަނަށް ނުފެށި އޮތް ކަމަކީ ބަނދަރުގެ މަސައްކަތް ކަމަށާއި ލަސްތަކެއް ނުވެ އެކަން ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހދ. އަތޮޅުގައި 199 މަޝްރޫއު ކުރިއަށް އެބަދާ ކަމަށެވެ. މި މަޝްރޫއުތަކަށް 970 މިލިއަން ހޭދަވެ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަރައްގީގީއަކީ ހުއްޓުމެއް ނެތް ކަމެކެވެ. މި ރަށަށް އަދިވެސް ބޭނުންވާ ހިދުމަތްތައް އެބަހުރި ކަމަށާއި އެކަންކަން މި ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުނޑޭނެއޭ
26 September 2022
ރާއްޖެތެރޭ ނިކަމެތިންނަށް މީގައި ވާނުވާ ނޭގެއޭ ފިނޭ އަކީ އެއީ ރަޖިސްޓަރޑް އާބާދީގައި 200 މީހުން ހަމަނުވާ ރަށެއް އަދި ރަށުގައި ދިރިއުޅެނީ އެއީ އެންމެ 50 މީހުން ދެން މިފަދަ ރަށްރަށަށް ކަރަންޓާއި ފެނާއި ނަރުދަމާލައިގެން އެ ނިޒާމް ހިންގަންދާ ޚަރަދު ރަށުގެ ރައްޔިތުން އަތުން ނަގާ ފީއަކުން ނުލިބޭނެއޭ އަނެއްކޮޅުން އެކަމަށް ކުރާ ކެޕިޓަލް އިންވެސްޓްމެންޓް ޑިޕްރީޝިއޭޓް ކުރާނަމަ ދުވަހަކު ވެސް އިންވެސްޓްމެންޓް ކަވަރުނުވާނެއޭ ރާއްޖެ ފުނޑޭނެއޭ މިގޮތަށްވާނަމަ
ބުސްރީ
26 September 2022
"ރައީސް ވިދާޅުވީ ހދ. އަތޮޅުގައި 199 މަޝްރޫއު ކުރިއަށް އެބަދާ ކަމަށެވެ. މި މަޝްރޫއުތަކަށް 970 މިލިއަން ހޭދަވެ އެވެ." މީހުން ދިރިއުޅެނީ 15 ރަށް ކަމަށް ބެލުޔަސް ޢެވްރެޖުކޮށް ރަށަކަށް 12 މަޝްޜޫޢު ހިންގަވަނީ ކޮންގޮތަކުންތޯ. އެއްރަށަކަށް 12 ދާއިރާއެއް އޮތީ ކޮންރަށެއްގަތޯ. އަޖައިބުވެ އަންތަރީސް ވެއްޖައިން. މިކޮމެންޓް ޖަހާދީބަލަ. މީހުން ހޭލުންތެރިވާނީ މިކަހަލަ ވާހަކަވެސް ޖަހާދިނީމާ. ދޮގާތެދު ފެންމަތި ކުރަން އެބަޖެހޭ.
ހިޔާލީ އަލީ
26 September 2022
ސިޔާސީ ގޮތުން ވަރަށް ހޭލުންތެރިކަން ނެތް ހިސާބެއް، މިމީހުންގެ ބޮލަށް ޕީޕީއެމް މީހުންނަށް އެރިދާނެ ބޭނުން ވާހަކައެއް ދައްކައިގެން. ދޮންކެޔޮ ގަނޑުގަ ޕިންކު ކުލަ ޖެއްސުން ކަހަލަ ކަނޑުކޮސް ކަންތައް ކުރާ ބަޔަކު އުޅޭ ހިސާބެއްމީ
÷ޮޕީ
26 September 2022
ބަލަ ކަލޯމެނާ ޖެހުނުއިރު ތިބީ ކުދިރައްތައް އަދިވެސް ނުނިމޭ
ދޮންބެއަލީ
26 September 2022
ބަދަރެއް މަގެއް ނުކެވެއެވެ. އެހެންނަމަވެސް ރައްޔިތުމީހާ ދިރިއުޅެވެނީ ކައިގެންނެވެ. ތަކެތީގެ އަގު ވަނީ އެވަރެޖް 20ޕ މަތިވެފައެވެ. ވަޒީފާއެއް އިތުރެއްނުވެއެވެ. ޤައުމުގެ ދަރަނި ދަނީ ދަރިންގެ ދަރިންނަށް ދަންދެއް ދަރާގޮތަށް ބޮޑުވަމުންނެވެ. ބޮޑުމަޝްރޫޢު ފަށާއިރު ލޯނުދެނީ ބޭރުންނެވެ. މަސައްކަތް ކުރުވަނީ އެތަނުގެ ލޭބަރުން އެތެރެކޮށްގެންނެވެ. ދިވެހިން ދަރާގޮތަށް ވަޒީފާ އާއި ފައިދާ ބޭރު ކުދިންނަށެވެ. ފޫނެއްފަޔަށް ފެންފުރަނީ ނޫންބާވެއެވެ.
އަބްޑޫޅް
26 September 2022
ރައީސު މީހާގެ ފަހަތުގަ އެހުރީ ނައިވައިދޫ ކަތީބު ދޯ؟ އޭ އެއްކަލަ ނައިވައިދޫ އަހަންމަދުބޭ މިހާރު ކޮބައިތަ؟ ވަރަށް ހުލުގު ހެއު މީހެއް. ދުނިޔޭގަ ހުރިއްޔާ ސަލާން ބުނާތި އިނގޭ.
އުމަރު ޝުޖާއު
26 September 2022
ކާކު ތިތަން ހަދަން ދިޔަ ދަރަނި ދައްކާނީ؟
ބޮޑުމީހާ
26 September 2022
ހުރިހާ ރަށެއް ތަރައްގީއެއް ނުވާނެ. ތަފާތުނުކުރުމުގެ ވާހަކަ މަނިކްފާނު ރަގަޅުވާނީ ނުދެއްކިއްޔާ
ވަހީދު
26 September 2022
ވައުދަކީ ވައުދެއް ނޫން. ވައުދަކީ ލިޔެގެން ނެރޭ މެނިފެސްޓޯ
ޕިކްސް
26 September 2022
ފޮޓޯ ތަކުން އެބަފެނޭ ބަނދަރެއް. ދެން ކޮން ބަނދަރެއްގެ މަސައްކަތް ފަށާވާހަކަތަ އެބުނީ.
ހުވޭ
27 September 2022
ޜަނގަޅުވާހަކައެއް. ދައުރުނިމެންދެން ކުރާކަމަކީ ހަދާފަހުރި ބަނދަރުތައް މަރާމާތުކުރުން. ކިޔާއުޅެނީ މިތައް "ބަނދަރުތަރައްގީކުރުމުގެ މަސައްކަތް" އެމްޓީސީސީން ކުރަނީ. ހަގީގަތަކީ އަލަށް ބަނދަރެއް ހަދަނީއެއްނޫން. މަރާމާތުމަސައްކަތް އަބަދުވެސް އޮންނާނެ. ނަންބޯޑު ބަދަލުކުރުމަކީވެސް ބޮޑެތިޕްރޮޖެކްޓަށް ހަދައިގެން އަނދުން އަޅުވަނީ.