ޚަބަރު / ހދ. ފިނޭ

ފިނޭ ވަށާލާފައި އޮތީ 40 އަހަރުން ނުލިބުނު އުފާވެރިކަން!

ފިނޭއަށް ރައީސް ވަޑައިގަންނަވާނީ މަރުހަބާ ދަންނަވަން ދެ އަންހެނަކު ބަނދަރުމައްޗަށް ނުކުންނަނީ: މި ރަށުގައި ގިނަ މަޝްރޫއުތަކެއް ވަނީ ނިމިފައި.

29 ސެޕްޓެމްބަރ 2022 - 12:30

8 comments

ކުޑަ ރަށަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހޭ ހެއްޔެވެ؟

ބޭކާރު ކަމެކެވެ! މިއީ ވޭތުވެދިޔަ 40 އަހަރު ސަރުކާރުތަކުން ފިނޭއަށް ދިން ސާފު ޖަވާބެވެ. މި ރަށް އޮތީ ތަރައްގީގެ ސަފުން އެކަހަރިކޮށް ބާކީކޮށްފަ އެވެ. ވެރިންގެ ބިޒީ ޝެޑިއުލުން ވަގުތެއް ހޯއްދަވައި މި ރަށަށް ވަޑައިގަންނަވަން އިސްކަމެއް ނުދެއްވަ އެވެ. އަހަރުން އަހަރަށް ދައުލަތުގެ ބިޔަ ބަޖެޓު ބައި އަޅާއިރު މި ރަށުގެ ރައްޔިތުން ނުހިމަނަ އެވެ. މި ރަށުގެ ބަދުނަސީބަކަށް ވެފައި އޮތީ، ސިޔާސީ ބާރުވެރިކަން ހޯދަން ނަގާ ވޯޓުތަކުގައި މާ ބޮޑު ހިއްސާއެއް ވެދެވެން ނެތުމެވެ.

ފިނޭގެ ރައްޔިތުންނާ ރައީސް ސަލާމްކުރައްވަނީ: މަރުހަބާ ދަންނަވަން ގިނަ ބަޔަކު ނުކުތީ މި ރަށަށް ކޮށްދޭ ކަންތައްތައް ބަލައިގަންނާތީ ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: ރައީސް އޮފީސް

"އެއީ މިހާތަނަށް ހިނގި ބޭއިންސާފަކީ. އަޅުގަނޑު ގަބޫލެއް ނުކުރަން ރަށް ކުޑަވެފައި އާބާދީ ކުޑަވުމަކީ ސަރުކާރުން ފޯރުކޮށްދޭ އަސާސީ ހިދުމަތެއް ނުވަތަ ލިބެން ޖެހޭ ހައްގެއް ނިގުޅައިގަންނަން ޖެހޭނެ ކަމެއް ކަމަކަށް. އަދި ބޮޑެތި ރަށްރަށަށް ކަންކަން ހަމަޖެހެންދެން މި ރަށުގެ އަސާސީ ހިދުމަތް ފަސްކުރަމުން ކުރަމުން ވެސް ދާން ޖެހޭނެ ސަބަބެއް ކަމަށް," ކައުންސިލްގެ ރައީސް އަދުނާން އަބްދުﷲ "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވަނީ ހައްގުތަކުގައި އެންމެން ހަމަހަމަކުރަން ސަރުކާރުތަކަށް ޖެހޭނެ އެވެ. އެކަމަކު މިހާތަނަށް އެކަން އެގޮތަށް ހިނގަމުން ނުދިއުމަކީ އެ ރަށުގައި ވެސް ފެންނަން އޮތް ހަގީގަތެއް ކަމަށް ވިދާޅުވި އެވެ.

އެ ހިތްދަތިކަން ބަދަލުވާ މަންޒަރު ފެށީ މި ސަރުކާރުގައި ފިނޭގައި ފެށި މަޝްރުއޫތަކުން ކަމަށް ވިދާޅުވި އެވެ. ކުޑަ ރަށަކަށް ވާތީ ފިނޭ އޮތީ މި ސަރުކާރުގައި ވެސް ބާކީވެފައި ކަަމަށް އެ ރަށުގެ ރައްޔިތުން މިހާރު ގަބޫލެއް ނުކުރެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސާފު ބޯފެން ނުލިބި، ރައްޔިތުން އެތައް އުނދަގުލެއްގައި ދިރިއުޅުން ވޭތުކުރަން ޖެހުނެވެ. އެކަމަކު މި ރަށުގައި މިހާރު އެ އުނދަގޫ ދިރިއުޅުމުން އަރައިގަނެވުމުގެ އުފާވެރިކަން ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ބައްލަވާ މިތިބި ރައްޔިތުން. މިއިން ދުވަހަކު ވެސް މިހާ ގިނަ ބަޔަކު ވެރިއަކު އަންނާތީ މިގޮތަށް ބަނދަރުމަތީގައި އިންތިޒާރުގައި ނުތިބޭ," އަދުނާން ވިދާޅުވި އެވެ.

ފިނޭގެ ބައެއް މަޝްރޫއުތައް

- ސާފު ބޯފެން ކޮންމެ ގެއަކަށް ލިބުން.

- ނަރުދަމާ އެޅުން.

- އާ އިންޖީނުގެއަކާއި އޮފީސް އިމާރާތް.

- ރަށުގެ ކަރަންޓް ނެޓްވޯކް ބަދަލުކުރުން.

- އާރުޓީއެލްގެ ހައި ސްޕީޑް ފެރީ.

ފިނޭގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އަދުނާން ވިދާޅުވި ގޮތުގައި ސްކޫލުގެ ކިޔެވުން މެންދުރު ދަންފަޅިއަށް ބަދަލުކޮށް، ކުދިބޮޑު އެންމެން ނުކުމެ ތިބީ ހިދުމަތް ފޯރުކޮށްދިނުމުގައި ހަމަހަމަކަން މި ރަށަށް ލިބޭ ކަމަށް ގަބޫލުކުރާތީ އެވެ. ބަނދަރުމަތިން އެކަނި ވެސް އެ މީހުން ނުކުމެ ތިބި ސަބަބުގެ ކިތަންމެ މަންޒަރެއް ދެއްކިދާނެ ކަަމަށް ވިދާޅުވި އެވެ.

އެއް ފަސޭހައަކަށް ކައުންސިލްގެ ރައީސް ދެއްކެވީ އާރުޓީއެލްގެ ފެރީގެ ނިޒާމަކަށް ބަނދަރު މަތީގައި ހަދާފައި ހުރި ހަޓެވެ. ފެރީ އަންނަންދެން އެ ތަނުގައި މަޑުކޮށްލައިގެން ތިބެވެނޭ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. ދެން ދެއްކެވީ ހިނގަމުންދާ ނަރުދަމާގެ މަޝްރޫއު އާއި ފުރިހަމަވަމުން އަންނަ އެހެން ހިދުމަތްތަކެވެ.

ފިނޭގެ ބަނދަރުގައި ހަދާފައިވާ އާރުޓީއެލްގެ ފެރީ ޓާމިނަލް: ދަތުރުފަތުރުގައި ވެސް މި ރަށަށް ވަނީ ލުއި ފަސޭހަކަން ލިބިފައި.

އަދުނާން ވިދާޅުވީ ރައްޔިތުން ނުކުމެ ތިބީ އެ ހިދުމަތްތައް ބަލައިގަންނާތީ ކަމަށެވެ.

"އިގްތިސާދީ ދޮރޯށި މި ރަށަށް މި ހުޅުވާލެވުނީ. ފެނާއި ނަރުދަމާ އާއި ކަރަންޓާ އެކު އަސާސީ ހުރިހާ ހިދުމަތެއް ފުރިހަމަވެގެން އައީމަ އިގްތިސާދީ ގޮތުން ކުރިއެރުން އަންނާނެ," އޭނާ ވިދާޅުވި އެވެ.

ގިނަ ޒުވާނުން ރިސޯޓްތަކުގެ ވަޒީފާގައި އުޅޭ މި ރަށުގައި ދެން އޮތީ ޓޫރިޒަމަށް ހުޅުވާލުމެވެ. ދެ ގެސްޓް ހައުސްއެއް ތަރައްގީކުރަމުން އެބަދެ އެވެ. މިއީ އިގްތިސާދީ ގޮތުން އަނެއްކާވެސް ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅުވާނެ ކަމެއް ކަމަށް ކައުންސިލުން ދެކެ އެވެ.

މި ރަށަށް 11 މަޝްރޫއު ބަޖެޓްކޮށްފައިވާ އިރު ބައެއް ހިދުމަތްތައް ނިމިއްޖެ އެވެ. އަނެއް މަސައްކަތްތައް ދަނީ ހިނގަމުންނެވެ. މީގެ އިތުރަށް ރައީސް މިފަހަރު މި ރަށަށް ވަޑައިގަތުމުން ހުށަހެޅުއްވީ ބަނދަރު ބޮޑުކުރުމާއި ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ އިތުރުން ކުޑަކުދިން ކުޅޭނެ ޕާކެއް ތަރައްގީ ކުރުމަށެވެ.

ފިނޭއަށް އެކަންކަން ފުރިހަމަވާނެ ކަމަށް ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ޔަގީންކަން ދެއްވައިފަ އެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑު ކަމަކީ ރައްޔިތުންގެ ހިތްހަމަޖެހުން. މި މަޝްރޫއުތަކާ އެކު ރައްޔިތުންނަށް ވަރަށް ބޮޑު އުފަލެއް މި ލިބެނީ," ކައުންސިލް ރައީސް ވިދާޅުވި އެވެ.

ރައީސް ފިނޭގައި: މި ރަށުގައި ޓޫރިޒަމަށް ދޮރު ހުޅުވިފައިވާ ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: ރައީސް އޮފީސް

ދިރިއުޅުމުގެ ފަސޭހަތަކާ އެކު މި ރަށުގެ އާއްމު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ދެއްކެވި ވާހަކަތަކާ އެކު ފަޚުރުވެރިވެވަޑައިގެން އަދުނާން ވިދާޅުވީ މަޝްރޫއުތަކާއި އާބާދީ އަށް ބަލާ ނަމަ ތަރައްގީގެ ގޮތުން މި ރަށާ ވާދަކޮށްލެވޭނެ ރަށެއް މި ސަރަހައްދުގައި ނޯންނާނެ ކަމަށެވެ.

"މިއީ، ހެޔޮ ބަދަލެއްގެ ގޮތުގައި ފިނޭން ބަލައިގަންނަނީ," އޭނާ ވިދާޅުވި އެވެ.

8 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 0%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުހާ.

30 September 2022

ޔާމީނު ވެރިކަމުގަ ހުރިހާ ބޮޑެތިރައްތަކެއްގަ ފެން ކަރަންޓް ނަރުދަމާ ބަނދަރު ހަދާ ނިމިފައޮތީ. ދެން ބާކީ އޮތީ ކުދި ރަށްތައް. ކޮންމެ މީހަކު ވެރިކަމަށް އަޔަސް ނަރުދަމާ ފެން ކަރަންޓް ފޯރުކޮށްދިނީހީ ކުދި ރައްތަކަށް. މީހުން ބުރާންތިވީމަ ވާނުވާވެސް ނޭނގޭ. ދަރަނި ނުނަގާ ސައިކަލް ސުޓިކާ ނުޖަހާ ފަސް އަހަރުގެ ދައުރެއް ނިންމާލިއްޔޭ ބުންޏަސް ބަޔަކު ހޭވައްޓާލާފަ އަތްޖަހާނެ.

The name is already taken The name is available. Register?

ހޯހޯ ބިސްކޯދު

30 September 2022

ފިނެއަކީ ރާއްޖެދުށް ބޮޑުތަދުގައި ހއ.ހދ އަށް ކާނެ ތަކެތި ފޯރުކޮށްދިން މައި ހަބު!، އުތީމު ، ހޯރަފުށި، ތަކަންމާރަންދޫ ދުވަސްވީ މީހުންގާތު އަހާލާ!

The name is already taken The name is available. Register?

ެމާރަންދޫ އާދަނު

29 September 2022

މި ފަހުން ގަދަ ދުވަހެއްގަ ކުޅުދުފުއްޓަށް ދާން ވެގެން ގޮއްސަ ވަރުގަދަ ކޮޅިގަނޑެއްގަ ޖެހިގެން ދޯނި ކައްޕި ވަދެއްޖެ ކައިރިން ރަށަކަށް. އަސްތާ ކަމަކު ދާކަށް ނެތް މަށަށް މި ހުރެވުނީ ވަރަށް ތަރައްގީވެފަ އޮތް ރަށެއްގެ ބަދަރުމަތީގަ. މަ ބުނެފިން ކައްޕި ކައިރީގަ ބެހިގެން މި އާދެވުނީ ދުބާއީއަށް ހޭ؟ ކައްޕި ހިނި ގަނޑެއް ޖަހާލާފަ ބުނެފި ބަލަ އާދަނާ ކަލޭ ތިހުރީ ފިނޭ ގައޭ. އެ ހިސާބުން މި ރޭކާލީ ދުބާއީ ނޫނަސް މަގޭ ރާއްޖޭގަވެސް މިހާ ތަރަށްގީ ތަންތަން އެބަހުރިކަން

The name is already taken The name is available. Register?

ޙައްބޭ

29 September 2022

ވަރަށް ރީތި ރަށެއް. މީހުންކޮޅު އެހެން ރަށަކަށް ހިޖުރަކުރުވާފައި ރިސޯޓެއް ހަދަންވީ.

The name is already taken The name is available. Register?

ހިޔާލީ އަލީ

29 September 2022

ފިނޭ ރައްޔިތުން ތިވާހަަކަ ދައްކަން ލަދު ގަންނަން ޖެހޭނެ، ފިނޭ އަކީ މައުމޫނު ވެރިކަމުގަ %100 ދިން ރަށެއް، ޑީއާރުޕީގެ މެޖޯރިޓީ ދިން ރަށެއް، މިހާރު ޕީޕީއެމްގެ ސައްތައިން ސައްތަ ކޮންޓްރޯލް އޮތް ރަށެއް، މިސަރުކާރަށް ތާއިދުކުރާ 4 މީހުންވެސް ނުތިބޭނެ ފިނޭގަ. އެހެންވީމާ ފިނޭ މީހުންނަށް އެ ބުނެވެނީ އެހެން ސަރުކާރުތައް ރަނގަޅޭ ރަށައް ކަމެއް ނުކޮށްދިނަސް ހެވޭ ވޯޓާ ސަޕޯޓު މިއޮތީއޭ.... ވަރަށް ސާފު ދެއްތޮ

The name is already taken The name is available. Register?

ދޮންބެއަލީ

29 September 2022

ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ނެތުމަކީ ޚަބަރު ފުރިހަމަނުވިކަމެއް ގާތް ގަނޑަކަށް 300 މީހުން ދިރިއުޅޭ ތިޔަރަށުގައި މަޝްރޫޢުރުތައް ހިންގުމަކީ އުފާކުރާކަމެއް އެހެންނަމަވެސް ތިޔަބަދަރާއި ނަރުދަމާ އިން ދަރިންގެ މުސްތަޤުބަލައް ވަނީ ކޮންފައިދާއެއްބާ.ރަގަޅު ތަޢުލީމެއް ،ވަޒީފާއެއްނެތް ތަނެއް. ކުޅުދުއްފުށީ ނޫނީ ހަނިމާދޫއަށް ބަދަލުވެފައިފިނޭރިސޯޓަކަށް ހެދުމުން ދަރިންގެ މުސްތަޤުބަލު ލިބި ދައުލަތުން ތިކުރައްވާ ޚަރަދު ސަލާމަތްވެފައި ފަހުން ރަގަޅުވާނެއެވެ.

The name is already taken The name is available. Register?

ކާމިޔާބު ރައީސް

29 September 2022

ސާބަހޭ ރައީސް އިބޫ، އިތުރު ދައުރެއް ހަމަ ހައްގު...

The name is already taken The name is available. Register?

ަޒަމީރު

29 September 2022

ހަމަ ބޭކާރު ކަމެއް. ކުދި ރަށްތަކުން ގަދަކަމުންވެސް މީހުން ބާލުވަން ޖެހޭ. އާބާދީ ބޮޑެތި ރަށްތަކެއް އޮވެގެން ނޫނީ އިގްތިސާދީ މަސައްކަތެއް ނުކުރެވޭނެ. ވަޒީފާއެއް ނުލިބޭނެ. އެހެން ޚިދުމަތްތަކެއްވެސް ނުލިބޭނެ. ބޮލުގެ ތެތްކަމެއް ހުރިއްޔާ ބޮޑެތި އާބާދީތަކަށް ބަދަލުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454