ކުޅިވަރު / ޗެމްޕިއަންސް ލީގު

އެމްބާޕޭ ލަނޑު ޖެހިއަސް ޕީއެސްޖީ އަށް ބެންފީކާ ބައްޔެއް ނުކުރެވުނު

ޕީއެސްޖީ އާއި ބެންފީކާ ބައްދަލުކުރި މެޗުގެ ތެރެއިން އެމްބާޕޭ ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮކްޓޫބަރު 12) - ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ލަނޑު ޖެހި ނަމަވެސް، މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ރޭގެ މެޗުގެ ކުރިން މީޑިއާތަކުން ވަނީ އެމްބާޕޭ ކްލަބާ މެދު ހިތްހަމަނުޖެހިގެން ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްކޮށްފަ އެވެ. އެމްބާޕޭ ކުޅެން ބޭނުން ވަނީ ވާތް ފަރާތު އަރިމަތިން ނަމަވެސް، ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީ އިން އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވުމުން އޭނާއަށް މި ސީޒަނުގައި ގިނަ މެޗުގަކުގައި 'ނަމްބާ ނައިން' އެއްގެ ރޯލު އަދާކުރަން ޖެހުމުން ކަމަށް ބައެއް ރިޕޯޓް ތައް ބުނެ އެވެ.

އެމްބާޕޭ ޕީއެސްޖީ ގައި ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ރިޕޯޓް ކޯށްފައި ވީ ނަމަވެސް ޕީއެސްޖީ އިން މި ވާހަކަތައް ދޮގު ކުރެ އެވެ.

ޕެރިހުގައި ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މިދިޔަ ހަފްތާ ޕޯޗުގަލް ގައި ދެ ޓީމު ބައްދަލުކުރި މެޗު ވެސް ނިމުނީ ހަމަ މި ނަތީޖާއިންނެވެ. ނަމަވެސް ފުރަތަމަ ދެ މެޗު ޕީއެސްޖީ އާއި ބެންފީކާ ވެސް ކާމިޔާބު ކުރި އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޕީއެސްޖީ އިންނެވެ. ފުރަތަމަ ހާފް ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް އެމްބާޕޭ މި ލަނޑު ޖަހައިދިނީ ޕެނަލްޓީއަކުންނެވެ. މިއީ އެ ޓީމުގެ ޖުއާން ބާނަޓް އަށް ބެންފީކާ ކުޅުންތެރިއަކު ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެކެވެ.

ދެ ވަނަ ހާފުގައި ބެންފީކާ އިން އެއްވަރު ކުރީ ވެސް ޕެނަލްޓީއަކުންނެވެ. މާކޯ ވެރާޓީ، ބެންފީކާގެ ރަފާ ސިލްވާ އަށް ފައުލް ކުރުމުން ކުޅުން ކުރިއަށް ގެންދިޔަ ނަމަވެސް ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރު ބެލުމަށް ފަހު އެވެ. މި ޕެނަލްޓީ މެޗުގެ 62 ވަނަ މިނިޓުގައި ކާމިޔާބު ކޯށްދިނީ ޔާއޯ މާރިއޯ އެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ އާއި ބެންފީކާ އަށް ވެސް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ދެން ހިމެނޭ ޔުވެންޓަސް އާއި މެކާބީ ހައިފާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

މެކާބީ ހައިފާ އިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މި ގުރޫޕް ގައި ހިމެނޭ ޔުވެންޓަސް ވަނީ އިޒްރޭލުގެ މެކާބީ ހައިފާ އަތުން ރަށުން ބޭރުގައި 2-0 އިން ބަލިވެފަ އެވެ. އެޓީމުން ޖެހި ދެ ލަނޑު ވެސް ފުރަތަމަ ހާފުގައި ޖަހައިދިނީ އޮމާ އަޓްޒިލީ އެވެ.

މިއީ 2002 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި މެކާބީ ހައިފާ އަމިއްލަ ދަނޑުގައި 3-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި ފަހުން ޗެމްޕިއަންސް ލީގުގައި އެޓީމު މޮޅުވި ފުރަތަމަ މެޗެވެ.

ޔުވެންޓަސް މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވީ މިދިޔަ ހަފްތާ މަކާބީ ހައިފާއާ ދެކޮޅަށް އިޓަލީގައި ކުޅުނު މެޗުންނެވެ. ދެން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލި ވެފަ އެވެ. މިއީ ޔުވެންޓަސް އެޓީމުގެ ޗެމްޕިއަންސް ލީގު ތާރީހުގައި ވެސް ގުރޫޕް ސްޓޭޖުގެ ފުރަތަމަ ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އިން ދަށް ނަތީޖާތަކެއް ނެރެމުން އަންނައިރު، އިޓާލިއަން ލީގުގައި ވެސް އެޓީމަށް އަދި މޮޅު ވެވުނީ ތިން މެޗުންނެވެ. މިހާތަނަށް ކުޅުނު ނުވަ މެޗުން 13 ޕޮއިންޓް ހޯދައިގެން އޮތީ އަށް ވަނައިގަ އެވެ.

މެޗަށް ފަހު ކޯޗު މަސިމޯ އެލެގްރީ ބުނީ މިއީ އޭނާއަށް ޗެލެންޖެއް ކަމަށާއި މަގާމުން އިސްތިއުފާ ނުދޭނެ ކަމަށެވެ.

"އަހަރެން އިސްތިއުފާ ނުދޭނަން، މިހާރު މިއީ ޗެލެންޖެއް. އުނދަގޫ ވި ވަރަކަށް މީގެ (ކުޅިވަރުގެ) ރީތިކަން ގެނުވައިދޭ،" ޔުވެންޓަސް އަށް ފަސް ފަހަރު ސެރީ އޭ ކާމިޔާބުކޮށްދީ، ދެ ފަހަރު ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިން ކޯޗު ބުންޏެވެ.

ޔުވެންޓަސްގެ ރައީސް އަންޑްރެއާ އަގްނެލީ ވެސް ވަނީ އޭނާ މަގާމުން ވަކި ނުކުރާނެ ކަމަށް ބުނެފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454